07 މާޗް 2025 - 13:20
ޔޫރޯ މާކެޓިންގެ ބޮންޑުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮންޑުގެ އިންވެސްޓަރުންނަށް ދޫކޮށްފި އެވެ.
ހުޅުމާލޭގައި ކޯލްޑް ސްޓޯރޭޖެއް ހެދުމަށް އެ ކުންފުނިން ބޮންޑެއް މެދުވެރިކޮށް ފައިސާ ހޯދީ ޑިސެމްބަރު 29، 2022، ގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޕްލޭސްމެންޓްގައި ލިސްޓުކުރި ބޮންޑެވެ. އެ ބޮންޑު އަނބުރާ ދައްކަން ޖެހެނީ ހަތަރު އަހަރުންނެވެ. އަދި 7.5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ފައިސާ ދައްކަން ޖެހޭނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ހުޅުވާލި އެ ބޮންޑު ދެ މަސް ދުވަހުގެ ތެރޭގައި ވަނީ އޯވަސަބްސްކްރައިބުވެފަ އެވެ. އެ ބޮންޑު މެދުވެރިކޮށް ޔޫރޯ މާކެޓިން އިން 25 މިލިއަން ރުފިޔާގެ ފައިނޭންސް ހޯދި އެވެ.
ބޮންޑަކީ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ގެންގުޅޭ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގައި އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ. ބޭންކް ލޯނުތަކާ ހިލާފަށް، ބޮންޑަށް އެއް އިންވެސްޓަރަށް ވުރެ ގިނަ އިންވެސްޓަރުންގެ އަތުން ވެސް ފައިސާ ހޯދޭނެ އެވެ.
ޔޫރޯ މާކެޓިން އިން މިދިޔަ އަހަރުގެ މާޗް މަހު ވެސް ވަނީ އިންވެސްޓަރުންނަށް ޕީރިއޯޑިކް ޕޭމެންޓްގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އެ ބޮންޑު އިޝޫ ކުރުމުގެ ލީޑް އޭޖެންޓަކީ ފަސްޓް ނެޝަނަލް އެވެ. ފަސްޓް ނޭޝަނަލް އިން ވަނީ މި ބޮންޑް ސްޓްރަކްޗާ ކުރުމަށާއި ޑިއުޑިލިޖަންސް ހެދުމާއި ޕްރޮސްޕެކްޓަސް ތައްޔާރުކޮށް، ބޮންޑު ލިސްޓްކުރުމަށް ކުރުމުގެ މަސައްކަތްތައް ކޮށްފަ އެވެ. އެ ކުންފުނިން ވަނީ ޔޫރޯ މާކެޓިންގެ އިތުރުން މެޑްޓެކާއި އައިކެއާ އަށް ވެސް ފައިނޭންސް ހޯދުމުގައި އެހީތެރިވެފަ އެވެ.
ފަސްޓް ނެޝަނަލް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމުން އަންނަ އިރު މިއީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރު ފުޅާ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުޓިން
08 March 2025
މޮޅެތި ނަންނަމުގައި ވިޔަސް ރިބާ ހިމެނޭ ކޮންމެ ފައިނޭންޝަލް އިންސްޓުރުމަންޓެއް ހަލާލު ވާނެ ގޮތަކީ ކޮބާ؟ މިފަދަ ކަންކަމުން ފައިދާ ހޯދުމުގެ ބަދަލުގައި ހަލާލު މަގުން ހޯދޭތޯ ބަލަމާ.
ދަލޭކަ ދައިތަ
07 March 2025
އަލްހާނު ކުޅުނު ކަހަލަ އަނދުން އަޅުވާ ޗަރުކޭހަކަށް ނުވާނެ ކަމަށްބަލަމާ!! އަލްހާނުވެސް ހާދަހާ ބަޔަކު މުއްސަނދިކޮށްދިން ފަހުންނޭ ތަފާތުއަޑެއްއެރިީ. އަލްހާނުބުނިގޮތުން އެމްއެމްއޭވެސް އޮތީ އޭނަގެ ފަހަތަށް އަރަންޖެހިފަ.
އީ މާން
07 March 2025
މަ އިންވެސްޓުކޮށްލާނީ ސީދާ ބޮންޑުގެ ހަލާލު ވައްތަރު ކަމަށްވާ ސުކޫކެއްގަ (އ)
އަސް
07 March 2025
100% މުސްލިމުން އެކަމަކު އިނަޓަރެސްޓް ކާން ޢޯކޭ، ސަޅި
ހުސެން ސައީދު
08 March 2025
އިންޓްރެސްޓް ގެ ބަދަލުގަ "ޕްރޮފިޓް ކީމަ ވަރިހަމަ ދޯ؟