ދިވެހި އިންޝިއުރެންސްގެ މެނޭޖްމެންޓްގެ އިސްވެރިން--ފޮޓޯ: ނިޝާން އަލީ/މިހާރު
15 ސެޕްޓެމްބަރ 2019 - 17:18
އިންޝުއަރެންސް ދާއިރާގެ މައުލޫމާ ދީ، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ތިން ވަނަ "އިންޝުއަރެންސް އިންސައިޓްސް ސެމިނާ،" އަންނަ އަންގާރަ ދުވަހު ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކުންފުނި، ދިވެހި އިންޝުއަރެންސުން އިސް ނަގައިގެން ކުރިއަގެންދާ މި ސެމިނާ ސީރީޒްގެ ތިން ވަނަ އެޑިޝަން ހާއްސަ ކޮށްފައި ވަނީ ޕްރޮފެޝަނަލް ދާއިރާތަކަށެވެ. އެގޮތުން، ގާނޫނީ ވަކީލުންނާއި ޑޮކްޓަރުންނާއި އާކިޓެންޓުންނާއި އިންޖިނިއަރުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޝުއަރެންސް މެދުވެރިކޮށް ހުރި ފުރުސަތުތައް މި ސެމިނާ ގައި ކިޔައިދެވޭނެ އެވެ.
ސެމިނާ ކުރިއަށް ގެންދާނީ އަންގާރު ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 1:00 އަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގަ އެވެ.
ދިވެހި އިންޝުއަރެންސުން ބުނީ ޕްރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ އަބަދުވެސް ވަރަށް ބޮޑު ރިސްކެއް ނަގާ ބައެއް ކަމަށާއި ދިމާވާ ދަތިތަކާއި ހާދިސާތަކުން ސަލާމަތް ވުމަށް އިންޝުއަރެންސްގެ ދާއިރާއިން ހުރި ފުރުސަތުތައް ކިޔައި ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މި ސެމިނާގައި މައުލޫމާތު ދޭނީ އިންޝުއަރެންސްގެ ދާއިރާގެ ތަޖުރިބާރު ބައިނަލްއަގްވާމީ ގާނޫނީ ވަކީލެއް ކަމަށްވާ އެންޓޮން ރަމަޗަންދްރަން އެވެ.
މި ސެމިނާގައި ބައިވެރިވާ މީހުންނަށް ދިވެހި އިންޝުއަރެންސްގެ އެގްޒެކެޓިވް ހެލްތު އިންޝުއަރެންސް ޕެކޭޖުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މިއީ ފަސް ލައްކަ ޑޮލަރުގެ ޕްލޭނެކެވެ.
ދިވެހި އިންޝުއަރެންސުން މިދިޔަ ދެ އަހަރު ވެސް މިފަދަ ސެމިނާތައް ބޭއްވި އެވެ. އެގޮތުން 2017 ވަނަ އަހަރު ކޯޕަރޭޓް އިންޝުއަރެންސަށް ހާއްސަ ސެމިނާއެއް ކުރިޔަށް ގެންދިޔަ އިރު މިދިޔަ އަހަރު ކޮންސްޓްރަކްޝަން ދާއިރާގެ އިންޝުއަރެންސްގެ ޕްލޭންތަކަށް ހާއްސަ ސެމިނާއެއް ބާއްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy