ސައުދި އެރެބިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 ޖޫން 2018 - 21:56
ރޮސްޓޯވް، ރަޝިއާ (ޖޫން 20) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސައުދި އަރަބިއާ އަތުން 1-0 އިން އުރުގުއޭ މޮޅުވުމާ އެކު އެ ޓީމާއި ރަޝިއާ އަށް ދެ ވަނަ ބުރުން ޖާގަ ކަށަވަރުވި އިރު ސައޫދީ އާއި މިސްރު މުބާރާތުން ކަޓައިފި އެވެ.
އުރުގުއޭ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ މީގެ 64 އަހަރު ކުރިންނެވެ. ސްވިޒަލެންޑުގައި 1954 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އެ ފަހަރު އުރުގުއޭ އިން ވަނީ ޗެކޮސްލޮވާކިއާ އާއި ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.
އުރުގުއޭ އާއި ރަޝިއާ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތް ރަޝިއާ އާއި ދެ ވަނައިގައި އޮތް އުރުގުއޭ އަށް ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ރަޝިއާ ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ގްރޫޕްގެ އެއް ވަނަ ލިބޭނީ ފަހު މެޗުގައި ރަޝިއާ އާއި އުރުގުއޭ ކުޅެގެން މޮޅުވާ ޓީމަކަށެވެ. ރަޝިއާ އެންމެ ފަހުން ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އޭރު އެ ޓީމު ކުޅުނީ ސޯވިއެޓް ޔޫނިއަންގެ ނަމުގަ އެވެ. އުރުގުއޭ އެންމެ ފަހުގެ ވޯލްޑް ކަޕުން ކެޓީ ދެ ވަނަ ބުރުންނެވެ.
އަށާވީސް އަހަރަށް ފަހު ވޯލްޑް ކަޕް ކުޅުނު މިސްރަށާއި 2006 ވަނަ އަހަރަށް ފަހު މި މުބާރާތުގައި ކުޅޭ ސައުދި އަރަބިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ފަހު މެޗުގައި މިސްރާއި ސައުދީ ކުޅޭއިރު މޮޅަކާ އެކު ވޯލްޑް ކަޕް ނިންމާލުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ.
މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އުރުގުއޭގެ ލުއިސް ސުއަރޭޒް ފޮނުވާލި ބޯޅަ ސައުދި އަރަބިއާގެ ކެޕްޓަން އުސާމާ ހައުސަވީ ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ މެޗާ ހިލާފަށް ތަޖުރިބާކާރު ފުރަަތަމަ އެގާރައަކާ އެކު ނުކުތް އުރުގުއޭ އިން މި މެޗުގައި ރަނގަޅު އެޓޭކިން ކުޅެމުންދިޔައިރު، ކައުންޓަ އެޓޭކުގައި ސައުދި އަރަބިއާ އިން ވެސް ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.
އުރުގުއޭ އަށް ލީޑުނަގައިދިނީ އެ ޓީމަށް 100 ވަނަ މެޗު މިރޭ ކުޅެމުންދިޔަ ސުއަރޭޒް އެވެ. ކްރިސްޓިއަން ރޮޑްރިގޭޒް ނަގައިދިން ކޯނަރު އޭރިއާ ތެރެއިން ސައުދި އަރަބިއާގެ ކީޕަރު މުހައްމަދުލް އުވައިސް އަތްމަތިން އައިސް ލިބުނީ ސުއަރޭޒަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ އުރުގުއޭ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ސުއަރޭޒް ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ސައުދި އަރަބިއާ އިން އެންމެ ރަނގަޅު ހަމަލާތައް ފޮނުވާލީ ހަތާން ބަހުބަރީ އެވެ. އޭނާ ފޮނުވާލި އެއް ބޯޅަ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ސައުދި އަރަބިއާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އެޓޭކެއް ނުކުރެވެ އެވެ. ލިބޭ ފުރުސަތުތަކުގައި ހަމަލާތައް ފޮނުވާލީ އުރުގުއޭ އިންނެވެ.
މެޗުގެ 61 ވަނަ މިނިޓްގައި އުރުގުއޭގެ އެޑިސަން ކަވާނީ ނަަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ކާލޮސް ސަންޗޭޒް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މެޗުގެ 80 ވަނަ މިނިޓްގައި ލޫކަސް ޓޮރޭރާ ޖެހި ބޯޅައެއް އޭރިއާ ތެރެއިން ކަވާނީ ބޮލުން ޖެހުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ކަވާނީ ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ކީޕަރު އުވައިސް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު ސައުދި އަރަބިއާ އިން ކުރިއަށް ޖެހިގެން ބޯޅަ ހިފަހައްޓައިގެން އުރުގުއޭ ހާފުގެ ތެރޭގައި ރަނގަޅަށް ކުޅުނެވެ. ސައުދި އަރަބިއާ އިން އެޓޭކް ކުރިޔަނުދީ އުރުގުއޭގެ ފަހަތް ބެލި ކެޕްޓަން ޑިއޭގޯ ގޮޑީން އާއި ހޯސޭ ގިމެނޭޒް ވަނީ މޮޅަށް ކުޅެފަ އެވެ.
މި މެޗުން ބަލިވުމުން ސައުދި އަރަބިއާ އިން ވޯލްޑް ކަޕްގައި މޮޅެއް ހޯދަން އަނެއްކާވެސް އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ. އެ ޓީމު އެންމެ ފަހުން މޮޅުވީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް އަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗެލްސީ
21 June 2018
ރޭގަވެސް ބުނިން ގާތްގަނޑަކަށް މިސްރު ފުރަތަމަ ޓީމުގެ ގޮތުގާ ކެޓިޔޭ ބުނިއްޔާއޭދެން ރަނގަޅުވާނީ.. މިހާރު އެއޮތީ ޔަޤީން ވެފައޭނު...
ދެބަންދިހާރު
20 June 2018
އިންތިޒާރު ކުރަންޖެހޭނީ މިސްރުގެ މެޗަކަންނު