އެމްއެޗް370 ހޯދަން އެމެރިކާ ކުންފުނިން އެއްބަސްވީ ބޯޓު ފެނިއްޖެ ނަމަ އަގު ދޭ ގޮތަށް. --ފޮޓޯ:ރޮއިޓާސް
07 ޖެނުއަރީ 2018 - 12:38
ކުއާލަ ލަމްޕޫރު (ޖެނުއަރީ 7) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް އެމެރިކާ ކުންފުންޏަށް މެލޭޝިއާ ސަރުކާރުން ދީފި އެވެ.
ކަނޑުއަޑި ބަލާ ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީން މިހާރު ވަނީ ރިސާޗް ބޯޓެއް ކަނޑު އަޑި ބަލަން ބޭނުންވާ ސަރަހައްދަށް ގެންގޮސްފަ އެވެ. އެ ކުންފުނިން ބުނީ އެއީ ކޮންޓްރެކްޓް ލިބޭނެކަން ޔަގީންވުމުން ވަގުތު ސަލާމަތް ކުރަން ކުރި ކަމެއް ކަމަށެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވެފައި އެމެރިކާ ކުންފުންޏާ އެކު އެއްބަސްވެފައި ވަނީ ކުރިން ވެސް މަޝްވަރާ ކުރި ގޮތަށް ބޯޓު ފެނިއްޖެ ނަމަ ފައިސާ ދޭ ގޮތަށް ކަމަށެވެ.
"މަތިންދާ ބޯޓަށްވީ ގޮތެއް ބެލުމަކީ މެލޭޝިއާގެ ޒިންމާއެއް. އެކަމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން އެމެރިކާ ކުންފުންޏަށް ބޯޓު ހޯދަން ހަވާލުކުރީ،" މެލޭޝިއާގެ މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.
އޯޝަން އިންފިނިޓީން ކުއްޔަށް ހިފާފައިވާ ނޯވޭގެ އުޅަނދު ސީބެޑް ކޮންޓްރެކްޓާ މިދިޔަ ހަފުތާގައި ވަނީ ސައުތު އެފްރިކާގެ ބަނދަރުން ފުރައިގެން އިންޑިއާ ކަނޑަށް މިސްރާބު ޖަހައިފަ އެވެ. އެ އުޅަނދުގައި ގިނަ އަދަދެއްގެ ސަބްމެރިން އުފުލެ އެވެ.
އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (19،700 ފޫޓު) އަޑިން ހޯދެ އެވެ.
އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.
މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
08 January 2018
ކަލޭނޭ ތިޔަބޯއްޓު ހޯދަންޏާ ދިވެހިރާއްޖެކައިރިބަލާ. ނޯންނާނެ މައްސަލައެއްވެސް ފެންނާނެ.
ޢަލީމް
07 January 2018
ތިވައްޓާލިކަަމަށްވެސްވާނީ އެމެރިކާނުން. ޢެމީހުނަށް އެނގޭނެ ބޯޓުއޮތްތަން
ހުސޭނާ
08 January 2018
ބަލަ އެބޯޓް ހޯދަން އިންޑިޔާގެ މަސްވެރިން ކުޑަހުވަދޫ ސަރަޙައްދަށް ފޮނުވިނަމަ މިހާރު ހޯދައިފީއްތޯއްޗެއް. ހެސް
ބޭކާރު
07 January 2018
ކޮން ބޭކާރު ހަރަދެއް ކުރަން ހޯދަނީ، މިހުން މަރުވެފައިވާކަން ޔަގީވެފައި ވަނީ
ފޮނިކަލޯ
07 January 2018
ދ.އަތޮޅު ކުޑަހުވަދޫ މީހުން ބުނަގޮތުގައި އެބޯޓު ދަތުރު ކޮށްފައިވަނީ ކުޑަހުވަދޫން އިރު ދެކުނައް ކަމަށާއި، އެކަމަކު މިކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. މިކަން ވެސް އެންމެ ރަނގަޅައް އެނގޭނެ ބަޔަކައްވާނީ ރާއްޖޭގައި އުޅޭ އިންތެލް ޖެންސް އޭ މިކިޔާ (ގުނބޯ) މީހުންނަށެވެ.
ނުޒޭރު
08 January 2018
ގެއްލުނު އިންޑިޔާގެ މަސްވެރިން ހޯދަން ރާއްޖެއަންނަ އިންޑިޔާގެ މަސްވެރިންލައްވައި ކުޑަހުވަދޫ ސަރަޙައްދު ބަލުވަން ފެނޭ! އޭރުން ޔަޤީނުންވެސް ނުފެނި ނުދާނެ!