ޚިޔާލު / ޑިމޮކްރަސީ

ރާއްޖޭގެ ޑިމޮކްރެސީއަށް މިވަނީ ކިހިނެއްް؟

މާލޭގައި އޮތް ސިޔާސީ އެއްވުމެއްގައި އަޑުއުފުލަނީ: ރާއްޖޭގެ ޑިމޮކްރަސީގެ ސިފަތައް ރަނގަޅު ކުރަން ޖެހޭ ---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބްދުﷲ ކަމާލުއްދީން

15 ސެޕްޓެމްބަރ 2020 - 12:02

16 comments

"އިންޓަނެޝަނަލް ޑިމޮކްރެސީ ޑޭ" ގެ ގޮތުގައި ޑިމޮކްރެސީ ދުވަހެއް ދުނިޔޭގައި ފުރަތަމަ ފާހަގަކުރަން ފެށީ ސެޕްޓެމްބަރު 15، 2008 ގަ އެވެ. އެދުވަހު ޖެނީވާގައި ހުންނަ ހައުސް އޮފް ޕާލަމަންޓްސްގައި އިންޓަ ޕާލަމަންޓެރީ ޔުނިއަން (އައިޕީޔޫ) އިން ހާއްސަ ޕްރްގޮރާމެއް ބޭއްވުމާ އެކު، ޑިމޮކްރެސީގެ ބިންގަލުގެ ގޮތުގައި ޕާލަމަންޓްގެ ދައުރުގެ މުހިއްމު ކަމަށް އަލިއަޅުވާލަދޭ ހަރަކާތްތަކެއް ދުވަހާ ގުޅިގެން ބާއްވަން ގައުމުތަކުގެ ޕާލަމަންޓްތަކަށް ނުވަތަ ރައްޔިތުންގެ މަޖިލިސްތަކަށް ދައުވަތު ދިނެވެ.

ދުވަހާ ގުޅިގެން ދިވެހިރާއްޖޭގައި އެފަދަ ޕްރޮގްރާމެއް ހިންގުނު ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ކުރިންނާއި ފަހުން ޑިމޮކްރެސީއާ ގުޅުނ ްހުރި މުހިއްމު ކަންތައްތަކެއް ރާއްޖޭގައި ހިނގާ ދިޔަ އެވެ. ފުރަތަމަ ކަމަކީ ޑިމޮކްރެޓިކް އިޖުރާތެއްގެ ދަށުން ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގާނޫނުއަސާސީ، އޯގަސްޓް 7، 2008 ގައި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވުމެވެ. ދެވަނަ ކަމަކީ، އެ ގާނޫނުއަސާސީގެ ދަށުން ބޭއްވި ގިނަ ސިޔާސީ ޕާޓީތަކުން ބައިވެރިވި ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބް ބާއްވާ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމެވެ. ތިންވަނަ ކަމަކީ ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ފުރަތަމަ އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު، ނޮވެމްބަރު 11، 2008 ގައި ހުވާކުރައްވާ، ސަރުކާރު ބަދަލުވެގެން ދިޔުމެވެ. ޝައްކެއްނެތް ގޮތުގައި ދިވެހިން ފަހުރުވެރިވެ އުފާކުރަން ޖެހޭ މުހިއްމު ތާރީޚީ ހާދިސާތަކެކެވެ.

އޭގެ ފަހުން ހިނގާ މިދިޔަ ބާރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޖައްވުގައި އާދަޔާ ޚިލާފް ވަރަށް ގިނަ ކަންތައްތައް ހިނގައި ގޮސްފި އެވެ. ކަން ހިނގަމުން މިދާ ގޮތުން ގައުމާ ދޭތެރޭ ވިސްނާ ބައެއް މީހުން ދެކޭ ގޮތުގައި، ރައްޔިތުން އުއްމީދުކުރި ޑިމޮކްރެސީގެ ކަންފުޅެއް ވެސް ރާއްޖެއަކަށް އަދި ނުލިބެ އެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުގައި ކޮޅުފައިންޖަހާ މަންޒަރެވެ. ނޫނީ، އެ ހަމަތަކަށް ބަލިކަށި އިޖާބައެއް ދޭ މަންޒަރެވެ. ހަމަ އެއާ އެކު ސިޔާސީ ވާދަވެރިންގެ ގާނޫނީ ސައްހަކަން ބަލައި ނުގަތުމާއި ތަޅާފޮޅުމާއި، އެކަކު އަނެކަކަށް ހަގީގަތެއް ނެތް ހުތުރު ބަސްތަކުން މުހާޠަބު ކުރުމަށް ތަރުހީބު ދިނުމަކީ އެންމެ ރަނގަޅު ކަންތައްތައް ކަމަށް ހަދައިގެން އަޅާނުލާ ތިބުމާއި، ސިޔާސީ ވާދަވެރިންނާއި ނޫސްވެރިންގެ މަދަނީ ހައްގުތައް ހަނިކުރުމަށް ތައްޔާރަށް ތިބޭ ތަނެވެ.

އަޅުގަނޑު މިދަންނަވާ ވާހަކަ ކިޔުންތެރިންނަށް އިތުރަށް ސާފުކޮށް އެރުވުމުގެ ގޮތުން ދަންނަވަމެވެ. މި ދޮޅަހަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓެއްގެ އިސް ގާޒީ ތަހުގީގެއް ނުވަތަ ޝަރުއީ ހުކުމެއް ނެތި ސިފައިންގެ ބެލުމުގެ ދަށުގައި ސިފައިންގެ ރަށެއްގައި ބެހެއްޓި އެވެ. ރައީސުލުޖުމްހޫރިއްޔާއަކު ރައްޔިތުންނަށް ދެރައެއްވާން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިސްތިޢުފާ ދެއްވުމަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުން ބައިވެރިވާ ބަގާވާތަކުން ކަމަށް ވިދާޅުވެ ވިދިގެން އައި ދުވަހު އެމަނިކުފާނުގެ ޕާޓީގެ ސަފުތަކުގެ އެންމެ ކުރީގައި ހުންނަވައިގެން މަގުމައްޗަށް ނުކުވެވަޑައިގެންފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ފަހު ރިޔާސީ ދައުރު ނުނިމެނީސް އޭރު އޮތް ސަރުކާރު އުވާލައްވައި އައު ސަރުކާރެއް އެކުލަވާލެއްވި އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ފައިސާއަށް މިހާތަނަށް ވެފައިވާ އެންމެ ބޮޑު ޚިޔާނާތާއި، އެނޫނަސް ރައްޔިތުންގެ ފައިސާއަށް ދައުލަތުގެ އޮފީސްތަކުގެ ތެރެއިން ހިންގާފައިވާ ޚިޔާނާތްތައް އަޅުގަނޑުމެންނަށް ފެނިއްޖ ެއެވެ. ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އިޚުތިޔާރު ބޭނުންކުރެއްވުމުން ރައްޔިތުން އެބޭފުޅުން އިންތިޚާބުކުރި ގޮނޑިތައް އެބޭފުޅުންނަށް ގެއްލިގެންދިޔަ ތަނާއި ލަސްތަކެއް ނުވެ ގޮނޑި އަނބުރާ އެބޭފުޅުންނަށް ލިބުނު ތަނާއި، ރައްޔިތުން މަޖިލިސް ކުރާގެއަށް ސިފައިން ވަދެ މަޖިލިސްގެ މެންބަރުން މަޖިލިސް ގެއިން ނެރުނު ތަން ވެސް ފެނިއްޖެ އެވެ. ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި އެއް މެންބަރެއް އަނެއް މެންބަރެއް ގައިކޮޅަށް އަތްލައްވާ ހުތުރު ބަހުން އެއް މެންބަރާއި އަނެއް މެންބަރާ މުހާތަބު ކުރައްވައިފި އެވެ. ބައެއް ސިޔާސީ ޕޯޑިއަމްތަކުގެ އަޑަކީ އާއިލާއާ އެކު އަޑުއަހާލެވޭ ވަރަށް ވުރެ މާ ހުތުރު، ލަދު އަޑުތަކަކަށް ވެއްޖެ އެވެ.

ކުރީގެ ދެ ރައީސުންނާއި އުއްތަމަ ފަޑިޔާރަކާ ސުޕްރީމް ކޯޓްގެ ފަޑިޔާރެއް އަދި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންތަކެއްގެ މައްޗަށް އެކި ތުހުމަތުތަކުގައި ދައުވާކޮށް، ޖަލަށް ލައި، ގިނަ ދުވަސްތަކެއް ނުވެ އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް ކުރި ޙުކުމް ބާޠިލުވެ އެބޭފުޅުން މިނިވަންވެވަޑައިގެން ތަން ވެސް އަޅުގނަޑުމެންނަށް ފެނިއްޖެ އެވެ. ނޫސްވެރިންގެ މިނިވަންކަން ގެއްލެމުންދާތީ، ނޫސްވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާކުރި މަންޒަރު އަޅުގަނޑުމެން ދުށީ ކަންބޮޑުވެ ތިބެ އެވެ.

ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތް ވަރަށް ސަރީހަކޮށް ލިޔެފައި އޮތް ނަމަވެސް، ވެރިކަން ހިންގަނީ ކޮން މުއައްސަސާއަކުންކަން އޮޅޭ ގޮތަށް ބައެއް ކަންކަން ކުރެވެމުން އެބަ ދެ އެވެ. މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު، ކުރިން އޮތް ގާނޫނީ ޑިކްޓޭޓަޝިޕް ބަދަލުވެގެން މިދިޔައީ ޑިމޮކްރެސީއެއްގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ޑިކްޓޭޓަޝިޕަކަށް ނޫނ ްބާއޭ ހިތަށްއަރާ ގޮތް ވެއެވެ. އެހެންކަމުން ރައްޔިތުން އެދޭ ޑިމޮކްރެސީ ރައްޔިތުންނަށް ހޯދައިދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލާއިރު ހިތަށްއަރާ ކަންކަން ދަންނަވާލެވޭތޯ ބަލާނަމެވެ.

ޝައްކެއްނެތް ގޮތުގައި، ގައުމެއްގެ ޑިމޮކްރެސީއަށް ކުރިމަތިވެދާނެ ނުރައްކާތަކުން އެ ޑިމޮކްރެސީއެއް ރައްކާތެރިކޮށްދޭ އެންމެ އަސާސީ ހަތިޔާރަކީ އެ ގައުމެއްގެ ދުސްތޫރެވެ. އަދި ގާނޫނުތަކެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގާ ގައުމުތަކުގައި އެކަމުގެ މިސާލުތައް ފެންނަން އެބަ ހުއްޓެވެ. ދިވެހިރާއްޖޭގައި ވެސް ޑިމޮކްރެސީ ރައްކާތެރިކޮށްދޭ އެންމެ އަސާސީ ހަތިޔާރަކީ ގާނޫނުއަސާސީ އާއި، އެ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ޙައްގުތަކާއި، އެ ގާނޫނުއަސާސީގެ ދަށުން ގާއިމްކޮށްފައިވާ ބާރުތަކާއި މުއައްސަސާތަކާއި، އެއްބާރުން އަނެއް ބާރަށް އަދި އެއް މުއައްސަސާއިން އަނެއް މުއައްސަސާ އަށް ފާރަވެރިވުމުގެ ނިޒާމެވެ. އެހެންކަމުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް އޭގެ ފުރިހަމަ މާނާގައި ކަމޭހީކުރުމަކީ އަޅުގަނޑުމެންގެ ޑިމޮކްރެސީ ރައްކާތެރިކުރުމަށް އެންމެ ކުރިން ކުރަން ޖެހޭ ކަންތަކެވެ.

ނަމަވެސް ހަމައެކަނި ރަނގަޅު ދުސްތޫރީ އަދި ގާނޫނީ ނިޒާމަކުން ޑިމޮކްރެސީ ރައްކާތެރިކޮށްނުދޭކަން ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގ ާދިޔަ ހާދިސާތައް ހެކިދެ އެވެ. ޑިމޮރެސީއެއް ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި، އާއްމުކޮށް އެންމެންނަށް ގަބޫލްކުރެވޭ އުސޫލުތައް ވެސް މުހިއްމެވެ. އޭގެ ތެރެއިން އެއް އުސޫލަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ އުސޫލެވެ. މާނައަކީ، ތިމާމެންނާ ޚިޔާލް ތަފާތުވާ މީހުންނަށް ވެސް ދެމިތިބުމާއި، ބާރު ހޯދަން މަސައްކަތްކުރުމާއި، ސަރުކާރު ހޯދާ ހިންގުމުގެ ހައްގު ތިމާމެންނާ އެއްވަރަށް އޮންނާނެކަން ހިތުގެ އަޑިން ގަބޫލްކޮށް އަަމަލުތައް އެގޮތަށް ބެހެއްޓުމެވެ. އަނެއް އުސޫލަކީ، މުއައްސަސާ ނުވަތަ ތިމާއަށް ވަކި ބާރުތަކަކާއި ހައްގުތަކެއް ގާނޫނީ ގޮތުން ލިބިދީފައިވީ ނަމަވެސް، ގާނޫނުގެ ރޫހަށްޓަކައި ބާރު ލިބިފައިވާ މުއައްސަސާއަކުން ނުވަތަ ފަރާތަކުން ވަކި ގޮތަކަށް އަމަލުކުރުމެވެ. ނުވަތަ ނުކޮށް ދޫކޮށްލުމެވެ.

ޑިމޮކްރެސީ އަކީ އަތްފައި ނުއިދޭ ކުޑަކުއްޖެއް ފަދަ ޟައީފް އެއްޗެކެވެ. އޭގެ ބެލެނިވެރިން ނުވަތަ ގައުމުގެ މައްސޫލްވެރިން ކެނޑިނޭޅި ރެޔާއި ދުވާލު އެއަށް އަޅާލައި އެއަށް ކާނާ ދީ، ރައްކާތެރިކަމާ އެކު ނުބަލަހައްޓައިފި ނަމަ، އިސާހިތަކުން ބަލިކަށިވެ މަރުވެ ހިނގައިދާ ފަދަ އެއްޗެކެވެ. ޑިމޮކްރެސީ އަކީ އަމިއްލަ އިޚުތިޔާރު އޮތް ބޮޑެތި މީހުންގެ ހަމައެކަނި ހައްގެއް ނޫނެވެ. އެއީ، މިއަދު ބާރުވެރިކަން ލިބިފައިވާ މީހުންގެ އަތްމަތިން ރައްކާތެރިކަމާ އެކު މިއަދު އިހުތިޔާރެއް ނެތް ކުޑަކުދިންނަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ވާސިލްކޮށްދޭން ޖެހޭ ޙައްގެކެވެ.

އެޑިޓަރުގެ ނޯޓު

އަބްދުﷲ ކަމާލުއްދީނަކީ، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލިހުގައި މާލޭގެ ގޮނޑި ވެސް ފުރުއްވި ބޭފުޅެކެވެ.

16 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާ

16 September 2020

ވޯޓް ލާން އޮންނަ ދުވަހު ހިތާވިމީހާ އާއި ވަރިކުރި މީހާ އަދި ވާރުތަ ވާން ހުރި މުދަލާ ދަރިންގެ އަދަދުވެސް އިގޭނެ! ބޭކާރު އެތައް ނުފުއްދޭ ވަޢުދުއްވާނެ! ހޮވުނީމަ ފޯން ކޮއްލިޔަސް މަގުމަތިން ފެނުނަސް ފެންނަކަމަށް ވެސް ނުވާނެ! އަތް ހިއްލާ އިރަށް މިލިޔަން ރުފިޔާ ޖީބައް! ދެން މަޖިލިސްއަށް މަހަކު ދެފަހަރުވެސް ހާޒިރެއްނުވާނެ! އަންނަ ދުވަހުގަވެސް މޮޅުވާހަކަ ދައްކާނީ! މިއީ ތިޔަ ބުނާ ދިމާކުރާ ނިޒާމް އަކީމިއީ. މިހާރު ވޯޓް ދިނުމެއްނެތް. އިންތިހާބު ބޮއިކޮޓް.

The name is already taken The name is available. Register?

އަބްދު

16 September 2020

މި ފޮޓޯއިން މިފެންނަނީ ހިބަރުވަދުގެ ހުކުމް ތަންފީޒްކުރަންގޮސް ނަށާތަން. މަގުމަތީޕާޓީ, ނަށާ ޕާޓީ

The name is already taken The name is available. Register?

ތިރަށުއައްމަޑޭ1257

16 September 2020

ވެރިކަން ލިބުނީމަ ކެވުނު ވަރަކަށް ކެއުމާއި އިދިކޮޅުގަ ތިބޭ ބަޔަކު ވެރިންނަށް ވަގަށް ގޮވުން. ދެން ފޮޓޯ ފޮޓޯގަ ބޮޅު އަޅާފަ ޓުވިޓަރއަށް އެޅުން..މީ ދިވެހި ޑިމޮކުރަސީ.

The name is already taken The name is available. Register?

ގައުމުގެ އުޅަނބޮށި

15 September 2020

ތި އިންސާނުންގެ އަތުން ފައިން ހަދާ ގާނޫނު ހަމަތަކަކުން ދުނިޔެ ނިމެންދެން މަސައްކަތް ކުރިޔަސް ހިތްހަމަ ޖެހުމެއް ކުރިއެރުމެއް ނުލިބޭނެ. ކުރިއެރުމާއި ތަހުޒީބު ވަނީ އާލަމްތައް ނެތުމުގެ ތެރެއިން އުފެއްދެވި އިލާހު ބާވާލެއްވި ގާނޫނުތަކަށް ބޯލަނބާ އެ ތަންފީޒު ކޮށްގެން. ދެން މިހެން ބުންޏަސް އަހަރެން ވާނެ އައިސިސް މީހަކަށް.

The name is already taken The name is available. Register?

ތުއްތޮންބެ‫

15 September 2020

ރ‫ާއްޖޭގަ އެއްވެސްއިރެއްގަ އެންމެންބޭނުންވާ ޑިމޮކުރަސީއެއްނޯވޭ.

The name is already taken The name is available. Register?

ފަރުހަކި

15 September 2020

މިއުޅޭ ބޯހަރުވަތަނީ ޖާހިލު ފިކުރު އާލާކޮށްގެން ވައްކަން ކުރަން ވެރިކަމަށް އަންނަންބޭނުންވާ ކްލަސްޓާ ނައްތާލެވިގެންނޫނީ މިޖީލުގެ ދިވެހިންނަށް ޑިމޮކްރަސީ ގެ ރަހަވެސް ތާހިރު ދިރިއުޅުމެއްވެސް ނުލިބޭނެ.

The name is already taken The name is available. Register?

ސަވިޔަނި އބރހމ

15 September 2020

ގިނަ ޕާޓީ ސިސްޓަމެއްގެ އާޙިރު ނަތީޖާއަކީ ބޮޑެތި ހަމަނުޖެހުން އުފެދި ޤައުމު ބައިބައިވުން. ހުޅަނގުގެ ގައުމު ތަކުގައި މިހެން ނުވެ އޮތީ ފޮރުވިފައިވާ ތިންވަނަ ބާރެއްގެ ނުފޫޒުގެ ސަބަބުން. މިކަން ޓްރަމަޕް ވެރިކަމަށް ހޮވުނު ފަހުން ވަރަށް ސާފުކޮށް ފެނިގެން ހިނގަޖެ. އެމެރިކާގަ ދާހިލީ ބޮޑު ހަމަނުޖެހުމެއް ފެށުމަކީ ގާތް ކެމެއް.

The name is already taken The name is available. Register?

ސިމްޕަލް

15 September 2020

ރާއްޖޭގެ މަޝްހޫރު އަދީބަކު މީގެ 60-70 އަހަރުގެކުރިން ލިޔުއްވާފައިއޮތްވާ ފެނުނު ލިޔުންކޮޅެއް: "ދިވެހިންނަށް ޑިމޮކްރެސީ ދީފިނަމަވާނީ ރާމާމަކުނަށް ރުމާލެއްދިނީމަ ވާނެގޮތަށޭ" އަހަރުމެން އާންމުކޮށް ރުމާބޭނުންކުރަނީ މޫނުފޮހެން ކަމަށްވިޔަސް ރާމާމަކުނު ރުމާލުން މޫނު ނުފޮހެ އެހެންހުރިހާ ތަނެއް ފޮހޭނެ. ރާއްޖޭގެ ޑިމޮކްރެސީއަށް މިވަނީއެގޮތަށް. ވެރިކަމަށް ދޮޅުއަހަރުވީމަވީ ސަރުކާރު ބަދަލުކުރަން. ދޮގެއްހަދާފަވެސް އެއީސިޔާސީ ގޮތުން ދެއްކިވާހަކައެއްވީމާ ރަގަޅު،

The name is already taken The name is available. Register?

އަޒީީ

16 September 2020

އަޅުގަނޑު ދުށް ލިޔުމުގަ އޮންނަނީ އަދި މުހައްމަދު ފަރީދު ވިދާޅުވާ ގޮތުގައި ދިވެހީންނަށް މިނިވަންކަން ދިނުމަކީ ރާމާމަކުނަށް ކުޑަ ރުމާލެއް ދިނުން ފަދަ ކަމެކެވެ. އޭރު އެހެން އެލިޔުނު މީހަކު އެ ބުނި އެއްޗެއް ވަރަށް ފުނެވެ. އެތަށް ޒަމާނަކަށް ފަހު ލިބުނު މިނިވަންކަމުގެ ބޭނުން ހެޔޮކޮށް ހިފާކަށް ނޭގުނުތާއެވެ.

The name is already taken The name is available. Register?

ހުސެންކަލޯ ވަލްހަސަންކަލޯ

15 September 2020

ރީންދޫކުލައިގެ މޫނުމައްޗެއް އަޅައިގެން ރައްޔިތުންގެ ހައްގުގާ އެހެރަ ހަޅޭއްލަނީ ހާދަ މަޖާމީހެކޭ.

The name is already taken The name is available. Register?

ގަޓް ބްރޯ

15 September 2020

ޑިމޮކްރެސީ އަކީ ނާތަހުޒީބު ބޯދާ ވިސްނުން ގެންގުޅޭ މީހުންނާ ދީނީ އަދި ލާދީނީ ހަރުކަށި ފިކުރުގެ މީހުން ދިރިއުޅޭ ގައުމުތަކަށް އެއްގޮތަކަށްވެސް ކަމުދާއެއްޗެއްނޫން. ރާއްޖޭގަ ޑިމޮކްރެސީ ތަޢާރަފްވިފަހުން މީގެ އެތައް ހެއްކެއް ވަނީ ފެނިގެން ގޮސްފަ. އެންމެ ފުރަތަމަ ޑިމޮކްރެޓިކް ގޮތުން އުފެދުނު ވެރިކަން ވައްޓާލީ ބޮޑު ބަޣާވާތަކުން. ދެން އުދެދުނު ހުރިހާ ކޯލިޝަން ސަރުކާރެއްވެސް އުފެދުނީ "ބަޣާވާތުގެ ބައިވެރިން" އިސްކޮށްތިބެގެން.

The name is already taken The name is available. Register?

ނެކްސްޓް

15 September 2020

ޗަކިއެ ތިބުނާ އާޤާނޫނު އަސާސީ ދަށުން ފުރަތަމަ އިދުނު ސަރުކާރަކީވެސް ކޯލިޝަނެއް. ޑިކްޓޭޓަރަށް އަލަށް ވެރިކަން ލިބިގެން ހެދޭނެހެދޭ އެއްނޭނގި އުޅެނިކޮށް ހިނދުކޮޅެއްގައި ހުރެ އަމިއްލައަށް އިސްތިއުފާދިނީ. މިޤައުމު އަދަވަޅަކަށް ފަހު އަނޑަވަޅަކަށް ވެއްޓެމުން މިދަނީ ޑިމޮކްރަސީގެ ނަމުގައި ކޮންމެ ބަޔަކު ވެރިކަން ބޭނުންވެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454