ކުޅިވަރު / ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ

ކިޑްސް ފިއެސްޓާ ކެންސަލެއް ނުވާނެ: އަލީ ވަހީދު

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަލީ ވަހީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިމާވާ މައްސަލައެއްގެ ސަބަބުން މުބާރާތެއް ނުބާއްވަން ނިންމުމަކީ ހައްލެއް ނޫން ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން ކެންސަލްކުރަން އަންގާފައިވާ މައިލޯ ކިޑްސް ފިއެސްޓާގެ މައްސަލައިގައި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ކިޑްސް ފިއެސްޓާ އަންނަ ބުރާސްފަތި ދުވަހުގައި ނުބޭއްވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއްގައި ހަކުރު އެކުލެވޭ ބުއިމެއް އިޝްތިހާރުކޮށްގެން ކުރިއަށް ނުގެންދެވޭނެތީވެ އެވެ.

ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކުގައި ހަކުރު އެކުލެވޭ ބުއިންތަކުގެ ސްޕޮންސަޝިޕާ އެކު ނުގެންދެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ. އަލީ ވަހީދު ވިދާޅުވީ ކޮންމެވެސް ބައެއްގެ އިހުމާލުން ބައެއް މުބާރާތްތައް އެ ފަދަ ސްޕޮންސަރުންގެ އެހީތެރިކަމާ އެކު ބާއްވާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ސޮކަ ވެޓެރަންސްގެ ކިޑްސް ފިއެސްޓާ ފެށެން އެހާ ވަގުތު ގާތްވެފައިވަނިކޮށް ކެންސަލްކުރުމުން ގިނަ ކުދިންތަކަކާއި ބެލެނިވެރިންނަށް ލިބިގެންދިޔައީ މާޔޫސްކަމެއް ކަމަށާއި އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"ކެންސަލް ވުމުގެ އޮޕްޝަނެއް ނޯންނާނެ. އެ ޔަގީންކަން އެބައޮތް. އެކަމަކު މުބާރާތް ބޭއްވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ސްޕޮންސަޝިޕްތަކަކާ އެކު. ސަރުކާރުގެ ވިސްނުމަކީ ކުރިން ކުރި ވަރަށް ވުރެން ރަނގަޅަށް ކުރަން. ފަހަތަކަށް ދާކަށެއް ބޭނުމެއް ނޫން. ކިޑްސް ފިއެސްޓާ ކުރިއަށްދާނެ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވި އެވެ.

ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކުރަން ސަރުކާރުން ކަނޑައަޅާފައި އޮތް ސިޔާސަތުގެ ތެރެއިން ކަންތައްތައް ރަނގަޅުކުރަން އިންޓަ ސްކޫލް ފަދަ މުބާރާތްތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުން އެއްބާރުލުންދޭން ޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

2017 ވަނަ އަހަރުގެ މައިލޯ ކިޑްސް ފިއެސްޓާގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންގެ އެދުމަކީ ސްކޫލު ކުދިން ބައިވެރިވާ އިވެންޓްތަކުގައި ޝުގަރީ ޑްރިންކްސް އަދި އެނާޖީ ޑްރިންކްސް ބޭނުންނުކުރަން. މި ކަހަލަ ޒިންމާދާރު ސިއްހަތަށް ފައިދާވާނެ ނިންމުންތައް ނިންމީމާ އެހެން ކުުންފުނިތަކުގެ ޒިންމާ އެބަބޮޑުވޭ. ސްޕޮންސަޝިޕަށް މުބާރާތް ބާއްވާ ފަރާތްތަކުން ސަލާން ޖަހަން ދާން ޖެހޭ ގޮތް ވެގެނެއް ނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކުޅިވަރު މިހާރު އޮތް ހާލަތުން އަރައިގަންނަން ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ޕްރައިވެޓް ސެކްޓާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ތެރެއިން ކުޅިވަރަށް ކުރާ ހޭދަ އިތުރުކުރަން ޖެހޭކަމަށް އަލީ ވަހީދު ފާހަގަކުރެއްވި އެވެ.

ސޮކަ ވެޓެރަންސް އެސޯސިއޭޝަންގެ ޗެއާމަން އަލީ ޝަމީމް ވިދާޅުވީ މިދިޔަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް މި އަހަރުގެ މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި ބާއްވާނެ ތާރީހެއް ފައިނަލް ކުރާނީ ބެލެނިވެރިންނާއި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި މާދަމާ މުބާރާތް ބޭއްވުމުގެ އިންތިޒާމް ހަމަނުޖެހޭނެ ކަމަށާއި އެކަމަކު ތާރީހެއް ކަނޑައަޅާނީ ބެލެނިވެރިންނަށާއި ކުދިންނަށް އެންމެ ފަސޭހަގޮތެއް ބެލުމަށް ފަހު ކަމަށް ވެސް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެން ސަރުކާރުގެ ޕޮލިސީއާ ބަރާބަރަށް ބައިވެރިވާނަން. އަޅުގަނޑުމެން މިކަން ފެށީ ވެސް ބެލެނިވެރިންގެ ޖީބަށް ލުއިވާނެ ގޮތަކަށް ކުރިއަށްގެންދަން. ކުރިއަށް އޮތްތަނުގައި ވެސް ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅަށް ބާއްވާނީ. މި އަހަރު ގްރޭޑް ހަތަރެއް ފަހެއްގެ ކުދިން ކުޅޭނެ. އެ ޔަގީންކަން އަޅުގަނޑުމެން ދެން. ދެން އޮތް މުބާރާތް ކުޅޭނީ ސްޕޮންސަރެއް ޖަހައިގެންތޯ ނޫނީ ނޫންތޯ އެޔެއް މުހިއްމެއް ނޫން. މުބާރާތް ކެންސަލެއް ނުވާނެ،" އަލީ ޝަމީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ކިޑްސް ފިއެސްޓާ ނުބޭއްވުނީ އެފްއޭއެމް އިން އެންގުމުންނެވެ. އެފްއޭއެމުން ސޮއިކޮށްފައިވާ އޭއެފްސީ/ ފީފާ ގްރާްސް ރޫޓު ޗާޓަރުގައިވާ ގޮތުން 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ވާދަވެރި މުބާރާތްތައް ނުބޭއްވޭނެ އެވެ. އެއީ ފީފާ އާއި އޭއެފްސީގެ ތަފާތު ދިރާސާތަކަށް ފަހު ފުޓްބޯޅަ ލޯބި ކުޑަކުދިންގެ މެދުގައި އިތުރުކުރަން ނިންމި ނިންމުމެއް ކަމަށްވެ އެވެ. އެކަމަކު ވަކި އުސޫލެއްގެ ތެރެއިން މުބާރާތްތައް ކުރިއަށްގެންދިއުމުގެ އިހުތިޔާރު އޮވެ އެވެ.

އަލީ ވަހީދު ވިދާޅުވީ ކިޑްސް ފިއެސްޓާ ކުރިއަށް ގެންދިއުމަށް މި ފަހަރު އެފްއޭއެމްގެ އެހީތެރިކަމަށް ވެސް ލިބޭނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރި ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ މުބާރާތަކަށްވާތީ އެފްއޭއެމުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެހެން ނަމަވެސް އެކަން ކުރާނީ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެ ގޮތުން މި އަހަރުގެ މުބާރާތުގައި އިނާމް ދިނުމުގެ ކަންތައްތައް ނުބޭއްވުމަށް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

ސޮކަ ވެޓެރަންސް އިން ވަނީ ކިޑްސް ފިއެސްޓާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވައިފަ އެވެ. އެ ކްލަބަށް އެ ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ނެސްލޭ ކުންފުނިންނެވެ. އެއީ މައިލޯގެ އިޝްތިހާރުތައް މެދުވެރިކޮށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އެކަން ކުރިއަށްދަން ޖެހޭނީ އެހެން ސްޕޮންސަރުންގެ އެހީގަ އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހޫ

16 April 2019

ގަމާރުކަން. މައިލޯ ދަޅުގަ ހަކުރެއް ނުހުންނާނެ ޕެކެޓުގަ ހުންނަގޮތަށް.

The name is already taken The name is available. Register?

ާިބެލެނިވެރިޔެއް

16 April 2019

މިއަހަރު ހަމަ މައިލޯ ގެ ނަމުގަ ގުރޭޑު 2 3 ގެ މުބާރާތެއްވެސް ބޭއްވި. އޭރު ސަރުކާރުގެ ސިޔާސަތުގެ ތެރޭގަ ޝުގަރ އެކުލެވޭ ބުއިންތައް ނުހިމެނެނީބާ؟ މުބާރާތް ފެށެން އެއްދުވަހައް ވީމައެއްނޫން ސަރުކާރުގެ ސިޔާސަތަކައް ވެގެން ހުއްދަ ނުދޭންވީކީ. ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ބެލެނިވެރިންނައް ޖަވާބު ލިބެންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454