މެކްސިކޯގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގުޒްމަން ޖަލުން ފިލައިގެން އުޅެނިކޮށް ސިފައިން ހައްޔަރުކޮށްފައި. --ފޮޓޯ:އޭއެފްޕީ
17 އޯގަސްޓް 2016 - 11:23
މެކްސިކޯ ސިޓީ (އޮގަސްޓް 17) - މަސްތުވާ ތަކެތީގެ ބޮޑު ގޭންގެއް ހިންގާ މެކްސިކޯގެ ޖޯކުއިން އެލް ޗަޕޯ ގުޒްމަންގެ ދަރި ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފި އެވެ.
ގުޒްމަންގެ ދަރި ޖީސަސް އަލްފްރެޑޯ ގުޒްމަން، 29، އާ އެކު، ގުޒްމަން ހިންގާ ގޭންގު ސިނަލޮއާ ކާޓެލްގެ ފަސް މީހުން ވަގަށް ނެގީ އެ އެ ޖަމާއަތާ ވާދަވެރި ޖަލިސްކޯ ނިއު ޖެނެރޭޝަނުންނެވެ. ސިނަލޮއާ ކާޓެލްގެ ބަޔަކު ވަގަށް ނަގާފައި ވަނީ މެކްސިކޯގެ ރިސޯޓެއް ކަމަށްވާ ޕުއެޓޯ ވައްލާޓާގެ ރެސްޓޯރެންޓަކުންނެވެ.
ޖަލުން ފިލައިގެން އުޅެނިކޮށް އަތުލައިގެންފައިވާ ގުޒްމަން ސިނަލޮއާ ކާޓެލް ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ. ގުޒްމަންގެ ދަރި ޖީސަސް އަލްފްރެޑޯ އަކީ ސިނަލޮއާ ކާޓެލްގެ ސީނިއާ މެންބަރެކެވެ.
މެކްސިކޯގެ ބެލުމުގެ ދަށުގައި މިހާރު ހުރި ގުޒްމަން އެމެރިކާއާ ހަވާލު ކުރުމަށް އެ ގައުމުން ވަނީ އެދިފަ އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި އެމެރިކާ އަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ ގުޒްމަންގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ބައެއް އޮފިޝަލުން ބުނީ މެކްސިކޯގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މި ދެ ގްރޫޕުގެ މެދުގައި ކުރިއަށް އޮތް ތަނުގައި "ހަނގުރާމަ" ހޫނުވުމަކީ އެކަށީގެންވާ ކަމެކެވެ. ޖަލިސްކޯ ނިއު ޖެނެރޭޝަނާއި ސިނަލޮއާ ކާޓެލް އިން މެކްސިކޯގެ ޕެސިފިކު ބަނދަރުގެ މަސްތުވާތަކެތީގެ މަގުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުން ކޮންމެ އަހަރަކު ވެސް އެމެރިކާ އަށް އެތައް ޓަނެއްގެ ކޮކޭން ވަގަށް އެތެރެ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy