ލަނޑު ޖެހުމަށް ފަހު ކަވާނީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
25 ޖޫން 2018 - 21:17
ސަމާރާ، ރަޝިއާ (ޖޫން 25) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ރަޝިއާ އަތުން 3-0 އިން މޮޅުވެ އުރުގުއޭ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައިރު، މިސްރުގެ މައްޗަށް ފަހު ވަގުތު 2-1 އިން ހޯދި މޮޅާ އެކު ސައުދީ އަރަބިއާ އިން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އުރުގުއޭ އެއް ވަނަ ދިޔައީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރަޝިއާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ސައުދި އަރަބިއާ އިން 1994 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމުން ގްރޫޕުގެ ތިން ވަނަ ހޯދީ ތިން ޕޮއިންޓާ އެކު އެވެ. މިސްރު އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ރަޝިއާ އަތުން އެންމެ ފަހުން އުރުގުއޭ މޮޅުވީ މީގެ 48 އަހަރު ކުރިން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ރަޝިއާ އޭރު ކުޅުނީ ސޯވިއެޓް ޔޫނިއަންގެ ނަމުގަ އެވެ. އެ ޓީމު އަތުން އުރުގުއޭ މޮޅުވީ އިތުރު ވަގުތުގައި 1-0 އިންނެވެ. ރަޝިއާ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ވެސް ސޯވިއެޓް ޔޫނިއަންގެ ނަމުގަ އެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ފަހަރު އެވެ.
މިއީ ވޯލްޑް ކަޕްގައި އުރުގުއޭ އިން ޔޫރަޕްގެ ޓީމުތައް އަތުން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އުރުގުއޭ ވަނީ އިންގްލެންޑާއި އިޓަލީ ބަލިކޮށްފަ އެވެ. އަނެއްކޮޅުން މި މެޗުން ރަޝިއާ ބަލިވިއިރު މިއީ ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތައް އަތުން ޖެހިޖެހިގެން އެ ޓީމަށް ލިބުނު ފަސް ވަނަ ނާކާމިޔާބީ އެވެ.
އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާގެ 100 ވަނަ މެޗުގައި އެ ޓީމަށް ލީޑުނަަގައިދިނީ މެޗުގެ 10 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް އެވެ. ރަޝިއާ އިން މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ 23 ވަނަ މިނިޓްގައި ޑެނިސް ޗެރީޝޭފް އަތުން ބައިކޮޅަށް ވަން ގޯލާ އެކު އުރުގުއޭ އިން ލީޑުފުޅާ ކުރި އެވެ. ޑިއޭގޯ ލަޒަލްޓް އޭރިއާ ބޭރުން ފޮނުވާލި ޝޮޓް ގޯލަށް ވަނީ ޗެރީޝޭފް ފައިގައި ޖެހިފައި ގޮހެވެ.
ރަޝިއާ އަށް މެޗުގައި އުނދަގޫތަކެއް ކުރިމަތިވީ 36 ވަނަ މިނިޓްގައި އެ ޓީމުގެ އީގޯ ސްމޮލްނިކޯފަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފުގައި ރަޝިއާ އިން ރަނގަޅުކުޅުމެއް ދެއްކި ނަމަވެސް އެޑިސަން ކަވާނީ ވަނީ އުރުގުއޭ އަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
މިރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ސަލާހު (ވ) މުހުސިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
މިރޭގެ މެޗުގައި މިސްރުގެ ގޯލު ބެލެހެއްޓި އިސާމުލް ހަދާރީ ވެފައިވަނީ ވޯލްޑް ކަޕެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. މި މެޗުގައި ކުޅުނުއިރު އޭނާގެ އުމުރަކީ 45 އަހަރާއި 161 ދުވަހެވެ.
ސައުދީ އަރަބިއާ އިން މޮޅަށް ކުޅުނު މި މެޗުގައި މުހައްމަދު ސަލާހުގެ ލަނޑުން ފުރަތަމަ ހާފުގައި މިސްރު ލީޑުނެގި އެވެ. އޭގެ ދެ މިނިޓް ފަހުން ލީޑުފުޅާކުރަން ވެސް ސަލާހަށް ފުރުސަތު ލިބުނުއިރު ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުދީ އަރަބިއާ އަށް ވީއޭއާރްގެ އެހީގައި ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ ސަލްމާނުލް ފަރްޖް އެވެ. އޭގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ފަަހަދުލް މުވައްލަދު ފޮނުވާލި ބޯޅަ ކީޕަރު ހަދާރީ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ސިކުންތު ކޮޅު ތެރޭގައި ސައުދި އަރަބިއާ މޮޅުކޮށްދިން ލަނޑު ޖެހީ ސަލީމުއް ދައުސަރީ އެވެ.
މިއީ 1999 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕަށް ފަހު ސައުދީ އަރަބިއާ އާއި މިސްރު ބައްދަލުކުރި ފުރަތަމަ މެޗެވެ. އެ ފަހަރު ސައުދި އަރަބިއާ މޮޅުވީ 5-1 އިންނެވެ. މިއީ އަށާވީސް އަހަރަށް ފަހު ވޯލްޑް ކަޕުގައި ކުޅޭ މިސްރު މި މުބާރާތުގައި އޭޝިއާ ޓީމަކާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގެ ނާކާމިޔާބީއާ އެކު މިސްރަށް ވަނީ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅެއް ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެ ޓީމު މިހާތަަނަށް ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، ފަސް މެޗުން ވަނީ ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗެލްސީ
25 June 2018
ގަދަ 16 އަށް މަރުޙަބާ އުރުގުއާއީ - ރަސިޔާއަށް...
ސިންތިލީ ވޫމް
25 June 2018
ސައުދީން އޮތީ ބެމެއް ދޭން ބުނެފައި ސަލާއައް އެހެން ވެގެން ލިބުނު ފުރުސަތު ބޭނުން ނުކުރީ. ހަގީގަތުގައި މިއަދު ސައުދީން އިދަޖައްސާލަން މިސްރުގެ ޓީމައް ރަނުގެ ފުރުސަތު އޮތް...