ސެލީން ޝޯއެއްގައި ޕަފޯމް ކުރަނީ: ލަސް ވެގަސް ޓުއާ ވަނީ ކެންސަލްކޮށްފައި.
23 މާޗް 2018 - 06:28
ފިލްމް ޓައިޓޭނިކްގެ ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން މަޝްހޫރުކަން ހޯދި އަންހެން ލަވަކިޔުންތެރިޔާ ސެލީން ޑިއޯން މި މަހާއި އަންނަ މަހު އެމެރިކާގެ ލަސް ވެގަސްގައި ބާއްވަން އުޅުނު ޓުއާތައް ކެންސަލްކޮށް، އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސެލީންގެ ކަންފަތަށް ދިމާވެފައިވާ މައްސަލައަކަށް ކުރިން ބޭސް ކުރި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް އައިސްފައި ނުވާތީ ކަންފަތުގެ ކުޑަ އޮޕަރޭޝަނެއް ކުރަން ވަނީ ނިންމައިފަ އެވެ. މީގެ ދޮޅު އަހަރު ކުރިން ފެށިގެން އޭނާ އަންނަނީ ކަންފަތުގެ އިވުމަށް އަސަރުކުރާ މި މައްސަލަ އަށް ފަރުވާ ހޯދަމުންނެވެ.
ޓުއާތައް ކެންސަލް ކުރަން ޖެހުނުކަން އިއުލާން ކުރަމުން ސެލީން، 49، ބުނީ ޝޯތަކަށް އިންތިޒާރު ކުރަމުން އައި އެތައް ބައެއްގެ ކިބައިން މާފަށް ވެސް އެދޭ ކަމަށެވެ.
**SHOWS CANCELLED** We regret to inform you that the performances of Céline at @ColosseumatCP scheduled from March 27th through April 18th have been cancelled. Details here : https://t.co/cPqcbnJ8aU - TC
— Celine Dion (@celinedion) March 21, 2018
ސެލީންގެ ޓްވީޓެއް.
"އަހަރެން ޓުއާ އަށް ދާން ބޭނުންވި ނަމަވެސް ނަސީބު ދިމާކުރި ގޮތުން މި ފަހަރު ކޮންމެހެން ވެސް ފަރުވާއަކަށް ވަގުތު ހުސްކުރަން ޖެހިގެން ޓުއާތައް ކެންސަލްކޮށްލަން ޖެހުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް. އެހެންވެ ލަސް ވެގަސް ޓުއާ އަށް އިންތިޒާރު ކުރަމުން އައި އެންމެންގެ ކިބައިން މާފަށް އެދެން،" ސެލީން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަންފަތުގެ އޮޕަރޭޝަނަށް ފަހު، އަލުން ސެލީން އަށް ސްޓޭޖަށް ނުކުމެވޭ ވަރު ވާނީ އަންނަ މަހުގެ 22 ހިސާބުގަ އެވެ. އެހެންވެ ޝޯތަކަށް ޓިކެޓް ނެގި މީހުންނަށް ރިފަންޑް ދޭން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
23 March 2018
ސެލީން ފާހަގަ ކުރެވެނީ ހައި ރޭންޖްގައި އަޑު ބަހައްޓައިގެން ލަވަ ކިޔާ މަދު ލަވަ ކިއުންތެރިންގެ ގޮތުގައި.އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ އަސަރުގަދަ އެއް ލަވައަކީ ، ފޯލިންގ އިންޓު ޔޫ އަދި އިތުރުން ޕަވަރ އޮފް ލަވް އަދި ބިކޯޒް ޔޫ ލަވް މީ.ހަމަ ޔަަގީނުންވެސް މި ލަވަތައް އަލުން އަޑު އަހަމުންދާނަމަ ހަނދާންތަކެއް އާވެގެންދާނެ