އެލިއާ އާއި އެމްއައިޓީ ގުޅިގެން ބާއްވާ 11 ވަނަ ބޯޓު އޮޕަރޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ޖުލައި 2025 - 14:29
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ 11 ވަނަ ޕްރޮގުރާމު މިއަދު ފަށައިފި އެވެ.
މި ޕްރޮގުރާމް ފަށަން މިއަދު ހެނދުނު މީރުމާ ހޮޓަލުގެ ހޯލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވަނީ އެފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
ސައީދު ވިދާޅުވީ އަމާން ދަތުރަކަށް، ބޯޓުތަކުގެ ކެޕްޓަނުންނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތައް ދަންނަ، ސޭފްޓީ ރެގިއުލޭޝަންތަކާ ރައްޓެހި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ތިން ދުވަހުގެ އެ ޓްރެއިނިން ޕްރޮގުރާމަކީ ރައްކާތެރިކަމާ އެކު ކަނޑުއުޅަނދުފަހަރު ދުއްވަން ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ސިފަކުރެއްވި ގޮތުގައި، މިއީ ހުނަރުތައް ތަރައްގީކޮށް، ނެވިގޭޝަނާއި ސަލަމަތީ ކަންތައްތަކާ ގުޅޭ މައުލޫމާތުތަކަށް އިތުރަށް އަހުލުވެރިވާން ލިބޭނެ ފުރުސަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސައީދު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ތަމްރީނު ޕްރޮގުރާމެއް ފެށުމުގެ ވިސްނުން އެލިއާ އިން ގެންގުޅުނު އިރު، އެ ކުންފުނީގައި އެކަށީގެންވާ ތަމްރީނުތައް ދެވޭނެ މެކޭނިކުން ނެތް ނަމަ ވެސް މިހާރު އެ ކުންފުނީގެ ޔަމަހާ ޓެކްނިކަލް އެކަޑަމީގައި ފާހަގަކޮށްލެވޭ ޓްރޭނަރުން މެކޭނިކުން ގޮތުގައި އތިބި ކަމަށެވެ. އަދި އެ ޓްރެއިނަރުންނަކީ އެ އެކަޑީމީ އާއި މި ރީޖަނުގައި ވެސް އެކި ތަމްރީނުތައް ދޭ ގާބިލު ބައެއް ކަން ފާހަގަކުރައްވައި އެކުންފުނިން ތަމްރީނުތައް ދީ ދާއިރާގެ ގާބިލު މީހުން ބިނާކުރުމަށް އިސްކަން ދޭ ކަމަށް ވިދާޅުވި އެވެ.
ބޯޓު އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގުރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކާނަލް އިސްމާއިލް ނަސީރު ވިދާޅުވީ ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމުން ކަނޑު އުޅަނދުފަހަރުތައް ދަތުރުކުރުމުގައި ސަލާމަތީ ކަންތައްތައް ކަށަވަރު ކުރުމަށް އެފަދަ ޕްރޮގުރާމުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ނުރައްކާތެރި ހާލަތަކަށް ތައްޔާރުވާން ބޭނުންވާ ހުނަރުތައް ތަރައްގީކޮށް، އެ ފަދަ ހާލަތެއްގައި ނިންމުންތައް ނިންމަންވީ ގޮތް ދަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ބައިވެރިން އެ ޕްރޮގުރާމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން އޭނާ ބާރު އެޅުއްވި އެވެ.
އެ ރަސްމިއްޔާތުގައި އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ވަނީ އެލިއާ އިން ކޮންމެ އަހަރަކު ވެސް އިސްނަގައިގެން އެ ޕްރޮގުރާމު ބޭއްވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ ޕްރޮގުރާމް ބާއްވަން އެކި އިދާރާތަކުން ދެމުން އަންނަ އެއްބާރުލުމާއި ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން އެ ޕްރޮގުރާމަށް ދޭ ހޫނު ތަރުހީބަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
އެލިއާ އިން އެމްއައިޓީއާ ގުޅިގެން ބާއްވާ މި ޓްރެއިނިން ޕްރޮގްރާމްގައި، އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. އަދި އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކާއި ނޭވިގޭޝަން ޗާޓާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ޕެސެންޖަރަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރި ވެއްޖެ ނަމަ އަމަލުކުރާނެ ގޮތްތަކަށް ވެސް ކެޕްޓަނުން އަހުލުވެރި ކުރުވާނެ އެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ހާއްލަތްތަކުގައި އަމަލުކުރާނެ ގޮތާއި އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް ވެސް މި ޕްރޮގްރާމްގައި ހިމެނެ އެވެ.
އެލިއާ އިން ބޯޓު އޮޕަރޭޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމް ފަށާފައިވާ އިރު، ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ މި އަހަރުގެ ޕްރޮގްރާމް މިއަދު ވަނީ އިފްތިތާހް ކޮށްފަ އެވެ.
އެލިއާ އަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy