ގުޒްމަންގެ އަންހެނުން އައިސްޕޫރޯ. --ފޮޓޯ: ގެޓީ އިމޭޖަސް
23 ފެބުރުއަރީ 2021 - 13:57
ވޮޝިންޓަން (ފެބްރުއަރީ 23) - މެކްސިކޯގެ ނުރައްކާތެރި ޑްރަގު ޑީލަރު ޖޯކިން އަލް ޗަޕޯ ގުޒްމަންގެ އަންހެނުން އެމެރިކާގެ އެއާޕޯޓަކުން ހައްޔަރުކޮށްފި އެވެ.
އެމާ ކޮރޮނެލް އައިސްޕޫރޯ، 31، ޑަލަސް އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ވަނީ ގުޒްމަން ފިލުމަށް މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އައިސްޕޫރޯއަކީ މެކްސިކޯގެ އިތުރުން އެމެރިކާގެ ޕާސްޕޯޓް ވެސް އޮންނަ މީހެކެވެ.
ޑްރަގު ޓްރެފިކްކުރުމާއި މަނީ ލޯންޑްރިންގެ ކުށުގައި ގުޒްމަން މިހާރު ދަނީ ނިއު ޔޯކުގެ ޖަލެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ.
އުމުރުން 61 އަހަރުގެ ގުޒްމަން މެކްސިކޯގެ ޖަލަކުން 2016 ވަނަ އަހަރު ފިލައިގެން ފަސް މަސް ދުވަސް ވަންދެން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އެމެރިކާއާ ހަވާލު ކުރީ 2017 ގަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ޖަލުގައި ބަންދުކުރި ގުޒްމަން ވަނީ 2001 ވަނަ އަހަރު ވެސް ޖަލުން ފިލައިފަ އެވެ. އެ ފަހަރު އޭނާ ޖަލުން ފިލީ ލޯންޑްރީ ކާޓެއްގައި ފިލައި އޮވެގެންނެވެ. އޭނާ އަތުލައިގަތުމަށް ފަހު ދެ ވަނަ ފަހަރަށް ޖަލަށްލީ 2014 ވަނަ އަހަރު އެވެ.
މެކްސިކޯގެ އާދައިގެ އާއިލާއަކަށް އުފަން ގުޒްމަންގެ ޑްރަގު ވިޔަފާރި ފުޅާވެ އޭނާ އެންމެ ފަހުން ވަނީ 2009 ވަނަ އަހަރުގެ ފޯބްސްގެ އެންމެ މުއްސަނދިންގެ ލިސްޓަށް އަރައިފަ އެވެ. އޭނާގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު އެބަހުއްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
23 February 2021
ވަރަށްދެރަވި މި ޚަބަރުކިޔާފަ.... ލާސްޓް އިއަރ ޝީ ރިޕްލައިޑް މައި މެސެޖް ސެންޓް ބައި އިންޓަގްރާމް... ސިންސް ދެން އައިމް ހާ ފޭން