ރައީސް މުއިއްޒު ދިއްގަރު ރައްޔިޔުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
22 ސެޕްޓެމްބަރ 2025 - 11:35
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މީގެ ކުރިން އެހެން އެއްވެސް ވެރިއަކު އަތްނުލައްވައި އަދި ހައްލު ކުރަން ކެރިވަޑައިނުގެންނެވި މައްސަލަތައް ހައްލު ކުރެއްވުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ ދާއިރާ ދިއްގަރު ހިމެނޭ މ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބެއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ މި ސަރުކާރާ ވެރިކަން ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.
ނަމަވެސް މިދިޔަ 18 މަސްދުވަސް ތެރޭގައި ކުރެއްވި ބުރަ މަސައްކަތުން، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި، އާ މަޝްރޫއުތައް ވެސް ފައްޓަވަމުން ގެންދަވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
ހުރިހާ ކަމަކީ ބިނާއެއް އެޅުން ނޫން ކަމަށާއި އެހެނިހެން ދާއިރާތަކަށް ވެސް ރައީސް އިސްކަން ދެއްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދިއްގަރު ރައްޔިޔުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މީގެ ކުރިން އެއްވެސް ވެރިއަކަށް، އެއްވެސް ސަރުކާރަކަށް އަތްލާން ނުކެރިފައި، ހައްލުކުރަން ނުކެރިފައި ހުރި އެތައް މައްސަލައެއް [ރައީސް މުއިއްޒު] ހައްލު ކުރައްވަމުންދާކަން...،" ނާޒިމް ވިދާޅުވި އެވެ
ނާޒިމް ފާހަގަ ކުރެއްވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު ފެއްޓެވި މަސައްކަތާއި ޖުޑީޝަރީ ދާއިރާއަށް ރައީސް ގެންނެވި ބަދަލުތަކެވެ.
އަދި ރާއްޖޭގައި ޑްރަގް މައްސަލަ ހައްލު ކުރުމަށް އެކަން ކުރާ ބޮޑުން ހައްޔަރުކޮށް އެފަދަ ހުރިހާ ކަމަކަށް ކުރިމަތިލައި ބޮޑެތި އަދަބުތައް ދެމުންދާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
އެއީ އެންމެންނަށް އެންމެ ރަނގަޅު ނިންންމުންތަކަށް ނުވި ނަމަވެސް ފާޑުކިޔުންތަކާ އެކު ރައީސް މުއިއްޒު އެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށާއި ވެރިކަމުގެ ދެވަނަ އަހަރަށް ދައިރު ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
22 September 2025
އަތް އޮތަކަސް ފެންނަހާ އެއްޗެއްގަ އަތް ހާކާކަށް ނުޖެހޭ ބުރަދަރ.
ލަސް
22 September 2025
އެހެން މީހުންނަށް އަތްލާން ނުކުރޭތަންތަނުގަ އަތްލާން ކެރޭކަން އޮތީ ވަރަށް ރަގަޅަށް ފެނިފަ.
ނިންމުން
22 September 2025
އެއްޗެއް ނުވަތަ ކަމެއްގެ ފުރިހަމަކަން ނިންމާނީ ބޭނުންކުރާ ބަޔަކު. އެކަމެއް ކުރި ނުވަތަ އުފެއްދި މީހާ، އެއާއިމެދު ފަހުރުވެރިވެ ވާހަކަދައްކާނަމަ، ރަދީފުގައިއޮތީ އެއީ ފޮނިކެނޑުމޭ.
ދޮޅި ހުސޭނު
22 September 2025
އަމިއްލަ ނަފްސަށް މަލާމާތް ނުކުރޭ. އެއްވެސް ރައީސަކަށް އަތްލާން ނުކެރޭ އެއްވެސް ކަމެއް ނޯންނާނެ. އެއީ އޮފީސްތަކުގެ ސެކެޓްރީންނެއް ނޫން. އެންމެންނަށްވެސް އެނގޭނެ އެކަން. ތައުރީފު ކުރަންވެސް އަލުން ދަސްކުރަންޖެހޭ ކަމަށް ފެނޭ
ޖަބީލް
22 September 2025
ރަނގަޅަށް ތިބުނީ..ބީއެމްއެލް ބޭނުންކޮށްގެން އޭޓީއެމް ކޮންމެ ރަށެއްގައި ބެހެއްޓުން.އެއަރޕޯޓް ކޮމްޕެނީ ބޭނުންކޮށްގެން އައުޓްޑޯރ ޖިމް ހެދުން.ހަމަ އަތްލާން ނުކެރިފަހުރި ބޮޑެތި މަޝްރޫއުތައް އެގެންދަނީ..މިވީހާ ތަނަށް އެ ދެކުންފުނި ބޭނުން އެގޮތައް ރައީސުން ނުހިފާ.
އަފްރާސިޔާބު
22 September 2025
އެއީ ނުކެރުމެއް. ގައުމު ތަރައްގީވާނީ ހުރިހާމީހުންވެސް އެކައްޗެއްކިޔައިގެން. ތިޔަބުނީ އެއަރޕޯޓް ކުންފުނިން ރައްޔިތުން ކުޅެން ޖިމެއް އެޅިވާހަކަ ދޯ؟ އެއަރޕޯޓަށް ވެސް ރަނގަޅު މުއްވަޒަފުންލިބޭނީ އެފަދަމީހުންގެ ސިއްހަތުވެސް ރަނގަޅުވެގެންނޭ. ބަލަންހުންނާތި އެއަރޕޯޓް ކުންފުނިން މަތީ ދަރަޖައިގެ ޑޮކްޓަރުން ތަމްރީނު ކޮށްގެން ގެނެސް ރައްޔިތުންގެ ޞިއްޙަތަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ. ކަންކުރެވޭނީ ކުރެވެން އޮތްގޮތަކަށް.