ކުޅިވަރު / ދިވެހި ސާފް ލީގް

މުލީގައި ރެކޯޑް ސްކޯއަކާ އެކު ޖޫނިއާ ޗެމްޕިއަންކަން ސައްޔިދަށް

ފައިނަލް ހީޓު ކާމިޔާބު ކުރުމަށް ފަހު ސައްޔިދު، މިއީ މުލީގައި އޭނާ ފައިނަލްގައި ވާދަ ކުރި ފުރަތަމަ ފަހަރު.-- ފޮޓޯ: ސިޑިބަރި/ އިޔާން

18 ޖުލައި 2025 - 18:58

1 comments

މ. މުލީގައި ކުރިއަށް ގެންދިޔަ މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން، ރެކޯޑް ސްކޯއަކާ އެކު ސައްޔިދު ސަލާހުއްދީން ހޯދައިފަ އެވެ.

ސައްޔިދު ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަދު ކުރިއަށް ގެންދިޔަ ޖޫނިއާ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް ޖުމްލަ 18 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ ވަނީ ފުރަތަމަ ރާޅުގައި 9.67 ޕޮއިންޓް ސްކޯ ކޮށް، ހަތަރުވަނަ ރާޅުގައި 8.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

މިދިޔަ އަހަރު މުލީގެ އޯޕަން ބައިގެ ފައިނަލް ހީޓުގައި ރާޅާ އެޅި ކަޔާން ޒަކީ އަށް، ފައިނަލްގައި 4.33 ޕޮއިންޓަކާއި 8.50 ޕޮއިންޓަކާ އެކު ޖުމްލަ އެއްކުރެވުނީ 12.83 ޕޮއިންޓެވެ.

ފައިނަލްގައި ސައްޔިދުގެ ޖުމްލަ ސްކޯއަކީ، މުލީކޮޅު ރާޅުގަނޑުގައި އޯޕަން އަދި ޖޫނިއާ ބައިން ވެސް މިހާތަނަށް އެތުލީޓަކު ހޯދި އެންމެ މަތީ ސްކޯ އެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ޖޫނިއާ ބައިގެ ހީޓެއްގައި ޝަރޫފް ޝާއިރު 17.50 ޕޮއިންޓް ސްކޯ ކޮށްފައި ވާއިރު، ޖެހިގެން އައި އަހަރުގެ އޯޕަން ބައިގެ ސެމީ ފައިނަލްގައި އަހުމަދު އާގިލް (އަންމަޑޭ) ވަނީ ސައްޔިދާ ވާދަކޮށް 17.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

މީގެ ކުރިން މުލީގައި މުބާރާތް ބޭއްވި ތިން އަހަރު ވެސް ޖޫނިއާ ބައިގައި ސައްޔިދަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

ސައްޔިދު ފައިނަލަށް ދިޔައީ ސެމީ ފައިނަލް ހީޓުގައި އަހުމަދު ލުޒެއިން ފަހަތަށް ޖައްސާލައިފަ އެވެ. އަދި ސެމީގައި ކަޔާން ޒަކީ ވަނީ ޔަސީން އަހުމަދު ނާޝިދު ބަލިކޮށްފަ އެވެ.

މިދިޔަ އަހަރު މުލީގެ ޖޫނިއާ ޗެމްޕިއަންކަމާއި ލީގުގެ ވެސް ޖޫނިއާ ޗެމްޕިއަން ހޯދި މުހައްމަދު އިނާން އަބްދުލް ހަންނާން، މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ. ސައްޔިދާއި ޔަސީން ވާދަ ކުރި ހީޓުގައި އިނާން އާއެކު ދެން ވާދަ ކޮށްފައި ވަނީ އަހުމަދު އާލް އާދިލް އެވެ. ކަޔާން ޒަކީ އާއި ލުޒެއިން ވާދަކުރި ކުއާޓާގެ ފުރަތަމަ ހީޓުގައި ދެން ވާދަ ކުރީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާއި ހުސެއިން އަޒާން އިސްމާއިލެވެ.

އޯޕަން ބައިން ވެސް ސައްޔިދު އެންމެން ހައިރާން ކޮށްލި

ސައްޔިދު ވަނީ މިއަހަރުގެ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގައި ވެސް ތަޖުރިބާކާރު ރާޅާއެޅުންތެރިން ސިއްސުވާލައި، ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.

ސެމީގައި ބަލިވި ނަމަވެސް ވަނީ އިސްމާއިލް ރަޝީދު (ސްމައިލީ) އާ ވަރުގަދަ ވާދައެއް ކޮށްފަ އެވެ. އެގޮތުން ސްމައިލީ މޮޅުވީ ޖުމްލަ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ. ސްމައިލީ ޖުމްލަ 13.83 ޕޮއިންޓް ހޯދި އިރު، ސައްޔިދު ވަނީ ދެ ރާޅުން ޖުމްލަ 11.83 ޕޮއިންޓް ހޯދައިފަ އެވެ. ސެމީގައި ސައްޔިދުގެ ފުރަތަމަ ރާޅަށް ދެ ޕޮއިންޓް ލިބުނު އިރު، ދެވަނަ ރާޅުގައި ވަނީ 9.83 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

އޯޕަން ބައިގެ ކުއާޓާ ފައިނަލް ހީޓުގައި ސައްޔިދު ވަނީ ޖުމްލަ 12.50 ޕޮއިންޓް ހޯދައިގެން، ޖުމްލަ 1.17 ޕޮއިންޓްގެ ތަފާތަކުން މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ. ދެ ރާޅާއެޅުންތެރިން ވެސް މި ހީޓުގައި އެޅީ ޖުމްލަ ދެ ރާޅެވެ. ސައްޔިދު ވަނީ ފުރަތަމަ ރާޅުގައި އަށް ޕޮއިންޓް ހޯދައި، ދެވަނަ ރާޅުގައި 4.50 ޕޮއިންޓް ހޯދައިފަ އެވެ. ހޫބްޒްގެ ފުރަތަމަ ރާޅުގައި 9.33 ޕޮއިންޓް ހޯދި ނަމަވެސް ދެވަނަ ރާޅުގައި ލިބުނީ ދެ ޕޮއިންޓެވެ.

އޯޕަން ބައިގެ ފުރަތަމަ ހީޓުގައި ވެސް ސައްޔިދު ވަނީ ހޫބްޒް ފަހަތަށް ޖައްސާލައި އެ ހީޓު ކާމިޔާބު ކޮށްފަ އެވެ.

އެމްއެސްއޭ އިން ކުރިއަށް ގެންދާ ގައުމީ ލީގުގައި ދެން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ލ. މާބައިދޫގެ "މެޝިން" ސާފް ބްރޭކުގައި "ކެރަންދޫ" ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

18 July 2025

ނަމުގެ ކުރިއަށާއި މެދުތެރެ އަދި ފަހަތަށް ރާއްޖޭގެ، މޯލްޑިވްސް، ޤައުމީ، ނޭޝަނަލް، ދިވެހި ފަދަ ބަސްތައް ބޭނުން ކޮށްގެން "މާ ޤައުމީ ބައެއްކަން ދައްކައިގެން" ކ.އަތޮޅު މާލޭގައި ހަދާފައި ޙުންނަ ގިނަ އެސޯސިއޭޝަން ތަކާއި ޙިލާފަށް އެތްލެޓިކްސް އެސޯސިއޭޝަނާއި، ސާފީންގ އެސޯސިއޭޝަން ފެނިގެން މިދަނީ ޤައުމީ އެސޯސިއޭޝަނެއްގެ ގޮތަށް މުޅި ރާއްޖޭގައި ޙަރަކާތްތެރިވެ މުބާރާތްތައް ބާއްވާތަން. ހަމަ މިގޮތަށް ވޮލީ އިން ވެސް ކޮންމެވެސް ވަރެއް ކުރަމުންދާތަން ފެންނަމުންދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454