ޓޫރިޒަމް ޖޮބްފެއާ ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
27 ސެޕްޓެމްބަރ 2019 - 23:56
ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް ހުޅުވާ ޖޮބް ސެންޓަރު އަންނަ މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ޖޮބް ފެއާ ފެށުމުގެ ގޮތުންް މިރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ދިވެހިން ތަމްރީންކޮށް ވަޒީފާ ހޯދައިދިނުމަށް ޖޮބް ސެންޓަރެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ސެންޓަރުތަކަކީ ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަށް އެދޭ މީހުން އެއްތަނަކަށް ގެނުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.
މި ސެންޓަރުގައި ވަޒީފާ އަށް އެދޭ މީހުން ރަޖިސްޓްރީ ވާން ޖެހޭއިރު ވަޒީފާތަކަށް ހުޅުވާލާ ތަންތަނުން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. ވަޒީފާތަކަށް ހުޅުވާލުމުން ކޮލިފިކޭޝަނަށް ބެލުމަށްފަހު ޖޮބް ސެންޓަރުން އެ މީހަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބިދޭސީއަކު އެ ވަޒީފާއަށް ގެނެވޭނީ ދިވެހިންގެ ތެރޭގައި ކޮލިފައިވާ މީހަކު ނެތުމުން ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު ބުނެލަން ޖޮބް ސެންޓަރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް. މި ސެންޓަރުގައި ވަޒީފާ ދޭ މީހުން ވަޒީފާ އިއުލާން ކުރުމުން ވަޒީފާ އަށް އެދި ރަޖިސްޓްރީ ވާ މީހުންގެ ތެރެއިން ކޮލިފައިޑް މީހުންނަަށް ވަޒީފާ ވަގުތުން ހަމަޖެހޭނެ. އެ ވަޒީފާއަކަށް ކޮލިފައިޑް މީހަކު ނެތްނަމަ ބޭރު މީހަކު ގެންނަން ކޯޓާ ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ވަޒީފާ އިތުރުކުރުމުގެ ގޮތުން ދައުލަތުގެ އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ސިޔާސަތުތައް ހުރިގޮތުން ވަޒީފާތަކުގައި ގޮންޖެހުން އެބަހުރި ކަމަށެވެ. ނަމަވެސް އެ ސިޔާސަތުތައް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ވޯލްޑް ބޭންކުގެ އެހީގައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "މީރީ" ޕްރޮޖެކްޓުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. މި ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ހުރީ ކޮން ފުރުސަތުތަކެއްތޯ ބަލައި އެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށް ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވާކަމަަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހިދޫ
28 September 2019
ޖޮބް ސެންޓަރުތައް މީގެ ކުރިން އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށްރަށުގަވެސް އަޅަން ފަށާފަ ހުރީ ރައީސް މައުމޫނު ދައުރުގާވެސް އާކަމެއް ނޫން ތީ
ބުރޯސް
28 September 2019
ކޮންމެހެން ފޮނިނުކަޑާ ހުޅުވަފަ ބުނެބަލަ ހުޅުވާއިފީން މިހެންބުނެބަލަ!!!......މިޤައުމުގެ ގެ ހުރިއެންމެ ޤާބިލުބޭފުޅާ!!
ކަމަނާފުޅު
28 September 2019
މިލިޔުން ކިޔާލާފަ ރުޅިފޭސް ދައްކާލާފަހުރީ ބޭރުމީހުންގެންނަ އެޖެންސީތަކާއި ވަޒީފާދޭންތިބިކުންފުނިތައް.
ޖަޒީރާ
28 September 2019
ރިސޯޓުތަކުން ބަންގާޅުން ހުސްކޮންބަލަ މިރާއްޖޭގާ ވަޒިފާހުރިވަރުފެންނާގެ ތިތަޅަނީހުސްއަނގަ ހައްތާވެސް ދެރަމީހާއަން ދެރަގޮތް މިގައުމުގާ ސަލާމައްނުވާވަރައް ވަޒީފާ ފެއްނާނެ ހުރިހާ ރިސޯޓުންބަންގާޅުން ނުގެއްގުޅެވޭ ގޮތްހަދާލަބަލަ މޮޔަނުގޮވާ
ށ.އަތޮޅު މީހާ
28 September 2019
ސާބަހޭ މިނިސްޓަރ
ދިވެހިންރ
28 September 2019
މޯލްޑިވިޔަނައިޒޭށަން ޕުރޮގުރާމެއް ހިންގަންވީ! ރިސޯޓުތަކައް ޝަރުތުކުރަންވީ ބޭރުމީހުން ކުރަން ހުއްދަ ދޫކުރެވޭނީ 5 އަހަރުތެރޭ ދިވެއްސަކު އެމަގާމައް ތަމުރީނުކޮއް ރިޕުލޭސް ކުރާނެކަމައް ޝަރުތުކޮއް
ފަރީދާ
28 September 2019
ރިޕްލޭސް ކުރާ މީހާ ދިޔައީމަ ދެން ކިހިނެތް ހަދާނި؟