21 މެއި 2025 - 17:25
ވިލާ ކޮލެޖުން މޭ އިންޓޭކުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް މަރުހަބާ ކިއުމަށާއި ކޮލެޖުގެ މާހައުލަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް "އޮރިއަންޓޭޝަން ވީކު"ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.
އިއްޔެ ފެށި މި ހަރަކާތުގައި ހަވީރު 4 އިން ރޭގަނޑު 10އަށް ފެކަލްޓީ އޮރިއަންޓޭޝަން ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ. އެ ސެޝަން ކުރިއަށް ގެންދިޔައީ ކެމްޕަހާއި ގޫގުލް މީޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ސެޝަންގައި ފެކަލްޓީތަކުގެ އިސްވެރިންނާއި ލެކްޗަރާއިން ދަރިވަރުންނާއި ބައްދަލުކޮށް އެކި ޕްރޮގުރާމުތަކުގެ މައުލޫމާތުތައް ވަނީ ދީފަ އެވެ.
"އޮރިއަންޓޭޝަން ވީކު"ގެ ދަށުން މިއަދު ކުރިއަށް ދަނީ "ވީސީ ސްކެވެންޖާ ހަންޓް" އެވެ. އެ ހަރަކާތް މިއަދު ހަވީރު 4 އިން 6 އަށް ފައުންޑޭޝަން ދަރިވަރުންނަށް ބާއްވާއިރު މިރޭ 7 އިން 9 އަށް މި ހަރަކާތް އަންޑަ ގްރެޖުއެޓް ދަރިވަރުންނަށް ކުރިއަށް ދާނެ އެވެ. ވިލާ ކޮލެޖުން ބުނީ އެ ހަރަކާތުގެ ތެރެއިން ކޮލެޖުގެ އިދާރާތައް ކަމަށްވާ ރެޖިސްޓްރޭޝަނާއި ފައިނޭންސާއި އިމްތިހާނާ ބެހޭ ބައި އަދި ލާނިން ސަޕޯޓް ފަދަ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އޮރިއެންޓޭޝަން ވީކުގައި ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަލަށް ގުޅޭ ދަރިވަރުންނާ ބައްދަލުކޮށް މަރުހަބާ ކިއުމަށް ހާއްސަކޮށް ސެޝަނެއް މާދަމާ ކުރިއަށް ގެންދާނެ އެވެ.
އެ ޕްރޮގުރާމުގެ ދަށުން މާދަމާ ރޭގަނޑު 7 އިން 9 އަށް "ވީސީ ވާޗުއަލް ވެންޗާ"ގެ ނަމުގައި އޮންލައިންކޮށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. އެ ސެޝަން އަކީ ދުރުގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ސެޝަނެކެވެ.
ވިލާ ކޮލެޖުގެ "އޮރިއަންޓޭޝަން ވީކް"އާ ގުޅޭގޮތުން އެ ކޮލެޖުގެ ސްޓޫޑަންޓް ސާވިސަސް މެނޭޖަރު ފާތިމަތު ޖަޒްލީ އާމިރު ވިދާޅުވީ އެ ހަރަކާތަކީ ވިލާ ކޮލެޖުން ލިބެން ހުރި ހިދުމަތްތަކުގެ ފުރިހަމަ މައުލޫމާތުތައް ހިއްސާކޮށް، ދަރިވަރުންގެ ކިޔެވުމަށް އެ ކޮލެޖުގައި ހޭދަކުރާ ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް އެ ކޮލެޖުގައި ހުރި ވަސީލަތްތަކާއި ފުރުސަތުތަކުގެ މައުލޫމާތުތައް ހިއްސާކުރުން ކަމަށެވެ.
ވިލާ ކޮލެޖުން ކޮންމެ އިންޓޭކަކަށް ހާއްސަކޮށް އޮރިއެންޓޭޝަން ޕްރޮގުރާމްތައް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy