12 ފެބުރުއަރީ 2025 - 00:39
ޕެނަލްޓީ ޝޫޓައުޓްގައި ބ. އޭދަފުށީގެ ގޯލު ބެލެހެއްޓި ޑިފެންޑަރު މުހައްމަދު އަޖުފާން މަތަކުރި ތިން ޕެނަލްޓީއާ އެކު 3-1 އިން ކ. ކާށިދޫ ބަލިކޮށް އޭދަފުށިން ޒޯން 3ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު މި މެޗު، އޭދަފުށިން ފެށީ ކީޕަރު އަދި ކެޕްޓަން އަބްދުﷲ ނާސިހް އާއެކު އެވެ. ނަމަވެސް ދެ މިނިޓުތެރޭ އޭނާއަށް އަނިޔާވެގެން ވަނީ ބަދަލު ކީޕަރު އަހުމަދު އިރުފާން އަރުވައިފަ އެވެ.
ދެވަނަ ހާފުގައި އިރުފާނަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ފުރިހަމަ ކުރީ އައުޓްފީލްޑް ކުޅުންތެރިއެއް ގޮތުގައި ސްކޮޑުގައި ހިމެނޭ އަޖުފާން ގޯލަށް އަރުވައިގެންނެވެ. މިރޭ އޭދަފުށީގެ ގޯލު ބެލެހެއްޓި ތިން ކުޅުންތެރިންނަކީ ވެސް އޭދަފުށީގެ ކާށިދޫ އާއިލާއަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ.
ޕެނަލްޓީގައި އަޖުފާން ވަނީ ކާށިދޫން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ އާއި ހަތަރުވަނަ ޕެނަލްޓީ މަތަކޮށްފަ އެވެ. ކާށިދޫން ކާމިޔާބުކުރީ އިލްވާން މުހައްމަދު ފޮނުވާލި އެޓީމުގެ ތިންވަނަ ޕެނަލްޓީ އެވެ. އޭދަފުށީގެ ޕެނަލްޓީތައް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އާއި އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) އެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި އޭދަފުށިން މިއަހަރުގެ މުބާރާތުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައި ވަނީ، މިދިޔަ އަހަރު އެޓީމުން ޕެނަލްޓީ ޝޫޓައުޓްތަކުގައި ތަރިއަކަށް ވީ ގޯލްކީޕަރު އިބްރާހިމް އަފްޒަލް އަށް އަނިޔާވެފަ އެވެ.
މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންޔެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
ފ. ދަރަބޫދޫއާ ދެކޮޅަށް ކުޅުނު ޒޯން 5ގެ ފައިނަލް މެޗު ކުޑަހުވަދޫ ކާމިޔާބުކޮށް ތަށީ ދިފާއުކުރީ ފަހުވަގުތު ޖެހި ގޯލުތަކާ އެކު ފަހަތުން އަރައި 5-3 އިން މޮޅުވެގެންނެވެ.
މެޗު ގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ދެވަނަ ހާފުގައި ވެސް ދަރަބޫދޫން ލީޑު ނަގާފައި ވަނިކޮށް ކުޑަހުވަދޫ މޮޅުވީ މެޗު ނިމެނިކޮށް ތިން ގޯލު ޖަހައިގެންނެވެ.
ކުޑަހުވަދޫގެ މުހައްމަދު އަރީޝް އާއި ހާރޫން އިބްރާހިމް ދެ ގޯލު ޖެހި އިރު، ޖުމެއިލް ޖަމީލް (ޖުމްބެ) ވެސް ވަނީ ލަނޑެއް ޖަހައިދީފަ އެވެ. ދަރަނބޫދޫގެ ލަންޑުތައް ޖަހައިދިނީ ރަޔާން ރިޔާހް އާއި ސާޖިދު އަހުމަދު އިބްރާހިމް އަދި މުޒްދާން ހަސަން އެވެ.
މި ޒޯންގެ މޮޅު ކުޅުންތެރިޔަކީ ކުޑަހުވަދޫގެ ޖުމެއިލް އެވެ. އެންމެ ގިނަ ލަނޑު ޖެހީ އެޓީމުގެ ހާރޫން އެވެ.
ޒޯން 6ގެ ފައިނަލްގައި 4-0 އިން އެންމެ ފަހުގެ ޒޯން ޗެމްޕިއަން ލ. ގަން ބަލިކޮށް ތިމަރަފުށިން ތަށި އުފުލާލައިފި އެވެ.
ތިމަރަފުއްޓަށް މެޗުގައި ލަނޑުތައް ޖަހައިދިނީ އިސްމާއިލް މުނީޒް އާއި އާދަމް ނާސިހް (އާދަންނާ)ގެ އިތުރުން އަހުމަދު އަފްލާޒް އާއި އިބްރާހިމް އަސްވަދު (ގަބޭ) އެވެ.
މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ތިމަރަފުށީގެ އާދަމް ނާސިހު ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ލ. އިސްދޫގެ ހުސެއިން އަފްޚާން އެވެ.
މާލޭގެ އަވަށްތައް ވާދަކުރާ ޒޯން 8ގެ ޗެމްޕިއަންކަން ވިލިމާލެ ހޯދީ ފައިނަލްގައި 4-1 އިން މައްޗަންގޮޅި ބަލިކޮށްފަ އެވެ.
ވިލިމާލޭ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި އަލީ ޝިޔާހު (ޝިޔާ) ވަނީ މި ފައިނަލްގައި ދެ ގޯލު ޖަހައިފަ އެވެ. މައްޗަންގޮޅީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަސަން ސުފިއާނު އެވެ.
މާލޭ ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ ވިލިމާލޭ ޓީމުގެ ބައްސާމް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަށް ޒޯނަކަށް ޓީމުތައް ބަހާލާފައި ވާއިރު، ކޮންމެ ޒޯނަކުން ފައިނަލަށް ދިޔަ ދެ ޓީމަށް ވެސް ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބިފަ އެވެ. ޒޯން ބުރުގައި ދެން އޮންނާނީ ޒޯން 1، ޒޯން 2، ޒޯން 4 އަދި ޒޯން 7ގެ ފައިނަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހެއިލް
12 February 2025
ބޭބީ ހާދަ މޮޅޭ!!!
އަޖޭ
12 February 2025
ދަ ގޯޓް