ވާހަކަ

ދިގު ވާހަކަ: ޑައިރީއަށް ފަހު - 4

05 މާޗް 2025 - 07:16

2 comments

ހަތަރު ވަނަ ބައި

އެއީ ވަށައިގެން އަނދާފައިވާ ކުޑަކުޑަ ކަރުދާސްކޮޅެކެވެ. އެއީ މަންމަގެ ޑައިރީގެ އެތިކޮޅެއްކަން ޝިއުނާއަށް ޔަގީންވިއެވެ. 'މި ނިމުނީކަމަށް ހީނުކުރާތި!' އޭގާއި ލިޔެފައި ވަނީ އެހެންނެވެ.

ޝިއުނާ ހައިރާންވިއެވެ. އޭތިކޮޅު އެހިސާބަށް އަންނަންވީ ކީއްވެގެން ބާވައެވެ؟ އޭގައިވާ ލިޔުންކޮޅާއި މެދު އޭނާ ވިސްނާލިއެވެ. ޑައިރީ ކިޔަމުން ދިޔައިރު އެތަންކޮޅު ކިޔުނު ހަނދާނެއް އޭނާ ނުވިއެވެ. އެވާނީ އޭނާ ނުކިޔާ ދޫކޮށްލިބައިގެ ތަންކޮޅެއްކަމަށޭ އޭނާގެ ހިތަށްއެރިއެވެ. އޭތި ކޮޅުވެސް އަންދާލަން ހިތަށް އަރާފައި ޝިއުނާގެ ޙިޔާލު ބަދަލުވިއެވެ. އެއީ އޭނާގެ އަސްލު މަންމަގެ އަތުލިޔުންކަމަށް ވީތީ މަންމަގެ ހަނދާނެއްގެ ގޮތުގައި ފޮރުވަން އޭނާ ނިންމިއެވެ.

ފުން ވިސްނުމެއްގައި ހުރެގެން ބޮޑުތަކުރުފާނު މަގުންލާފައި ޒިލާލު ކުރިއަށް ދިޔައެވެ. ޝިއުނާ މެންގެއިން އޭނާ އުޅޭ ހިސާބަށް ދާން ފުދޭ ވަރަކަށް ދުރެވެ. ޒިލާލު މަދުވެގެން ދުވާލަކު އެއްފަހަރު އެދަތުރު ކުރެއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. ޝިއުނާއަށް ލޯތްބާއި އަޅާލުން ބޭނުންވެފައިވާ މި ދަނޑިވަޅުގައި އޭނާ އަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްދޭން ތައްޔާރަށް ހުރިކަން ޝިއުނާގެ އާއިލާއަށްވެސް އޭނާ ދައްކަން ބޭނުމެވެ.

ހަމަ އެފަދައިން އެނާއަށް ވެސް މާލޭ ކުއްޖަކު ވެއްޖެކަން މުޅި ދުނިޔެއަށްވެސް އަންގަން އޭނާ ބޭނުމެވެ. މާލޭ މީހަކާ އިނދެގެން އުޅޭ ޒުވާނެއް އެރަށަކު މިހާރަކު ނެތެވެ. އޭނާ މާލޭ މީހަކު ހޯދާފައި ހުއްޓާލީ ނޫންކަމާއި އެނާއާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއްވެސް ފެށީކަން ރަށު މީހުންނަށް ދެއްކުމަކީ އޭނާ މިހާރު އެންމެ ބޭނުންވާ ކަންތަކެވެ. ރަށު މީހުންގެ ތެރެއިންވެސް ވަކިން ޚާއްޞަކޮށް އެކަކަށެވެ. ގުރޭޝާ އަށެވެ.

ގުރޭޝާއަކީ ކުޑައިރުއްސުރެ ޒިލާލުމެން ގޭތެރެއަށް އައިސް ކައިބޮއެހަދާ އެހެން އުޅުނު އަންހެން ކުއްޖެކެވެ. އޭނާގެ ކޮއްކޮ ޒުހުދާގެ ކުލާސް ކުއްޖެއްވީމާ ޒިލާލުވެސް އޭނާއަކަށް މާބޮޑު ސަމާލުކަމެއް އޭރަކު ނުދެއެވެ. ގުރޭޝާ ހަވަނަ ކުލާހުގައި އުޅެނިކޮށް އޭނާގެ މަންމަ ލ. އަތޮޅު މީހަކާ އިނދެގެން އެމީހާގެ ރަށަށް ބަދަލުވީއެވެ. އެހެންނަމަވެސް ދެއަހަރުވެސް ނުވަނީސް އެކައިވެނި ނިމުމަކަށް އައިސްގެން އެމީހުން އަނެއްކާ ރަށަށް އެނބުރިއައީ އެވެ.

އެފަހަރު ގުރޭޝާ ފެނުމުން ޒިލަލުއަށް އެންމެ ފުރަތަމަ ނުވެސް އިނގުނެވެ. ކުރިން ހިކިހިކި ކޮށް ކުޑަކުޑަކޮށް ހުރި ގުރޭޝާއަށް އައިސްފައިވާ ބަދަލުންނެވެ. ކުޑަކޮށް ފަލަވެ، ހަށިގަނޑުގެ ވަނާތަކަށް އައިސްފައިވާ ބަދަލުންނެވެ.

ޒިލާލުގެ ހިތުގައި ގުރޭޝާއަށް ޓަކައި މުޅިން އެހެންކަހަލަ އިހުސާސްތަކެއް އުފެދެން ފެށީ އޭނާގެ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. ކުރިއެކޭވެސް އެއްގޮތަށް އޭނާގެ ކޮއްކޮއާއި އެކީގައި އެގެއަށް އައިސް އުޅޭ އުޅުމުގައި ޒިލާލުއަށް ގުރޭޝާ ފެންނަ ހިސާބުގައި ހުންނަން ހިތް އެދެން ފެށިއެވެ. އޭނާއާއި މައްލަވަކޮށް ހީ ސަމާސާކުރާ ހިތްވާން ފެށިއެވެ. މާގިނަދުވަހެއް ނުވަނީސް ގުރޭޝާވެސް އޭނާއަށް ޚާއްޞަ ނަޒަރަކުން ބަލައޭ އޭނާގެ ހިތް ބުނަން ފެށިއެވެ.

އެވާހަކަ އޭނާގެ އެކުވެރި މުބީން ކައިރީގައި ދެއްކިއެވެ. ޒިލާލު އޭނާއަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ދެމީހުން މަޝްވަރާ ކުރުމަށްފަހު، މުބީން ރައްޓެހިވެގެން އުޅޭ ސަލްވާއާއި ގުރޭޝާއާއި ދެކުދިން ގޮވައިގެން އެދެމީހުން އެއްދުވަހަކު ފަޅު ރަށަށް ދަތުރު ދިޔައީއެވެ.

ޒިލާލުއާއި ގުރޭޝާގެ ލޯބީގެ ފެށުން އައީ އެ ކުޑަ ފަޅުރަށުންނެވެ. އޭރު އެއީ ޒިލާލުގެ މަދަރުސީ ހަޔާތުގެ އެންމެ ފަހު އަހަރެވެ. ކިޔަވާ ނިމުމުން، އެރަށުގެ ގިނަ ޒުވާނުންނެކޭ އެއްގޮތަށް ޒިލާލުވެސް ނިންމީ ވަޒީފާ އަދާކުރަން ރިސޯޓަކަށް ދާށެވެ. އޭނާ ދިޔައީ ވަރަށް ފޮނި އުއްމީދާ އެކީގައެވެ. ލާރި އެއްކޮށްގެން އޭނާގެ ލޯބިވާ ގުރޭޝާއަށް ރީތި ގަނޑުވަރެއް ފަދަ ކޮޓަރިއެއް ހަދައިދޭން ނިޔަތް ގަނެގެންނެވެ. އެއަށްފަހު ކައިވެނި ކޮށްގެން އުފަލުގައި ދިރިއުޅުމުގެ ހުވަފެން ދެކެމުންނެވެ.

އަހަރެއް ފަހުން، ގުރޭޝާ ކިޔަވާ ނިމިގެން ގަސްތުކުރީ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއަށް ވަންނާށެވެ. އޭރު ޒިލާލު އާއި ގުރޭޝާ މަޝްހޫރުވެފައިވަނީ ރަށުގެ އެންމެ ރީތި ޖޯޑުގެ ގޮތުގައެވެ. އެދެމީހުންނަށް ލިބޭ ދަރިން ހާދަ ރީތި ވާނެޔޭ ކިޔާ މީހުން ދިމާކޮށް ހަދާނެއެވެ.

އެއަހަރު ޒިލާލު ޗުއްޓީއަށް ރަށަށް އައީ އޭނާއަށް އެއްކުރެވުނު ހުރިހާ ލާރިއެއް ހިފައިގެންނެވެ. ގުރޭޝާގެ ކޮޓަރިން ވަދެވޭނެ ހެން އެޓޭޗް ފާޙާނާއެއް ހަދާށޭ ކިޔާފައި ގުރޭޝާއަށް އެހުރިހާ ފައިސާއެއް ދިނެވެ. އެކަން އެނގުމުން ޒިލާލުގެ މައިން ބަފައިން ހިތްހަމަ ނުޖެހުނެވެ. އެގޮތަށް ލިބޭހާ ލާރިއެއް ހިލޭ މީހަކަށް ޚަރަދުކުރުން އެއީ އޭހާ ރަނގަޅުކަމެއް ކަމަކަށް ނުފެނެޔޭ އޭނާގެ ބައްޕަ ބުންޏޭ ކިޔާފައި މަންމަ އައިސް ބުންޏެވެ.

"އެއީ ހިލޭ މީހެއް ނޫނޭ ބައްޕަ ކައިރީގައި ބުނޭ... އަންނަ އަހަރު ޗުއްޓީއަށް އައިސް އަހަރެން އޭނާއާއި ކައިވެނި ކުރާނަމޭ!" ޒިލާލު އެދުވަހު ޖަވާބު ދިނީ އެގޮތަށެވެ.

އެހެންނަމަވެސް ދެން ޗުއްޓީ އައުމުގެ ކުރިން ގުރޭޝާއާއި މާލެއިން އައި ޒުވާނަކާއޭ ކިޔައިގެން މުޅި ރަށުގައި އަޑުތަކެއް ފެތުރިގަތީއެވެ. ޒިލާލުއަށް ގުރޭޝާގެ ބަހަށް އިތުބާރު ކުރެވޭ ވަރަށްވުރެ ގާތްމީހުން އެދެމީހުން ގައިގޯޅިކޮށް އުޅެނިކޮށް ލޮލުން ދެކި އަތުން ހިފި ވާހަކަ ބުނީމާ ޒިލާލުއަށް އެކަން ގަބޫލުކުރެވުނީއެވެ. ވީ ދެރައިން އޭނާ ގުރޭޝާއާއި މުޅިން ގުޅުން ކަނޑާލާ، ވާހަކަ ދެއްކުންވެސް ހުއްޓާލީއެވެ. ދެން ލިބުނު ޗުއްޓީގައި އޭނާ ރަށަކަށް ނުވެސް ދެއެވެ.

ޒުހުދާއާއި އެކީގައި ޝިއުނާއަށް އެރަށަށް ދެވުނީ ޒިލާލުވެސް، އެތައް ދުވަހެއް ކޮށްފައި ޗުއްޓީއަށް ރަށަށް އައިސް އުޅެނިކޮންނެވެ. އޭނާ އެންމެ ފުރަތަމަ ޝިއުނާއާއި ގާތްވީ އޭނާއަށް ވެސް 'މާލޭ' މީހަކު ވެދާނެކަން ގުރޭޝާ އަށާއި ރަށު އެހެންމީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.

އެކަމަކު އިސާހިތަކު ޒިލާލުއަށް ނޭނގި ޝިއުނާގެ ދިރިއުޅުމުގެ ތެރެއަށް ވަންނަމުން ވަންނަމުން ގޮސް އެންމެ ފުނަށް ވަދެވުނީއެވެ. ޝިއުނާގެ ފަރާތުން އޭނާއަށް ލިބެންފެށި ލޯތްބާ އަޅާލުމުގެ ސަބަބުން ދާދި އަވަހަށް ގުރޭޝާގެ ފަރާތުން އޭނާއަށް ކުރިމަތިވި ހިތްދަތިކަން ހިތުން ފިލާގޮސް އެ ހަނދާންތަކާއި ދުރަށް ޖެހެވެންފެށިއެވެ. މިހާރު އޭނާ ލޯބިވަނީ ހަމަ އެކަނި ޝިއުނާ ދެކެއެވެ. އޭނާގެ ހަޔާތުގެ ދެން އޮތްބައި އޭނާ ހޭދަކުރަން ބޭނުންވަނީ ޝިއުނާއާއި އެކީ މާލޭގައެވެ.

ޝިއުނާގެ އެންމެ ގާތް އެކުވެރިޔާ އަޒީމާއާއި ނަޝީދުގެ ކައިވެނިކޮށްގެން ވަކިން ދިރިއުޅެން އެޕާރޓުމެންޓެއް ހޯދީ މާފަންނުކޮޅުންނެވެ. ނަޝީދުގެ އޮފީހާ ކައިރިންނެވެ. ޝިއުނާ މެންގެ އާއި އެތަނާ ދުރުކަމުން ޝިއުނާ ވަރަށް ޝަކުވާކުރިއެވެ. އެހެން ނަމަވެސް ކުދި ކިޔަމުންވެސް އޭނާ ޒިލާލު ގޮވައިގެން ހިނގާފައި އެހިސާބަށް ދެއެވެ. އެމީހުން އަވަދިނެތި އެތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭއިރު ޝިއުނާއާއި ޒިލާލުއާއި ދެމީހުންވެސް އެހީތެރިވެދީ ހަދައެވެ.

އެގޮތުން ބެޑްރޫމް ސެޓް ރާވަން އައި ރޭ ނަޝީދު އޮފީހުގެ ކަމަކު ބަޔަކާ ބައްދަލު ކުރަން ދާން ޖެހިގެން ދިޔައީ ޒިލާލުއާއި ޝިއުނާއާއި ދެމީހުން ބައިތިއްބާފައެވެ. ކޮޓަރިތެރޭގައި ފަރުނީޗަރު ރާވާ މީހުން މަސައްކަތް ކުރަމުން ގެންދިޔައިރު ޝިއުނާއާއި ޒިލާލުއާއި ދެމީހުން ސިޓިން ރޫމް ސޯފާގައި މަޑުކޮށްލައިގެން ތިބީއެވެ. މަސައްކަތް ނިންމާލާފައި އެމީހުން ދިޔުމުންވެސް ޝިއުނާ ބޭނުންވީ ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލާށެވެ. އެކަމާ ޒިލާލުވެސް އެއްބަސް ވިއެވެ. އެއީ އެދެމީހުންނަށް އެގޮތަށް މިނިވަންކަމާއި އެކީގައި ބައްދަލުކޮށްލާނެ މާހައުލެއް ލިބުނު ފުރަތަމަ ފަހަރެވެ.

"ނޫން މީގޯހެއް!" ވަކި ހިސާބަކުން ޒިލާލު ބުނެލިއެވެ. އަދި ދަމާ ހިނގާށޭ ކިޔާފައި ސޯފާއިން ތެދުވިއެވެ. އެވަގުތު ޝިއުނާގެ ހަނދާނަށް އައީ އޭނާ އާއި ގުރޭޝާއާއި އެންމެ ގިނައިން ޖެހޭ މައްސަލަކަމަށް އޭނާ ކިޔާދީފައިވާ ވާހަކައެވެ. ޝިއުނާވެސް އެފާޑުގެ އަންހެން ކުއްޖަކަށް ވެގެން ޒިލާލު އޭނާ ދެކެ ފޫހިވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ޝިއުނާ އަވަސް އަވަހަށް ތެދުވިއެވެ. އޮޅުވާލާފައި މާލަސްވެއްޖެ ދޯއޭ ބުނަމުންނެވެ.

އޭރު ދަންވަރު ބާރަ ޖަހައިފިއެވެ. އެހެންކަމުން އެމީހުން ނިންމީ ޓެކްސީއެއްގައި ގެއަށް ދާށެވެ. ޝިއުނާ ގޭދޮށަށް ބާލާފައި އެގެއަށް ވަންނަން ނޫޅެ ހަމަ އެޓެކްސީގައި ޒިލާލު ހުންނަތަނަށް ދާންނައްޓާލީއެވެ.

ގޭ ދޮރާށި ހުޅުވާލުމާއިއެކު ޝިއުނާއަށް ކޮންމެވެސް ކަހަލަ އުނދަގުލެއްވިއެވެ. ގައިތޮރުފާލާ ކަހަލަ ފިންޏެއް ވެގެން ދިޔަ ހިނދު އޭނާ ބިރުގަތެވެ. އަވަސް އަވަހަށް އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު އިރުދޭމާގަސް ތެރޭ ބޮނދާ އޮތް ކަޅު ބުޅާ ޝިއުނާގެ ކައިރިއަށް ދާން ފަރިކުރަމުން ދާކަމެއް އޭނާ ނުދެނަހުއްޓެވެ.

ޝިއުނާއަށް ގޭތެރެއަށް ވަންނަ ދޮރާއި ހަމައަށް ދެވުނު ތަނާ އޭނާގެ ބައްޕަ އެތެރެއިން ދޮރު ހުޅުވާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.

"ދޮރާށި ތަޅުލިންތަ؟" ޙަނީފު ސުވާލުކޮށްލިއެވެ.

ޝިއުނާ ނޫނޭކޭ ބުނަން ބޯ ހޫރާލުމުން ޙަނީފު އެދިމާލަށް ހިނގައިގަތެވެ. އެޔާއިކު މަންޒަރު ބަލަން އޮތް ބުޅާ ހަނީފުއަށް ފަރުދާވިއެވެ.

ޙަނީފު އެތެރެއަށް އައި އިރު ޝިއުނާ ހުރީ ފެންބޯށެވެ. އޭރު އޭނާ ހުރީ އިތުރަށް ކަންބޮޑުވެފައެވެ. އޭހާ ލަހުން ގެއަށް އައީމާ އޭނާގެ ބައްޕަ ހިތްހަމަ ނުޖެހުނުކަން އެގުނީތީއެވެ.

އަސްލު ޙަނީފު ޖެހިލުންވަނީ އޭނާ ޒިލާލުއާއި އެކީ އެކަނި ބޭރަށް ދިޔައީތީއެއް ނޫނެވެ. އެކަމަކު ޖިންނި ޝައިތޯނެއްގެ ފަރާތުން ޝިއުނާއަށް އަތުވެދާނެ ޙަމަލާއަކަށެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅު ހިތްބިރު ގަންނަވަން އެހެންބުނާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭގޭބަދަލުގައި އޭހާ ދަންވަންދެން ބޭރުގައި އުޅެން ބައްޕަ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއޭ ބުނެލާފައި ނިންމާލީއެވެ.

ޝިއުނާ ލަސްވިގޮތް ކިޔައިދިނެވެ. އެޔާއިއެކު އަޒީމާމެންގެ ކައިވެންޏާއި ބެހޭގޮތުން ޙަނީފު ސުވާލުކުރިއެވެ.

"ބައްޕައަށް ފެންނަނީ ދަރިފުޅުމެންވެސް ދެން އިންނަން" ޙަނީފު ކުޑަކޮށް ވިސްނާލާފައި ބުންޏެވެ.

އެވަގުތު ޝިއުނާއަށް ލިބުނު އުފަލެއް ބުނެދޭންވެސް ނޭނގުނެވެ. އެއީ އޭނާވެސް މިހާރު އެންމެ އެދިއެދި ހުރި ކަންތަކެވެ.

ޝިއުނާ ކޮޓަރިއަށް ވަދެ ވަގުތުން ޒިލާލުއަށް ގުޅިއެވެ. އެޚަބަރު ލިބުމުން އޭނާވެސް ވަރަށް އުފާވިއެވެ. އޭނާ އެންމެ އުފާވީ މިހާރު އެ ދިރިއުޅޭ ކޮޓަރިގަނޑުން ނުކުމެވޭނެތީ ކަމުގައި އޭނާ ޝިއުނާކައިރީގައި ބުނެލިއެވެ.

ކޮންމެއަކަސް އަޒީމާމެންގެ ކައިވެނި ޕާޓީއަށް ދިޔައިރު ޝިއުނާއާއި ޒިލާލުގެ ކައިވެނީގެ ތާރީޚު ކަނޑައެޅި ދެއާއިލާގެ ފަރާތުން އެކަމާ ވާހަކަ ދެކެވި ހުރިހާކަމެއް ނިމިއްޖެއެވެ. އަޒީމާގެ ވެޑިން ޑުރެސް ފަހައިދިން މީހާ ކައިރިއަށް ގޮސް ޝިއުނާގެ ހެދުން ފަހަން މިންނަގާ ހެދީ އެދުވަހު ހެނދުނުއެވެ.

މެހެމާނުންނަށް ދަޢުވަތު ދީފައިވާ ގަޑިއަށްވުރެ ކުރިން އޭނާއާއި ޒިލާލުއާއި ދެމީހުން ޕާޓީ އޮންނަތަނަށް ދިޔައެވެ. ޝިއުނާ ކަށިމައްޗާ ހަމައަށް އަންނަ މަޑު ނުކޫލައިގެ ވިދާ ފޮތީގެ ހެދުމެއް ލާފައި ހުރިއިރު ޒިލާލު ހުރީ އެއަށް ވުރެވެސް މަޑު ނޫކުލައެއްގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ލާފައެވެ. އެދެމީހުން ފެންނައިރަށް މިހާރުވެސް ހީވަނީ ހަމަ ދެމަފިރިން ހެންނޭ ކިޔައިގެން އަޒީމާ ދިމާކުރަން ފެށިއެވެ.

ޕާޓީއަށް މީހުން އަންނަން ފެށުމުން ޝިއުނާއާއި ޒިލާލުއާއި ދެމީހުން އެއްކައިރިއަށް ޖެހިލިއެވެ. ބެލްކަނީގެ ރެއިލިންގ ގައި އަތް އަޅުވާލައިގެން މަޑުކޮށްލައިގެން ތިބީއެވެ.

"ތީނަ ކޯޓު ލީމާ ވަރަށް ސްމާޓު ވާނެ!" ޝިއުނާ ޒިލާލުއާއި ކައިރިއަށް ޖެހިލިއެވެ. އެހެންހެއްޔޭ ބުނަމުން ޒިލާލު ޝިއުނާގެ އުނަގަނޑުގައި ހިފާ އިހަށްވުރެވެސް ގާތްކޮށްލިއެވެ.

"ދެން މާގިނަދުވަހެއް ނެތެއްނު!" ވަރަށް ލޯތްބާއެކު ޒިލާލު ބުނެލިއެވެ. (ނުނިމޭ)

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަބީނާ

05 March 2025

«ހަމަ އެފަދައިން އެނާއަށް ވެސް މާލޭ ކުއްޖަކު ވެއްޖެކަން މުޅި ދުނިޔެއަށްވެސް އަންގަން އޭނާ ބޭނުމެވެ.» މާލޭ މީކަށްވުން ދެން މީ މާ މޮޅު ކަމެއްތަ؟ ނީނާވެސް ޓިޕިކަލް ދޯ!

The name is already taken The name is available. Register?

ލުލޫ

05 March 2025

ޝިއުނާ ބައްޕާ... ޝިއުނާ ރައްކާތެރި ކުރަން ކަމެއްނުކޮށް ތިހެން ނުހުރޭ. ހަނީފު އާއި ފަރީޝާއަށް ވީގޮތަށް ޒިލާލު އާއި ޝިއުނާއަށް ވާކަށް ބޭނުމެއްނޫން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454