ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 އެޕްރީލް 2025 - 13:42
ވިލާ ކޮލެޖުގެ މެއި މަހުގެ އިންޓޭކަށް އާ ޕްރޮގުރާމުތަކެއް ލޯންޗުކޮށްފި އެވެ.
އެ ކޮލެޖުން އަލަށް ތައާރަފްކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ އޭވިއޭޝަން ދާއިރާގެ މާސްޓާސް ކޯހަކާއި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން ތައާރަފްކުރި ސެޓްފިކެޓް ތިނެއްގެ ކޯސްތަކަކާއި ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ހިންގާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގުރާމްގެ ދަށުން ތައާރަފްކުރި ސެޓްފިކެޓް ތިނެއްގެ ކޯސްތަކެކެވެ.
އެ ކޮލެޖުން އަލަށް ތައާރަފްކުރި މާސްޓަ އޮފް ސައިންސް އިން އޭވިއޭޝަން މެނޭޖްމަންޓު ކޯހަކީ އޭވިއޭޝަން ދާއިރާގެ ލީޑާޝިޕް މަގާމުތަކަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ތައާރަފްކުރާ ކޯހެކެވެ. އެ ކޯހަކީ މިހާރު އެއާޕޯޓުތަކާއި އެއާލައިންތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުނަރާއި އިލްމީ ގާބިލުކަން މިހާރަށް ވުރެ ފުރިހަމަކުރުމަށް އެހިވެދޭނެ ކޯހެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ އެ ކޯ ހުން އިންޑަސްޓްރީގެ ގަވާއިދުތަކާއި މެނޭޖްމަންޓުގެ އުސޫލުތަކާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހާއްސަ ހާލަތުތަކަށް އިސްކަންދީގެން މޮޑިއުލްތައް ފަރުމާކޮށްފައިވާ ކަމަށެވެ. އަދި އެ ކޯހުގައި އެއާޕޯޓާއި އެއާލައިން މެނޭޖުމަންޓާއި އޭވިއޭޝަންގެ ސަލާމަތީ ކަންތައްތައް އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ކޮލެޖުން ބުނީ އެ ޕްރޮގުރާމުގައި ކިޔަވައި ދެއްވާނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި އެ ޕްރޮގުރާމުގައި ކޭސް ސްޓަޑީޒް އަދި ކެޕްސްޓޯން ޕްރޮޖެކްޓެއް މެދުވެރިކޮށް ދާއިރާގައި ކުރިމަތިވެދާނެ އެކި ހާލަތްތަކަށް ތައްޔާރުކޮށްދޭނެ ކަމަށެވެ. އަދި އެ ޕްރޮގުރާމުގެ ހުރިހާ މޮޑިއުލްތަކަކީ އޭވިއޭޝަން ސެކްޓަރަށް ހާއްސަ މޮޑިއުލްތަކެއް ކަމަށާއި، ސްޓްރެޓީޖިކް މެނޭޖްމަންޓް ސިމިއުލޭޝަންތައް މެދުވެރިކޮށް ކިޔަވައިދޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ. އެ ޕްރޮގްރާމްގެ އެއްބަޔަކީ އެޕްލައިޑް ރިސާޗް ޕްރޮޖެކްޓް އިން އޭވިއޭޝަން މެނޭޖްމަންޓްގެ ކެޕްސްޓޯން ޕްރޮޖެކްޓެކެވެ.
ވިލާ ކޮލެޖުން ސެއިލްސް ޕްރޮޖެކްޓުގެ ދަށުން ލޯންޗުކުރި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން، ވޯލްޑް ބޭންކުން ފައިނޭންސްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސްގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމުތަކެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަން ހަމަޖެހިފައިވާ އެ ޕްރޮގުރާމުތަކުގައި ހިލޭ ބައިވެރިވެވޭނެ އެވެ.
އެ ޕްރޮގުރާމުތަކުގެ ތެރޭގައި ހިމެނޭ ސެޓްފިކެޓް 3 އިން އެކުއެޓިކް ރެކްރިއޭޝަން ޕްރޮގުރާމުގައި އެކުއެޓިކް ރެކްރިއޭޝަން ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދޭނެ އެވެ. އެ ކޯސް ކުރިއަށް ގެންދާނީ ކ. މާފުށި އަދި އއ. އުކުޅަހުގަ އެވެ.
ސެއިލްސްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް ކޯހަކީ ގެސްޓް ހައުސް އޮޕަރޭޝަންސް ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެ ކޯސް ހިންގަން ހަމަޖެހިފައި ވަނީ ބ. ދަރަވަންދޫ، ވ. ފުލިދޫ އަދި އއ. ތޮއްޑޫގަ އެވެ.
ސެއިލްސްގެ ދަށުން ތައާރަފްކުރި ނެޝަނަލް ސެޓްފިކެޓް 3 އިން ސްނޯކްލިން ކޯހަކީ ސްނޯކްލިން އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތަކާއި ސަލާމަތީ މައުލޫމާތު ދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެ ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ ކ. ތުލުސްދޫ އަދި އދ. ދިގުރަށުގައި އެވެ.
އެ ކޯސްތަކުގެ އިތުރުން މާލޭގައި މެރިން އިންޖީނުތަކާ ގުޅުންހުރި މެކޭނިކަލް މަސައްކަތްތަކަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކްސް ކޯހާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ޗައިނާ ބަހުން މުއާމަލާތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ބޭސިކް ޗައިނީޒް ލެންގުއެޖް ކޯހެއް ވެސް ހިމެނެ އެވެ. އެ ކޯހަކީ ދެ މަސް ދުވަހުގެ ކޯހެކެވެ.
ވިލާ ކޮލެޖުން ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ހިންގާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގުރާމުގެ ދަށުން ލޯންޗުކުރި ޕްރޮގުރާމުތަކަކީ ވެސް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ ކޯސްތަކެކެވެ. އެ ޕްރޮގުރާމުގެ ދަށުން ތައާރަފްކޮށްފައި ވަނީ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯހާއި ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ކޯހެވެ.
ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ ޕްރޮގުރާމީ ހަތަރު މަސް ދުވަހުގެ ކޯހެކެވެ. އެ ކޯހުގައި ވިލާ ކޮލެޖުގައި ދެ ހަފްތާގެ މުއްދަތައް ތިއަރީ ކްލާސްތައް ކުރިއަށް ދާނެ އެވެ. އަދި ޔުނިވާސަލްގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި ތިން މަހާއި ދެ ހަފްތާގެ މުއްދަތަށް އޮފަރޭޝަނަލް ޑިޕާޓްމަންޓުތަކުގައި އަމަލީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު ދޭނެ އެވެ. މި ޕްރޮގުރާމުގެ ބައިވެރިންނަށް ކޯސް ފީ، އަދި ތަމްރީނުގެ މުއްދަތުގައި މަހަކު 3,000 ރުފިޔާގެ ސްޓައިޕެންޑެއް ލިބޭނެ އެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ޕްރޮގުރާމަކީ 24 ހަފްތާގެ ޕްރޮގްރާމެކެވެ. އެ ޕްރޮގުރާމުގައި ވިލާ ކޮލެޖުގައި 15 ހަފްތާއަށް ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން ޔުނިވާސަލް ފައުންޑޭޝަންގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި ދެ މަސް ދުވަހުގެ އިންޓާންޝިޕެއްގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.
މި ދެ ޕްރޮގުރާމަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހު އެވެ.
ވިލާ ކޮލެޖުން އަލަށް ލޯންޗުކުރި ހުރިހާ ޕްރޮގުރާމެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލާފަ އެވެ. ސެއިލްސްގެ ޕްރޮގުރާމުތައް ފިޔަވައި އެހެން ޕްރޮގުރާމުތަކަށް ވިލާ ކޮލެޖުގެ ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ. އަދި ސެއިލްސްގެ ދަށުން ހިންގާ ކޯސްތަކަށް ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy