ރިޕޯޓް

އަވަސް ކުރެވޭނީ ކިތައް ސިކުންތު؟

ދިރާގު ރޭހުގެ ފަސް ކިލޯމީޓަރު ދުވުމުގެ ތެރެއިން: މިދިއަ އަހަރަށް ވުރެ މި އަހަރު އެންމެ ސިކުންތެއް ނަމަވެސް ބާރުކޮށްލެވިދާނެތޯ މަސައްކަތްކޮށްލުން ރަނގަޅު --ފޮޓޯ: ނިޝާން އަލީ/ މިހާރު

13 ސެޕްޓެމްބަރ 2019 - 10:24

7 comments

ކުރިން ނަމަ ދުވެފައި މާލެ ވަށައި ބުރެއް ޖަހާލުމަކީ "ވަރަށް ހިތްވަރު ގަދަ" ބަޔަކަށް ކުރެވޭ ކަމެކެވެ. އޭރުގެ ބައެއް މީހުންނަށް އެ ބުރު 30 މިނިޓުން ނިންމާލެވުމަކީ އަދި މާ އުފާވެރި ނަތީޖާއެކެވެ. މާލެ ވަށައި އޭރު ޖެހި ބުރު، މިއަދު ދުނިޔޭގެ ދިގު ދުވުމުގެ އަސްލު ސައިޒަށް ފެތި، ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރަށް، ބަދަލުވެއްޖެ އެވެ.

އަންނަ ހުކުރުދުވަހު ހުޅުމާލޭގައި ގާތްގަނޑަކަށް 4،000 ދުވުންތެރިން ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ވާދަކުރާނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދުވާނީ އެ ދުވަހު ހަވީރު އޮންނަ ފަސް ކިލޯމީޓަރުގަ އެވެ. ހެނދުނު އޮންނާނީ 10 ކިލޯމީޓަރެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭހަށް ނުކުންނަ އިރު، ޔަގީނުން ވެސް ކޮންމެވެސް އުއްމީދެއް، އަމާޒެއް ނުވަތަ ކުރިން ނުކުރާ ވަރުގެ ހިތްވަރެއް ލުމުގެ އަޒުމް އޮންނަން ޖެހޭނެ އެވެ. ދުވުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ދިގު ރޭހެއްގައި ތިމާގެ އަމިއްލަ ރެކޯޑް އަބަދުވެސް އާކުރެވޭތޯ ކުރާ މަސައްކަތަކީ، ރޭސް ނިންމާލުމާ އެކު ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.

ދިރާގު ރޭހަށް އެއް ބަޔަކު މިހާރު ވެސް އަންނަނީ ތައްޔާރުވަމުންނެވެ. ސީރިއަސް ދުވުންތެރިން، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިންނާއި ދުވުމަކީ ކޮންމެ ދުވަހެއްގެ އާދަޔަކަށް ހަދާފައިވާ މީހުން ވެސް ހިމެނޭ ގޮތުން، މިހާރު ވާނީ ބޮޑެތި ހުރިހާ ތަމްރީނެއް ނިންމައި، ރޭހުގެ ދުވަހަށް ހަށިގަނޑު މުޅިން ހަމަޖައްސާލުމުގެ ބަޔާ ކުރިމަތިލައިފަ އެވެ.

ދުވުމަކީ އިންސާނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ސީރިއަސް ދުވުންތެރިން ބުނާ ގޮތުގައި ޗެލެންޖިން ތަމްރީން ބުރެއް ނިންމާލާ އިރު، ކިތައްމެ ފުން މާނޭވާތަކެއް ލެވުނަސް، ހަށިގަނޑު އެ އިހުސާސްކުރާ އުފާ، އެފަދަ ތަމްރީންތަކެއް ނުހަދާ މީހަކަށް ނުލިބޭނެ އެވެ. ހަފުތާއަކު ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން، ތަމްރީންގެ އެކި ބައިތައް، ޝަކުވާއެއް ނެތި، އެ މީހުންނަށް ފުރިހަމަ އެ ކުރެވެނީ އެހެންވެގެންނެވެ.

ކޮންމެ ތަމްރީނަކުން ވެސް އުފަލެވެ. ހަށިގަނޑު އެދެނީ އިތުރު ޗެލެންޖްތަކަށެވެ.

ސިކުންތުކޮޅެއް ނަމަވެސް އަވަސްކޮށްލަމާ!

ދިރާގު ރޭހުގައި ބައިވެރިވާ ގިނަ ދުވުންތެރިންނަށް އެކަން ނޭނގިދާނެ އެވެ. އެކަމަކު މިދިއަ އަހަރު ރޭސް ނިންމި ވަގުތަށް ވުރެ ސިކުންތުކޮޅެއް ނަމަވެސް އަވަސްކޮށްލެވިދާނެތޯ ހިތްވަރުކުރެވިދާނެ އެވެ. ކުރިން ރޭހެއްގައި ދުވެފައި ނެތް މީހެއް ނަމަ، ހަށިގަނޑު ތަންދޭ އެންމެ އަވަސް ވަގުތެއްގައި ނިންމޭތޯ ބަލަން، ކޯޗުން އިރުޝާދު ދެ އެވެ. އޭރުން ދެން ބައިވެރިވާ ރޭހެއްގައި އެއަށް ވުރެ ބާރަށް ދުވުމުގެ ޖޯޝް އުފެދޭނެ އެވެ.

ކުރީގެ ވަގުތަށް ވުރެ ސިކުންތުކޮޅެއް އަވަސްކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ކުރިއަށް އޮތް ހަ ދުވަހު ތަމްރީން ހަދައިގެން އެއްވެސް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟

މިދިއަ އަހަރުގެ ދިރާގު ރޭހުގެ 10 ކިލޯމީޓަރުގެ އެއްވަނަ ދުވުންތެރިޔާ ހުސެއިން ފަޒީލް ދުވަނީ: މިކަހަލަ ވަރުގަދަ ދުވުންތެރިން ރޭހަށް ނުކުންނަނީ ހުއްޓުމެއް ނެތި، އެތައް މަހެއްގެ އެކި ތަމްރީންތަކަށް ފަހު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައެއް ކޯޗުން ބުނި ގޮތުގައި ހަފުތާއެއްގެ ތެރޭގައި މާ ބޮޑު ބަދަލެއް ނުގެނެވޭނެ އެވެ. ދިގު ރޭހެއްގައި ދުވުމަކީ ހަމައެކަނި ފުއްޕާމެއަށް ލިބޭ ޕްރެޝަރެއް ނޫނެވެ. ފަޔާއި މަސްތަކާއި، ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ބާރު ވެސް އެއަށް ބޭނުންވެ އެވެ. އެހެންކަމުން ކިލޯމީޓަރަކުން ފަސް ސިކުންތު އަވަސްކޮށްލުމަކީ ވެސް ޗެލެންޖިން މަސައްކަތެކެވެ.

އެކަމަކު ދިރާގު ރޭހުގައި ދުވާ ގިނަ ދުވުންތެރިންނަކީ، ބައެއް ކޯޗުން ބުނާ ގޮތުގައި، އެ މީހުންގެ ދުވުމުގެ އެންމެ މަތީ ގާބިލްކަން ޓެސްޓްކޮށްފައި ނުވާ ބައެކެވެ. މިސާލަކަށް 35 މިނިޓުން ފަސް ކިލޯމީޓަރު ނިންމާ ދުވުންތެރިޔާގެ ކިބާގައި، 25 މިނިޓުން އެވަރުގެ ރޭހެއް ދުވުމުގެ ގާބިލްކަން ހުރެދާނެ އެވެ. އެކަމަކު ރޭހަށް އެކަށީގެންވާ ތަމްރީންތައް ނުހެދުމުން، އޭނާގެ ސްޕީޑާއި ބުންވަރާއި ހަށިގަނޑުގެ މަސްތައް ތައްޔާރެއްނުވެވެ އެވެ. އެހެންކަމުން އޭނާގެ ދުވުން އޮންނަނީ އަބަދުވެސް 35 މިނިޓާ ހިސާބަށް ހުއްޓިފަ އެވެ.

މާލާގެ ދުވާ ޓްރެކް، ނުވަތަ މާލެ ވަށައި ދުވެ/ހިނގާ މީހުންނަށް ބަލަންޏާ، އެކަށީގެންވާ ތަމްރީންތަކެއް ލިބިއްޖެ ނަމަ ސްޕީޑް އަވަސްކުރެވޭނެ ކިތައްމެ ބަޔަކު އުޅެ އެވެ. އެ މީހުންނަށް ނޭނގޭ ކަމަކީ، ބައެއް ކޯޗުން ބުނި ގޮތުގައި، ހާއްސަ ތަމްރީންތައް ހަދައިފި ނަމަ ހަށިގަނޑަށް ވެސް، އަދި ދުވުމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެވެ.

ދިރާގު ރޭހުގައި ބައިވެރިވާ ގިނަ ދުވުންތެރިންގެ މެދުގައި އަސްލު އޮންނަނީ ރޭސް ފުރިހަމަކުރުމުގެ ނިޔަތެވެ. ނުވަތަ ގްރޫޕަކާ އެކު މަޖަލަށް ބައިވެރިވެލުމެވެ. މިއިން ކޮންމެ ސަބަބެއް އޮތަސް، ހަގީގަތުގައި، ތިމާއަށް އެ ހުރެވެނީ ދުވަން ނުކުމެވިފަ އެވެ. އެހެންކަމުން އެވަގުތުކޮޅު ސީރިއަސްވެލައި، އެއް ބަޔަކު އަނެއް ބަޔަކަށް ވެސް ޗެލެންޖެއް ކުރެވިދާނެ އެވެ: އެއީ ވަގުތު އަވަސްކޮށްލުމެވެ.

މިދިއަ އަހަރުގެ ދިރާގު ރޭހުގައި ދުވުންތެރިޔަކު ބޯ ތެންމާލަނީ: ގިނަ ދުވުންތެރިން ރޭހަށް އަރަނީ މާ ބޮޑު ތަމްރީންތަކެއް ނެތި --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަސް ދުވަހުގެ ކުޑަ ތަމްރީނެއް

މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް ކޯޗުން ބުނި ގޮތުގައި ކުރިއަށް އޮތް ހަ ދުވަހުގެ ތެރެއިން ފަސް ދުވަސް، ހާއްސަ އެކަމަކު ކުޑަ ތަމްރީންތަކެއް ހަދާލެވެން އެބަ އޮތެވެ. ރޭހަށް މިހާ ކައިރިވެފައި އޮތުމުން، ފުރަތަމަ ވިސްނަން ޖެހޭނީ އެއްވެސް އަނިޔާއެއް ނުލިބި ހުރެވޭތޯ އެވެ. އެކަމަކު އާންމުކޮށް ދުވެ އުޅޭ މީހެއް ނަމަ، އަދި ކުރިން ހާއްސަ ތަމްރީންތަކެއް ހަދާފައި ނެތް ނަމަ، ކުރިއަށް އޮތް ފަސް ދުވަހު ޓެސްޓްކޮށްލެވިދާނެ ބައެއް އުކުޅުތައް އެބަ ހުއްޓެވެ. އެގޮތުން ބައެއް ކޯޗުންގެ ނަޒަރުގައި އެންމެ ރަނގަޅީ ފާޓްލެކް ތަމްރީންގެ ތިން ބުރު، ތިން ދުވަހަށް ބަހާލުމެވެ.

ފާޓްލެކަކީ ނުހުއްޓި އެކަމަކު ބައެއް ވަގުތުތަކުގައި ތިމާގެ އެންމެ ބާރު ސްޕީޑްގެ މަތީ ޕަސެންޓޭޖެއްގައި، ވަކި އިރެއް ވަންދެން ނުވަތަ ވަކި ދުރު މިނަކަށް ދުވުމެވެ. މިއީ އެމީހަކު ބޭނުންވާ ގޮތަކަށް ހަދާލެވިދާނެ ތަމްރީނެކެވެ. ތިމާގެ ބުންވަރު ހުރި ވަރަކުން، ގިނަ އިރު ނުވަތަ ދިގު ރާސްތާއެއް ކަނޑައްތުކުރަންވީ އެވެ. އާންމުކޮށް މިހާރު ދުވެ އުޅޭ މީހެއް ނަމަ، އަންނަ ހޮނިހިރު، ހޯމަ، އަދި ބުދަދުވަހު ފާޓްލެކް ހަދަންވާ ގޮތް ތިރީގައި އެވަނީ އެވެ.

ފާޓްލެކް ދުވާނެ ގޮތް

- ދިގުމިން 30 މިނިޓް ނުވަތަ ފަސް ކިލޯމީޓަރު (ބުންވަރު ހުރި މީހެއް ނަމަ، އެއަށް ވުރެ އިތުރުކޮށްލެވިދާނެ)

- 5 މިނިޓް މަޑުން ދުވެލުން

- އޭގެ ފަހުން އެއް މިނިޓް ބާރަށް (ތިމާގެ އެންމެ ބާރު ސްޕީޑްގެ 80-90 ޕަސެންޓްގައި)

- 1 މިނިޓް މަޑުމަޑު ޖޮގިންއެއްގައި

- މި ގޮތަށް 20 މިނިޓް ދުވެފައި، އެންމެ ފަހު ފަސް މިނިޓް އަނެއްކާ މަޑުމަޑުން ދުވެލުން

- ރަނގަޅަށް ކަސްރަތުކޮށްލުން

ދެން އޮތީ އާދިއްތަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ހަދާނެ ގޮތެކެވެ. ބައެއް ކޯޗުން ބުނި ގޮތުގައި އެ ތިން ދުވަހުގެ ތެރެއިން އާދިއްތަ އާއި އަންގާރަ ދުވަހު އެއް ގަޑިއިރު ވަންދެން މަޑުމަޑުން ދުވެލާނީ އެވެ. އެގޮތުން ދުވާއިރު، ހަމަޖެހިލައިގެން ވާހަކަ ދެއްކޭ ވަރަށް، ވަރުބަލިނުވެ ހުންނަން ސަމާލުކަން ދޭން ޖެހޭނެ އެވެ.

ބުރާސްފަތިދުވަހު އެ ދުވުން 30 މިނިޓަށް ދަށްކޮށްލެވިދާނެ ކަމަށް، ކޯޗުން ބުނެ އެވެ. ދެން އޮންނާނީ ރޭހެވެ.

އެންމެ ހަފުތާއަކުން ތިމާގެ އަސްލު ގާބިލްކަން ދެއްކޭވަރުގެ ތަމްރީނެއް ހެދޭނެ ގޮތެއް ނެތެވެ. ދިގު ދުވުންތަކުގައި ބާރަށް ދުވެވޭނީ (ތިން ކިލޯމީޓަރަށް ވުރެ ދިގު ވެއްޖެ ނަމަ، ބެލެވެނީ ދިގު ދުވުމެއްގެ ގޮތުގަ އެވެ.) ހުއްޓުމެއް ނެތި ގިނަ ދުވަހުގެ ތަމްރީންތައް ހަދައިގެންނެވެ. އެއީ ވަކި ގޮތަކަށް ހަށިގަނޑު ހޭނުމެވެ.

ކުރިއަށް އޮތް ދިރާގު ރޭހުގައި ލިބޭ ކުރިއެރުމާއި، ހިތްވަރާ އެކު އެހެން ރޭހަކަށް އެގޮތަށް ތައްޔާރުވެވިދާނެ އެވެ. މިހާރު މި އޮތީ ރޭސް އައިސް ޖެހިފަ އެވެ. މަޖާކޮށްލުމުގެ ތެރެއިން ތިމާގެ ހަށިގަނޑުގައި ހުރި ބާރެއް އެހެން ރައްޓެހިންނަށް ދައްކާލުމުގެ ފުރުސަތެކެވެ. އެކަކު އަނެކަކަށް ޗެލެންޖް ކޮށްލާށެވެ.

ރީތި ސެލްފީއަކާ އެކު، ރަނގަޅު ވަގުތެއްގައި ރޭސް ނިންމާލުމުގެ އަޒުމް ކަނޑައަޅާލުން ހަމަ އެންމެ ރަނގަޅެވެ.

7 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 3%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯޑްރަނާ2019

13 September 2019

ތިޔަ ފެންނަ ބައެއް ކަނބަލުންގެ ސްޕީޑް އަވަސްވާނެ އެއްވެސް ކޯޗެއްގެ އެހީއާ ނުލާވެސް. އަޅެ ގޮތް ބަލާލަން ކުރަފި، މީދާ، ބުޅާ ކަަހަލަ އެއްޗެއް ފަހަތުން ދައްކާލިޔަސް ވަގުތުން ރޭސް ނިންމާލާނެ.

The name is already taken The name is available. Register?

ޢަޅެދޯ19

13 September 2019

ސްޕީޑުގެ ވާހަކަ ދައްކަން ވީ އަހަރެމެން ކައިރިއަކު ނޫން. ލަދު ކޮބާ؟

The name is already taken The name is available. Register?

ޙުސެން ނާޖިހު

13 September 2019

މަގޭ ދާނަން

The name is already taken The name is available. Register?

ށެމް

13 September 2019

ތިއީ ސްޕީޑް އަވަސްކުރާނެ ގޮތުގެ ވާހަކަ ދައްކަންޖެހޭ ފެންވަރުގެ ބައެއްނޫން.

The name is already taken The name is available. Register?

ޙާޗޮގީ

13 September 2019

ސްޕީޑް އަވަސްކުރަންވީ ދުވުންތެރިން އެކަނިތަ ؟ ކޮންއިރަކުން ތިބުނާ ކަހަލަ ތައްޔާރީ ޕްރޮގްރާމެއް ހަދައިގެން އިންޓަނެޓް ސްޕީޑު އަވަސްކުރާނީ.

The name is already taken The name is available. Register?

ރޯޒްސް

13 September 2019

ފޮޓޯ ބަލާފަ ކޮމެންޓު ކުރީދޯ؟

The name is already taken The name is available. Register?

ސަތޭކަ އެކާވީސް

13 September 2019

މަށެއް ނޫޅެން ތިދުވުމުގައި ދުވާކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454