ސައުދީ އަރަބިއާގެ ކޯޗު އެންޓޯނިއޯ ޕިޒީ (މ) ޕްރެކްޓިހުގައި އެސިސްޓަންޓާ އެކު. --ފޮޓޯ: އޭއެފްޕީ
14 ޖޫން 2018 - 11:56
މޮސްކޯ (ޖޫން 14) - މުބާރާތް ބާއްވާ ގައުމު ރަޝިއާ ބަލިކުރަން ނުކުންނާނީ ބިރެއް ނެތި ކަމަށް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި މިރޭ އެ ގައުމާ ވާދަކުރާ ސައޫދީ އަރަބިއާގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ ބުނެފި އެވެ.
އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ސައުދީ އަރަބިއާ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފަހުން މުބާރާތުގައި މޮޅެއް ހޯދިފައެއް ނުވެ އެވެ. މިއީ އެ ޓީމުން 2006 ގެ ފަހުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ.
"އަހަރެމެންގެ އަމާޒަކީ ރަޝިއާ ބަލިކުރުން. އަހަރެމެން މިތިބީ ތައްޔާރުގައި. އަހަރެމެން ބިރެއް ނުގަނޭ،" އާޖެންޓީނާ އަށް އުފަން ކޯޗު ބުންޏެވެ.
ސައުދީގެ ތައްޔާރީތައް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. އިޓަލީ އާއި ޖަރުމަން އަދި ޕެރޫ އަތުން އެކުވެރިކަމުގެ މެޗުތަކެއްގައި ވަނީ ބަލިވެފަ އެވެ. އެކަމަކު ކޯޗު ބުނީ މޮޅަކާ އެކު މުބާރަތް ފެށޭނެ ގާބިލްކަން ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށެވެ.
"އަހަރެމެން ޕްލޭންކުރަމުން މި އަންނަނީ މެޗުގެ ކޮންޓްރޯލް ނެގުމަށް. އަހަރެމެން މަސައްކަތްކުރާނަން ރަޝިއާގެ ޕޮޒިޓިވް ކަންކަން ކޮންޓްރޯލްކުރަން، އެކަމަކު އެއީ ބައިވަރު ކަންކަން،" ޕިޒީ ބުންޏެވެ.
ސައުދީގެ ކެޕްޓަން އޮސާމާ ހަވްސަވީ ވެސް ބުނީ ދުނިޔޭގެ އެންމެ މުހިއްމު ކުޅިވަރު ހަރަކާތް ފެށުމުގެ މެޗަށް ނުކުންނައިރު، އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާގެ މުހިއްމުކަމެއް ނޯންނާނެ ކަމަށެވެ.
"އަހަންނަކަށް ހިޔެއް ނުވޭ އެކުވެރިކަމުގެ މެޗުތަކަށް އަހަރެމެން ފޯކަސްކުރަން ޖެހޭހެނެއް. މުހިއްމީ މި މެޗު. ސަބަބަކީ ވޯލްޑް ކަޕުގެ މެޗުތަކަކީ ވަރަށް ހާއްސަ މެޗުތަކަށް ވުން. އަހަރެމެން ބޭނުންވޭ އަހަރެމެންނަށް ކުރެވެން އޮތް އެންމެ ބޮޑު ހިތްވަރެއްކުރަން، ކުރާނަން ވެސް މެ،" ހަވްސަވީ ބުންޏެވެ.
އޭނާ ބުނީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތުގެ ދެ ވަނަ ބުރަށް ދިޔަ ދިއުމާ އެއްވަރުގެ ކާމިޔާބެއް ހޯދުމަށްޓަކައި ރަނގަޅަށް ފެށުން މުހިއްމު ކަމަށެވެ.
"ވޯލްޑް ކަޕުގައި ހުންނާނެ ލަފާކުރަން ނޭގޭނެ ބައިވަރު ކަންކަން. އަހަރެމެން ފޯކަސްކޮށްގެން މިތިބީ ހުޅުވާ މެޗަށް. އެހެން މެޗުތަކަށް ކަންކަން ސެޓްވެގެންދާނީ އެ މެޗުން،" ހަވްސާވީ ބުންޏެވެ.
ރަޝިއާ އާއި ސައުދީ އަރަބިއާ ކުޅޭ މި މެޗު އޮންނާނީ މުބާރާތުގެ މައި ސްޓޭޑިއަމް ކަމަށްވާ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙާރިޝް
14 June 2018
ﷲ އިރާދަ ކުރެއްވިއްޔާ މޮޅުވާނެ ..
ޕޮމި
14 June 2018
ލާހިކައެއްނޫން!!!