މާލިއްޔަތު ކޮމިޓީގައި ނާޒިމް ވާހަކަ ދައްކަވަނީ: ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ފުލުހުންނަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މަޖިލީސް
14 އެޕްރީލް 2025 - 16:07
ކޮވިޑް-19 އާ ގުޅިގެން ހޯދަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
ކޮވިޑުގެ ދުވަސްވަރު، 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ އެއްޗެހި ލިބިފައެއް ނުވެ އެވެ. އެ މައްސަލަ ދިވެހި ސަރުކާރުން ބޭރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކުންފުނިން ދިވެހި ދައުލަތަށް 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އާއި ލިކުއިޑޭޓް ޑެމޭޖުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެ ފައިސާ ވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ އެ ކުންފުނި ގޮވައިގެން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި ކަމަށާއި އެ ކުންފުނީގެ ވެރިމީހާ ވެސް އައިޑެންޓިފައިނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމީހާ ވީތަނެއް ވެސް ނޭންގޭ. ރެސްޕޮންޑެއް ވެސް ނުކުރޭ. އެހެންވީމަ، ހަމަގައިމު ވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ނެރެފައި އޭގެ އޯނަރު ހޯދާފައި ރެޑް ނޯޓިސް ނެރޭ ހިސާބުން އަޅުގަނޑުމެންނަށް އަތުވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހާ ހޯދިއްޖެނަމަ، އެ ފައިސާއިން ކުރި ކަންކަން ވެސް އޮޅުން ފިލުވޭނެ ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި އިތުރު ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ވެސް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް އާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި ދިވެހި ސަރުކާރަށް ދުބާއީ ކުންފުނިން ދައްކަންޖެހޭ 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ މާޗް މަހު އޮތީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
15 April 2025
ފޮޓޯއިން ފެންނަނީ ކަރަޕްޝަން ދެނެގަތުމުގެ މާހިރެކޭ މަމެން ބުނާކަށްނެތިން. އެޓޯލް މިނިސްޓްރީ ދުވަސްވަރު ހިންގާލި ކަރަޕްޝަނުގެ ބައިވެރިން އަދިވެސް ނުހޯދޭކަމަށްވަނީ. ވެންޓިލޭޓަރު މައްސަލައަކީ، ތެދަށް ބުނަންޏާ އުސޫލުގެ ތެރެއިން ހިންގާފައިއޮތްކަމެއް، އެދަނޑިވަޅަކީ މުޅި ދުނިޔެވެސް ވެންޓިލޭޓަރަށް ޖެހިފައި އޮތް ވަގުތެއް.
ޢޮނަރަބަލް ބަކުރުބެ
14 April 2025
ހުޅުމާލެ ވަގު ގޯތި ވަގު ފުލެޓުތަކުގެ މައްސަލަ ތައް އޮއްބާލާފައި ދެން ކޮން ވެންތިލޭޓަރެއް ގެ ވާހަކަތޯ . ؟
ޝާހިލްް
15 April 2025
ވެންޓިލޭޓަރުން ވައްކަން ކުރި މީހުން ފަޅާއަރަނީ. އެހެންވެ އެމްޑީޕީ ވ މިއުޅެނީ ބިރުން
ޢަބޫރު
14 April 2025
އެކަމުގެ އަޑީގަ ހުންނާނީ ޑަބްލިޔު އެޗް އޯ ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުރި އިންޑިޔާގެ މަރުތުރު.. ޑަބަލް އިމިޔުނިޓީ ނަގައިގެން އެހުންނަނީ އެކަމުން ރެކިގެން.
ބްލަޑް
14 April 2025
އަޅޭ! އަތުނުވާނެކަން ޔަޤީންވާ މީހަކު ހޯދަން ކީއްކުރަން ނެރޭ ނޯޓިސް އެއް؟ ފުރަތަމަ އަތްފޯރާ ފަށުގަ ތިބި މީހުން ހައްޔަރު ކޮށްބަލަ.
ރާހިލް ރަޝީދު
15 April 2025
ރެޑް ނޯޓިސްއެއް ކަލޭމެންނަކަށް ނުނެރެވުނެއްނު. މިސަރުކާރުން ކަލޭމެން ހޭވިހާ ހުރިހާ ހަޑިއެއް މި ސާފުކުރަންޖެހެނީ. މައިމުލު ހައްޔަރުކޮށްގެން ދެންތިބި ވަގުންވެސް ހައްޔަރު ކުރެވޭނީ.
ދައިގަންނަގުރާ
14 April 2025
ދިވެހި ސަރުކާރު ގެ ޕްރޮކިއުރމެންޓު ޕްރޮސެސްއެކޭ ޑިގްރީ ނިންމާފަހުރި ފިޔަ ނުފަޅާ ހުރި ފިޔޮކެއް ވިޔަފާރި ކުރާ އުސޫލެކޭ ތަފާތުވެފަ ކޮބާ؟ ފޭސްބުކުން ޕްރޮޑަކްޓެއް ގަތުމެކޭ ޤައުމަށް ބޭނުންވާ މުހިއްމު އިކްވިޕްމަންޓް ގެނައުން މިވީ އެއްވަރެއްނުން؟ އުސޫލާއި ޚިލާފަށް ކަންކުރީމަ ގެއްލުންވަނީ ޤައުމުގެ މާލިއްޔަތަށް. ގައިމުވެސް އެ އޯޑަރު ޖެހި މީހާ އެނގޭތާ؟ އޭނަ ތަޅުވާލަން ފެނޭ.
ލާމިއު މުހައްމަދު
15 April 2025
ތީހަމަ އެމްޑީޕީ ނާގާބިލުކަން. އަސްލު ވައްކަން ކުރަންވެގެން ކުރި ކަމެއްތީ. ނޭނގިގެން ކުރިކަމެއް ނޫން
ކުޑަދޫ2
14 April 2025
ނާޒިމް ފާހަގަވަނީ އެތަށް ބައެއްގެ ބޮލުގައި އިލްޒާމު އެޅޭގޮތަށް ވާހަކަ ދައްކާ މީހެއްގެ ގޮތުގައި. ސަރުކާރު ކުންފުނިތަކުގައި ތިބެގެން ނާޖާއިޒު މަންފާހޯދާ މީހުން ނުވަތަ ތުހުމަތު ކުރެވޭ މީހުންގެ ނަމާއި އެކު މީޑިއާއަށްދޭ އުސޫލުން ކޯޕަރޭޓް ސޮސައިޓީ ތަކަކީވެސް ސަރުކާރުގެ ބޮޑު ހިއްސާއާއި އެހީތެރިކަން ލިބޭ ތަންތަނަށް ވާތީ ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާއްމުކުރެވެން ޖެހޭނެ. އެހެން ނޫނީ އެތަށް ބަޔަކަށް ތުހުމަތުކުރެވި މުޖުތަމައުގައި ފިތުނަ އުފެދޭ
ކޮވެލި
14 April 2025
ނާޒިމަށް ތިކަންކަން ވަރަށް ރަނގަޅަށް އެނގޭނެ.
ލލލަ
14 April 2025
ދިވެހިން ތަކޯ. އެމީހުން އެކަންކުރީ ބައި އެޅޭގޮތަށް ކަން ކުދި ހިނި ވެސް ދަނޭ. އެމީހުން އުލުބައިންދަބަލަ. ޕްލީޒް. ވޯޓު ދޭނަން އޭރުން
ތުނޑު ހަސަނު
14 April 2025
މިބޭފުޅާއަކީ ވަރަަށް ބޮޑަށް ކޮރަޕްޝަން އެކްސްޕީރިއަންސް ކުރައްވާފައި ހުންނެވި ބޭފުޅެއް. ކަރަޕްޝަން ހިންގާނެ ގޮތާއި އެޕްރޯޗްކުރާނެ ގޮތާއި ކަރަޕްޝަނުގެ ފައިސާއިން އެސެޓް ހޯދާނެގޮތުގެ ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއް. މި ތަޖުރިބާތަކުގެ އަލީގައި ކުރިމަގުގައި ކޮރަޕްޝަން ހިންގުން ހުއްޓުވައި ނުޙައްގުން ހޯދާ އެސެޓްސް ރިކަވަރކުރުމަށް ގާނޫނުތައް ހަދަންޖެހޭގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިފުރުސަތުގެ ބޭނުން ހިފައި ގައުމު ސަލާމަތްކުރަން ގޮވާލަން
ޜެޑު
14 April 2025
ނެރުބައްތި ވަގު އަދިވެސް ނުފެނޭ ،
ބަކުރުބޭ
14 April 2025
އިންޓަރޕޯލް ރެޑްނޯޓިސް ނެރެނިކޮށް ފެނިދާނެ