ދާހިލީ ހަނގުރާމައިގައި ލީބިޔާގެ އިމާރާތަކަށް ގެއްލުން ވެފައި -- ފައިލް ފޮޓޯ: އޭއެފްޕީ
23 ޖޫން 2021 - 20:20
ދާހިލީ ހަނގުރާމައިގެ ފުން އަނދަވަޅެއްގައި އޮތް ލީބިޔާގައި ސުލްހަ ގާއިމުކޮށް، ރައްޔިތުންގެ ބައިވެރިވުމާ އެކު ސަރުކާރެއް ގާއިމުކުރުމަށް، ކުރަމުން އަންނަ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ދުނިޔޭގެ ބޮޑެތި ގައުމުތައް މިއަދު ޖަރުމަން ވިލާތުގައި ބައްދަލުކުރައްވަމުން އެބަ ގެންދަވަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނެ މައުލޫއުތަކުގެ ތެރޭގައި، ލީބިޔާގައި ތިބި ބިދޭސީ ކުލީ ސިފައިންގެ މައްސަލަ އާއި ރިއާސީ އަދި އާންމު އިންތިހާބު ބޭއްވުމާ ބެހޭ ކަންކަން ހިމެނެ އެވެ.
އދ. މަޖިލީހުގެ އިސް ނަގައިގެން، ޖަރުމަން ވިލާތުގެ ބާލިންގައި މިއަދު ބާއްވާ ބައްދަލުވުމުގައި، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކެން އާއި ފަރަންސޭސި ވިލާތުގެ ހާރިޖީ ވަޒީރު ޖޯން-އީވް ލެ ޑްރިއަން އާއި މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކުރީ އާއި ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ބައިވެރިވެވަޑައިގަންނަވަ އެވެ. ލީބިޔާގެ ފަރާތުން ބައިވެރިވާނީ ލީބިޔާގެ ވަގުތީ ސަރުކާރުގެ މަންދޫބުންނެވެ.
މިއީ ލީބިޔާގެ ކުރިމަގާ މެދު ކަނޑައަޅާފައިވާ ކަންކަމާ ބެހޭ ގޮތުން އދ. އިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ދެ ވަނަ ބައްދަލުވުމެވެ. ހުސްވި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިތުރުން ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އެވެ.
މިއަދުގެ ބައްދަލުވުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށް، ޖަރުމަންގެ ހާރިޖީ ވަޒީރު ވިދާޅުވީ ލީބިޔާގެ ކުރިމަގާ މެދު މަޝްވަރާ ކުރާއިރު، މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން ބާލިންގައި ބޭއްވި މަޝްވަރާތަކުގައި ވެފައިވާ ވައުދުތައް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެ ގޮތުން ލީބިޔާގެ ކުރިމަގު ކަނޑައެޅުމުގައި، ބައިނަލްއަގުވާމީ ފަރާތްތަކުން މެދުވެރިއެއްގެ ދައުރު އަދާކުރުން ހުއްޓައިލުމާއި، ލީބިޔާގައި ތިބި އެހެން ގައުމުތަކުގެ ސިފައިން ލީބިޔާ އިން ފޭބުން ހިމެނެ އެވެ.
"އެންމެ ފަހުން ބާލިންގައި ބޭއްވި ބައްދަލުވުމުގައި، ލީބިޔާގައި ތިބި އެ ގައުމުތަކުގެ ސިފައިން ބޭލުމަށް އެއްބަސްވި ގައުމުތަކުން ވެސް އެގޮތަށް އަމަލެއް ނުކުރޭ. ލީބިޔާގެ ކުރިމަގާ މެދު ގޮތެއް ނިންމަންޖެހޭނީ، ލީބިޔާ ރައްޔިތުން އަމިއްލަ އަށް. ބިދޭސީ ސިފައިން ލީބިޔާ އިން ފައިބަން ޖެހޭ. ލީބިޔާގައި މިހާރު އޮތް ވަގުތީ ސަރުކާރުން ވެސް އެކަން އެބަ ގަބޫލުކުރޭ،" ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވި އެވެ.
އދ.ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ލީބިޔާގައި އެކި ގައުމުތަކުގެ ސިފައިންނާއި ބިދޭސީ ކުލީ ސިފައިންގެ 20 ހާހަށް ވުރެ ގިނަ ހަނގުރާމަވެރިން އެބަތިއްބެވެ. އދ. އިން ބުނާ ގޮތުގައި ބިދޭސީ ހަނގުރާމަވެރިން ލީބިޔާގައި ތިބުމަކީ، މިހާރު ރާވާފައި އޮތް ގޮތަށް، ވަގުތީ ސަރުކާރަށް ފަހު، ރައްޔިތުން ގާއިމުކުރާ ވެރިކަމަކަށް ބަދަލުވުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ނޭޓޯ ސިފައިންގެ އަސްކަރީ މަދަދާ އެކު، ލީބިޔާގެ ހަނގުރާމަވެރިން ފެށި ދާހިލީ ހަނގުރާމައިގައި، ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓައިލީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހަނގުރާމައިގައި ނޭޓޯ ސިފައިން ދިން ހަމަލާތަކުގައި ގައްޒާފީ ވަނީ އަވަހާރަވެފަ އެވެ. ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު، މިއަދާ ހަމައަށް ވެސް ލީބިޔާ އޮތީ، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގާ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ.
ދާހިލީ ހަނގުރާމަ ކުރިއަށް ދާއިރު، އިދާރީ ގޮތުން ގައުމުގެ ހިންގުން ވެސް އޮތީ ދެ ބަޔަކަށް ބެހިފަ އެވެ. ވެރިރަށް ޓްރިޕޮލީ އާއި ހުޅަނގު ފަޅީގެ ބައެއް އެހެން ސަރަހައްދުތައް އޮތީ، އދ.ގެ ރުހުމާއެކު ގާއިމުކޮށްފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ. ލީބިޔާގެ އިރުމަތީ ސަރަހައްދުތައް އޮތީ، ގައްޒާފީ ސަރުކާރުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ޚަލީފާ ހަފްތަރަށް ވާގިވެރިވާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.
ޖެނެރަލް ޚަފްތަރުގެ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދާއި ސިޔާސީ ތާއީދު ލިބެމުން އަންނަނީ، އަވައްޓެރި މިސްރާއި އެމިރޭޓްސް ސަރުކާރުންނެވެ. އޭގެ އިތުރުން ރަޝިޔާގެ ކުލީ ސިފައިންގެ ބަޔަކު ވެސް ލީބިޔާގެ އިރުމަތީ ސަރަހައްދުގައި، ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ އެވެ.
ހަމައެއާ އެކު، ވެރިރަށް ޓްރިޕޮލީގައި އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެހީތެރިވެދެނީ، ތުރުކީ ވިލާތުންނެވެ. މިހާރު ވެސް ތުރުކީ ސިފައިން ޓްރިޕޮލީގައި އެބަ ތިއްބެވެ.
ލީބިޔާގެ ދާހިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، އދ. އިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިދިޔަ އޮކްޓޫބަރު މަހު ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި، ލީބިޔާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި، ޖެނެރަލް ޚަލީފާ ހަފްތަރު ވަނީ، ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ލީބިޔާގައި ބާއްވާ އާންމު އިންތިހާބު އޮންނާނީ، މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy