03 މާޗް 2025 - 07:47
ދެވަނަ ބައި
ދިޔަދޮވީގެ ހޮޅިން ހޯސްލާފައި އަންނަމުން ދިޔަ ފެނުން މުޅި ދޮރުމަތި ދިޔަ ބޮޑުވަމުންދާ މަންޒަރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިދެ އޭނާގެ ބައްޕައާއި މެދު ޚިޔާލު ކޮށްލިއެވެ.
އޭނާގެ ބައްޕައަށް މިއަދު ކުރާނީ ކޮންކަހަލަ އިހުސާސް ތަކެއް ބާއެވެ؟ އޭނާ އެންމެ ކުޑައިރުވެސް ބައްޕަ ދޭތެރެއަކުން ގުރައިދޫއަށް ދުރުވާކަން އެނގެއެވެ. އެއީ ބައްޕަގެ ވިޔަފާރީގެ ކަމެއްގައިކަމަށް އޭރު އޭނާއަށް ހީކުރެވުނެވެ. އެހެންވީމާ މިއޮއްހާ ދުވަހުވެސް ބައްޕަ އެގެންދެވީ މަންމައަށް ޒިޔާރަތްކޮށް މަންމަގެ ހާލު ބައްލަވަމުންތާއޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.
އޭނާގެ މަންމައާއި ބައްޕަގެ ގުޅުމަކީ ނުހަނު ލޯބިން ފެށުނު ގުޅުމެއްކަން އެ ޑައިރީއިން ހެކިދެއެވެ. މަންމަ 'މަރުވި' ހިސާބުން ބައްޕަ ވަރަށް ބަލިވިހާކަ އޭނާގެ ބޮޑުދައިތަ ވަނީ ކިޔައިދީފައެވެ. އެގޭތެރޭގައި އޭނާގެ އަސްލު މަންމަގެ ވާހަކަ ނުދެކެވޭ ސަބަބަކީ އެއީ ކަމަށް އޭރު ޝިއުނާއަށް ގަބޫލުކުރެވުނެވެ.
ޝިއުނާ ޖޯލީގައި އިންތަން ފެނުމުން ޙަނީފުވެސް ސައިތަށި ހިފައިގެން ބޭރަށް ނުކުތެވެ. އަދި ޖެހިގެން ހުރި ޖޯލީގައި އިށީނދެ ވަރަށް ފަރުވާތެރިކަމާއިއެކު އޭނާގެ ދަރިފުޅާއި ދިމާލަށް ބަލައިލިއެވެ. އޭނާގެ މޫނު މައްޗަކުން މާ ބޮޑު އަސަރުތަކެއް ފައުޅުވާކަށް ނެތެވެ. އެނާއަށް ނިދުނުތޯ އާއި އޯކޭ ތޯ ޙަނީފު އަހާލުމުން ޝިއުނާ ބޯޖަހައިލިއެވެ. އެކަމާ ޙަނީފު ހިތްހަމަ ޖެހުނެވެ. ޝިއުނާގެ ބުރަކަށީގައި ފިރުމާލަމުން ބައްޕަ ހީކުރިވަރަށްވުރެ ދަރިފުޅު ހިތްވަރު ގަދައޭ ބުނެލިއެވެ.
މި ހިނގާދިޔަ ކަންތައްގަނޑުން އޭނާގެ ދަރިފުޅަށްވެސް ވަރަށް އަސަރު ކުރާނެކަން ހަމަ ޔަގީނެވެ. ހަމަ ގައިމުވެސް ޙަނީފުއަށް ރޭގައި ނިދަން އުނދަގޫވިއެވެ. ދެން ވާނީ ކިހިނެތްކަން ނޭނގޭތީއެވެ.
"ބައްޕާ! ރޭގައި... އުނހޫ ފަތިހު އަޅުގަނޑަށް ހުވަފެނުން ފެންނަނީ ކާފަ.. އައިސް ބުނަނީ އަދި ކިރިޔާއޯ މަންމަ އެ ސަލާމަތްވީ!" ޝިއުނާ ކިޔައިދިނެވެ.
ޙަނީފު ބޯޖަހާލަމުން އެއީ ތެދެކޭ ބުނެލިއެވެ. ޝިއުނާއަށް އިތުރު ހުވަފެންވެސް ފެނުނެވެ. ކަޅު ބުޅަލެއް ފެނިފައި އޭނާއަށް ބިރުން ހޭލެވުނުވެސް މެއެވެ. އެހެންނަމަވެސް އެހުވަފެނެއް އޭނާގެ ހަނދާނަކު ނެތެވެ.
"ދަރިފުޅު ފަތިސް ނަމާދު ކުރިންތަ؟"
"ލައްބަ.. އެކަމަކު ވިއްސާރަ ވީމާ އަލުން އަރާ އޮށޯތީ.. ދެން ނިދިފަ އެހުވަފެން ފެނުނީ" ޝިއުނާ އޮޅުންފިލުވައިދިނެވެ.
ފަރީޝާ މިދުނިޔެ ދޫކޮށް، އެ ޖިންނީންގެ ކިބައިން ސަލާމަތްވީއެވެ. އެހެންނަމަވެސް އެފަދަ ޖިންނިން އިބްރާހިމްބެގެ އާއިލާގެ ކިބައިން ބަދަލު ހިފާފައި ނޫނީ ހުއްޓާ ނުލާނެއޭ އެންމެންވެސް ޙަނީފު ކައިރީގައި އެބުނަނީއެވެ. ޙަނީފު ކަންބޮޑުވަނީ އެކަމާއެވެ. ދެން ހުރީ އޭނާގެ ދަރިފުޅު ޝިއުނާއެވެ. އެއީ އިބްރާހިމްބެގެ ކާފަ ދަރިފުޅެވެ.
އޭނާގެ ދަރިފުޅު ދީނީ ކަންތައްތައް ފަރުވާތެރިކަމާއި އެކު ފުރިހަމައަށް އަދާ ކުރޭތޯ އެވަރަށް ބެލެނީ އެހެންވެގެންނެވެ. އެފަދަ މަޚުލޫގުންގެ ކިބައިން ސަލާމަތްވެވެން އޮތް މަގަކީ އެއީ ކަމަށް ވާތީއެވެ.
އޭގެ އެކާވީހަކަށް އަހަރު ކުރިން ޙަނީފުއަށް ފަރީޝާ ފެނި، ރީތިވެގެން އަޅައިގަތްއިރު އެއީ މުޅި ދ.އަތޮޅަށް މަޝްހޫރު ޖިންނި އިބްރާހިމްބެގެ ދަރިއެއްކަމެއް އޭނާއަކަށް ނޭނގެއެވެ.
އެއީ ޙަނީފުގެ އެންމެ ޒުވާން ދުވަސްވަރެވެ. އޭރު އޭނާ އުޅެނީ ބޯޓު ދަތުރު ކުރާށެވެ. އެފަހަރު ޗުއްޓީއަށް އައީ އޭނާއާއި އެކީ އެބޯޓު ގައި އުޅޭ ޢަލީ ރަޝީދުއާއި ދެމީހުން އެކީގައެވެ. ޢަލީ ރަޝީދުއާއި އެކީ އެރަށަށް ދާން ޙަނީފު ނިންމީ އޭނާގެ އުނަގަނޑަށް އަރާފައިވާ ތަދަށް ދިވެހިބޭސް ކުރުމުގެ ނިޔަތުގައެވެ.
އޭނާއަށް ފަރީޝާ އެންމެ ފުރަތަމަ ފެނުނީ އުނަގަނޑުގައި ބޭސްގަނޑު އަޅައިގެން އޮއްވައެވެ. ޢަލީ ރަޝީދުގެ އެހީގައި އެއީ ކޮން އަންހެން ކުއްޖެއްތޯ އޭނާ އޮޅުން ފިލުވިއެވެ. ޙަނީފުއަށް ރީތިވެގެން އަޅައިގަތީ އިބްރާހިމްބެގެ ދަރި ފަރީޝާއާއި ކަން އެނގުމުން ޢަލީ ރަޝީދު ގަތީ ބިރެވެ. އެއީ ކާކުގެ ދަރިއެއް ކަމާއި އެރަށު އެއްވެސް ފިރިހެނަކަށް އޭނާއާއި ކައިރިވާން ނުކެރޭނެ ކަމުގައި ޢަލީ ރަޝީދު ބުނެދިނެވެ. އެހިސާބުން ޙަނީފުއަށް އެކަން ވީ ބޮޑު ޗެލެންޖަކަށެވެ. އޭނާ ފަރީޝާއާއި ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ލޯބި ހުށަހަޅާ އެ ގުޅުން އުފެއްދިއެވެ.
މާގިނަ ދުވަހެއް ނުވަނީސް އިބްރާހިމްބެއަށް އެކަން ފަޅާއެރިއެވެ. އެގުޅުމާއި ދެކޮޅު ހެދިއެވެ. އިބްރާހިމްބެ ދެއްކި ސަބަބަކީ ޙަނީފުއަކީ މާލޭ މީހަކަށް ވެފައި ދުވަސްކޮޅެއް ނުވަނީސް އޭނާ ފަރީޝާ ދޫކޮށްލާފައި ދާނެތީއެވެ.
އެކަމަކު އޭރު ފަރީޝާވެސް ހުރީ ޙަނީފު އާއި ނުލާ ނުޅެވޭވަރަށް އޭނާ ދެކެ ލޯބިވެވިފައެވެ. އެހެންކަމުން ފަރީޝާ ސިކުނޑީގެ ބޭނުންކޮށް އޭނާގެ ބައްޕައަށް ބޮޑު ދޮގެއް ހަދާލާ އޭނާ އިނީ ޙަނީފުގެ ދަރިއަކަށް ބަލިވެކަމުގައި ބުނީއެވެ. އިބްރާހިމްބެވެސް އޭނާގެ ދަރިފުޅު ރަށްމެދަށް ވިހޭ މީހަކަށް ހަދަން ބޭނުން ނުވާތީ އަވަހަށް އެދެމީހުން ދެވަން ނިންމީއެވެ. އިބްރާހިމްބެ ޙަނީފު ގެނެސް ޝަރުތެއް ހުށަހެޅިއެވެ. އެއީ ފުރައިގެން ދަމުން ފަރީޝާ ވަރިކޮށްފައި ދިޔުމެވެ. ޙަނީފު އެކަން ކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ އެރަށުން ފުރައިގެން ދިޔައީ އިބްރާހިމްބެއަށް ވަގަށް ފަރީޝާ ވަރިނުކޮށެވެ.
ޙަނީފުއަށް ހެދުނު ގޯހަކީ އެއީ ކަންނޭނގެއޭ އޭނާ މިހާރުވެސް ހިތަށް އަރައެވެ. އޭރު އޭނާ ހީކުރީ ދެއަހަރު ކޮށްފައި އޭނާ އެނބުރި އަންނައިރު އިބްރާހިމްބެގެ ވިސްނުން ހުންނާނި ބަދަލުވެފައި ކަމަށެވެ. ދަތުރުކޮށް ނިންމާފައި އައިސް އެރަށުގައި ވިޔަފާރިއެއް ފަށައިގެން ދިރިއުޅެން ފެށީމާ އިބްރާހިމްބެ ޙަނީފުއާއި ޤަބޫލު ވާނެކަމަށެވެ. އެހެންނަމަވެސް ކަންތައް ވެގެން ދިޔައީ ޙަނީފު އުއްމީދުކުރި ގޮތަކަށް ނޫނެވެ.
ޙަނީފު ޙަޤީޤަތުގައިވެސް ބައްޕައަކަށް ވާންއުޅޭކަން އެނގުނީ އޭނާ ފުރައިގެން ދިޔަފަހުންނެވެ. އޭރު ފަރުދާގެ ފުރަގަހުން އިބްރާހިމްބެ ދިޔައީ ނުބައި ރޭވުމެއް ރާވަމުންނެވެ. އެންމެ ފަހުން ނިންމީ އޭނާ ގެންގުޅޭ އުބޭދު ކިޔާ ޖިންނި އާއި ފަރީޝާ ޙަވާލު ކުރާށެވެ. އެގޮތުގެ މަތިން ސިޙުރުގެ ބޭނުންކޮށްގެން އުބޭދު ފަރީޝާއާއި ޙަވާލުކުރިފަހުން ފަރީޝާގެ ހިތުން ޙަނީފުގެ ހަނދާންތައް ފަނޑުވެ އޭނާއާއި އުބޭދުއާއި ދެމެދު ލޯބީގެ ގުޅުން އުފެދުނީއެވެ.
ޙަނީފުއަށް އެނބުރި އާދެވުނީ ޝިއުނާ ދުނިޔެއަށް އައިތާ ހައެއްކަ މަސް ފަހުންނެވެ. ވަރަށް ފޮނި އުއްމީދާއިއެކު އޭނާގެ އަންހެނުންނާއި ދަރިފުޅު ދެކެން އެރަށަށް ދިޔައެވެ. ފަރީޝާއާއި ދިމާވުމުން އޭނާ އެންމެ ފުރަތަމައިނުންވެސް އެދުނީ ވަރިއަށެވެ. ފަރީޝާ އުޅެނީ ޖިންނިއަކާ އެކީގައިކަން ޙަނީފު ކައިރީގައި ބުނެދިނީ އިބްރާހިމްބެ އަމިއްލަ އަނގައިންނެވެ.
ފަރީޝާ ދޫކޮށްލިއަސް އޭނާގެ ލޭހިނގާ އެކުޑަ ދަރިފުޅު އެޖިންނީގެ އައްޑާއަށް ދޫކޮށްލާފައި ދާކަށް ޙަނީފުގެ ހިތެއް ނޭދުނެވެ. އެކަމަކު ފަރީޝާ ހުރީ އެމަންޖެ ދޭގޮތަކަށްވެސް ނޫނެވެ. ދެން ހަދާނެ ގޮތަކާއި މެދު ވިސްނަން ޙަނީފު އެރަށުގައި މަޑުކޮށްގެން ހުއްޓާ އެއްރެއަކު ދަންވަރު ފަރީޝާމެންގޭ ހިސާބުން ކުޑަކުއްޖަކު ބާރަށް ރޯއަޑު އެބަ އިވެޔޭ މީހަކު ބުނުމުން ކީއްތޯ ވަނީ ބަލަން ޙަނީފުމެން އެތަނަށް ދިޔައެވެ. އެހިސާބުގަނޑު ހޯދަމުން ހޯދަމުން ދަނިކޮށް ފެނުނީ ނިކަގަސް ބުޑުގައި ފަރީޝާ އިށީނދެގެން އިންދައެވެ. އޭރު ޝިއުނާ އޮތީ ބިންމަތީގައި ބާއްވާފައެވެ.އޭނާގެ ވަށައިގެން، ވަށް ބުރަކަށް ވާގޮތަށް ދަނޑިޖަހާފައި އެ ދަނޑިތަކުގައި އަލިފާން ރޯކޮށްފައި ހުއްޓެވެ. އެމަންޖެ އެހެންއޮވެ ރޮއެ ރޮއެ އަވަދިވަނީއެވެ.
ޙަނީފު ބަލާކަށް ނުހުރެ، އެދިޔަގޮތަށް ގޮސް ޝިއުނާ އުރާލައިގެން އެތަނުން ދުއްވައިގަތީއެވެ. ފަރީޝާ ބާރަށް ހަޅޭއްލަވަން ފެށިއެވެ. އެހެންނަމަވެސް ފަރީޝާއަށް ވީގޮތެއް ބަލާކަށް ޙަނީފު ބޭނުމެއް ނުވިއެވެ. އެރެއިން އެރެއަށް ޙަނީފު އެރަށުން ފައިބައިގެން، ފުރައިގެން މާލެ އައީއެވެ.
އެ ޙާދިސާ ބިރުވެރި ހުވަފެނެއްގެ ގޮތުގައި ދޭތެރެ ދޭތެރެއިން ޝިއުނާއަށް ފެނެއެވެ. ވަރަށް ކުޑަ އިރުއްސުރެންނެވެ. ޝިއުނާއަށް ފެންނަނީ މޫނު ނިވާކޮށްގެން ތިބި މީހުންތަކެއް އަލިފާން ރޯކޮށްފައިވާ ދަނޑި ބުރިތަކެއް ހިފައިގެން ކޮންމެވެސް އަންބާއެއް ކިޔަމުން އޭނާ ވަށާ ހިނގާތަނެވެ. އަދި ވަކި ހިސާބަކުން އޭނާގެ ގަޔަށް އެތަނުން އެކަކު އެ ދަނޑި ބުރި ހަރާލަން އުޅެނިކޮށް ހޭލެވެއެވެ. ޝިއުނާ ބޮޑުވެ އެ ހުވަފެން ކިޔައިދޭން އެނގޭ ވަރުވެގެން ކިޔައިދިން ފަހަރު ޙަނީފުގެ ގައިން ދިޔައީ ހީބި ނަގައިގެންނެވެ. ފަރީޝާ މަސައްކަތް އެކުރީ އެރޭ އެ ޖިންނިތައް ލައްވާ ޝިއުނާ މަރާލަން ކަންނޭނގެއޭ ޙަނީފުގެ ހިތަށް އެރިއެވެ.
ކޮންމެއަކަސް، އުމުރުން ހަމަހުން ފެށިގެން ޝިއުނާ ގެންގުޅުނީ އޭނާގެ ބޮޑުދައިތަ އާއި މާމައެވެ. އެދެމީހުންނާއި ޝިއުނާ ޙަވާލު ކުރުމަށްފަހު ޙަނީފު އަނެއްކާވެސް ދިޔައީ ދަތުރު ކުރާށެވެ. ދެއަހަރު ވަންދެން ދަތުރު ކުރަން އުޅެފައި އެނބުރި އައިސް މާލޭގައި ފިހާރައެއް ހުޅުވައިގެން ވިޔަފާރިކުރަން ފެށީއެވެ. ޙަނީފު ދެވަނަ ކައިވެންޏެއް ކުރީ އޭގެ ފަހުންނެވެ. އޭރު ޝިއުނާއަށް އަދި ހަތަރު އަހަރެއްނުވެއެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހުސްނާ އޭނާގެ ދޮންދަރިފުޅު ލައްވާ ކިޔުއްވަމުން އައީ މަންމައެވެ. ހުސްނާއަކީ ޝިއުނާގެ އަސްލު މަންމަ ނޫންކަން އޭނާއަށް އެނގުނީ ވަރަށް ބޮޑުވިފަހުންނެވެ. އަސްލު މަންމަ ވަނީ އޭނާގެ އުމުރުން އެންމެ ހަ މަހުގައި މިދުނިޔެ ދޫކޮށްފައިކަމަށް އެންމެން ޝިއުނާއަށް ކިޔައިދިނީ އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެނުނީތީއެވެ.
ހަނީފުއާއި ހުސްނާއާއި ދެމީހުންނަށް ފިރިހެން ދަރިއަކު ލިބި، އެކުޑަކުޑަ އާއިލާ އުފާވެރިކަމުގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. ޝިއުނާވެސް ބޮޑުވެ، ކިޔަވާނިމި އަމިއްލަ ކުންފުންޏެއްގައި ޖޫނިޔަރ އާރކިޓެކްޓު އެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ މީގޭ ދެއަހަރެއް ވަރު ކުރިންނެވެ.
ޙަނީފު ނިންމައިގެން ހުރީ ޝިއުނާ މީހަކާ އިނދެ ހަމަ ޖެހުނީމާ އޭނާގެ މަންމަގެ ވާހަކަ ކިޔައިދޭށެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާގެ ކާފަ އޭނާއަށް ގުޅީއެވެ. ދެންވެސް ޙަނީފު ހަޤީޤަތް ވަންހަނާ ކުރަން އެތައް މަސައްކަތެއް ކުރިއެވެ. އެހެންނަމަވެސް މަންމަ މަރާލިކަމުގެ އިލްޒާމް ޙަނީފުގެ ބޮލުގައި އޭނާގެ ދަރިފުޅު އެޅުވުމުން ދެން އެހެންގޮތެއް ނެތިގެން ހަޤީޤަތް ހާމަ ކުރީއެވެ. މިއަދު އެކަން އެގޮތަށް ކުރެވުނީތީ ޙަނީފު ވަރަށް ހިތްހަމަ ޖެހުނެވެ. އޭނާގެ ދަރިފުޅަށް އެކަން ކިޔައި ނުދެވި އޮއްވާ ފަރީޝާ ދުނިޔެ ދޫކުރިނަމަ ދެން ވީހީ ކިހިނެތްބާވައޭ އޭނާގެ ހިތަށް އެރިއެވެ.
ވިހި އަހަރުގެ ދިގު މުއްދަކަށް ފަހު ރުޤްޔާކޮށްގެން ފަރީޝާ ރަނގަޅުވުން އެއީ ވަރަށް ނާދިރުކަމެއް ކަމުގައި އެންމެންވެސް ބުނަމުން ގެންދިޔައިރުވެސް އޭނާގެ ދަރިފުޅަށްޓަކައި އެކަމުގެ އަޖުމަބަލަންވެސް ހަނީފު ހުރީ ތައްޔާރަށެވެ. އެހެންނަމަވެސް އެކަން ނުފެށިއުޅެނިކޮށް ފަރީޝާ ނިޔާވީއެވެ.
ޙަނީފު އޭނާގެ ދަރިފުޅާއި ދިމާލަށް ބަލައިލިއެވެ. އޭރު އޭނާ އިނީ ދުރުބަލަހައްޓައިގެން ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. މިހާރު ޝިއުނާ އެހެރީ އޭނާއާއި ފަރީޝާ އާއި ދިމާވިއިރު ފަރީޝާ ހުރި އުމުރުގައެވެ. ފަރީޝާ ދަންނަ ކޮންމެ މީހަކު ޝިއުނާ ފެނުމުން ދަނީ ސިއްސައިގެންނެވެ.އެއާ އޭނާ ފަރީޝާ އާއި ވައްތަރު ކަމުންނެވެ.
ޙަނީފުއަށް ފުންނޭވާއެއް ދޫކޮށްލެވުނު އަޑަށް ޝިއުނާ ބަލައިލިއެވެ. އަދި ބައްޕާ އޯކޭ ތޯ ވަރަށް ލޯބިން އަހާލިއެވެ.
"ދަރިފުޅު އޯކޭ އިއްޔާ ބައްޕަ އޯކޭ ވާނެ!" ޙަނީފު ހިނިތުންވެލިއެވެ.
"ލައްބަ އަޅުގަނޑު ހަމަ އޯކޭ" ހީލާފައި ޝިއުނާ ބުނެލިއެވެ.
ޖަވާބުގައި ޙަނީފުވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. މިއަދު އޭނާގެ ދަރިފުޅުގުޅިގެން އެއުޅެނީ މިދިމާވި ހާދިސާ އިން އަރައިގަނެ، ދިރިއުޅުމާއިގެން ކުރިއަށް ދާނެ ރަނގަޅު މަގެއް ދައްކާނެ ޒުވާނެއްކަމުގައި އޭނާއަށްވެސް ގަބޫލު ކުރެވެއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުގެހަބަރު
03 March 2025
އެދުރުގެ ހަބަރެއް މިރޯދަމަހުވެސް ނެތްދޯ. އެދުރުގެ އެވާހަކައަކީ މިހާތަނައް ކިއުނު އެންމެ ޝައުގުވެރި ދިވެހި ވާހަކަ އެވާހަކައިގެ ނިމުމައް އަދިވެސް އިންތިޒާރުކުރެވޭ.
ވަނޫދު
03 March 2025
ހުސްވެސް ޑައިރީގެ ކަންކަން ރިޕީޓްކޮށްފަ ދެ ދުވަހުވެސް. އަދި ވަރަށް ފޫހި އިނގޭ