އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ކޮންގްރެސްގައި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ (ވ) އަދި ނައިބު ރައީސް ޝިއުރީ (ކ). -- ފޮޓޯ: ޓީޓީ އެސޯސިއޭޝަން
07 އޮކްޓޯބަރ 2021 - 09:46
އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލް މެމްބަރަކަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އިންތިހާބު ކުރިއިރު، ނައިބު ރައީސް އިބްރާހިމް ޝިއުރީ ވަނީ މީޑިއާ ކޮމިޓީ މެމްބަރަކަށް އިންތިހާބުކޮށްފަ އެވެ.
އައްޔަ އާއި ޝިއުރީ މަގާމްތަކަށް އިންތިހާބުކުރީ އާދިއްތަ ދުވަހު ގަތަރުގެ ދޯހާގައި ކުރިޔަށް ގެންދިޔަ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކޮންގްރެސް މީޓިންގަ އެވެ.
އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ އާ ރައީސަކަށް ހޮވުނީ ގަތަރުގެ ހަލީލް އަލް މޮހަނާދީ އެވެ. ޑެޕިއުޓީ ރައީސުންނަށް ޗައިނާގެ ޒޫ ޝީން އާއި ދެކުނު ކޮރެއާގެ ކިމް ޓައެ ސޫ ހޮވުނުއިރު ސެކްރެޓަރީ ޖެެނެރަލަކަށް ހޮވުނީ އީރާނުގެ އަފްޝީން ބަދްއީ އެވެ. އަދި ހަޒާންދާރަކަށް ހޮވީ އޮމާންގެ މުހައްމަދު ބާގިރު ސަޖަދު އެވެ.
ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން އަންނަނީ ސަރަހައްދީ އަދި ދުނިޔޭގެ އެކި ފެޑެރޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވަމުންނެވެ.
ފަހަކަށް އައިސް ޓޭބަލް ޓެނިސް އިން ރާއްޖޭގެ އެތުލީޓުން ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އެސޯސިއޭޝަންގެ ރައީސް އައްޔަ އާއި ނައިބު ރައީސް ޝިއުރީ އަށް ލިބުނު މަގާމުތަކުގެ ސަބަބުން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް އިތުރު ފުރުސަތުތައް ތަނަވަސްވެގެން ދާނެއެވެ.
އައްޔަ ޓީޓީ އެސޯސިއޭޝަންގެ ރާއީސަކަށް ދެވަނަ ދައުރަކަށް އިންތިހާބުވީ މިދިޔަ އަހަރު ބޭއްވި އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ފަހުން އޭނާ އަންނަނީ ރާއްޖޭގައި ޓީޓީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި، ކުޅިވަރުގެ ދާއިރާއިން ހިންގުމާއި، ހިދުމަތްކުރުމުގެ ރޮނގުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދަށް ވަނީ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
07 October 2021
މަރުހަބާ.ދިވެހިން އެއީ މޮޅު ބައެއް.
އައްޔަބޭ
07 October 2021
ޏ ފުވައްމުލަކަށް އެއްފަޅި ނިސްބަތްވާ ޝިއުރީއާއި އައްޑުއަށް ނިސްބަތްވާ އައްޔައަށް މަރުޙަބާ.