ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ގަމުގެ ކުޅުންތެރިން.-- ފޮޓޯ: އިމޭޖަސް އެމްވީ
19 ފެބުރުއަރީ 2025 - 09:14
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޝޫޓައުޓްގައި އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި ބަލިކޮށް ލ. ގަން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓައުޓްގައި ގަން މޮޅުވީ 4-3 އިންނެވެ. ފުރަތަމަ ހާފުގައި ނިޝާމް މުހައްމަދު ރަޝީދާއި މުއާޒް އަލީ ޖަހައިދިން ގޯލުތަކުން އޭދަފުށި ލީޑު ނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ގަމަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހަސަން ފައްވާޒް ގާތްގާތުގައި ޖަހައިދިން ދެ ގޯލުންނެވެ.
މި މެޗުގައި އޭދަފުށީގެ ގޯލު ބެލެހެއްޓި އަބްދުﷲ ނާސިހުގެ ބަދަލުގައި ޕެނަލްޓީގައި ގޯލަށް އެރުވީ އައުޓްފީލްޑް ކުޅުންތެރިޔާ މުހައްމަދު އަޖުފާން އެވެ. އޭދަފުށީގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު ފާސިރު ކާމިޔާބު ކޮށްފައި ވަނިކޮށް ގަމުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން އަހުމަދު ހަލީމް (އަންމަޑޭ) އެވެ. އޭނާގެ ޕެނަލްޓީ އަޖުފާން މަތަކުރި ވަގުތު ގޯލް ލައިން ހުރަސް ނުކުރާ ކަމަށް ރެފްރީ އަހުމަދު ޝިހާމް އާއި އަލީ ފާއިޒް ވަގުތުން ނިންމުމުން ގަމުގެ ބެންޗުން ދަނޑަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށް، އެއީ ގޯލެއް ކަމަށް ވަރަށް ބޮޑަށް އެޕީލް ކުރި އެވެ.
ރެފްރީ ފުރަތަމަ ނިންމާފައި ވަނީ އަންމަޑޭގެ ޕެނަލްޓީ ނާކާމިޔާބުވީ ކަމަށް، އޭގެ 10 މިނިޓު ފަހުން އެއީ ގޯލެއް ކަމަށް ރެފްރީ ނިންމީ ގަމުގެ އެސިސްޓެންޓް ކޯޗު ދެއްކި ވީޑިއޯއަށް ބަލައިގެން.
އަދި އޭގެ 10 ވަރަކަށް މިނިޓު ފަހުން ރެފްރީން އެ ނިންމުން ބަދަލު ކޮށްފައި ވަނީ ގަމުގެ އެސިސްޓެންޓް ކޯޗު އިބްރާހިމް ރަޝީދު، ޕެނަލްޓީގެ ރީޕްލޭއެއް ދެއްކުމުންނެވެ.
ރެފްރީންގެ ނިންމުން ބަދަލު ކުރުމާ އެކު އޭދަފުށީގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން، ރެފްރީ ވަނީ ޕެނަލްޓީ ކުރިއަށް ނުގެންދެވިގެން އޭދަފުށީގެ މެނޭޖަރު ސަލްމާން ވަހީދާއި ދެ އޮފިޝަލުން ކަމަށްވާ އަލީ ޝިފާއު އާއި މުހައްމަދު ޖަޒްލާން ޖާދުﷲ އަށް ރަތް ކާޑު ދައްކައިފަ އެވެ. ފުލުހުން ދަނޑަށް އަރައި ރަތް ކާޑު ދެއްކި އޮފިޝަލުން ދަނޑުން ބާލުވައި ޕެނަލްޓީ ޝޫޓައުޓް ކުރިއަށް ގެންދިޔައީ މެދުކެނޑުނުތާ ފަންސަވީހަކަށް މިނިޓު ފަހުންނެވެ.
އޭދަފުށީގެ ހުސެއިން ޝަރީފް އާއި އަހުމަދު އަޝްރަފް ޔޫސުފްގެ ޕެނަލްޓީ ކާމިޔާބު ކުރި އިރު، އަލީ ނަސީމް ޖެހި ޕެނަލްޓީ، ގަމުގެ އަހުމަދު ހުޝާމް ވަނީ ދިފާއު ކޮށްފަ އެވެ. އަދި ހައްފާފް ސިދުގީ ޖެހި ޕެނަލްޓީ ގޯލާ އަމާޒެއް ނުވި އެވެ. ފައްވާޒް އާއި އަލީ ޝާމިސް އަދި މުހައްމަދު ރަޒާން ވަނީ ގަމުން ޖެހި ޕެނަލްޓީތައް ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލް ވެސް ކުޅުނު މި ދެ ޓީމު ވަނީ މިއަހަރުގެ ޝީލްޑް މެޗުގައި ވެސް ބައްދަލު ކޮށްފަ އެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ގަމެވެ. ރޭގެ މެޗުގައި އޭދަފުށީ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ގަން ޖާގަ ހޯދާފައި ވާއިރު، ސެމީގައި ނުކުންނާނީ ހދ. ނައިވާދޫއާ ދެކޮޅަށެވެ.
ނައިވާދޫގެ ޝާއިން ލަނޑެއް ޖެހުމަށް ފަހު، އޭނާ ވަނީ މަހިބަދޫ ކޮޅަށް ހެޓްރިކް ހަދައިފަ. -- ފޮޓޯ: އިމޭޖަސް އެމްވީ
ނައިވާދޫ ވަނީ ރޭ އދ. މަހިބަދޫއާ ވާދަކޮށް 7-4 އިން މޮޅުވެފަ އެވެ. ނައިވާދޫގެ މުހައްމަދު ޝާއިން ތިން ގޯލު ޖެހި އިރު އަހުމަދު ހަމީދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ޔޫސުފް ޝާއިފް އާއި އަބްދުﷲ ވިސާމް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މަހިބަދޫގެ ލަނޑުތައް ޖަހައިދިނީ އާދަމް ފަހުމާން އާއި އާދަމް ނާއިލް އެވެ. ފަހުމާން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކެއް ހަދައިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގދ. ވާދޫ އާއި ކ. ކާށިދޫ އެވެ.
ކާށިދޫގެ އަޖުލާން، އޭނާ ވަނީ ވިލިމާލެ ކޮޅަށް ދެ ލަނޑު ޖަހައިފަ. -- ފޮޓޯ: އިމޭޖަސް އެމްވީ
ކާށިދޫ ވަނީ ރޭ ފަހަތުން އަރައި 3-2 އިން ވިލިމާލެ ބަލިކޮށްފަ އެވެ. އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާއިލް ވިފާގު ވިލިމާލެއަށް ލީޑު ނަގައިދީފައި ވަނިކޮށް ކާށިދޫ މޮޅުވީ ފަހު ހާފުގައި އަޖުލާން އަބްދުލް ހަންނާން އާއި އިސްމާއިލް ރަޔާން ޖަހައިދިން ގޯލުތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޖުލާން ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ވާދޫ މޮޅުވީ އއ. މަތިވެރިއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 4-4 އިން އެއްވަރު ވުމުން ޕެނަލްޓީގައި ވާދޫ ކުރި ހޯދީ 4-2 އިންނެވެ.
ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ވާދޫގެ ކުޅުންތެރިން. -- ފޮޓޯ: އިމޭޖަސް އެމްވީ
ވާދޫގެ މުހައްމަދު ނާއިލް ދެ ގޯލު ޖެހި އިރު އަޔާޒް އަހުމަދާއި އަބްދުﷲ އާހިލް އަލީ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެއްވަރުކުރި ލަނޑު މެދު ނިމެން 42 ސިކުންތަށް ވެފައި ވަނިކޮށް ޖަހައިދިނީ އަޔާޒް އެވެ. މަތިވެރި އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަފުރާޒް އާއި ގޯލްކީޕަރު މުހައްމަދު އިމްރާން އަދި އަލީ އަލްސަން އެވެ. ޝަފުރާޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ޕެނަލްޓީގައި ވާދޫ އަށް ލަނޑު ޖަހައިދިނީ އާހިލް އާއި ޔަޒްދާން އިބްރާހިމް އާއި މުހައްމަދު އިޔާދު އަލީ އަދި އަހުމަދު ޝައިހާން ޖަލީލް އެވެ. މަތިވެރި އަށް ކާމިޔާބު ކުރެވުނީ އަލްސަން އާއި އަހުމަދު ފިރާޝް ފޮނުވާލި ޕެނަލްޓީ އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގަގައި ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
سهانة
22 February 2025
ރެފްރީންނަށް ބިރުދައްކައިގެން މަކަރާއި ހީލަތުން މޮޅުވީ. ﷲ އިރާދަފުޅުން ސެމީފައިނަލްގައި އެއޮތީ ބަލިވެފައި. الحمدلله.
ހ. ހުސައިން
19 February 2025
ބަލިވީމަ ބަލި، އެކަމަކު އުސޫލުން ބޭރުން ކަންކަން ކޮށްގެން ނަތީޖާ އަނބުރާލީމާ އެއީ އަދި ބަލިވުންކަމަށް ބަލައިގަންނަން އުނދަގޫ. ކޮންމެ ކަމެއްގައިވެސް އިންސާފު އަދި ހަމަހަމަކަން އޮންނާންވާނެ. ކުރި ހިއްވަރަށް އޭދަފުށި ޓީމަށް މަރުހަބާ ކިޔަން. ނާކާމިޔާބީގާ ހިތްވަރު ގަދަކުރުމަކީ ކާމިޔާބަށް ވާސިލުވުމަށް އޮތް އިތުރުބާރެއް.
އާދަނު ބުރެޒިލް
19 February 2025
ރެފްރީވެސް ބޭނުން ވާނެ ދުނިޔޭގަ ހުންނަން.
ބެރެޒިލް
19 February 2025
ހިތުން ބްރެޒިލް ހެދިގެން އުޅެނިކޮށް އެދިޔައީ ޗޮކުން
ދިވެހިރައްޔިތު
19 February 2025
ޑިސިޕްލިން، ގަވާއިދު، އުސޫލު، ބަލިގަބޫލުކުރުން މީ ދިވެހިން ދަންނަ ކަންކަމެއްނޫން
މަ ބުނަންތަ؟ އަސްލު މައްސަލަ
19 February 2025
ވީޑިއޯ ރިޕްލޭ އަކީ ބޭރު ގައުމުތަކުގަވެސް މުބާރާތްތަކުގެ ގަވާއިދުގެ ތެރެއިން ތަން ދީގެން ބަލާ އެއްޗެއް! ގަވާއިދުގައި ނެތް ކަމެއް ކުއްލިއަކަށް ތައާރަފްކޮށް އެއަށް ބިނާކޮށް ނިންމުން ބަދަލުކުރުމަކީ ގޯހެއް! މިސާލަކަށް އެ ނިންމުމާ މެދު ރެފްރީންގެ ތެރޭ މަޝްވަރާކޮށްފަ، އަލުން ކުޅުން ފެށުމުގެ ކުރިން ބަދަލުކުރިނަމަ އޯކޭ! އަދި ގޯސް ނިންމުމެއް ކަމަށް ވިޔަސް ތިގޮތަށް ބަދަލުކުރެވިގެން ނުވާނެ! އެކަމަކު ޖުމްލަކޮށް ގޯލްޑަންގެ ކަންކަން ރަނގަޅު އިނގޭ!
މުލޭ
19 February 2025
ޓީމެއްގެ އޮފިޝަލަކު ދައްކާ ވީޑިއޯއަކުން ޑިސިޝަން ބަދަލުވެގެންނުވާނެ. އެވީޑިއޯ ބަލަން ފުރުސަތުވެސް އޮވެގެންނުވާނެ. ރީޕްލޭ ބަލަންޏާ ޖެހޭނީ އޮފިޝަލް ވީޑިއޯ ރިޕްލޭ ބަލަން. އިންތިޒާމުގެ މައްސލައެއް މިއީ. ރެފްރީންނަށް ފުރުސަތު އޮވެގެން ނުވާނެ ގަވާއިދުގައި ބަޔާންކޮށްފައި ނެތްކަމެއް ކުރަން. ރިޕްލޭ ބަލަން ހިންގާ ގަވާއިދުން ފުރުސަތު ލިބޭތަ!.
ގޔވހޔބޔ
19 February 2025
ގަން - އޭދަފުށީ މެޗުގަ ގަމުގެ 5 ފައުލު ހަމަވި ފަހުން ގަމުގެ ކުޅުންތެރިން އޭދަފުށީ ކުޅުންތެރިޔާގެ ފަހަތުން ކުރި ފައުލްއެއް ރެފުރީ ނުދައްކާ. އެބާވަތުގެ ގިނަ ފަައުލްތައް މި މުބާރާތުގަ ހުރީ ދައްކާފަ.. ނަމަވެސް ރޭގެ މެޗުގަ ބޮޑު ޓެކުލޭމެން ހަބޭހަށް ޓެކުލްކުރި އިރު ރެފުރީން ތިބީ ބިރުން ކަންނޭނގެ
ނާއްޓެ
19 February 2025
އެއީ ދަނޑުގެ މެދު ރޮނގުން ނަގާފައިވާ ވީޑިއޯއެކެވެ. ކުއްލިއަކަށް ދަނޑު ބެމޭރުން އެރި ލާމު-ގަމު ޓީމުގެ އޮފިޝަލެއްގެ މޯބައިލް ފޯނުން ވީ.އޭ.އާރު (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ބެލުނެވެ. މި މަރުޙަލާގައި، ލައިން ރެފްރީގެ ނިންމުމާ ޚިލާފު ނިންމުމެއް ނެރެވުނު ހިނދު، ހައިރާންކުރުވަނިވި ގޮތެއްގައި ވީ.އޭ.އާރު ސިސްޓަމް ތަޢާރަފުވެ، އޭގެ ނިންމުން ޢާންމުކޮށް އިޢުލާނުކުރެވުނެވެ. މިއީ ޕެނަލްޓީ ޝޫޓައުޓް ކުއްލި ގޮތަކަށް ޖޯކަކަށް ބަދަލުވި ހިސާބެވެ.