15 މެއި 2017 - 12:46
ޕޯޓް މޮރެސްބީ (މެއި 15) - ޕަޕުއާ ނިއު ގިނީގެ ޖަލެއް ފަޅާލައިގެން ނުކުތް ބައެއްގެ ތެރެއަށް ޖަލުގެ ގާޑުން ބަޑިޖެހުމުގެ ސަބަބުން 17 ގައިދީއަކު މަރުވެއްޖެ އެވެ.
ޖަލުން ފިލި ގައިދީންގެ ތެރޭން ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ. އަދި 57 ގައިދީއަކު ވަނީ ފިލައިފަ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ޕައުއާ ނިއު ގިނީގެ ކަމާބެހޭ އޮފިޝަލުން ބުނީ ޖަލުން ފިލާފައި ވަނީ ވަރަށް ނުރައްކާ ކުށްވެރިންގެ ބައެއް ކަމަށާއި ޖަލު ހުރި ސަރަހައްދުގައި އުޅޭ މީހުން ސަމާލުވާން ޖެހޭ ކަމަށެވެ. ޖަލު ފަޅާލާފައި ވަނީ ޕަޕުއާ ނިއު ގިނީގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީގަ އެވެ. އެ ސިޓީގެ ޖަލު މީގެ ކުރިން ވެސް ވަނީ ފަޅާލައިފަ އެވެ.
ފުލުހުންގެ ޗީފް ސުޕްރިނޓެންޑެންޓް އެންތަނީ ވަގަމްބީ ވިދާޅުވީ ޖަލުން ފިލި މީހުން ބަންދުކޮށްފައި ވަނީ ވަރަށް ސީރިއަސް ކުށްތަކުގައި ކަމަށެވެ. އޭގެ ތެރޭގައި ހަތިޔާރުން ބިރު ދައްކައިގެން ވައްކަންކޮށްފައިވާ މީހުންނާއި ކާރު ވަގަށް ނަގާފައިވާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުން ފިލި ގައިދީން އަމާން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ނޫން ނަމަ އެ މީހުން ހައްޔަރު ކުރާނެ ކަމަށް ވަނީ ފުލުހުން އިންޒާރުކޮށްފަ އެވެ.
ޕަޕުއާ ނިއު ގިނީގެ ޖަލުތަކުގައި މީހުން ގިނަވުމާއި ޖަލުތަކުގެ ހާލަތު ގޯސްވުމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. ޕަޕުއާ ނިއު ގިނީގެ ޖަލެއް މިދިޔަ އަހަރު ފަޅާލައިގެން ނުކުތް ގައިދީންގެ ގަޔަށް ބަޑިޖެހުމުން 11 ގައިދީއަކު ވަނީ މަރުވެފަ އެވެ. އެ ފަހަރު ވަނީ 70 ގައިދީން ފިލައިފަ އެވެ. އޭގެ ކުރީ އަހަރު ވެސް ވަނީ 50 ގައިދީން ފިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރު
15 May 2017
ދިވެހިރާއްޖޭގަ ޖަލުފަޅާލާފަ ގައިދީން ނުކުތުމުން ބަޑިޖެހީމަ ގޯސްވީ އެދުވަހު ބަޑިޖެހި މީހުން، އެކަމަކު އެދުވަހު ބަޑިޖެހި ސިފައިންނަކީ މިޤައުމުގެ ހަޤީޤީ ބަތަލުން، އެބޭކަލުން އެދުވަހު ބަޑިނުޖެހިނަމަ މިއަދު މިޤައުމު މިގޮތައް ނޯންނާނެ، ނަމަވެސް އެދުވަހު ވެރިން ނެންގެވި ނުބައި ޑިސިސަންގެ ސަބަބުން މިއަދު މިޤައުމުގެ ސަލާމަތީ ބާރުތަކުގެ ބާރު ނެތި ޤައުމު މިވަނީ ފާލުން ނައްޓައިިގެންގޮސް އަތްނުފޯރާ ފަށުގައި
މޯޑު
15 May 2017
އަމާން ދީފިއްޔާ ހައްޔަރުނުކުރާނެބާ!