ކުޅިވަރު

ދިރާގު ރޯޑް ރޭސް: ފަޒީލަށް ދެ ރޭސް ކާމިޔާބުކުރެވިދާނެތަ؟

ފަޒީލް ގައުމީ މުބާރާތުގެ 1500 މީޓަރު ދުވުން ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 4000 ބައިވެރިން އަންނަ ހުކުރު ދުވަހު އެކިގޮތްގޮތުން ހިތްހަމަޖެހުން ހޯދާނެ އެވެ. ކުރިއަށް ވުރެ ބާރަށް ދުވެލައިގެންނެނެވެ. ނުވަތަ ކުޑަމިނުން ރޭސް ފުރިހަމަކޮށްލައިގެންނެވެ. އެކަމަކު އޭގެ ތެރެއިން އެއް ދުވުންތެރިޔަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިދާނެ އެވެ. އެއީ އިވެންޓުގައި އޮންނަ ދެ ރޭސް ކަމަށްވާ 10 ކިލޯމީޓަރު ދުވުމާއި ފަސް ކިލޯމީޓަރު ދުވުން ކާމިޔާބުކޮށްގެންނެވެ.

އެކަމަށް އުއްމީދުކުރާ ދުވުންތެރިޔަކީ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އަކީ އެ ދެ އިވެންޓުގެ ޓްރެކް ރޭސް ކަމަށްވާ 10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުގެ ގައުމީ ޗެމްޕިއަންނެވެ. މިދިޔަ ދެ އަހަރު ވެސް މެ އެވެ. އެކަމަކު ދިރާގު ރޭހުގައި މިހާތަނަށް އެ ދެ ރޭސް ކާމިޔާބުނުކުރެވި އޮތީ އެއް ވަގުތެއްގައި ދެ ރޭސް އޮންނާތީވެ އެވެ. މިދިޔަ އަހަރު އޭނާ 10 ކިލޯމީޓަރު ދުވުމުގައި ވާދަކޮށް ކާމިޔާބުކުރީ އެވެ. މި އަހަރު ދެ ރޭސް އޮންނާނީ ދެ ވަގުތެއްގަ އެވެ.

ހެނދުނު އޮންނަ 10 ކިލޯމީޓަރު ރޭހާއި ހަވީރު އޭނާ ފަސް ކިލޯމީޓަރު ރޭހުގައި ދުވާނީ ސީދާ އެއް ވަނަ ހޯދަން އަމާޒުކޮށްގެންނެވެ. އަދި އޭގެ ތެރެއިން ފަސް ކިލޯމީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދަން ވެސް ބޭނުންވެ އެވެ. އެ ރެކޯޑް މިވަގުތު އޭނާގެ އަތުގައި އޮތީ 15:50 މިނެޓުން ދުވެގެންނެވެ. ގައުމީ މުބާރާތުގައި އޭނާ 5000 މީޓަރު ރޭސް ނިންމީ 15:59 މިނެޓުންނެވެ. އަދި އެ މުބާރާތުގައި 10000 މީޓަރު ރޭސް ނިންމީ 33:41 މިނެޓުންނެވެ.

"ދިހަ ކިލޯމީޓަރު ރޭސް ދުވެފައި ކަންޑިޝަން ރަނގަޅިއްޔާ، ފަސް ކިލޯމީޓަރު ރޭހުން ނެޝަނަލް ރެކޯޑެއް ހަދަން ޓާގެޓްކުރާނަން،" ދިރާގުގައި އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ފަޒީލް ބުންޏެވެ.

ރިޒާ (ކ)، ފަޒީލް (މ) އަދި ޝިފާޒް މިއަދުގެ ދިރާގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ.

އޭނާ ބުނީ ކޮންމެ ރޭހެއް ވެސް ދުވާނީ އެންމެ މަތީ މިނުގައި ކަމަށް ވުމުން، ހެނދުނު 10 ކިލޯމީޓަރު ދުވެފައި ހަޔެއްކަ ގަޑިއިރު ފަހުން ހަވީރު ފަސް ކިލޯމީޓަރު ދުވާއިރު ހަށިގަނޑަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެހެންވެ ދެ ރޭހުން ވެސް ވަނަ ހޯދުން އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟

"ކޮންމެ ރޭހެއް ވެސް މިދުވަނީ ބެސްޓުގައި، ރަނގަޅު ޓައިމިންއެއްގައި އެއް ވަނަ ހޯދަން. އެގޮތަށް ދުވާއިރު މެކްސިމަމް ދޭނެ. އެހެންވެ ފަސް ވަރަކަށް ގަޑިއިރު ފަހުން ދުވާއިރު ލޯޑެއް ބޮޑީއަށް އަންނާނެ. އެކަމަކު ގިވްއަޕްނުކުރުން މީގައި އޮންނާނީ،" ފަޒީލް އޭނާގެ ރަސްމީ ޖަވާބު ދިނެވެ.

އެ ދެ ރޭހުގެ ޓްރެކް އިވެންޓުން މި ފަހަރު ގައުމީ މުބާރާތުގައި ދެ ވަނަ ހޯދި އަދި މިދިޔަ އަހަރުގެ ދިރާގު ރޭހުގެ ފަސް ކިލޯމީޓަރު ރޭސް ކާމިޔާބުކުރި މުހައްމަދު ރަޝީދު (މޯޑް) މިވަގުތު ޓްރައި މެރެތަން ރޭހެއްގައި ވާދަކުރަން ނޭޕާލުގައި ހުރުމުން ދިރާގު ރޭހުން ނުފެނިދާނެ އެވެ. އެއާ އެކު ފަޒީލަށް އެންމެ ބޮޑު ވާދައެއް ދޭނީ ރޯޑް ރޭހުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ޝިފާޒް މުހައްމަދާއި އުއްމީދީ ދުވުންތެރިޔާ ހުސެއިން ރިޒާ (ކުޑަރިޒާ) އެވެ.

ރާއްޖޭގެ މެރެތަން އަދި ހާފް މެރެތަން ރެކޯޑް އޮންނަ ޝިފާޒް މިވަގުތު ހާއްސަވެ ތަމްރީން ހަދަނީ ވެސް އެ ދެ އިވެންޓަށެވެ. އެކަމަކު ރޯޑް ރޭހުގައި މިޑްލް ޑިސްޓެންސް ދެ އިވެންޓުގައި ވާދަކުރާނެ އެވެ. އެންމެ ބޮޑު ބޭނުމަކީ އަންނަ މަހުގެ 20 ވަނަ ދުވަހު އޮންނަ އެމްސްޓްރެޑަމް މެރެތަންގެ ކުރިން، ފެންވަރު ވަޒަންކޮށްލުމެވެ. އެކަމަކު ފަޒީލަށް ރަނގަޅު ފައިޓެއް ދޭނެ އެވެ.

"ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގައި ވެސް ފަޒީލާ ވީހާ ވެސް ކައިރިން ނިންމާލައި ރަނގަޅު ފައިޓެއް ދެވޭތޯ ބަލާނީ،" ޝިފާޒް ބުންޏެވެ.

ފަޒީލް 2012 ވަނަ އަހަރު އަލަށް ދިރާގު ރޭހުގައި ދުވިއިރު ޝިފާޒަކީ ފަސް ކިލޯމީޓަރު ރޭސްތަކުގެ ރާއްޖޭގެ ޗެމްޕިއަނެވެ. އެކަމަކު މިހާރު ޝިފާޒް މެރެތަން އާއި ހާފް މެރެތަނަށް ހާއްސަވުމާ އެކު، ފަޒީލު ވަނީ ރަސްކަން ހޯދައިފަ އެވެ.

އެންމެ ފުރަތަމަ ސިފައިންގޭގެ ޓްރެއިނިން ނިންމާފައި އައިސް 2012 ވަނަ އަހަރު ދިރާގު ރޭހުގައި ވާދަކުރިއިރު ޝިފާޒުގެ ނަން ގުގުމާލާގައި އޮންނަނީ. ޝިފާޒޭ ދުވެޔޭ ބުނީމާ ބިރު ވެސް ގަތް. ހިތަށް އެރީ ޝިފާޒް ހިނގާފައި ވިޔަސް އެއް ވަނަ ހޯދާނެޔޭ ފަޒީލް ހަނދާންތައް އާކުރި އެވެ.

ދިރާގު ރޯޑް ރޭހުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ޝިފާޒް.

މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. މިއަދު ހުރިހާ ދުވުންތެރިން ވެސް އެގޮތަށް ބަލާ ދުވުންތެރިޔަކީ ފަޒީލެވެ. އުއްމީދީ ދުވުންތެރިޔާ ރިޒާ ވެސް ދެކެނީ އެގޮތަށެވެ. ރިޒާ ބުނީ ފަޒީލަކީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު ދުވުމުގައި ރާއްޖޭގެ ރަސްގެފާނު ކަމަށާއި އަމާޒަކީ އޭނާއާ ވީހާ ވެސް ކައިރިން ވާދަކޮށް، ޕާސަނަލް ރެކޯޑެއް ހެދުން ކަމަށެވެ.

"ފުލް އެފަޓެއް ލާނަން،" ރިޒާ ބުންޏެވެ.

މީގެ ދޮޅު ހަފުތާ ކުރިން ގައުމީ މުބާރާތުގެ 1500 މީޓަރު ދުވުމުގެ ރޭހުގައި ފަޒީލް ބަލިކުރުމާ ވަރަށް ގާތަށް ރިޒާ ދިޔަ އެވެ. ރިޒާ ރޭސް ނިންމުނީ ކަމަށް ބަލައި އުފާފާޅުކުރަން އަތްއުފުލާލި ވަގުތު ފަޒީލް ފަހަތުން އަރައި ރޭސް ކާމިޔާބުކުރީ އެވެ. އެ ރޭހަށް ފަހު ރިޒާ ބުނީ އޭނާ އަށް ގޯހެއް ހެދުނު ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމުން ފިލާވަޅެއް ނަގާނެ ކަމަށެވެ. މިއީ އެކަން ދައްކާލަން ރިޒާ އަށް ލިބޭނެ ފުރުސަތެކެވެ.

ފަޒީލް ވެސް ދެކޭ ގޮތުގައި ރިޒާ އަކީ އެންމެ މަތީ ފެންވަރަށް ކައިރި މުސްތަގުބަލެއްގައި އާދެވިދާނެ ދުވުންތެރިޔެކެވެ.

"ރިޒާ އަކީ ހާޑްވޯކިން އެތުލީޓެއް. ޑިސިޕްލިން އާއި ފަރުވާތާތެރިކަމާ އެކު ޓްރެއިނިން ހަދާ ދުވުންތެރިޔެއް. ފިއުޗާ އެބައޮތް ހުއްޓުމެއް ނެތި ކުރިއަށްދާންވީ އޭނާ. އަޅުގަނޑުމެން މިހާރު މިތިބަ ލެވަލަށް ކައިރި މުސްތަގުބަލެއްގައި އާދެވޭނެ އޭނާ އަށް ފަޒީލް ބުންޏެވެ.

ކުރިން ޝިފާޒް ހޯދި އެފަދަ ކާމިޔާބީތައް، މިހާރު ފަޒީލް ހޯދަމުން އަންނަ އެފަދަ ކާމިޔާބީތައް އަދި މުސްތަގުބަލުގައި ރިޒާ ހޯދާނެ ކަމަށް ބެލެވޭ ކާމިޔާބީތަކުގެ ސިއްރަކީ، ތިން ދުވުންތެރިން ވެސް އެއްބަސްވި ގޮތުގައި ދިރާގުން ދުވުންތެރިންނަށް ހޯދައިދިން މި ޕްލެޓްފޯމެވެ.

ހާއްސަކޮށް އިލެކްޓްރޯނިކަލީ ޓައިމިން ބެލޭނެ ސިސްޓަމެއް ތައާރަފްކޮށް އަދި އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސެސް (އެއިމްސް) އިން އެޕްރޫވްކޮށްފައިވާ ރޫޓެއްގައި ރޭސް ބޭއްވުމެވެ.

"ކުރީގައި ދުވި އިރު ފަސް ވަރަކަށް ފަހަރު އެއް ވަނަ ހޯދިން. އެކަމަކު ނެޝަނަލް ރެކޯޑެއް ހެދިޔަސް ބަލައިނުގަނޭ. އެކަމަކު މިހާރު މި ރޭސް އެސޯސިއޭޝަން އެޕްރޫވްކޮށްފައި އޮތުމާ އެކު އަދި އިލެކްޓްރޯނިކަލީ ޓައިމިން ބަލާތީ ރެކޯޑްތައް ބަލައިގަނޭ. އަދި ޓައިމިން ރަނގަޅުކުރަން ވެސް ފުރުސަތު ލިބޭ،" ޝިފާޒް ބުންޏެވެ.

ގައުމީ މުބާރާތުގެ 1500 މީޓަރު ރޭހަށް ފަހު ހުރި ރިޒާ (ކ) އާ ފަޒީލް ސަލާމްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގުން 2007 ގައި ބާއްވަން ފެށި ރޭހަށް އަހަރަކުން އަހަރަށް ގެންނަ އެފަދަ ބަދަލުތަކުގެ ސިލްސިލާ އަށް މި ފަހަރު އިތުރުވީ ދެ ވަގުތެއްގައި ދެ ރޭސް ބޭއްވުމުގެ ބަދަލެވެ. އެތުލީޓުން ވަނީ އެ ބަދަލަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ. ރިޒާ ބުނި ގޮތުގައި ކުރިން ނަމަ 10 ކިލޯމީޓަރަށް ދުވާ ދުވުންތެރިޔާ ދެ ވަނަ ބުރު ޖަހަން އަންނައިރު، ފަސް ކިލޯމީޓަރުގެ ފުރަތަމަ ބުރުގައި ދުވާ ދުވުންތެރިންނާ އެންމެން ބޮނޑިވެ އުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"މިހާރު ފަސް ކިލޯމީޓަރު ދުވާ ދުވުންތެރިޔާ އަށް ފުލް ސްޕީޑުގައި ގޮސް ނިންމާލަން ފުރުސަތު އޮންނާނެ،" ރިޒާ ބުންޏެވެ.

އަނެއް ކަމަކީ ކުރިން 10 ކިލޯމީޓަރު ރޭސް ހަވީރު ބާއްވާތީ ވީހާ ވެސް އަވަހަކަށް ފަށަން ޖެހި ހޫނުގަޑީގައި ދުވަން މަޖުބޫރުވެ އެވެ. އެކަމަކު މިހާރު ހެނދުނު ތަންކޮޅެއް ހޫނު މަޑު ގަޑިއެއްގައި 10 ކިލޯމީޓަރު ދުވެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ފައިދާ އާއްމު ދުވުންތެރިންނަށް ވެސް ކުރާނެ އެވެ. ހެނދުނު 10 ކިލޯމީޓަރު ދުވެލައި ޕާސަނަލް ބެސްޓް ދައްކާލުމަށް ފަހު ހަވީރު އާއިލާއާ އެކު ފަސް ކިލޯމީޓަރު ޖަހާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

"އެލީޓް ދުވުންތެރިންނަށް ވެސް އެއް ރޭހެއްގައި ދެ ޓައިމިންގެ ޕާސަނަލް ރެކޯޑް ހަދާލަން ފުރުސަތު ލިބޭނެ،" ފަޒީލް ބުންޏެވެ. "އަޅުގަނޑު ވެސް ދުވަން ފަށައިގެން އެންމެ ފުރަތަމަ ރެކޯޑެއް ހެދުނީ ދިރާގު ރޭހުގައި. މިއީ ދުވުމުގެ ކެރިއަރުގެ ބިންގާ. ވަރަށް ރަނގަޅު ޕްލެޓްފޯމެއް މިއީ."

އެ ޕްލެޓްފޯމުގައި، ފަޒީލް އަންނަ ހުކުރު ދުވަހު ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައިފި ނަމަ އެއީ އޭނާގެ ކެރިއަރުގައި އިތުރު ހަރުފަތަކަށް އެރުމެވެ. އޭރުން މަހެއްހާ ދުވަހުގެ ތެރޭގައި މިޑްލް ޑިސްޓެންސުގެ ދެ އިވެންޓެއްގެ ޓްރެކް ރޭހާއި ރޯޑް ރޭސް އޭނާ އަށް ކާމިޔާބުކުރެވުނީ އެވެ.

5 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަ55559

18 September 2019

މިވެރިންނަށް މުސާރަ ދީފައި ދުވަން...ދެން ކޮބާ އިންސާފަކީ؟

The name is already taken The name is available. Register?

ާިަަަަައަލީ

19 September 2019

ކަލޭވެސް ދޭބަ ދުވަން އެހެން މީހުުނާ ބެހޭނެ ކަމެއް ނެތެއްނުން

The name is already taken The name is available. Register?

ޟާނާ

19 September 2019

ވާހަކަ ގިނަ ނުކޮށް ކެރެންޏާ ކުރިމަތިލާ. ތިބޭފުޅާ އަށްވެސް އަދި ޒުވާން އެހެން ކުދިންނަށްވެސް މި ފުރުޞަތު ލިބޭނެ.

The name is already taken The name is available. Register?

66666

19 September 2019

ފުލުހެއް ސިފައިންގެ މީހެއް މުސާރަ ނަގައިގެން ދުވަންޏާ ގޯސް... ޕާޓޭއެއް މީހުން އަތުން ފޭރިގެން ދުވަން ރަނގަޅު... އެހެންތަ ތިބުނީ؟

The name is already taken The name is available. Register?

ސަސި

18 September 2019

އޯލްދަ ބެސްޓް ފްލެޝް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454