ރާއްޖޭގެ ޝިފްނާ (މ) މެޑަލް ރަސްމިއްޔާތުގައި.
19 މާޗް 2019 - 12:04
އަބޫ ދާބީގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދައިފި އެވެ.
ސަތޭކަ މީޓަރު ދުވުމުގެ އަންހެނުންގެ ހަ ވަނަ ކެޓަގަރީން ޝިފްނާ ރަން މެޑަލް ހޯދީ 18:01 ސިކުތުން ދުވެގެންނެވެ. މި ކެޓަގަރީން ރާއްޖޭގެ މަރިޔަމް ނޫރާ ރަޝާދު ވަނީ ފަސް ވަނަ ހޯދައިފަ އެވެ. އޭނާ ދުވީ 20:67 ސިކުންތުންނެވެ.
ޝިފްނާއާ ވާދަކޮށް މި ކެޓަގަރީން ދެ ވަނަ އަށް ދިޔައީ 18:07 ސިކުންތުން ދުވި އިކުއެޓޯރިއަލް ގިނީގެ މާރިއާ މެގްޑަލޭނާ އެވެ. ރިހި މެޑަލް ހޯދީ 19:31 ސިކުންތުން ދުވި ބުރުންޑީގެ ނިޝިމަގިޒްވޭ އޮޑެއްޓޭ އެވެ.
ގޭމްސްގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހަތަރު ވަނަ ކެޓަގަރީން ރާއްޖޭގެ ވަސްމީ ވަހީދު ވަނީ އާދީއްތަ ދުވަހު ރިހި މެޑަލް ހޯދައިފަ އެވެ. އޭނާ ދުވީ 27:25 ސިކުންތުންނެވެ. އަދި ފަސް ވަނަ ކެޓަގަރީން ރާއްޖޭގެ އަލީ އަމީން އަބްދުލްގަފޫރު މުހައްމަދު ވަނީ ފަސް ވަނަ ހޯދައިފަ އެވެ. އޭނާގެ ޓައިމިން އަކީ 34:73 ސިކުންތުންނެވެ.
ރާއްޖޭގެ ވަސްމީގެ ކަރުގައި ރިހި މެޑަލް އަޅުވަނީ.
ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ނިއު ނޭޝަންސް ބައިގެ ފިރިހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި އަންހެނުންގެ 100 މީޓަރު ދުވުމުގަ އެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުގައި މިއަދު އަމީނާއި ވަސްމީ ދުވާނެ އެވެ.
ޕެރެލައިމިކްސް އަށް ފަހު ދުނިޔޭގައި ބާއްވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ރަސްމީ ބައިގައި މި ފަހަރު ދުނިޔޭގެ 170 ގައުމަކުން ވާދަކުރި އެވެ. ނިއު ނޭޝަންސް ކެޓަގަރީގައި ރާއްޖޭގެ އިތުރުން 21 ގައުމެއް ވާދަކުރެ އެވެ. އެއީ ގެމްބިއާ، ގިނީ ބިސާސޫ، މައިކްރޯނޭޝިއާ، ލެސޯތޯ، ޖިބޫތީ، ޔަމަން، ސޮލޮމަން އައިލެންޑްސް، ޗާޑް، ލައިބީރިއާ، ކޮމޮރޯސް، އިކުއެޓޯރިއަލް ގިނީ، ނައިޖާ، އެންޓިގާ އެންޑް ބަރްބޫޑާ، މޮޒަމްބީކް، ކޭޕް ވާޑާ، އިތިއޯޕިއާ، ގިނީ، މަޑަގަސްކަރަ، ބާބަޑޯސް، ސައުތު ސޫދާން އަދި ނައުރޫ އެވެ.
ރާއްޖޭގެ ބައެއް އެތުލީޓުން އަމިއްލަ ހައިސިއްޔަތުން މީގެ ކުރިން މި ގޭމްސްގައި ބައިވެރިވެފައިވީ ނަމަވެސް މިއީ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީއެއް ހަދައި ރަސްމީ ހައިސިއްޔަތުން ބައިވެރިވި ފުރަތަމަ ފަހަރެވެ. އެ ކޮމިޓީގެ ރައީސަކީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy