ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ކުއާޓާގައި އެންމެ ފަހުގެ ފައިނަލް ކުޅުނު އޭދަފުއްޓާއި ގަން

ކުއާޓާގައި އޭދަފުށި ނުކުންނާނީ ގަމާ ދެކޮޅަށް.-- ފޮޓޯ: އިމޭޖަސް އެމްވީ

16 ފެބުރުއަރީ 2025 - 11:12

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި، މިދިޔަ އަހަރުގެ ދެ ފައިނަލިސްޓުން ކަމަށްވާ ބ. އޭދަފުއްޓާއި ލ. ގަން ވާދަކުރަން ޖެހިއްޖެ އެވެ.

ގަދަ 16 ގައި ރޭ އޭދަފުށިން ވަނީ 3-2 އިން ޏ. ފުވައްމުލަކު ދަޑިމަގު ޓީމު ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި އަލީ ނަސީމް (ދިއްލި) ގެ ދެ ގޯލުން އޭދަފުށި ކުރީގައި އޮތް އިރު ދެ ވަނަ ހާފުގައި ތިން ވަނަ ގޯލު ކާމިޔާބުކުރީ އަލީ ނަސީމް ފޮނުވާލި ހަމަލާ ދަޑިމަގުގެ މުހައްމަދު ސާދު ނިޒާރު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ.

ދަޑިމަގަށް ފަހު ވަގުތު އުންމީދެއް ހޯދައިދިނީ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ކުރިއަށް އަރައި ޖެހި ގޯލުންނެވެ. އަދި ދެ މިނިޓަށް ވެފައި ވަނިކޮށް ފަރަގު ކުޑަކޮށްދިން ގޯލު ޖަހައިދިނީ އަޖުމަލް އަހުމަދެވެ. ނަމަވެސް އޭދަފުށިން ވަނީ މެޗު ނިމެންދެން ލީޑު ދަމަހައްޓައިފަ އެވެ.

ގަމުން އިނގުރައިދޫ ބަލިކުރީ ވާދަވެރި މެޗަކަށް ފަހު ކުރިއަށް ދިޔަ ވާދަވެރި ޕެނަލްޓީ ޝޫޓައުޓްގައި ކުރި ހޯދައިގެންނެވެ. އަހުމަދު ހަލީމް (އަންމަޑޭ) ގެ ގޯލުން ގަން ލީޑުކުރަނިކޮށް މެޗު ނިމެން ގާތް ވެފައި ވަނިކޮށް އިނގުރައިދުއަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އަލީ ފާތިހެވެ. މިއާ އެކު 1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި ގަން މޮޅުވީ، ޕެނަލްޓީގައި ގަމުގެ ގޯލު ބެލެހެއްޓި އަހުމަދު ހުޝާމްގެ މޮޅު ކުޅުމާއެކު 9-8 އިންނެވެ.

އޭދަފުށި މިދިޔަ އަހަރުގެ ފައިނަލްގައި ގަން ބަލިކުރީ 4-2 އިންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގަން ވަނީ 1-0 އިން އޭދަފުށި ބަލިކޮށްފަ އެވެ.

ކުއާޓާގައި ވިލިމާލެއާއި ކާށިދޫގެ ކުރިމަތިލުމެއް.-- ފޮޓޯ: އިމޭޖަސް އެމްވީ

ތިމަރަފުށި ބަލިވީ ކ. ކާށިދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވި މި މެޗުގައި ކާށިދޫގެ އަބްދުﷲ ސުޒެއިރު ގޯލެއް ޖެހި އިރު އަނެއް ގޯލަކީ ތިމަރަފުށީގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކާށިދޫގެ ކުޅުންތެރިއެއް އަތުން ވެސް ބައިކޮޅަށް ގޯލެއް ވަން މި މެޗުގައި ތިމަރަފުށީގެ އާދަމް ނާސިހް ވެސް ގޯލެއް ޖެހި އެވެ. ޕެނަލްޓީގައި ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލްގެ ހުނަރާއެކު އެ ޓީމު މޮޅުވީ 4-3 އިންނެވެ.

ކާށިދޫ ކުއާޓާގައި ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ. ވިލިމާލެ ވަނީ އަބްދުﷲ ޝައްފާން (ޝާކާ) ގެ ހެޓްރިކަކާ އެކު ރ. ދުވާފަރު ބަލިކޮށްފަ އެވެ. ވިލިމާލޭގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ދުވާފަރުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިސާމް އާއި މުހައްމަދު ޖުމާން އަހުމަދެވެ.

ކުއާޓާގައި ވާދޫ ނުކުންނާނީ މަތިވެރިއާ ދެކޮޅަށް. -- ފޮޓޯ: އިމޭޖަސް އެމްވީ

ކުޑަހުވަދޫ ކެޓީ އއ. މަތިވެރިއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 3-3 އިން އެއްވަރުވި މި މެޗުގައި ކުޑަހުވަދޫގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ މާނިއު އާއި މުހައްމަދު އަރީޝް އަދި ޖުމެއިލް ޖަމީލެވެ. މަތިވެެރީގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ފިރާޝް އާއި މުހައްމަދު ޝަފުރާޒް އަދި ގޯލްކީޕަރު މުހައްމަދު އިމްރާން އެވެ. އެއްވަރުވުމުން ޕެނަލްޓީގައި ކުރި ހޯދީ 5-4 އިންނެވެ.

މަތިވެރިއާ ދެކޮޅަށް ކުއާޓާގައި ނުކުންނާނީ ރޭ ހއ. ދިއްދޫ ބަލިކުރި ގދ. ވާދޫ އެވެ. ފުރަތަމަ ހާފުގައި އަބްދުﷲ އާހިލް އަލީ ޖަހައިދިން ގޯލުން ވާދޫ ކުރީގައި އޮއްވައި ދެވަނަ ހާފުގައި ހިލޭޖެހުމަކުން ދިއްދުއަށް އެއްވަރު ކޮށްދިނީ ހައިސަމް ރަޝީދެވެ. ނަތީޖާ 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓައުޓްގައި ވާދޫ މޮޅުވީ 4-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވާދޫގެ ކީޕަރު ޒައިދާން މުހައްމަދެވެ.

މަހުބަދޫ އާއި ނައިވާދޫ ކުއާޓާގައި ވާދަކުރާނެ.-- ފޮޓޯ: އިމޭޖަސް އެމްވީ

ކުއާޓާގައި ދެން ވާދަކުރާނީ އދ. މަހިބަދޫ އާއި ހދ. ނައިވާދޫ އެވެ. ނައިވާދޫ ވަނީ 7-0 އިން މައްޗަންގޮޅި ބަލިކޮށްފަ އެވެ. ނައިވާދޫގެ އަހުމަދު ހަމީދާއި މުހައްމަދު ޝާއިން ދެ ގޯލު ޖެހި އިރު އިސްމާއިލް ވަހީދާއި ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިސާމް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މަހިބަދޫ ފުރަތަމަ ފަހަރަށް ކުއާޓާއަށް ދަތުރުކުރީ 5-3 އިން ފ. ދަރަނބޫދޫ ބަލިކޮށްގެންނެވެ. ދަރަނބޫދޫގެ މުޒްދާން ހަސަން ދެ ގޯލު ޖެހި އިރު އަނެއްް ލަނޑު ޖަހައިދިނީ ސާޖިދު އަހުމަދު އިބްރާހިމް އެވެ. މަހިބަދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ގާސިމް ސައްމާމް (ސަންމޭ) އާއި އަހުމަދު ޒިފާން އިބްރާހިމް އަދި އިބްރާޙިމް އުސާމާ ހަސަން މަޖީދުގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝުއެއިދު ސައީދެވެ.

ކުއާޓާ ފައިނަލްގެ ހަތަރު މެޗު ވެސް އޮންނާނީ އަންގާރަ ދުވަހުގެރެ އެވެ. އެ ރޭ 8 ޖަހާއިރު ގަމާއި އޭދަފުށި އަދި މަހިބަދޫ އާއި ނައިވާދޫ ބައްދަލުކުރާއިރު، މަތިވެރި އާއި ވާދޫ އަދި ވިލިމާލެ އާއި ކާށިދޫ ބައްދަލުކުރާ މެޗު ފަށާނީ 9:40 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454