04 އޯގަސްޓް 2025 - 15:49
އިންޑޮނީޝިއާގައި މި ހަފުތާ ބަންދުގައި ބޭއްވި މަނަޑޯ ޑެޕްތު ކޮމްޕެޓިޝަނުގައި، ރާއްޖޭގެ ފްރީޑައިވަރު އުމެއިރު ބަދީއު، ފުނަށް ފީނުމުގެ ގައުމީ ތިން ރެކޯޑް ހަދައިފި އެވެ.
ދުނިޔޭގެ 11 ގައުމަކުން 22 ޑައިވަރުން ވާދަކުރި މުބާރާތުގައި އުމެއިރު އެއް ރެކޯޑް ހެދީ، މުޅިން އާ އަދި މި ކުޅިވަރުގެ އެންމެ އުނދަގޫ ޑިސިޕްލިން ކަމަށްވާ ކޮންސްޓެއންޓް ވެއިޓް ނޯ ފިންސް (ސީއެންއެފް) ކެޓަގަރީންނެވެ. ފިންސް ނެތި ޑައިވްކުރާ މި ކެޓަގަރީން އޭނާ ރެކޯޑް ހެދީ 42 މީޓަރަށް ފީނައިގެންނެވެ.
އުމެއިރު ހެދި އަނެއް ދެ ރެކޯޑް، ކުރިން ވެސް އޮތީ އޭނާގެ އަތުގަ އެވެ. އެއީ މިސްރުގެ ޝަރަމުއްޝޭހުގައި، 2022 އަދި 2023 ގައި ހެދި ފްރީ އިމާޝަން އަދި ކޮންސްޓެންޓް ވެއިޓް ބިފިންސް ކެޓަގަރީގެ ރެކޯޑެވެ. މި ދެ ރެކޯޑް ވެސް އޭނާ މި ފަހަރު އާކުރީ 68 މީޓަރަށް ފީނައިގެންނެވެ.
އޮސްޓްރޭލިއާ، އިންގްލެންޑް، ކެނެޑާ، ޗައިނާ، އެމެރިކާ އަދި ދެކުނު އެފްރިކާ ޑައިވަރުން ވާދަކުރި މި މުބާރާތުގައި އުމެއިރު ހެދި ރެކޯޑްތައް ވެރިފައިކުރީ، ފްރީޑައިވިންގެ ބައިނަލްއަގްވާމީ ގަވަނިން ބޮޑީއެއް ކަމަށްވާ އައިޑާ އިންޓަނޭޝަނަލް އިންނެވެ.
ފްރީޑައިވިންގެ ތެރެއަށް 2018 ވަނަ އަހަރު ނުކުތް މަޝްހޫރު އާޓިސްޓް، އުމެއިރު އެތުލީޓެއްގެ ގޮތުގައި ފުނަށް ފީނަން ފެށީ 2020 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ތަމްރީންތައް ހަދައި، މުބާރާތްތަކުގައި ވާދަކުރީ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު 2023 އިން ކައިމޫ ރިޒޯޓްސް އެންޑް ހޮޓެލްސް އިން އަންނަނީ އުމެއިރު އެހީތެރިވަމުންނެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ޑައިވަރުން ތިބި ނަމަވެސް ކުޅިވަރެއްގެ ގޮތުގައި ފުނަށް ފީނާފައިވަނީ އުމެއިރުގެ އިތުރުން އެންމެ ޑައިވަރެކެވެ. އުމެއިރު ބުނީ އެތުލީޓެއްގެ ގޮތުގައި މިކަން ކުރުމަކީ ވަރަށް ގިނަ ވަގުތާއި، ފައިސާ ހޭދަވާ، ބުރަ ކަމެއް ކަމަށާއި، އެހެންވެ ގިނަ ޑައިވަރުން ކުރިއަށްދަނީ އިންސްޓްރަކްޓަރުންގެ ގޮތުގައި ކަމަށެވެ.
އުމެއިރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ، އެތުލީޓުންގެ ގޮތުގައި މިކަން ކުރަން ޝައުގުވެރިވާ ދިވެހީންނަށް ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން އޮކްޓޫބަރު މަހު މިސްރުގައި އޮންނަ މުބާރާތުގައި ވާދަކުރުމަށް ފަހު މި އަހަރު ފަހުކޮޅު ރާއްޖޭގައި ވޯކްޝޮޕެއް ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭނާގެ އުއްމީދަކީ ރާއްޖޭގައި މުބާރާތެއް ބާއްވައި، ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
އޮލިމްޕިކް ގޭމްސް އަށް ފްރީޑައިވިން އިތުރުކުރުމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، ރާއްޖެ ފަދަ ވަށައިގެން ކަނޑު އޮންނަ އަދި ޒަމާނުއްސުރެ ފީނާ ގިނަ ބަޔަކު އުޅޭ ގައުމެއްގައި މި ކުޅިވަރު އާލާކުރެވިއްޖެ ނަމަ އެއީ ރަނގަޅު ފިޔަވަޅަކަށް ވާނެ ކަމަށް އުމެއިރު ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސްއޮޑި
04 August 2025
ގަދަ ގޮލައެއް. އުމެއިރުމީ އެއްވަނާއިގެ ގޮލައެއް
ކޮރަލް
04 August 2025
ވާދަކުރީ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު 2023 އިން ކައިމޫ ރިޒޯޓްސް އެންޑް ހޮޓެލްސް އިން އަންނަނީ އުމެއިރު އެހީތެރިވަމުންނެވެ. 200 އަށްވުރެ ގިނަ ރިސޯޓް އެބަ އޮތެވެ. އެހީތެރި ވީ އެންމެ ރިސޯޓް އަކުންނެވެ.
ފަޚްރު
04 August 2025
ޕާޓޭއެއްގެ ހަބަރެއްނަމަ އަންހެންވެރިންތައް ކޮމެންޓު ކުރާނެ ރީއްޗޭ ރީއްޗޭ ކިޔާފަ