ސެލީން ޑިއޯން: ފިރިމީހާގެ ހަނދާނުގައި ހެދި ލަވަ މިހާރު ވަނީ އެހުންތެރިންނަށް ދޫކޮށްލާފައި.
10 ސެޕްޓެމްބަރ 2016 - 05:09
މަޝްހޫރު ފިލްމް "ޓައިޓޭނިކް" ގެ އަސަރު ގަދަ އަދި އެހާމެ ހިތްގައިމު ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސެލީން ޑިއޯން، ފިރިމީހާގެ ހަނދާނުގައި ހެދި ލަވަ އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ.
ސެލީންގެ ފިރިމީހާ ރެނޭ އެންޖެލިލް މަރުވީ ޖެނުއަރީ 14، 2016 ގަ އެވެ. ރެނޭގެ ހަނދާނުގައި، ހުވަފަތް ސެލީން ނެރުނު އާ ލަވަ އަށް ދީފައިވާ ނަމަކީ "ރިކަވަރިން" އެވެ.
ރެނޭ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 73 އަހަރުގަ އެވެ. އޭނާ މަރުވި އިރު ދެ ކުދިން ވެސް ލިބިފައިވެ އެވެ.
ވަރަށް އަސަރު ގަދަ ޅެމަކަށް އެހާމެ ފުން އަސަރުތަކެއް ކުރުވައިދޭ ހިމޭން ރާގަކަށް ހަދާފައިވާ "ރިކަވަރިން" މިހާރު އައިޓިއުންސް އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. މި ލަވައިގެ ޅެން ލިޔުމުގައި ވެސް ސެލީން، 48، ބޮޑު ހިއްސާއެއް އަދާކޮށްފައިވެ އެވެ.
އޭނާއާ އެކު ޅެމުގައި ދެން ހިއްސާ ވަނީ ޕިންކާއި ޝަމްބްލިން އަދި ޓޮމް ޑަގްލަސް އެވެ. "ރިކަވިން" ގެ ޅެން ވެސް މިހާރު ޖީނިއަސްގައި އާންމުކޮށްފަ އެވެ.
ސެލީން އާއި ރެނޭ: ރެނޭ މަރުވީ ކެންސަރު ބަލީގައި ޖެނުއަރީ މަހު.
"ރިކަވަރިން" އަކީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ސެލީން ތައްޔާރުވަމުން އަންނަ އަލްބަމްގައި ހިމެނޭ އެންމެ ހާއްސަ އެއް ލަވަ ވެސް މެ އެވެ.
ސެލީން ވަނީ މިހާތަނަށް ގިނަ އަލްބަމްތަކެއް ނެރެފަ އެވެ. އިނގިރޭސި ބަހުން މިހާތަނަށް 11 އަލްބަމް ނެރެފައިވާ އިރު، ފްރާންސް ބަހުން ނެރުނު އަލްބަމްތަކުގެ އަދަދު 15 އަށް އަރަ އެވެ.
އެންމެ ފަހުން އޭނާ އިނގިރޭސި ބަހުން ނެރުނު އަލްބަމަކީ 2013 ގެ "ލަވްޑް މީ ބެކް ލައިފް" އެވެ.
މި އަހަރު ފަހުކޮޅަށް ތާވަލްކޮށްފައިވާ އާ އަލްބަމަކީ ވެސް އިނގިރޭސި ލަވަތައް ހިމެނޭ އަލްބަމެކެވެ. އެކަމަކު އެ އަލްބަމާ ބެހޭ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy