ވިޔަފާރި / ވިލާ ކޮލެޖް

ގާނޫނީ ދާއިރާގެ އާ ތިން ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި

20 އޯގަސްޓް 2025 - 11:56

ވިލާ ކޮލެޖުން، ސެޕްޓެމްބަރު އިންޓޭކަށް މާސްޓާ އޮފް ލޯ (އެލްއެލްއެމް)ގެ އާ ތިން ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

މި ޕްރޮގްރާމްތަކަކީ ކޯޕަރޭޓް ގަވާނަންސް، އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާތަކުން ގާނޫނީ މާހިރުން އުފެއްދުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ، ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ވަކިވަކި ދާއިރާތަކުން ހާއްސަވުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކޯސްތަކެއްގެ ގޮތުގައި ވެސް އެ ކޮލެޖުން ސިފަކުރެ އެވެ.

އޮންލައިންކޮށް ވެސް މި ތިން ޕްރޮގްރާމް ކިޔެވޭނެ އެވެ. އަދި މިއީ، އެމްކިއުއޭ އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެކްރެޑިޓޭޝަން ލިބިފައިވާ ޕްރޮގްރާމްތަކެކެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފްކުރި ތިން މާސްޓާސް ޕްރޮގުރާމްތަކަކީ އެލްއެލްއެމް އިން ކޯޕަރޭޓް ގަވާނަންސް، އެލްއެލްއެމް އިން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް އެވެ.

އެލްއެލްއެމް އިން ކޯޕަރޭޓް ގަވާނަންސް ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ކޯޕަރޭޓް ގާނޫނުތަކާއި، އެ ގާނޫނުތައް އަމަލީ ގޮތުން ބޭނުންކުރުމާއި ކޮމްޕްލަޔަންސްގެ ދާއިރާއިން ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނި ގޮތުގައި އެ ޕްރޮގްރާމްގެ މަގުސަދަކީ ކޯޕަރޭޓް ދާއިރާގައި ކާމިޔާބު ކެރިއަރެއް ބިނާކުރަން ބޭނުންވާނެ ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމެވެ. މި ޕްރޮގްރާމްގެ މޮޑިއުލްތަކުގެ ތެރޭގައި "ޓްރާންސްނޭޝަނަލް ކޯޕަރޭޓް އެންޑް ކެޕިޓަލް މާކެޓްސް ލޯ"، "އިންޓަނޭޝަނަލް ކޮމާޝަލް ލޯ"، އަދި "ދަ ޕްރިންސިޕަލްސް އެންޑް ޕްރެކްޓިސަސް އޮފް ކޯޕަރޭޓް ގަވާނަންސް" ފަދަ މުހިންމު މާއްދާތައް ހިމެނެ އެވެ.

އެލްއެލްއެމް އިން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ޕްރޮގްރާމަކީ ދެބަސްވުންތައް ހައްލުކުރުމުގެ ހުނަރުތައް، ހާއްސަކޮށް ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުން އާބިޓްރޭޓަރުންނާއި، މީޑިއޭޓަރުންނާއި، އަދި ނެގޯޝިއޭޝަން ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ދަސްވާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ޕްރޮގުރާމުގައި "ޕަބްލިކް އިންޓަނޭޝަނަލް ލޯ"، "ނެގޯޝިއޭޝަން އެންޑް މީޑިއޭޝަން"، އަދި "އިންޓަނޭޝަނަލް ޑިސްޕިއުޓް ސެޓަލްމަންޓް" ފަދަ މާއްދާތައް ކިޔަވައި ދޭނެ އެވެ.

އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަކީ އިސްލާމީ މާލީ މުއާމަލާތްތަކާއި ވިޔަފާރީގެ ގާނޫނީ އުސޫލުތަކަށް އަހުލުވެރި، އަމަލީ ތަޖުރިބާ ލިބިފައިވާ ގާނޫނީ މާހިރުން އުފެއްދުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މިއީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެއިފް) ޔުނިވާސިޓީގެ ތިން މައިކްރޯ-ކްރެޑެންޝަލް މޮޑިއުލް ހިމެނޭ ޕްރޮގްރާމެކެވެ. މައިކްރޯ-ކްރެޑެންޝަލް އަކީ، ވަކި ހުނަރެއް ނުވަތަ ގާބިލްކަމެއް ލިބިފައިވާކަން އަންގައިދޭ، ކުރު މުއްދަތެއްގެ ހާއްސަ ކޯހެކެވެ. މި ޕްރޮގުރާމުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރެއިން "ޝަރީއާ އެސްޕެކްޓްސް އޮފް ބިޒްނަސް އެންޑް ފައިނޭންސް"، "އިސްލާމިކް ބޭންކިން ޕްރެކްޓިސަސް"، އަދި "ރިސްކް މެނޭޖްމަންޓް އިން ބޭންކްސް" ފުރިހަމަކުރާ ދަރިވަރުންނަށް އިންސެއިފްގެ ޕްރޮފެޝަނަލް ސެޓްފިކެޓް ލިބޭނެ އެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަކީ އަމަލީ އަދި ދާއިރާއާ ގުޅުންހުރި ހުނަރުތައް ލިބިފައިވާ، ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ، އިސްލާމިކް ފައިނޭންސްގެ މާކެޓުގައި ވާދަވެރި، ގާބިލް ބަޔަކަށް ވެގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ޕްރޮގްރާމްތަކާ ގުޅޭގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބު ވިދާޅުވީ މި ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުން ވެގެންދާނީ ރާއްޖޭގެ ކޯޕަރޭޓް ދާއިރާ ހަރުދަނާކޮށް، ވިޔަފާރީގެ ދެބަސްވުންތައް ހަލުވިކަމާ އެކު ހައްލުކޮށް އިސްލާމީ މާލީ ދާއިރާއަށް ގާނޫނީ ލަފާ ދެވޭނެ ފަދަ ގާބިލް ލީޑަރުންނަށް ކަމަށެވެ. އަދި މިއީ ވިލާ ކޮލެޖުން ގައުމީ ތަރައްގީއަށް ފޯރުކޮށްދޭ އިލްމީ ހިއްސާގެ މުހިންމު ބައެއް ކަމަށް ވިދާޅުވި އެވެ.

ވިިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަސްނާ އަހުމަދު، މި ޕްރޮގްރާމްތަކާ ގުޅޭގޮތުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި ގާނޫނީ މާހައުލު ބަދަލުވަމުން އަންނައިރު، ހާއްސަ ދާއިރާތަކުން ތަމްރީނުވެފައިވާ ޕްރޮފެޝަނަލުންނަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެ ކޮލެޖުން އަލަށް ތައާރަފްކުރި ތިން ޕްރޮގުރާމަކީ އެ ބޭނުންތަކަށް ޖަވާބުދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮގުރާމުތަކެއް ކަމަށް ބުންޏެވެ.

ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީން ދަރިވަރުންގެ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ހާއްސަ މުހިންމުކަމެއް ދެ އެވެ.

އެ ކޮލެޖުން ސްޓްރީޓް ލޯ އިންކް، ލީގަލް އެއިޑް ކްލިނިކް، ޖަޖް ރެޒިޑެންސީ ޕްރޮގްރާމް، މޫޓިން، ޓްރައިއަލް އެޑްވަކަސީ އެންޑް އާބިޓްރޭޝަން ކްލަބް (އެމްޓެކް)، އަދި އެކަޑެމިކް އިވެންޓްސް ކްލަބް (އޭއީސީ) ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް، ދަރިވަރުންނަށް ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ، މުޖުތަމައަށް ހިދުމަތްކުރުމުގެ ރޫހް އާލާކޮށްދިނުމުގެ މަސައްކަތް ކުރެ އެވެ. މި ހަރަކާތްތަކަކީ ގާނޫނީ ދިރާސާކުރުމާއި، ހުށަހެޅުންތައް ތައްޔާރުކުރުމާއި، އާއްމުންގެ ކުރިމަތީގައި ވާހަކަ ދެއްކުން ފަދަ ހުނަރުތައް ތަރައްގީކޮށްދޭ ޕްރޮގުރާމުތަކެވެ.

މިތިން ޕްރޮގްރާމާއި އެ ކޮލެޖުގެ އެހެން ޕްރޮގުރާމްތަށް ކިޔެވުމަށް ސެޕްޓެމްބަރު އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ކޯސްތަކަށް އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454