ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
05 މެއި 2020 - 09:38
(މޭ 2، 2020، ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ) "ކަލޭގެ މަންމަ މަރާލުން އެކަންޏެއް ނޫން، ކަލެއަށް ނޭނގޭ އެތައް ކަމެއް އަހަރެން ކޮށްފިން،" ހިޔަނީގެ ގަދަ އަޑުން، ހައްވަގެ ހިޔާލުތައް ފުނޑުފުނޑުވި އެވެ.
ހައްވަ މައްޗަށް ބަލައިލި އެވެ. ހިޔަނި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގަ އެވެ.
"ކަލޭ ހިތަށްއެރީ އިންސާނަކާ އިނދެގެން މުޅި އުމުރު އުޅެވިދާނެއޭ. އެކަމަކު އަހެންނެއް ނުވިއެއްނު. ކަލޭގެ ފުރަތަމަ ފިރިމީހާއަކީ ވެސް ބޮޑު ފިނޑިއެއް. އެންމެ ރެއަކު އޭނާގެ ފަހަތުން އަހަރެމެން އެނބުރުނީ. އެންމެ ފަހަރަކު ބުނެލީ، ކަލޭ ވަރިނުކޮށްފިއްޔާ ދުވަސް ދުއްވާލާނަމޭ، އަނެއް ދުވަހު ގެއިން ނުކުމެގެން އެ ދިޔައީ،" ހިޔަނީގެ ބޮޑު ދެ ތުންފަތް، މަލާމާތުގެ ހިނިތުންވުމެއްގައި ހުޅުވުނެވެ.
އެ ބުނީ އަސްލު ވީ ގޮތެވެ. ޝިހާބު އޭނާ ދޫކޮށްލީ، މި ނުބައި ހިޔަނީގެ އަވަލެމުގެ ތެރެއިންނެވެ. ގެއިން ނުކުމެގެން އެދިޔައީ، ބިރުންނެވެ. ބައެއް ރޭރޭ ބައްޕަ އާއި ބޭބެ އާއި އޭނާ ވެސް ބައިވެރިވެގެން ހިނގާ ހަނގުރާމަ ޝިހާބަކަށް ނޭނގޭނެ އެވެ. އޭނާ އޮންނަނީ ގަދަ ނިދީގަ އެވެ.
ފިރިމީހާ އާއި އޭނާއާ ދެމެދު ކިހާ ބޮޑު ދުރުކަމެއް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ހައްވައަށް އޭނާގެ އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އޭނާގެ ހަގީގަތް ފިރިމީހާއަށް އޮޅުވާލެވުނުކަމުގެ ކުށުގެ އިހުސާސްތައް، ފުރަތަމަ ފަހަރަށް، ހިނގައިގަތެވެ. އެއީ އޭނާގެ ފަރާތުން ވެވުނު ބޭއިންސާފެއް ހެއްޔެވެ؟ އޭނާއަށް ފިރިމީހާ ހިމާޔަތްކުރެވުނު ހެއްޔެވެ؟ ގެއިން ނުކުމެގެން ގޮސް، އަދި ވަރިކުރި ފަހުން ވެސް، އަސްލު ސަބަބަކީ ކޮބައިތޯ، އެއްވެސް ގޮތަކުން އަހާލެވުނު ހެއްޔެވެ؟ ބައްޕަ އާއި ބޭބެ މެދުވެރިކޮށް، ޝިހާބަށް ވިސްނައިދެވޭތޯ އުޅެވުނު ހެއްޔެވެ؟
ނޫނެކެވެ. ޝިހާބު ގެއިން ނުކުތް ހިސާބުން، ހައްވަ ވެސް އޭނާ ދޫކޮށްލީ އެވެ. ފިރިމީހާއަށް ވުރެ ތިމާގެ ބާރު މާ ގަދަކަމާއި، ތިމާގެ އަމިއްލަ ގެއަކީ ސިއްރުން ފުރިފައިވާ ތަނެއްކަން، އެނގޭނީ ހަމަ ހައްވައަށެވެ. އެއްގޮތަކީ، ޝިހާބަށް ވުރެ ތިމަންނަ ހުރިހާ ގޮތަކުން ވެސް މޮޅުކަން، އަމިއްލައަށް ގަބޫލުކުރެވުމެވެ. ހެޔޮވުމަކީ އަދި އެހެން ކަމެކެވެ. ފިރިމީހާ ބޭނުންވާ ކަންކަން ކޮށްދިނުމަކީ ވެސް އަދި މުޅިން އެހެން ކަމެކެވެ. އެކުގައި، އުފަލުގައި ދިރިއުޅުމަކީ، އެއްވެސް ކަމެއް ސިއްރުނުކޮށް ހަޔާތް ވޭތުކުރުމެވެ.
އެކަމަކު އޭނާއަށް އުޅެވުނީ އެހެންނެއް ނޫނެވެ. އޭނާގެ ހުރިހާ ކަމެއްހެން ޝިހާބަށް ސިއްރުކުރީ އެވެ.
ހައްވަގެ ހިޔާލުތައް ފުންވަމުން، ހިތަށް ތަދުކުރަމުން ގެންދެ އެވެ. އޭނާ ދަތުރުކުރަމުން އެ ދަނީ ގުގުރުންތަކާއި ވިދުވަރާއި ވާރެ އާއި ގަދަ ވައިގެ ތޫފާނެއްގެ ތެރޭގައިކަން އެނގޭ ވަރެއް ނުވި އެވެ. އޭނާގެ ކުރިމަތީގައި، ބިޔަ ހިޔަނި، އޭގެ ރަތް ދެ ލޮލުން ބަލަމުން ދާ ކަމެއް ނޭނގެ އެވެ.
ޝިހާބުގެ މާޒީ އައިސް ހައްވަ އަތުލައިފި އެވެ. ޝިހާބުގެ ހިޔާލުތައް، ތޫފާނުގެ މައްޗަށް ގަދަވެގެންފި އެވެ.
ޝިހާބު ހަމައެކަނި އޭނާ ވަރިކުރީކީ ނޫނެވެ. މަލިކު ދޫކޮށް ވެސް ދިޔައީ އެވެ. އޭގެ ސަބަބު ހޯދަން ވެސް ހައްވައެއް ނޫޅެ އެވެ. ހަމައެކަނި އޭނާއަށް އިވުނީ، ރަށު މީހުން ދެއްކި ވާހަކަތަކެވެ. ޝިހާބުގެ މަންމަ ބަލިވެގެން، އިންޑިއާގެ ކޮޗިންއަށް ދިޔައީ އެވެ. މަންމަ އެތަނުގައި މަރުވީ އެވެ. އޭގެ ފަހުން ކޮޗިންގެ މީހަކާ އިނދެގެން ދިރިއުޅެން ފެށީ އެވެ.
އެއީ ތެދެއް ހެއްޔެވެ؟ އެކަން ހައްވައަށް ކަށަވަރުކޮށްދިނީ ކާކު ހެއްޔެވެ؟ އެކަކު ވެސް ނެތެވެ. ހަމައެކަނި ތުންތުންމަތިން ދެކެވުނު ވާހަކަތަކެއް އަހާލައިގެން ހައްވަ ހުރީ އެވެ.
އޭނާގެ ހިތުގައި ޝިހާބަށް އޮތް ލޯބި އުތުރިއަރައިގަތެވެ. އޭނާއަށް މިހާރު ވެސް ޔަގީނެވެ. އޭގެ ފަހުން ކުރި ދެ ކައިވެނި ރޫޅުނީ ހިޔަނިތަކުގެ ސަބަބަކުންނެއް ނޫނެވެ. ހައްވަގެ މައްޗަށް އެ ދުވަސްތަކުގެ ހަނދާންތައް ގަދަވެގަތެވެ. އޭނާއަށް ރަނގަޅަށް އެނގެ އެވެ. އެ ދެ މީހުން ވެސް ކުރީ އެއް ޝަކުވާއެކެވެ: ނިދީގައި އޭނާ ޝިހާބާ ވާހަކަ ދައްކަނީ އެވެ. ޝިހާބު އަންނާށޭ ގޮވަނީ އެވެ. ޝިހާބު ނޫން އެހެން މީހަކު ދެކެ ލޯބިނުވެއޭ، ބުނެވެނީ އެވެ.
ހައްވަ އެ ވާހަކަތައް ގަބޫލެއްނުކުރި އެވެ. އޭނާއަށް އުޅެވުނީ ތިއީ "ހީވާ ގޮތޭ، ޝިހާބު ދެކެ އަހަރެން ލޯތްބެއް ނުވަމޭ" ބުނެ، ފިރިން ހިތްހަމަޖައްސައިދެވޭތޯ އެވެ. އެކަމަކު ރުޅިއައިސް ކޮންމެ މީހަކު ވެސް، އެންމެ ފަހުން، ގެއިން ނުކުމެގެން ދިޔައީ އެވެ.
ބައްޕަ ބުނަމުން އައީ ކުދިން ނުލިބޭތީ ވަރިކުރަނީ ކަމަށެވެ. ނަމަވެސް ހައްވައަށް އޭނާގެ ފަހު ދެ ކައިވެނި ރޫޅުނު ސަބަބު އެނގެ އެވެ. މިރެއާ ހަމައަށް އޭނާއަށް ވަންހަނާވެފައި އޮތީ، އޭނާގެ ގެއިން ޝިހާބު ނުކުމެގެން ދިޔަ ގޮތެވެ.
އެކަމަކު ޝިހާބު އަދިވެސް އޮތީ އޭނާގެ ހިތުގަ އެވެ. މި ބިރުވެރި ދަތުރުގައި އޭނާގެ ވިސްނުން އެ ދަނީ ޝިހާބު ކައިރިއަށެވެ.
"އިންސާނުންނަށް ކަލޭ އިތުބާރެއް ނުކުރޭ. ކަލޭގެ އެއްވެސް ވާހަކައެއް އޭނާއަށް ކިޔައިނުދިނީ އެހެންވެ. އެހެން ނޫނީ އަހަރެން ބިރުދައްކާ އިރަކަށް ކަލޭ ދޫކޮށްފައެއް ނުދާނެ. މި ބުނި އެއްޗެއް އެނގޭތަ؟" ހިޔަނީގެ ހަޅޭއްކުގެ އަޑެވެ.
"މި ބުނީ ކަލޭ އުޅުނީ އޮޅުވާލައިގެންނޭ. ކަލޭގެ ހަގީގަތް ކިޔައިދިން ނަމަ، އޭނާ ބުނާނެ އަހަރެމެންގެ ވާހަކަ. ބިރުދެއްކި ވާހަކަ. ފެނުނު ވާހަކަ. ނުބުނެއެއްނު. އޭނާ ހަމަ ނުކުމެގެން ދިޔައީ ބިރުން ހުރެ. ކަލޭގެ ނުބައި ބައްޕަ އާއި ބޭބެއަށް ވެސް އޭނާ ބަހައްޓަން ހަމަ އެއްވެސް ކަމެއް ނުކުރެވުނު. އެއީ ކީއްވެ؟ ކަލޭ ހަމަ އޮޅުވާލީ."
ހައްވަ ބަލަހައްޓައިގެން އިނެވެ. އޭނާގެ ކުރިމަތީގައި އެ ހުރީ އޭނާގެ އެންމެ ބޮޑު ދުޝްމަނަށް ވިޔަސް، މިހާރު އެ ދައްކާ ވާހަކަ ރަނގަޅެވެ. އޭނާގެ ލޯބިވެރިޔާއަށް ހަމަ އޮޅުވާލީ އެވެ. އެހެން ނޫން ނަމަ ޝިހާބަށްޓަކައި އޭނާ ހަނގުރާމަށް ނުކުމެވުނީހެވެ. އޭނާގެ އުފާތަކަށް، އޭނާގެ ދިރިއުޅުމަށް ހުރަސްއަޅަން ފާވަމުން ދާ ހިޔަނިތަކުގެ ދުވަސް ދުއްވާލަން، ފަހު ހަނގުރާމައަށް ވެސް ދެވުނީހެވެ.
މިރޭ އޭނާއަށް އެ މަލާމަތްކުރަނީ، އޭނާގެ އެ ބަލިފައިގައި ހިފަމުންނެވެ. އޭނާގެ ހިތަށް ތަދުކުރަމުންނެވެ.
ޝިހާބާ ބައްދަލުވި ފުރަތަމަ ދުވަހު އޭނާ ގެއަށް ގޮސް ވަރަށް ބޮޑަށް ވިސްނި އެވެ. ޝިހާބާ މެދު ހިތްހަމަނުޖެހޭ އެއްވެސް ކަމެއް އޭނާގެ ހިތަކަށް ނުފެނުނެވެ. ޝިހާބުގެ ހެޔޮވަރު، ފިރިހެންވަންތަ އިސްކޮޅާއި އޭނާގެ ލާނެތް ހިނިތުންވުން އެކަންޏެއް ނޫނެވެ. ވާހަކަ ދައްކާލެއް ސާފުކަމާއި، ސީދަލަށް ބުނެލާ ވާހަކަތަކެވެ. ޝިހާބުގެ ހިތުގައި އެއްވެސް ފޮރުވުމެއް ނެތެވެ. އޭނާގެ ހިތަށްއެރި އެއްޗެއް ބުނެ އެވެ.
ރޭގަނޑު އެނދުގައި އޮވެގެން، ނިދުމުގެ ކުރިން، އެންމެ ގިނައިން ޝިހާބު ދެއްކީ އަވަހަށް ކުދިން ހޯދައިގެން، ގޭތެރެ ފުރާލުމުގެ ވާހަކަތަކެވެ. ދެ ކުދިން ތިން ކުދިންނެއް ނޫނެވެ.
"އަހަރެން ބޭނުން އަށް ކުދިން،" ބާލީހުގައި ބޯ އަޅާލައިގެން، އެކަކު އަނެކަކާ ދިމާއަށް ބަލަމުން ދިޔައިރު، ޝިހާބު ބުނެލި އެވެ.
ހައްވަ ފެށީ ހޭށެވެ. އަށް ކުދިންނަކީ މަދު އަދަދެއް ނޫނެވެ.
"ހައްވައަށް ނުގެންގުޅެވެންޏާ އަހަރެން ހުރެދާނަން ކުދިން ބަލަން ވެސް. އަހަންނަށް ކުދިން ހޯދައިދިނީމާ އެ ނިމުނީ،" ޝިހާބު ބުންޏެވެ.
"ތިބުނަނީ ކުދިންކޮޅު އުކާލާފައި މަ ދާންވިއްޔޭތަ؟" ޝިހާބުގެ ނިތްކުރި މަތީގައި ޝަހާދަތް އިނގިލިން މަޑުމަޑުން ޖަހާލަމުން ހައްވަ ސުވާލުކުރި އެވެ.
"އަދިވެސް ނުބުނަމެއްނު އެހާ ވަރަށް ކުދިން ބޭނުމެކޭ،" ޝިހާބު ބުންޏެވެ.
"މަ ވެސް ބޭނުން، އަށެއް ނޫން، ދިހައެއް ވެސް ބޭނުން. އެކަމަކު އަދި މި އުޅެނީ ނުލިބިގެންނު. ޝިހާބަށް ދޯ އެކަން ކުރެވޭނީ،" ހައްވަ ސަމާސާކުރި އެވެ.
ދެ މީހުން ހޭން ފެށި އެވެ. ނިމުނު އިރު ހައްވަ އޮތީ ޝިހާބުގެ ގައިދަށުގަ އެވެ. އޭނާގެ ނޭފަތާއި ޝިހާބުގެ ނޭފަތް ޖައްސާލި އެވެ.
"އަހަރެން އެބަ މަސައްކަތްކުރަން ދޯ. ވަގުތު ނުޖެހެނީ...." ޝިހާބު ވަރަށް މަޑުމަޑުން، ހައްވައަށް ވެސް ކިރިޔާ އިވޭ ވަރަށް ބުނެލި އެވެ.
"އަދި ލަހެއްނުވޭ. ލޯބި އަދި ކިރިޔާ މި ފެށުނީ. އިހަށް ބޭނުންވަނީ ޝިހާބުގެ ގައިގައި އޮޅުލައިގަނެގެން އޮންނަން. ކުއްޖަކު ރޯ އަޑު ނީވި، މި ގޮތަށް ދެ މީހުން ތިބެން...." ހައްވަ ވެސް ހަމަ އެހާ މަޑުމަޑުން ބުންޏެވެ.
ހައްވައަށް އެނގެ އެވެ. އެ ލޯބީގައި ހަމަ އެއްވެސް ކޫރުމެއް ނެތެވެ. ޝިހާބު ނިންމައިގެން ހުރީ ކުދިން ހޯދައިގެން ދެ މީހުންގެ ދިރިއުޅުން ވަރުގަދަކުރާށެވެ. ކުދިވެރިންގެ އަޑުތަކުން ފޫހިފިލައި، އަދި ޒިންމާތަކުން ފުރިފައި އޮތް ޒަވާޖީ ހަޔާތެއްގައި އުމުރު ހޭދަކުރާށެވެ. އެއްވެސް ކަމަކަށް އޭނާ ޖެހިލުމެއް ނުވެ އެވެ. އޭނާއާ ކުރިމަތިލާން ކެރޭ ޒުވާނަކު މަލިކުގައި ވެސް ނެތެވެ.
"ކަލެއަކަށް ދެނެއް އެ މީހުންގެ ތެރެއިން ލޯބިވެރިޔަކު ނުލިބޭނެ. ކަލޭ ދެކެ ލޯބިވާ މީހަކު ވެސް ނެތް،" ހިޔަނީގެ އެ ބާރު އަޑުން ހައްވައަށް އަނެއްކާވެސް މާޒީގެ ތެރެއިން ނުކުމެވުނެވެ.
ނޫނެކެވެ. އެ ހެދީ ދޮގެކެވެ. އޭނާ ދެކެ މުޅި އުމުރަށް ލޯބިވި މީހަކު ހުއްޓެވެ. އަދި އެއީ ފިނޑިއެއް ވެސް ނޫނެވެ. އެކަމަކު މި ބިޔަ، ބިރުވެރި ސިފަތައް ލިބިފައި ހުރި ހިޔަނި ފެނިއްޖެ އިންސާނެއްގެ ހިތަށް ބިރުވެރިކަން ނޫން އެހެން އިހުސާސެއް ވެރިއެއް ނުވާނެ އެވެ. އެއީ ޔަގީންކަމެކެވެ.
ޝިހާބު އޭނާ ދޫކޮށް ދިޔައީ ފިނޑިވެގެން ނޫންކަން، ހައްވަ ގަބޫލުކުރި އެވެ. ހަގީގަތުގައި އެ ސާދާސީދާ ލޯބިވެރިޔާ ހިމާޔަތްކުރެވެން އޮތީ އޭނާއަށެވެ. އޭނާގެ ބައްޕަ އާއި ބޭބެއަށެވެ. އެކަމަކު އާއިލާގެ ސިއްރު ފޮރުވުމާއި ނޭނގި ނަމަވެސް ހިތުގައި އޮތް ގޮތްދޫނުކުރުމުގެ އަަޒުމް، ލޯތްބަށް ވުރެ، އެވަގުތު އޭނާއަށް މުހިންމުވީ އެވެ.
އެކަނިވެރިކަމުގައި އޮންނަ އިރު އޭނާގެ ހިތަށް ކިތައްމެ ދުވަހަކު ޝިހާބު ތަދުކުރި އެވެ. ޝިހާބުގެ ހުވަފެންތަކުން އޭނާގެ ރޭގަނޑުގެ ނިދި ފުރާލި އެވެ. ނިދީގައި އޭނާ ގޮވީ ޝިހާބަށެވެ. އޭނާގެ ހަޔާތަށް އެނބުރި އައުމަށް އެދި އެވެ. އެ ގޮވުންތަކަށް ހުއްޓުމެއް ނަ އެވެ. ފަހުގެ ދެ ކައިވެނި ރޫޅުނު އިރު ވެސް، އޭނާގެ ކޮޓަރީގައި، ރޭގަނޑު އިވެމުން ދިޔައީ، "މަގޭ ޝިހާބު، މަގޭ ލޯބި، ދެން އާދޭ! ދުރުގައި ނުހުރޭ!" މިހެންނެވެ.
އެ ހަގީގަތްތައް ހިތަށްއެރުމުން، ހިޔަންޏާ ދިމާއަށް ބަލަން އިނދެވުނަސް، ހައްވަގެ ލޯ ކަރުނައިން ތެމެން ފެށި އެވެ. ދަތުރުގެ ބިރުވެރިކަމުން އޭނާގެ ވިސްނުން ނެރެ، އޭނާގެ ލޯބީގެ ހަނދާންތަކުން ފުރާލަ އެ ދިނީ ޝިހާބެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ ބައްޕަ އާއި ބޭބެ ރާވާފައި އޮތް ގޮތެއް ވެސް ނޫނެވެ. މިއީ އޭނާގެ ހިތް، އޭނާއަށް އެންމެ މުހިންމު ދަނޑިވަޅު، ރޯކޮށްލަދިން އުއްމީދުގެ ހުޅުކޮޅެކެވެ.
އޭނާ ދިރިހުންނާނީ ޝިހާބަށްޓަކަ އެވެ.
"ކަލޭ ދާން ޖެހޭނީ އަހަންނާ އެކު. އެ ރަށަށް ކަލޭ އެރިޔަކަ ނުދޭނަން. ކަލޭ ކަނޑި ނަގާ! ފުންމައިގަނޭ!" އެވަގުތު ހިޔަނި އޭނާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
ބޭބެ ބުނި ވާހަކައިގެ ހަގީގަތް އޭނާއަށް އެނގިއްޖެ އެވެ. އޭނާގެ ގައިގައި އެއިން ހިޔަންޏަކަށް އަތް ވެސް ލެވޭނީ، އޭނާ ކަނޑި ނަގައިފި ނަމަ އެވެ. އެހެން ނޫނީ ހުއްޓެން ޖެހޭނީ ބޮއްކުރަ އެވެ. އެއީ ވެސް ފިއްލަދޫގެ ފަޅަށް ވަނުމުގެ ކުރިންނެވެ. އެކަމަކު އެ ހުއްޓޭކަށް ނެތެވެ. ތޫފާނުގެ ވައިގައި، ބޮއްކުރާ އެ ދަނީ ކަނޑުގެ ރާޅަށް ބެލުމެއް ނެތި އެވެ. ބޮއްކުރާގެ ތެރެއަށް ފައި އެޅޭހާ ބާރެއް، އެ ބޮޑު ހިޔަންޏަށް ވެސް، އަދި މީގެ ކުރިން އޭނާގެ ބޯމަތިން ދަތުރުކުރި އެހެން ހިޔަނިތަކަށް ވެސް ލިބިފައެއް ނެތެވެ.
ރަތް ދެ ލޮލަށް ހައްވަ ބަލަހައްޓައިގެން އިނެވެ. އޭރު ވެސް ޝިހާބުގެ ހަނދާންތަކުން އައި ކަރުނަ ހުރީ އޭނާގެ ލޮލުން ފައިބަފައިބަ އެވެ. ހައްވަ އެއްވެސް އެއްޗެކޭ ނުބުނާތީ، ހިޔަނީގެ މޫނުމައްޗަށް އަރަމުން ދާ ރުޅިވެރިކަން ބޮޑުވި އެވެ. އޭނާ ކަނޑި އުފުލައިލި އެވެ. ދެން ވައިގެ ތެރޭގައި ކޮޅުކޮޅަށް ހޫރަމުން، ބޮއްކުރާ ވަށައިގެން އެނބުރެން ފެށި އެވެ. ހަޅޭއްކުގެ އަޑުން ހައްވަގެ ކަންފަތް ފަޅައިގެން ދާހާ ވެ އެވެ.
"މި ބުނީނު މަށާ ހަނގުރާމަ ކުރަން އަންނާށޭ. ކީއްވެގެންތަ ތި އިންނަނީ؟ ކަލެއަށް ސަލާމަތްވެވޭނީ އަހަރެން ބަލިކޮށްގެން. ނޫނީ އަހަރެން ދާނީ ކަލޭ ގޮވައިގެން. އެނޫން އެހެން ގޮތެއް ކަލެއަކަށް ނެތް. ކަނޑީގައި ހުރި ވަރެއް ދައްކާލަބަލަ!" ހިޔަނި ބާރުބާރަށް އެނބުރެމުން ދެ އެވެ. އޭނާގެ ކައިރިން ހުރަސްކުރާ އިރު ހީވަނީ، އެ ދިގު ކަނޑި ބޮލަށް ހެރިދާނެ ހެންނެވެ.
މުޅި ހިސާބުގަނޑު އޮތީ އެ ކަނޑީގެ އަލިން އަލިވެފަ އެވެ. އޭނާއަށް ބޮއްކުރާގެ ކުރީކޮޅު ވަތުން، އޭނާގެ ލަކުޑި ފޮށި ފެނުނެވެ. އެއީ މުޅި ދަތުރުގެ ހަމައެކަނި މިލްކެވެ. އޭނާގެ ކަނޑި އޮތީ އެ ފޮށީގަ އެވެ. އެކަމަކު އެ ނަގާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
ފޮއްޓާ ދިމާއަށް ބަލަހައްޓައިގެން އިންދާ، ކުއްލިއަކަށް ބޮއްކުރައަށް ވަރުގަދަ ލޮޅުމެއް އެރި އެވެ. ހައްވަ ވިއްސައިގެން ގޮސް ބޮއްކުރާ ތެރެއަށް ވެއްޓުނެވެ. އަނެއްކާ އަނެއް ލޮޅުމެވެ. މިފަހަރު ހީވީ ބޮއްކުރާ ރޫޅިގެން ދާހެންނެވެ. އެއް ފަރާތަކަށް އަރިއަޅަމުން ގޮސް، ލޮނުގަނޑު ތެރެއަށް ބޮއްކުރާ ފެތުނެވެ. ހައްވަ އޮތީ މޫދު އަޑީގަ އެވެ. އޭނާ މައްޗަށް އަރަންވެގެން އަވަހަށް ފީނައިގަތެވެ. ލޮނުގަނޑުން ބޯ ހިއްލައިލެވުނު އިރު، އޭނާގެ ކުރިމަތިން ފެނުނީ މުގުރަމުން އަންނަ ރާޅުތަކެވެ. ކައިރީގައި ބޮއްކުރާ އޮތްތޯ ބަލައިލި އެވެ. ނެތެވެ. ހިޔަނި ކޮބައިތޯ ވަށައިގެން އެނބުރުނެވެ. ނެތެވެ. އެ ބޮޑު ތޫފާނުގެ އަސަރު ވެސް ފިލައި ހިނގައްޖެ އެވެ.
އުޑުމަތި އޮތީ ތަރިތަކުން ފުރިބާރުވެފަ އެވެ. އެކަމަކު ހަނދު ނެތުމުން، މުޅި ހިސާބުގަނޑު އަނދިރީގެ ތެރޭގަ އެވެ.
އެއްގަމާވީ ފަރާތަށް އޭނާ އެނބުރުނެވެ. ބޮޑު ހިޔަންޏެއްގެ ސިފާގައި އެއްކޮޅުން އަނެއްކޮޅަށް ދެމިފައި އޮތީ ރަށެކެވެ. ބޭބެ ބުނި ގޮތުން ވިއްޔާ ބޮއްކުރާ ގޮސް ޖެހޭނީ ފިއްލަދޫގެ ކޮންމެެވެސް ތަނެއްގަ އެވެ. އެހެންކަމުން އޭނާ މިހާރު އެ އޮތީ ފިއްލަދޫ ފަޅުތެރޭގަ އެވެ. ކަނޑާއި ރަށުގެ ފަޅާ ދެމެދު އޮތް ފަރުމަތީގެ ގާތަކުގައި ބޮއްކުރާ ޖެހުމާ އެކު، ތޫފާން ހުއްޓި، ބިޔަ ހިޔަނި ވެސް ގެއްލުނީ އެވެ.
ހައްވަ ފަތައިގަތެވެ. ދެން އޮތް ހިތްވަރަކީ ނުގެނބި، ރަށް އަތުލުމެވެ. ފިއްލަދޫގެ ދަތުރު ނިމޭނީ އޭރުންނެވެ. އަދި ޝިހާބު ހޯދަން އޭނާއަށް މަސައްކަތް ވެސް ކުރެވޭނީ އޭރުންނެވެ.
ފަޅު އޮތީ ހިމޭންކޮށެވެ. ލޮނުގަނޑުގައި ދެ އަތް ޖައްސާ، ކޮއްޕާލާ އަޑުން މިޔުޒިކެއް އުފެދެ އެވެ. މި ދަންވަރު ބޮޑު ފަޅެއްގެ ތެރޭގައި އެކަނިމާއެކަނި އޮތުމަކީ ވެސް ބިރެކެވެ. އެކަމަކު ހައްވަގެ އެ ބިރެއް ނެތެވެ. އޭނާއަށް ރަށް އަތުވާނެކަން ޔަގީނެވެ. ކެތްތެރިކަމާ އެކު މަޑުމަޑުން ކުރިއަށް ދިޔައިމާ ނިމުނީ އެވެ.
ހައްވަ ލޯ މަރާލި އެވެ. އޭނާއަށް ހިތްވަރު ދެމުން ދިޔައީ ޝިހާބެވެ. އޭނާ ފަތަމުން އެ ދަނީ ޝިހާބާ އެކު އެވެ. ކައިރީގައި އޮވެގެން، ޝިހާބު އެ ބުނަނީ "ދެން އޮތީ ހަމަ ކުޑަކުޑަ ތަންކޮޅެއް، ހިތްވަރުކޮށްލާ!" މިހެންނެވެ.
"އަހަންނަށް މައާފުކުރޭ!" ހައްވަ މަޑުމަޑުން ބުނެލި އެވެ.
"އަހަރެން ބޭނުމީ ޝިހާބު. ފިއްލަދުއަށް ހިނގާ! އަހަންނާ އެކު ފިއްލަދުއަށް ހިނގާ!"
"ދެ މީހުން ދެން އުޅޭނީ މި ރަށުގައި. މިއީ އަހަރެމެންގެ ރަށް. އެއްވެސް ބިރެއް ނޯންނާނެ. ޝިހާބު ހިމާޔަތްކުރާނީ އަހަރެން. އަހަންނާ އެކު ހިނގާ! އަހަރެންގެ ގައިގައި ހިފަހައްޓާލަދީ! އަހަރެންގެ ކައިރިއަށް ޖެހިލަދީ!"
ހައްވައަށް ރޮވެން ފެށުނެވެ. މެރިފައިވާ ލޮލުގެ ތެރެއިން ކަރުނަތައް ފައިބަނީ އެވެ. އެކަމަކު ލޯ ހުޅުވާލާފައި ބަލާކަށް ބޭނުމެއް ނުވި އެވެ. އޭނާއަށް ޝިހާބު ގެއްލިދާނެ އެވެ. އޭނާއަށް ޝިހާބުގެ އަޑު ނީވިދާނެ އެވެ.
ހަގީގަަތަކީ ހައްވަ މަޑުމަޑުން އަޑިއަށް ދަނީ ކަމެވެ. އޭނާއަށް ނޭނގި، އޭނާ ވަރުބަލިވެއްޖެ ކަމެވެ. އޭނާ ހީކުރީ ލޯ މަރާލައިގެން އޮތުމުން، ރަށް ކައިރިވާ ވަރު އަވަސް ވާނެ ކަމަށެވެ. ނަމަވެސް ފަޅު ބޮޑުކަމުން، އޭނާއަށް ފިއްލަދޫ އަތުލެވޭ ވަރެއް ނުވި އެވެ.
"އަހަންނަށް މައާފުކުރޭ! އަހަންނަށް މައާފުކުރޭ!" ހައްވައަށް ބުނެވުނީ އެވަރަށެވެ.
އޭނާ މަޑުމަޑުން އަޑިއަށް ދާން ފެށި އެވެ.
(ފަސް ވަނަ ބައި، މޭ 7، 2020 ބުރާސްފަތި ދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިޒާން
06 May 2020
ހާދަ ކުރޭ
ލީނާ8
06 May 2020
ވ ވ ރީތި މި ވާހަކަ. މިހާތަނަށް ކިޔުނު އެއްމެ ރީތި ވާހަކަ. އަޅެ ޕްލީޒް ކުރީގެ ސީޒަން އާ ގުޅުވައްޗޭ. އިބަރާހިމް ގެ ދަރި މަރުވި ހިސާބާ ގުޅުވައްޗޭ.
ވާއު
05 May 2020
**ވވވވވ ސަަޅި**