10 ސެޕްޓެމްބަރ 2025 - 17:53
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މަޖިލިސް މި ވަގުތު ޗުއްޓީގައި އޮތް އިރު، އެ އިސްލާހުތައް ހުށަހަޅުއްވާނެ ސީދާ ތާރީހެއް ރައީސް ވިދާޅެއްނުވެ އެވެ.
ނަމަވެސް، ކުރީގެ މެންބަރުންނަށާއި ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކުޑަކުރަން، ރައީސް މުއިއްޒު މި ހަފްތާގައި ވަނީ ވެރިކަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް އެ ވިސްނުން ހުށަހަޅުއްވައިފަ އެވެ.
އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަން ރައީސް މިއަދު ހާމަކުރެއްވި އެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމަ
12 September 2025
100% ތާއީދުކުރާކަމެއް އަދި ތިނޫނިއްޔާ މަނިކުފާނު ނުކުރައްވާ ރަގަޅުކަމެއް ކުޑަކުރާނެކަމެއްނެތް އެއްކޮށް މުޅިއުމުރަށް ކަޑާލަންވީ! އޭގެ ފަހުގައި އެއްހަމައެއްގައި ވަޒީފާގެ ރިޓަޔާމެންޓް ޕެންޝަން ދިނުމާއި ވަޒީފާގައިވި ދުވަހަށް ބަލައިގެން ވަކި ގިންތިއެއް މަގާމަކަށް ނުބައްލަވާ ހަމަހަމަ ކަމާއި އިންސާފުވެރިކަމަޢިއެކު ރިޓަޔާމެންޓް ޕެންޝަން ދިނުމަކީ ވަރަށްމުހިންމުކަމެއް.
ވވވ45
11 September 2025
ސިޔާސީ މަގާމުތައްވެސް އުވާލާ. ރައްޔިތުން ނުކުމެ އެމަގާމުތަކުގައި ތިބި މީހުން މަގުމަތީ ދެމުމުގެކުރިން ހުރިހާ ސިޔާސީ މަގާމެއްވެސް އުވާލާ!
އިސްމާލި
11 September 2025
އުއްމީދަކީ މި ބަދަލު ގެންނަ އިރު މިހާރު އިނާޔަތް ލިބޭ މީހުނާ މި ވަގުތު ތިބި މެންބަރުންނާ ރައީސް ވެސް ހިމެނޭ ހެން ބަދަލު ގެނައުން.
އެކޮއި
11 September 2025
ކޮން ކުޑައެއް ކުރަންވީ. ތީ އެއްކޮށް ކަނޑާލަންޖެހޭ އެއްޗެއް. އަހަރެމެންގެ ފައިސާއިން މުޅިއުމުރަށް ކައިގެން ބޮއިގެން އުޅެން އަހަރެމެން އެއްބަހެއްނޫން. ލަންކާ މިސާލަކަށް ބަލަންޖެހޭ. އެފަދަ ވެރިޔަކު އައިސްގެންނޫނީ މިޤައުމު ހަމައަކަށް ނޭޅޭނެ. މަޤާމުގައިތިބޭއިރު ކޮރަޕްޝަނާ ފަސާދަ. ޖެހުނުތަނަކުން ލޫޓުވަމުންދާފަދަ. ހަދިޔާ ބަދިޔާގެ ޢަދަދުތައްވެސް ނޭނގެ. މަޤާމު ގެއްލުމުންވެސް ދައުލަތުން ބޮޑެތި ޚަރަދުތައް. މީ ހަމަ އަޖަބެއްކަހަލަ ކަމެއް.
އަހުމަދީ
11 September 2025
ޣާޒީންގެވެސް
ކަޑަބޮއް ސައީދު
11 September 2025
އެކައްޗެއްވެސް ދޭނެ ކަމެއްނެތް، ދައުރުގައި ހުރެގެން ޖަރީމާ ޖައްސާ ވައްކަންކޮށް މުޅި ގައުމު ލޫޓުވާފައި ދާ ބަޔަކަށް އުޅެވޭވަރުވާނެ ދޯ ތިޔަ ނުލާ..
ތަރި2
11 September 2025
ކުރީގެ މެމްބަރުންނަށް މުސާރަ ހިގައިގެން ނުވާނެ. މީ އެ މެމްބަރުން އަމިއްލައަށް ގަވާއިދު ހަދައިގެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ދަވާ ދެވުމެއް.
ދޭނެކަމެއްނެތް
11 September 2025
ކީއްކުރަން އެ މީހުނަށް ދޭ އެއޗެއް؟
އަދާލަތު
11 September 2025
އަޅުގަނޑު 40 ހަކަށްއަރު ސަރުކާރަށް ޚިދުމަތަކޮށްފައި ނުކުމެ 65 އަހަރުވީމާވެސް ދައުލަތުންދޭ -/5000 ރުފިޔާއެއްވެސް، އަދި ރިޓާޔާމެންޓް ޕެންޝަނެއްވެސްނުދޭ. ދެނީ އަޅުގަނޑު އަތުންކަނޑާފައިހުރި ފައިސާ ބަހާގޮތަކަށްބަހާފައި މަހަކަށްޖެހޭ -/5444 ރުފިޔާ. 20 އަހަރު ޚިދުމަތުގެ ޕެނޝަންފައިސާވެސް ކަނޑާލީ. މިއީ ޤާނޫނުގެ އިނޞާފާއި، ހަމަހަމަކަންތޯ؟
އަލްމަލިކު އަލިތައްކާނު
11 September 2025
ވަރަށް ރަގަޅު ފިޔަވަޅެއް. ނޭޕާލުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔަގޮތް ވިސްނައިފިކުރުކޮށް ގައުމުގެ ތިޔަފާޑުގެ ކަންކަން ރަގަޅު ކުރަން އެބަޖެހޭ.އެކިއެކި ދިމަދިމާލުން އެކިނަންނަމުގައި އިނާޔަތާއި ބިމާއި ބަދަލުތަކާއި ދެމުން ދެމުންގޮސް ގައުމު ލޫޓުވާލައި ހުސްވެއްޖެ. ކުރީގެ ވެރިން ކުރީގެ މެންބަރުން ވާބައްޔެއް ކުރަންޖެހޭ ހަރަދެއް އާންމު ރައްޔިތުންނަށް ނުޖެހެނީބާ. މިގައުމުގެ ރައްޔިތުންގެ ހައްގުތައް ގިންތިތަކަށް ބާހާލަން ނުޖެހޭ