ޖައުފަރު، އޭނާގެ ހާއްސަ ރެސިޕީ ކުއްޅަވައް މޮހީޓޯ ހަދަން ތައްޔާރުވެގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ފެބުރުއަރީ 2025 - 23:40
"ކުނި ކުއްޅަވައް"، މިއީ ލަންދުއަށް ނިސްބަތްކޮށް ކުރިން ކިޔައި އުޅުނު ވަނަމެކެވެ. އެކަމަކު ކުއްޅަވަކަކީ މިހާރު މި ރަށުގެ ފަހުރެވެ. ކުއްޅަވައް އައިލެންޑްގެ ގޮތުގައި ބްރޭންޑްކޮށް، މި ރަށަށް ލިބުނު ފަޚުރުގައި އެންމެ އުފާވާ އެކަކީ ޖައުފަރު ރަޝީދެވެ.
ނ. އަތޮޅަށް "މިހާރު"ގެ ޓީމުން ކުރި ދަތުރުގައި ލަންދޫން ޖައުފަރުއާ ދިމާވުމުން އަހަރެމެންގެ ޝައުގުވެރިކަން އޭނާ އަތުލައިގަތީ ހުއްޓާނުލައި ކުއްޅަވަކުގެ ވާހަކަ ދައްކަމުންނެވެ. ކުއްޅަވަކުން މި ރަށް ހޯދި ކުރިއެރުން އޭނާ ސާބިތުކޮށްދިނެވެ. އަހަރެމެންނަށް މެހްމާންދާރީ އަދާކުރީ މުޅި ރާއްޖެއަށް ލަންދޫ މަޝްހޫރުވި ކުއްޅަވައް މޮހީޓޯ އިންނެވެ.
ކުއްޅަވަކުގެ ފައިދާ އާއި މި ރަށަށް މި ބުއިން ހާއްސަވި ގޮތް ކިޔައިދޭން އޭނާ ވަރަށް ފަރިތަ އެވެ.
ކުއްޅަވައް މޮހީޓޯ ރެސިޕީ ހަދަން ތައްޔާރުކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޖައުފަރުގެ މި ރެސިޕީ އަހަރެމެންނަށް ތައްޔާރުކުރީ ލަންދޫގެ މަގުމަތީގައި ވަގުތުން ސެޓަޕް ހަދައި އެ ދުވަހުގެ ތާޒާ ކުއްޅަވަކުންނެވެ. ކުއްޅަވަކާއި ސުޕްރައިޓް އަދި މިންޓާއި އައިސް އަޅައި ތައްޔާރުކުރި މޮހީޓޯގެ ރަހަ ވަރަށް ތަފާތުވެފައި މީރެވެ.
މި ވަރުގެ ޑްރިންކެއް އަދި ނޮބޮވެއޭ ވެސް ވަރަށް މަތީ ފެންވަރުގެ ބޭފުޅުން ވިދާޅުވެފައި އެބަހުރި. ބައެއް ބޭފުޅުން ފްލައިޓަށް މޮހީޓޯ ތަށި ހިފައިގެން އެބަދޭ. ފަހުން އަޅުގަނޑަށް ތަށި ފޮނުވާފައި އެބަހުރި. -- ޖައުފަރު
މި ރަށަށް އަންނަ މީހުންނަށް މޮހީޓޯގެ ރަހަ ދައްކަން އޭނާގެ އޮންނަނީ އާދަޔާޚިލާފު ޝައުގުވެރި ކަމެކެވެ.
ކުއްޅަވަކަކީ ލަންދޫގެ ފަހުރު ކަމުގައި ބުނެދޭން އޭނާއަށް ވަކި ވަގުތެއް ވެސް ނޯންނަ ކަން ދެ ގަޑިއެއްހާ އިރުގެ ވާހަކަތަކުން އެނގެ އެވެ. ރަށަށް އަންނަ މެހްމާނުން އެދޭ ކޮންމެ ގަޑިއެއްގައި އޭނާ މޮހީޓޯ ތައްޔާރުކޮށްދެ އެވެ. މި ރަށަށް ކުޑަ ވަގުތުކޮޅަކަށް އަންނަ މީހުން، ފުރަން ދަމުން މި ގެއަށް ވަދެލިޔަސް މޮހީޓޯގެ ރަހަ ދައްކާލަ އެވެ.
ލަންދޫގެ މަގުމަތީގައި ޖައުފަރު ކުއްޅަވައް މޮހީޓޯ ހަދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ވަރަށް މަސައްކަތުން މި ރަހަ ނެރެވުނީ. ބައެއް މީހުން މޮހީޓޯ ތައްޓާ އެކު ވެސް ފުރަން ގޮސްފައި އެބަހުރި. ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ. ކުއްޅަވަކުން ލަންދޫ ވިދާލުމަކީ އަޅުގަނޑަށް ވަރަށް ފޮނި ފަހުރެއް," ޖައުފަރު ބުންޏެވެ.
މޮހީޓޯއަކީ ބޮޑު ސަރަހައްދެގައި ކަނޑޫފާ ހެދިފައިވާ މި ރަށުން ލިބޭ ކުއްޅަވަކުން އޭނާ ތައްޔާރުކުރާ ވަރަށް ގިނަ ބާވަތްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގްބޫލް ބުއިމެވެ. ކުއްޅަވައް އައިސްކްރީމް ވެސް އޭނާ ވަނީ ތައްޔާރުކޮށް ބްރޭންޑެއްގެ ގޮތުގައި ނެރެވޭނެ މަގު ފަހިކޮށްދީފަ އެވެ.
ޖައުފަރުގެ ކުއްޅަވައް ރެސިޕީތަކުގައި ބަތާއި ސޫޕާއި ސެލަޑާއި ޑެޒަޓް ވެސް ހިމެނެ އެވެ.
ޖައުފަރު ކުއްޅަވައް މޮހީޓޯ ހަދަނީ: މިއީ އޭނާގެ ހާއްސަ ރެސިޕީއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރެސިޕީތައް ފަސޭހަ އިން ތައްޔާރުކޮށްލަން ހިތްވަރަކަށް ވީ މަތީ ފަންތީގެ ރިސޯޓްތަކުގެ ފުޑް އެންޑް ބެވަރޭޖްގައި ޖައުފަރަށް ލިބުނު ތަޖުރިބާ އެވެ. ރަށުގައި މިހާރު ހުއްޓަސް އޭނާއަށް އަދިވެސް ރިސޯޓްތަކުން ފުރުސަތު ލިބެ އެވެ.
އޭނާ ބުނި ގޮތުގައި މޮހީޓޯގެ ރެސިޕީ ހިޔާލަށް އައީ ސޮނޭވާގައި މަސައްކަތް ކުރި އެކި ވައްތަރުގެ މޮހީޓޯ ހެދުމުގެ ތެރެއިންނެވެ. އެކަމަކު މި ރެސިޕީގެ ވިސްނުން ސިކުނޑީގައި ބައިންދައިގެން ރަހަ ހެޔޮވަރުކޮށްލީ ލަންދޫގަ އެވެ.
"ޒުވާން ކުދިން ލައްވައި ފުރަތަމަ ރަހަ ބެލީ. މީގައި އަސްލު ހުންނަން ޖެހޭ ރަހަ ހެޔޮވަރު ކަމަށް އެޕްރޫވްވުމުން ދެން އާއްމުންނާ ހިސާބަށް ތައާރަފްކުރީ،" ޖައުފަރު ބުންޏެވެ.
މޮހީޓޯ ތަށި ޖައުފަރު ދައްކާލަނީ: މިއީ މުޅި ރާއްޖެއަށް ލަންދޫ މަޝްހޫރުވި ބުއިމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުއްޅަވައް މޮހީޓޯއަށް މީގެ ހަތަރު އަހަރު ކުރިން ބޮޑު ސަމާލުކަމެއް ލިބުނީ މި ރަށުގައި ނަރުދަމާ އަޅަން އައި ޓީމަކަށް, ކައުންސިލުން އެދިގެން ޖައުފަރު ތައްޔާރުކުރި ކެއުމެއްގެ ތެރެއިންނެވެ. އޭގެ ކުރިން ވެސް އޭނާ ގެންދިޔައީ ކުއްޅަވައް ބޭނުންކޮށްގެން ވަރަށް ގިނަ ކެއުންތައް ހަދަމުންނެވެ.
"އެ ލަންޗުގައި ހުރިހާ އެއްޗެއް ހެދީ ކުއްޅަވަކުން. ވަރަށް މީހުން ސަޕްރައިޒްވޭ ކުއްޅަވައް ބަތް ތައްޔާރުކުރީމަ. ހަމަ ވަރަށް މީރު. އެ ދުވަހު ދެން ހެދީ ކުއްޅަވައް މޮހީޓޯ. އެ މީހުން ވަރަށް ލައިކްވި."
ޖައުފަރު ކުއްޅަވަކުން އެންމެ ފުރަތަމަ ކެއުންތައް ހަދަން ފެށީ 2008 ގައި ޖުވޭސް ކެފޭގަ އެވެ. ކުއްޅަވައް މިލްކްޝޭކުން ފެށިއިރު މީހުން މާ ގަޔާވާގޮތަކަށް ނުހެދުނެވެ. އެކަމަކު އޭނާގެ އަޒުމަކަށް ވީ ކުއްޅަވަކުގެ ރެސިޕީތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމެވެ.
އޭނާ ރާއްޖެ އިން ބޭރަށް ކުރި ދަތުރެއްގައި ވެސް ލަންދޫއޭ ބުނުމުން މި ރަށް އެނގެނީ ކުއްޅަވައް މޮހީޓޯގެ މީރު ކަމުން ކަމަށް ކުރި ކޮމެންޓަކީ ހަނދާން ނުނެތޭނެ ދުވަހެއް ކަމަށް ޖައުފަރު ބުންޏެވެ.
"އެހެންވީމަ ކުއްޅަވައް މޮހީޓޯއޭ ބުނާ އިރަށް ލަންދޫ ސިކުނޑިއަށް އަންނަ ވަރަށް ޕްރޮމޯޓްވެފައި އޮތީ," ޖައުފަރު ބުންޏެވެ.
"މި ވަރުގެ ޑްރިންކެއް އަދި ނޮބޮވެއޭ ވެސް ވަރަށް މަތީ ފެންވަރުގެ ބޭފުޅުން ވިދާޅުވެފައި އެބަހުރި. ބައެއް ބޭފުޅުން ފްލައިޓަށް މޮހީޓޯ ތަށި ހިފައިގެން އެބަދޭ. ފަހުން އަޅުގަނޑަށް ތަށި ފޮނުވާފައި އެބަހުރި."
ޖައުފަރު ބުނީ ކުއްޅަވައް ބޭނުންކޮށްގެން އެކި އުފެއްދުންތައް ތައްޔާރުކުރަން މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ކުއްޅަވަކުގެ އަގު މިހާރު ވަރަށް މައްޗަށް އަރާފައިވާ ކަން ފާހަގަކޮށް ބުނީ ފަސް ރުފިޔާ އަށް ކުއްޅަވަކެއް މިހާރު ވިއްކޭ ކަމަށެވެ.
"ދުނިޔޭގެ މާކެޓަށް ކުއްޅަވައް ފްލޭވާ ނެރެވުމަކީ އެންމެ ބޮޑު އުފާ. ކުއްޅަވަކޭ ބުނާ އިރަށް އެހެން ހުރިހާ އެއްޗަކާ ހިލާފަށް ދިވެހި ވަންތަކަން އެބަ އާދޭ. ދިވެހި އެއްޗެއް ކަން އިހްސާސް ކުރެވޭ."
ޖައުފަރުގެ އުއްމީދަކީ ކުއްޅަވައް ރެސިޕީތަކުން މިހާރަށް ވުރެން ވެސް ބޮޑަށް ލަންދޫ ޕްރޮމޯޓްކުރުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޖައުފަރުގެ މިހާރު އަމާޒަކީ ވީހާވެސް އަވަހަކަށް އަލުން ރެސްޓޯރެންޓެއް ހުޅުވުމެވެ. އޭގައި އޭނާގެ ކުއްޅަވައް ރެސިޕީތަކާ އެކު އަމާޒު ހިފާފައި ވަނީ ބޭރުގެ މާކެޓް ފުޅާކުރަން ކަމަށް ވެސް ބުންޏެވެ. މި ހުވަފެން ހަގީގަތަކަށް ވުމުން އަނެއްކާވެސް "މިހާރު"ގެ ޓީމަށް ދައުވަތު ދޭނެ ކަމަށް ބުނެ އިންޓަވިއު ނިންމާލީ ކޮންމެވެސް ވަގުތަކުން ކުއްޅަވައް މިލްކް ޝޭކްގެ ރަހަ ބަލަން އަންނަން ދައުވަތު ދެމުންނެވެ. އެކަމަކު ވަގުތު ނުވެގެން ނުދެވި ފުރަން ތިއްބައި ޖައުފަރާ ދިމާވަނީ ބަނދަރުންނެވެ.
އެ ވަގުތުކޮޅުގައި ވެސް އޭނާ ދެއްކީ ކުއްޅަވަކުން މި ރަށަށް ލިބިފައިވާ ރީތި ނަން ދަމަހައްޓަން އޭނާގެ އޮތް އަޒުމުގެ ވާހަކަ އެވެ. ދެން މި ރަށުން ބައްދަލުވާ ފަހަރަކުން ރެސްޓޯރެންޓުގައި ކުއްޅަވަކުގެ ހުރިހާ ރަހަތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
02 March 2025
ލަންދޫއިން ހަދިޔާއަކަށް ކުށްޅަވަށް ލިބޭ ހަނދާންވޭ. ނިކަން މީރު މޮޑެލައިގެން ކާލަން. އެކަމަކު އެއިން އެއްވެސް ބުއިމެއް ތައްޔާރުކޮށްގެން ނުބޮން. ރަހަބަލަން ލަންދުއަށް ދާންޖެހޭނީ..
ޢާދަނުބެ
02 March 2025
ކުޢްޅަވައްފަނި ނުވަތަ މޮހީޓޯ ބޮޑައް މީރުވާނީ ތޮށި މަށާފަ ކުޑަޖަގަކަށް ވީހާވެސް ތުނިކޮށް ކޮށާފަ ފެންއަޅާފަ ބަހައްޓާނީ މަދުވެގެން 5 ވަރަކަށް ގަޑިއިރު އޭގެ ފަހުން ފުރޭންޏަކުން އެފެން ގަންޑު ފުރާލާނީ ވަރަށްމީރު ވާނެ އަޅެ ޓުރައިކޮށްލާތި
ފަނި11
02 March 2025
ކުއްޅަވަކަކީ ވަރަށް ފައިދާހުރި އެއްޗެއް. ކުއްޅަވަށްފަނި ވެސް ވަރަށް މީރު. މިއީ އަމިއްލަ ޒާތުގައި ފަސޭހައިން ހެދޭ ފައިދާހުރި މޭވާއެއް.
ހަލީމް ބާއީ
01 March 2025
ޖައުފަރު ވީއެންމެ އަވަހަކަށް ކުއްޅަވައް މޮހީޓޯ ޕޭޓަންޓް ކުރައްވާ.
ދަލޭކަ ދައިތަ
28 February 2025
މަވެސް ހީކުރިވަރަށްވުރެން މީރުއެއްޗަކަށް ވީ ކުއްޅަވަށް. ރާއްޖެކަހަލަ ހޫނު ގައުމެއްގައި މެންދުރު ބޯލަން ހަމަ ބަރާބަރު ޑްރިންކެއް.
ސަމޭދާން
01 March 2025
ހޫނުގަދަ ގައުމެއްގާ މޮހީޓޯ ބޯކަށް ވަކިވަގުތެއް ނޯންނާނެ.