ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޝްރީ ޝާމިނަށް، މަޖިލީހުގެ ރައީސް ނަޝީދު މަރުހަބާ ދަންނަވަނީ.--ފޮޓޯ: މަޖިލިސް
31 އޯގަސްޓް 2019 - 22:02
އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ބައްދަލުވުމަށް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިން ރާއްޖެ ވަޑައިގެންފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މާދަމާ ފަށާ ބައްދަލުވުމަށް ސާކުގެ ހަ ގައުމެއްގެ މަޖިލީހުގެ ވެރިން ވަޑައިގެންފައިވާ ކަމަށެވެ. ޕާކިސްތާނުން ވަޑައިގަތީ އެ ގައުމުގެ މަޖިލީހުގެ ނައިބު ރައީސެވެ. ދެން ހުރި ގައުމުތަކުން ވަޑައިގަތީ މަޖިލީހުގެ ރައީސުންނެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އައިޕީޔޫ ބައްދަލުވުމަށް ސާކުގެ ގައުމުތަކުން ބައިވެރިނުވަނީ ނޭޕާލް އެކަންޏެވެ. މިއަންމާ ވެސް ކުރިން ބައިވެރިވާން ހަމަޖައްސާފައި އޮތަސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާއަށް، މަޖިލީހުގެ ނައިބު ރައީސް އީވާ މަރުހަބާ ދަންނަވަނީ.-- ފޮޓޯ: މަޖިލިސް
މި ބައްދަލުވުން އޮންނާނީ މަޖިލީހުގެ އިދާރާގަ އެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ސައުތު އޭޝިއަން ސްޕީކާސް ސަމިޓުގެ ހަތަރު ވަނަ ބައްދަލުވުމުގައި ދެ ޖިންސުގެ މީހުންނަށް ވަޒީފާގައި ހަމަހަމަކަން ގާއިމްކުރުމާއި ޒުވާނުންނަށް ވަޒީފާ އުފައްދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގުޅޭގޮތުންް ވެސް މަޝްވަރާކުރާނެ އެވެ.
ބައްދަލުވުމުގެ ތެރެއިން އއ. ރަސްދު އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy