ދުނިޔޭގެ ކުޅިވަރު

ގަތަރު ވޯލްޑް ކަޕަށް އަމާޒުކޮށް ހިއުމަން ރައިޓްސް ކެމްޕެއިނެއް

ޖަރުމަނު ކުޅުންތެރިން ރޭގެ މެޗުގެ ކުރިން ހިއުމަން ރައިޓްސް މެސެޖެއް ދެނީ.

26 މާޗް 2021 - 09:26

ލަންޑަން (މާޗް 26) - މި ހަފްތާގައި ޔޫރަޕްގެ ގައުމުތަކަށް ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތައް ފެށިއިރު ހިއުމަން ރައިޓްސްގެ ހައްގުގައި ގައުމީ ޓީމުތަކުން ކެމްޕެއިންތަކެއް ފަށައިފި އެވެ.

އެ ގޮތުން މިހާތަނަށް ނޯވޭ އާއި ޖަރުމަނު ގައުމީ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނުކުތުމުގެ ކުރިން ޓީޝާޓްތަކެއްގައި ހިއުމަން ރައިޓްސްގެ މެސެޖްތަކެއް ޖަހައިގެން ޝުއޫރުފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް ހުރި މެޗުތަކުގައި ޔޫރަޕްގެ އިތުރު ގައުމުތަކުން މި ކެމްޕެއިންގައި ބައިވެރިވާނެ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ގިބްރޯލްޓާއާ ދެކޮޅަށް ނޯވޭ ކުޅުނު މެޗަށް އެ ޓީމުގެ ހުރިހާ ކުޅުންތެރިން "ރެސްޕެކްޓް އޮން އެޑް އޮފް ދަ ޕިޗް" ޖަހާފައިވާ ހުދު ޓީޝާޓްތަކެއް ލައިގެންނެވެ.

ނޯވޭގެ ތަރި އާލިން ބްރައުޓް ހާލަންޑް ބުނީ މި މެސެޖުން ދޭހަކޮށްދެނީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުން ވެސް ހަމަހަމަކަމަށް ފުޓްބޯޅަ އިން ވެސް ލޯބިކުރާކަން ކަމަށެވެ.

ހިއުމަން ރައިޓްސް ކެމްޕޭނުގައި ބައިވެރިވި ދެ ވަނަ ގައުމަކީ 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. އެ ޓީމުން ރޭ އައިސްލެންޑް ކޮޅަށް ނުކުތްއިރު ދިން މެސެޖުގައި ޖަހާފައިވަނީ "ހިއުމަން ރައިޓްސް" މިހެނެވެ. އެ މެސެޖު ދޭން ފުރަތަމަ އެގާރައިގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކު ބޭނުންކުރީ އަކުރެކެވެ.

ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާ ބުނީ މިއީ ހުރިހާ ކުޅުންތެރިން އެއް ރޫހެއްގައި ކުރި ކަމެއް ކަމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރަން ކޮންމެ ދާއިރާއަކަށް ވެސް ކުރެވޭނެ މުހިއްމު ކަންތައްތައް ހުންނާނެ ކަމަށެވެ.

ނޯވޭގެ މެޗުގެ ކުރިން ހާލަންޑް (ކ) އާއި އޮޑެގާޑް ހިއުމަން ރައިޓްސް މެސެޖް ޖަހާފައިވާ ޓީޝާޓް ލައިގެން

ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނީ އޭނާގެ ޓީމުން ހިތްވަރު ހޯދީ ނޯވޭގެ ކިބައިން ކަމަށާއި މީގެ ބޭނުމަކީ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ދަނޑުތައް ތައްޔާރުކުރަން އެކި ގައުމުތަކުން ގަތަރަށް ދާ މީހުންނާ މެދު އިންސާފުން ކަންތައް ކުރުމަށް އެދި ފުޓްބޯޅައިން ދޭ މެސެޖުތަކެއް ކަމަށެވެ.

އިނގިރޭސި މަޝްހޫރު ނޫހެއް ކަމަށްވާ ދި ގާޑިއަން އިން ރިޕޯޓްކުރާގޮތުގައި 2010 ވަނަ އަހަރު ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމްތައް ހަދަން ފެށި ފަހުން އެތަންތަނުގައި މަސައްކަތްކުރާ 6500 އަށް ވުރެ ގިނަ މީހުން ވަނީ އެކި ހާދިސާތަކުގައި މަރުވެފަ އެވެ.

ދާދި ފަހުން ޖަރުމަނު ނޫހެއްގައި ނެގި ޕޯލެއްގެ ތިން ބައިކުޅަ ދެ ބައި ސަޕޯޓަރުން ބޭނުންވަނީ ޖަރުމަނު ގައުމީ ޓީމު 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ބޮއިކޮޓްކުރުމަށެވެ. އެއީ މިހާރު ކުރިއަށްދާ ގޮތަށް ގަތަރު ވޯލްޑް ކަޕްގެ މަސައްކަތްތައް ކުރިއަށްދާނަމަ އެވެ. އަދި ޖަރުމަނުގެ ސަޕޯޓަރުންގެ ކްލަބްތަކުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ޖަރުމަނު ޓީމު ބައިވެރިނުކުރަން އެދި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހަޅައިފަ އެވެ.

ޖަވާބުގައި ޖަރުމަނު ފުޓްބޯޅަ ފެެޑެރޭޝަނުން ބުނީ މެޗުތަކުގައި އަޑުއުފުލުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި އެކަމަކު ކޮލިފައިން އިން ބާކީވެއްޖެނަމަ މުސްތަގުބަލުގައި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454