ރިޕޯޓް / މޭ ޑޭ

މަސައްކަތްތެރިން ހޯދަންވީ ބާރު: ޖަމާއަތް ހެދުން

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް 2012 ވަނަ އަހަރު މާލޭގައި ބޭއްވި މުޒާހަރާއެއްގައި މަސައްކަތްތެރިންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ބަޔަކު ހިނގާފައި ދަނީ. ފޮޓޯ: ޓީމް

ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2011ގައި ވަކިކުރި މުވައްޒަފުންތަކަކާ އެއްކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލައެއް އެ ރިސޯޓުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން މިދިޔަ ޑިސެމްބަރު މަހު އެ ނިންމުމަށް ތާއީދުކުރި އެވެ. އެކަމަކު، ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނާ ގޮތުގައި، އެ މުވައްޒަފުންގެ ހައްގުތަކެއް އަދިވެސް ނުލިބެ އެވެ.

"ރިސޯޓު ހިންގާ ކްރައުން ކޮމްޕެނީއާ ދެކޮޅަށް އެ ހުކުމް ކޮށްފައި އޮންނާނީ އެތައް މިލިއަން ރުފިޔާއެއް މުވައްޒަފުންނަށް ދޭން. އެކަމަކު ހުކުމް ތަންފީޒުކުރަން އަދިވެސް ކުންފުނިން ދެކޮޅުހަދަމުން ދަނީ،" ވަކިކުރި މުވައްޒަފުންގެ ހައްގުގައި ޓީމް އިން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ. އެއީ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާ އިރު ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަން އޭނާ ބޭނުންކުރެއްވި މިސާލެކެވެ.

"ކެޕިޓަލިސްޓުންގެ ނުފޫޒު ގަދައީ. އިތުރު އެއްވެސް މައްސަލައެއް ނެތް."

ޓީމްއަކީ މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގައި ހަރަކާތްތެރިވާން ފެށި ފުރަތަމަ، އެކަމަކު ނުރަސްމީ "ޓްރޭޑް ޔޫނިއަން" އެވެ. ދިހަ އަހަރުވީ އެ ޖަމްއިއްޔާގެ ބައެއް ތަޖުރިބާތަކަކީ ވެސް، އެ ހައިސިއްޔަތު ރަސްމީ ނުވުމުގެ ހުރަސްތަކެވެ. ރާއްޖޭގެ އެންމެ މުއްސަނދި އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދިފާއުގައި ކާމިޔާބީތަކެއް ހޯދިފައި ހުއްޓަސް، ހަގީގީ ޓްރޭޑް ޔޫނިއަންއެއްގެ ގޮތުގައި ހަރަކާތްތެރި ވެވެން ނެތް އިރު، ވަޒީފާ އިން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުން ފަދަ ކަންކަމަކީ އެއާ ގުޅިފައިވާ ގޮންޖެހުންތަކެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހައްގުތައް މިހާރު ވެސް ހަމަ ލިބޭނެއޭ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، އެ ހައްގުތައް ހޯދަން ނުކުތީމާ."

ކަށަވަރު ނުވާ ހައްގެއް

ކުރިއަރާފައިވާ ގައުމުތަކުގައި، މަސައްކަތްތެރިންނަށް ހައްގުތައް ހޯދަން ލިބިފައި އޮންނަ އެންމެ ބޭނުންތެރި ވަސީލަތަކީ ޓްރޭޑް ޔޫނިއަން އެވެ. ޔޫނިއަންތަކަކީ އެ ދާއިރާއެއްގެ ހުރިހާ މަސައްކަތްތެރިން ގުޅިގެން، ހައްގު މުސާރަ އާއި އިނާޔަތްތަކާއި ރައްކާތެރި މަސައްކަތު މާހައުލެއް ހޯދުމަށް އަޑުއުފުލައި ހަރަކާތްތައް ހިންގައި އެއްބަސްވުންތައް ހަދަން އޮންނަ ފުރުސަތެވެ.

މަސައްކަތްތެރިންގެ ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުގައި ބައިވެރިވުމުގެ ހައްގު ރާއްޖޭގެ ގާނޫނުއަސާސީން ވެސް ލިބިދެ އެވެ. އަދި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަކީ ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އޭގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން، މުވައްޒަފަކު މަސައްކަތްތެރިންގެ ޖަމްއިއްޔާއެއްގައި ބައިވެރިވުން ނުވަތަ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި ބައިވެރިވުން އެއީ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއް ނޫނެވެ.

"ގާނޫނީ ގޮތުން ފުރުސަތުތައް އެބަހުރި. ސުވާލަކީ އެ ހައްގުތައް ލިބޭތޯ، ނުލިބޭތޯ،" މައުރޫފް ފާހަގަކުރެއްވި އެވެ.

"ގާނޫނުއަސާސީގައި ބުނާ ހަޅުތާލުކުރުމުގެ ހައްގު ހަނިކޮށްފައެއް ނެތް އެއްވެސް މިންވަރަކަށް. އެކަމަކު މަސައްކަތްތެރިން އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެއްޔާ އެއީ ހަޅުތާލެއް ކަމަށް ކަނޑައަޅައި މުވައްޒަފުން ވަޒީފާ އިން ވަކިކުރީމާ އެއާ ގުޅިގެން ކޯޓު މަރުހަލާތަކުން ގޮސް ހައި ކޯޓާ ހަމައިން ނިމިފައި އެބަހުރި، އެއީ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއް ކަމަށް. އޭގެ މާނައަކީ ކޯޓުން (ހަޅުތާލުކުރުން) ބަލައެއް ނުގަނެއޭ. އެހެންވީމާ މި ވާ ގޮތަކީ ވަޒީފާ ދޭ ފަރާތްތަކަށް އެބަ އެނގޭ ތިމަންނަމެން މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަތަސް ކޯޓުން ތިމަންނަމެން ސަލާމަތްވާނެކަން."

ރަސްމީ ހައިސިއްޔަތު: ގާނޫނެއް

އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އަސާސީ އަށް މުއާހަދާ ރާއްޖެ އިން ތަސްދީގުކޮށްފައި ވާތީ، ޓީމް އިން ދެކޭގޮތުގައި، އެ މުއާހަދާތަކުގެ ދަށުން ލިބިދޭ ޖަމާއަތް ހެދުމުގެ ހައްގާއި އެފަދަ ޖަމާއަތްތަކުން މަސައްކަތްތެރިންގެ ހައްގުގައި، ވަޒީފާ ދޭ ފަރާތްތަކާ މަޝްވަރާކުރުން ނުވަތަ ކަލެކްޓިވް ބާގެއިނިންގެ ހައްގު ރާއްޖޭގައި ވެސް ލިބެން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކަށް ރަސްމީ ސިފައެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ނުލިބެނީ އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަން މައުރޫފް ގަބޫލުކުރައްވަ އެވެ.

ޓީމް އިން ދެކޭ ގޮތުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެފަދަ ގާނޫނެއް ހެދުމެވެ. މައުރޫފް ވިދާޅުވިގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ހަދަން އައިއެލްއޯ އާއި ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން 2011 އިން ފެށިގެން މަސައްކަތްކޮށް ބިލެއް އެކުލަވާލި އެވެ. އެކަމަކު ވެރިކަން ބަދަލުވެ އޭގެ ފަހުން އެ ބިލުގެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ.

"މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ރެގިއުލޭޓްކުރުމާއި އެ ޖަމްއިއްޔާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހަޅުތާލުތައް ރެގިއުލޭޓްކުރުމާއި ޑެޑްލޮކަށް ދިޔައިމަ ސަލާމަތްކުރާނެ ގޮތްތަކާއި ކަލެކްޓިވް ބާގެއިނިން އެގްރިމެންޓްތައް ރަޖިސްޓްރީކުރުމާއި މި ހުރިހާ މަރުހަލާތަކެއް އަންނާނެ އެފަދަ ގާނޫނަކުން،" މައުރޫފް ވިދާޅުވި އެވެ.

"އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ކޮންމެހެން ވެސް ގެންނަން ޖެހޭ."

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ އިން ބަޔަކު ނުކުންނަނީ: ޕެންޝަނަރުންނަށް މިހާރު ފައިސާ ދެނީ 65 އަަހަރު ވުމުން 14 އަހަރު ވަންދެން

މަހުޖަނުންގެ "ނުފޫޒު ގަދައީ"

ގާނޫނުއަސާސީ އާއި ގާނޫނާއި އައިއެލްއޯގެ މުއާހަދާތަކުން މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ނެތީ، މައުރޫފް ގަބޫލުކުރައްވާ ގޮތުގައި، މަހުޖަނުން ނުވަތަ "ކެޕިޓަލިސްޓުން" އެ ގޮތް ބޭނުންވާތީ އެވެ.

"ކެޕިޓަލިސްޓުންގެ ނުފޫޒު ގަދައީ. އިތުރު އެއްވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މައުރޫފް ފާހަގަކުރެއްވި ގޮތުގައި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކެޕިޓަލިޒަމްގެ ނުފޫޒު ގަދަޔަސް، "އޭގެ ކުރީގެ މަރުހަލާތަކުގައި ރަނގަޅު ނިޒާމްތަކުގެ ތެރެއިން" މަސައްކަތްތެރިންގެ ހައްގުތައް ހުރީ ކަށަވަރުވެފަ އެވެ. އޭނާ ވިދާޅުވަނީ ރާއްޖެ އަށް އެ ހިސާބަށް ދެވޭނީ މަހުޖަނުންގެ "އަތްދަށުން" ސަލާމަތްވެވިގެން ކަމަށެވެ.

"ހުރިހާ ވިޔަފާރިތަކާއި ހުރިހާ ބާރެއް ކޮންޓްރޯލްކުރަނީ ހައްދުފަހަނައެޅި ވިޔަފާރިވެރިން. އެހެންވީމާ އެ މީހުން ބޭނުން ނުވާ ގޮތަށް އެ ކަންކަން ނުވަނީ. އެ މީހުންގެ ނުފޫޒު ގަދައީ. ވޯޓު ވިއްކައިގެން އަދިވެސް ރައްޔިތުން އެ މީހުން އިންތިޚާބުކުރަނީ. އެ މީހުންގެ އަތްދަށުން ރާއްޖެ ސަލާމަތްވުމުގެ ކުރިއަކުން މި ހައްގުތަކެއް ނުލިބޭނެ،" މައުރޫފް ވިދާޅުވި އެވެ.

"އެންމެ މުހިއްމު ހަތިޔާރު" މަސައްކަތްތެރިންގެ އަތުގައި

ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ހޯދަން އުނދަގޫވާ ބައެއް ސަބަބުތައް މައުރޫފް ފާހަގަކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއް ކަމަކީ ކަލެކްޓިވް ބާގެއިނިން ފަދަ ކަންކަން ކުރާނެ ގޮތުގެ މައުލޫމާތެއް އަދި ތަޖުރިބާއެއް ނެތުމެވެ. އަދި ބައިވަރު އަމިއްލަ ޖަމްއިއްޔާތަކެއް ހުއްޓަސް އެ ފަރާތްތަކަށް ނަތީޖާ ނެރެވޭ މިންވަރު ކުޑަވުމުގެ ސަބަބުން ޖަމްއިއްޔާތަކަށް އޮންނަ އިތުބާރު ކުޑަ ކަމަށް ވެސް މައުރޫފް ގަބޫލުކުރައްވަ އެވެ. އެއާ އެކު، ބައެއް ފަހަރު "ސިޔާސީ ނަޒަރުން މަސައްކަތްތެރިން ވިސްނާ"ކަމީ ވެސް ހުރަހެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން، ކުރިއަރާފައިވާ ގައުމުތަކާ ޚިލާފަށް، މަސައްކަތްތެރިންގެ ހައްގުތައް ޚާއްސަކޮށް ޕްރޮމޯޓްކުރާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތުމަކީ ވެސް މައްސަލައެއް ކަމަށް ޓީމް އިން ދެކެ އެވެ.

އެކަމަކު މައުރޫފް ގަބޫލުކުރައްވާ ގޮތުގައި މަސައްކަތްތެރިން ބާރުވެރި ނުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހެނީ އެ މީހުން އަމިއްލަ އަށެވެ.

"ދިވެހި މަސައްކަތްތެރިންނަށް ގަބޫލުކުރެވެނީ، ސަގާފަތެއްގެ ގޮތުގައި އޮންނަނީ، ހައްގުތައް ހޯދައިދޭން ޖެހެނީ ކޮންވެސް އެހެން ބައެކޭ. ތިމަންނާމެންގެ އެއްވެސް ފަރުދީ ޒިންމާއެއް އޮންނާކަށެއް ނުޖެހެއޭ. އެހެން ނަމަވެސް އެ ގޮތަށް ވާނެ ކަމެއް ނޫން މިއީ،" އޭނާ ފާހަގަކުރެއްވި އެވެ.

"އެހެން ވާނަމަ އަޅުގަނޑުމެން މިހާރު ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީފީމުސް. އެކަމަކު ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތައް ވެސް ތަންފީޒު ނުކުރެވިގެން އަޅުގަނޑުމެން މި އުޅެނީ."

ހައްގުތައް ހޯދުމަކީ ވަރަށް ބުރަ، ބޮޑު ކަމެއްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މަސައްކަތްތެރިންގެ "ވިސްނުން ބަދަލުވާން ޖެހޭ" ކަމަށެވެ.

"އެ މީހުން ގަބޫލުކުރަން އެބަ ޖެހޭ، އެ މީހުންގެ ހަގީގީ ހައްގުތައް ކަށަވަރު ވެގެން މި އަންނަނީ އެ މީހުން ވެސް ކުރާ މަސައްކަތެއްގެ ނަތީޖާއަކުންކަން. އެއީ ކޮންމެހެން ހެޔޮލަފާ ސަރުކާރަކުން ނުވަތަ ހެޔޮލަފާ އެމްޕްލޯޔަރަކު ހެޔޮ ހިތުން ކޮށްދޭ ކަންތައްތަކެއް ނޫންކަން،" އޭނާ ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ބުރަ މަސައްކަތްތަކެއް މަސައްކަތްތެރިން ކޮށްގެން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން، މި ހައްގުތައް ލިބިފައި ހުރީ. މަސައްކަތްތެރިން އޯގަނައިޒްވެގެން މުޒާހަރާތަކެއް ކޮށް، ގްރާސްރޫޓުން އިންގިލާބީ ބަދަލުތަކެއް ގެނެސްގެން ރައްޔިތުންގެ ބާރުވެރިކަން ދެއްކޭ ހިސާބަށް ދިޔައިމަ، ހައްގުތައް ލިބެނީ."

ޓީމް އިން ދެކޭ ގޮތުގައި މަސައްކަތްތެރިން އަމިއްލަ އަށް ނުކުމެ އެ މީހުން ބޭނުންވާ ކަންކަން ހުށަހަޅައިގެން ނޫނީ ހާލަތު ބަދަލެއް ނުވާނެ އެވެ. ސިވިލް ސާވެންޓުންނާއި ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނާއި އެކި އިންޑަސްޓްރީތަކުގެ މަސައްކަތްތެރިން އެއް އަޑަކުން އެ ޝުއޫރުތައް ފާޅުކުރުމަށް މައުރޫފު ގޮވައިލެއްވި އެވެ.

"މަސައްކަތްތެރިންގެ އަތުގައި އޮތީ އެންމެ މުހިއްމު ހަތިޔާރު. މަސައްކަތް ހުއްޓާލީމާ ގަދަކަމުން މަސައްކަތެއް ނުކުރުވޭނެ އެއްވެސް މީހަކު ލައްވައި،" މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހައްގުތައް މިހާރު ވެސް ހަމަ ލިބޭނެއޭ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، އެ ހައްގުތައް ހޯދަން ނުކުތީމާ."

23 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަދަލުކުރޭ

30 January 2019

އެހެން. އޮފީސް/ކުންފުނިތަކުގެވެރިންގެ ކަމަކީ މުއައްޒަފުންނަށް ބިރުދެއްކުމާ އިންޒާރު ދިނުން. އަދި ހަރުކޮށްފައި ހުންނަ ކެމެރާތައް މެދުވެރިކޮށް މުއައްޒަފުުންނަށް ފާރުލާ ބަދުނާމްކޮށް އިންޒާރުދީ ބިރުގެންނެވުން. މިކަންތައް ހުއްޓުވުމަށްޓަކައި މިހާރުންމިހާރަށް ކުރެވިދާނެކަމެއް އަވަސް އަވަހަށް މެނޭޖާ/އެޗްއޯޑީ ލެވެގެ މީހުން އެކިތަންތަނަށް ބަދަލުކުރުމުން. ވާގޮތަކީ ގިނަ ދުވަހު އެއް މަގާމެއްގައި ހުރީމަ އޭގެ ބޭނުން ނާޖާއިޒްގޮތުގައި ހިފަންފައްޓާ.

The name is already taken The name is available. Register?

ނިޒާމްފުޑެނީ

30 January 2019

އިންސާނާއަށް އެންމެ އަސާސީ އެއްޗަކީ ފައިސާ-- އެއީ ފައިސާ ހުރެގެން އެހެން ހުރިހާ އަސާސ އެއްޗެއް މި ލިބެނީ. އެހެންކަމަށްވުމުން ރުފިޔާ އެއްމެންނަށްވެސް ލިބެންޖެހޭނީ އެއްވަރަކަށް. މައްސަލައަކީ ރާއްޖޭގަ އަދި ދުނިޔޭގަ މިއޮތް ސޯޝިއޯއިކޮނޮމިކް ސިސްޓަމް ކަމަށްވާ ކެޕިޓަލިޒަމް. 2050 ހުގެ ކުރިން ކެޕިޓަލިޒަމް ކޮލޭޕްސްވާނެކަމަށް ސައިންވެރިން ބުނޭ. އެއީ ސައިންސާ ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖަންސް ވަރަށްކުރީގައުޅޭނީ އެހާއިރު. އިންސާނުން ބޭނުންވަނީ މުޅިން

The name is already taken The name is available. Register?

ހައިނާ

01 May 2018

ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމާއަތްތަކަކީ ޖަމްއިއްޔާ ޖަމާއަތްތަށް، އެތަންތަން ހިންގަނީ ހުދުމުހުތާރު ވެރިއެއްގެ ދަށުގައި، ދެން ކިހިނެއް މަސައްކަތް ތެރިންގެ ބާރު ކުރިއަށް ނެރޭނީ؟

The name is already taken The name is available. Register?

އަސްލުމީހާ

01 May 2018

މަސައްކަތްތެރިން ކޮންމެ ދުވަހަކު އޮފީހަށް ދެވޭތޯ ބަލާބަލަ. ދެދުވަހުން އެއްދުވަހު ސަލާމް ނޫނީ އެމާޖަންސީ ލީވްގައި. ހަމައަށް އޮފީހަށް ނުދާބަޔަކަށް ކޮން ޖަމިއްޔާއެއް ހެދޭނީ... އެއްވެސް ކަމެއް ނުވާނެ. އޮފީސް ޕޮލިޓިކްސް ކުޅެލަން ވަރަށް ރަނގަޅަށް އިނގޭނެ އެކަމަކު އޮފީހުގެ މަސައްކަތެއް ހަވާލު ކުރާ ހިސާބުން އިނގޭ އެއްޗެއް ނެތް. ކުރު ސިޓީއެއް ލިޔެވެނީވެސް ދެގަޑިއިރުން، އެވެސް ނުބައިކޮށް، އެނެއް ދެގަޑިއިރު ސިޓީ އިސްލާހުކޮށްލަން!!!

The name is already taken The name is available. Register?

އޮޓޮނޮމަސް

30 January 2019

މަސައްކަތްތިން އުޅެނީ ރަގަޅަށް. މައްސަލައަކީ ކެޕިޓަލިސްޓުން(މުދާވެރިން). އެމީހުން ގޭގަ އުފަލުގަ އެތިބެނީ. ރައްޔިތުން ލައްވާ މަސައްކަތްކުރުވަނީ. މުޅިން އާ ރެޑިކަލް ސޯޝިއޯ އިކޮނޮމިކް ސިސްޓަމެއް ބޭނުން. އެއްވެސް މީހަކަށް އަނެކު ކޮންޓްރޯލް ނުކުރެވޭނެ އަދި އެކަކުއަނެކަށް އިންޒާރު ނުދެވޭނެ ނިޒާމެއް. ވަޒީފާއަށް އިންސާނުން މިދަނީ އެމަސައްކަތްތައް ކުރާހިތަކުންނެއްނޫން-- ލާރި ހޯދަންވެގެން. އިންސާނާ އޮޓޯނަމަސް ކުރުވާނެ ނިޒާމެއް ބޭނުން.

The name is already taken The name is available. Register?

ޢަސްލަމް

01 May 2018

ޢެމް.ޑީ.ޕީ މިކަމުގަ ޒިންމާ ނަގަންޖެހޭ

The name is already taken The name is available. Register?

އަށްޑޫ މީހާ

01 May 2018

އެއްވެސސް ބާރެއް އެއްވެސް ބަޔަކަށް ނޯންނާނެކަމަށް ރައީސް ވަނީ ބުނެފަ. ދެން ކޮން ބާރެއް ހޯދަން އުޅޭ ބަޔެއްތަ މީ. ބަލަގަ ނޭގޭތަ ހޮވާފަ ހުރި ރައީސްސަކީ މިގައުމުގެ ވެރިޔަކީ. އޭނަ ބުނީމަ އެންމެންވެސް ޖެހޭނީ ކުޑަކަކޫ ޖަހައިގެން ތިބެން. އެދުވަސސް މިހާރުވެސް މަޑުމަޑުން އެބަފެންނަމުން ދޭ.

The name is already taken The name is available. Register?

އަހުމަދުބެ

01 May 2018

ފާހަގަ ކުރާ ދުވަގެއްގައި މޮޅެތި ވާހަކަ ތަކެއް ބުނެ ނޫސްތަކުގެ ހެޑްލައިން އަށް އެރިއަސް އެއިން ކުރާނެ ފައިދާ އެއް ނޯންނާނެއެވެ. މަސައްކަތް ކުރާނަމަ ނޫސްތަކުގެ ހެޑްލައިން އަށް އަރާނެއެވެ. އެބުނާ ހެން ކެރިގެން ނިކުމެއްޖެނަމަވަޒީފާވެސް ލިބޭނެއެވެ. މާލެއިންވެސް ހޮޓާ ރެސްޓޯރަންޓް ތަކުން އަދި އެހެން ތަންތަނުންވެސް ކޭޝިއަރުންގެ ވަޒީފާ ތައް ލިބެން އެބަހުއްޓެވެ. ޒުވާނުންގެ އެތައް ހާސް ބަޔަކު ވަޒީފާނެތި އުޅޭއިރު ގަވާއިދާ ހިލާފައް ކޭޝިއަރުންގެ ގޮތުގަ ބިދޭސީ މީހާ އިންނަ ނަމަ އެކަމާ ކުރިމަތިލާން ޖެހެއެވެ. ހޮޓަލުން 200 ޑޮލަރު މުސާރަ ލިބޭ ކޭޝިއަރު ބިދޭސީމީހާ 1000 ޑޮލަރު ރަށައް ފޮނުވާގޮތެއް ބަލާ ބަޔަކުވެސް ނޫޅެއެވެ. މީރާއިން ވެސް ދުވަނީ ދިވެހީންގެ ފަހަތުންނެވެ. ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ ބިދޭސީން ގިނައެވެ.

The name is already taken The name is available. Register?

ޓީޗަރު

01 May 2018

ހުކުރެއް ބަންދެއް ޢީދެއް ދުވާލެއް މެންދުރެއް މެންދަމެއް ކިޔާނެ ކަމެއް ނެތް. ޓީޗަރުންނަށް ހިންދެމިލާނެ ވަގުތެއް ނެތް. މިއީ އިންސާނިއްޔަތާ ހިލާފު މިންވަރު. އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ

The name is already taken The name is available. Register?

ބެއި

01 May 2018

ޓީޗަރުން ރައީސް ޔާމީނަށް ވޯޓުލުމުގެ ކުރިން މިކަމާ ވިސްނާތި

The name is already taken The name is available. Register?

ޓީޗަރ

01 May 2018

ޓީޗަރުން ނޫނީ މަސައްކަތް ކުރާބަޔަކު ނޫޅެނީތަ

The name is already taken The name is available. Register?

ރުމައިސާ

01 May 2018

މިނިސްޓަރ އައިޝަތު ޝިހާމަށް، އަޅުގަނޑުމެން ޓީޗަރުން މިތިބަ ހަނާ ވަނީ. ޒަމާނާ އެކަށީގެންވާ ތަޢުލީމު ހޯދަން ރާއްޖޭގެ 50 ޕަސެންޓަށްވުރެ ގިނަ ޓީޗަރުން މިހާރުވެސް ޑިގްރީއާއި މާސްޓަރ ފެންވަރުގެ ކޯސްތަކުގައި ކިޔަވަމުންދާކަން ކަމަނާއަށް އެނގިވަޑައިގަންނަވާނެ. ސްކޫލްގެ މަސައްކަތުގެ ވޯކްލޯޑުގެ އިތުރުން އޭއެފްއެލް، އައިސީޓީ އަދި ސްޓޫޑަންޓް ލެޑް ޕޭރަންޓް ޓީޗަރ ކޮންފަރެންސަށް ޓާމުގެ މިހާ ހިސާބުގައި ތައްޔާރުވަމުން ދާއިރު އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް ވަގުތެއް ނުދެވި، ހިންދެމިލާނެ ވަގުތެއް ނުލިބި އަޅުގަނޑުމެން މިތިބަ ހަނާ ވަނީ. މަސައްކަތްތެރިންގެ ދުވަހު ކަމަނާގެ އަރިހުން މި އެދެނީ ދުވާލެއްގެ 24 ގަޑިއިރު 48 ގަޑިއިރަށް ބަދަލުކޮށް ދެއްވުމަށް. ނޫނީ މިއަށްވުރެ ލުއިވާނެ ގޮތެއް ހައްދަވާ ދެއްވުމަށް. މިހާރު އަޅުގަނޑުމެން ލައްވާ މިކުރުވާހާ މަސައްކަތްމީ އިންސާނުންނަށް އެއްފަހަރާ ކުރެވޭވަރަށް ވުރެ ގިނަ މަސައްކަތް.

The name is already taken The name is available. Register?

ބެއި

01 May 2018

ނުކުރެވޭ ވަރަކުން ކުރާނެ ކަމެއް ނެތް. ކުރެވޭ ވަރުން ކޮށްލަ ކޮށްލާ ތިބީމަ ރަނގަޅުވާނެ.

The name is already taken The name is available. Register?

މޯޑް

01 May 2018

ކޮބާ ޓޫޒަމްގާ މަސައްކަތް ތެރިންގެ ހައްގުތައް އެމީހުނަކައް މިއަދުވެސް ބަންދެއްނޫން ކޮބާ ސަރުކާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454