މުނިފޫހިފިލުވުން / ވާހަކަ ސިލްސިލާ ދިހައެއް

ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

14 މެއި 2020 - 10:12

8 comments

(މޭ 12، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ)

ކުރީގެ ކައިވެނިތަކުގައި ހެދި ގޯސްތައް ނުހަދަން ހައްވަ އަޒުމް ކަނޑައެޅި އެވެ. ފާތިރަކީ އޭނާ ބޭނުންވާ ކަހަލަ މީހެއްކަން ޔަގީނެވެ. ފިރިހެންވަންތަކަން ހުރި، އެހާމެ އަޒުމް ވަރުގަދަ، ތެދުވެރިއެއްކަން ވެސް ޔަގީނެވެ. ބިރެއް ނެތި ކަންކަމާ ކުރިމަތިލާނެ ފިރިއެއްކަން ވެސް ޔަގީނެވެ. ވީރު މުހައްމަދުގެ އާއިލާ ނެތަސް، އޭނާއަށްޓަކައި ގުރުބާންވާނެ ބައިވެރިއެއްކަން ވެސް ޔަގީނެވެ.

ގުރުބާންވުމަކީ އޭނާގެ އާއިލާ ކުރާ ހަނގުރާމައިގެ އެންމެ މުހިންމު ބަ އެވެ.

ފާތިރުގެ ކޮނޑުން ބޯ ނެގި އެވެ. ކަރުނަ ފައިބަމުން ދިޔަ ދެ ލޮލުން ފާތިރާ ހަތަރު ކަޅި ހަމަކޮށްލި އެވެ. ދެން ލޯ ފޮހެލައި، ހިނިތުންވެލި އެވެ.

"ރަށުން ނުފޭބޭނެ ސަބަބު ކިޔައިދެންތަ؟" ހައްވަ ވާހަކަ ފެށި އެވެ.

މީގެ 200 އަހަރު ކުރިން ފެށިގެން އެ އާއިލާގެ ތެރޭގައި ވަރަށް މުހިންމު ހުވައެއް ދެމިގެން އާދެ އެވެ. އެއީ އާއިލާގެ އެއްވެސް އިލްމުވެރިޔަކަށް، އޭނާ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވެވޭނީ އެންމެ ފަހަރަކު ކަމެވެ. ހައްވަގެ ބައްޕަ ފިއްލަދޫން މަލިކަށް ހިޖަރަކުރި ގޮތަށް، އެ ރަށުން ފައިބައިފައެއް ނުވެ އެވެ. އެދުރު ގާސިމް، މާލެ ދޫކޮށް ފިއްލަދުއަށް ލައްވާލި ގޮތަށް، އެހެން ރަށެއްގެ ބިމުގައި ފައިތިލަ ޖައްސާފައެއް ނުވެ އެވެ. މި އާދައިގެ ތެރޭގައި ނުހިމެނޭ ހަމައެކަނި ކަމަކީ، މާތްވެގެންވާ ދެ ބިން ކަމަށް ވާ، މައްކާ އާއި މަދީނާއަށް، އަޅުކަމުގެ ގޮތުން ކުރާ ދަތުރުތަކެވެ.

އެއް ރަށަށް ވުރެ ގިނަ ރަށަށް ދިރިއުޅުން ބަދަލުކޮށް، ހިޔަނިތަކުގެ ހަނގުރާމައަކާ ކުރިމަތިވެއްޖެ ނަމަ އިލްމުވެރިޔާގެ ބާރު އޮންނަނީ ކުޑަވެފަ އެވެ.

އާއިލާގެ ތެރޭގައި މިހާތަނަށް ހިނގާފައި ވަނީ އޭގެ އެންމެ ހާދިސާއެކެވެ. އެއީ މީގެ 120 އަހަރު ކުރި އެވެ. ފިއްލަދޫގައި އުޅެމުން އައި ހަތަރު ބެއިންގެ ތެރެއިން އެދުރު ހަސަނު، ނައިފަރުގެ އަންހެނަކާ ލޯބިވެގެން، ނައިފަރަށް ދިރިއުޅުން ބަދަލުކުރި އެވެ. އެރަށުގައި އުޅެނިކޮށް އަންހެނުން މަރުވި އެވެ. އޭރު ތިން ދަރިން ތިއްބެވެ. މާ ގިނަ ދުވަހެއް ނުވެ، ނައިފަރަށް ޖެއްސި ބައްތެއްޔަކުން ރޭކުރަން ރަށަށް ފޭބި އަންހެނަކާއި އެދުރު ހަސަނާ ދެމެދު ލޯބީގެ ގުޅުން އުފެދުނެވެ. އެ ލޯބި ގަދަވެގެން ގޮސް އެންމެ ފަހުން އެދުރު ހަސަން ނިންމީ އާއިލާގެ ހުވަޔާއި އާދަކާދައާ ހިލާފުވެ، ދިރިއުޅުން މާލެއަށް ބަދަލުކުރާށެވެ.

ތިން ދަރިންނާ އެކު މާލޭގައި އޭނާ ދިރިއުޅެން ފެށީ މާލޭގެ ހުޅަނގު ކޮޅުން، އަލިރަސްގެފާނު ޒިޔާރަތް ފެންނަ ހިސާބުގަ އެވެ. އޭރު އަލިރަސްގެފާނު ޒިޔާރަތަށް ދާން އޮންނަނީ، އެ ހިސާބުގެ ތިލަ ފަޅަށް ގަލާއި ވެލި އަޅައިގެން ހިއްކައިގެން ހަދާފައި އޮންނަ މަގެކެވެ.

އެއް ރޭ ދަންވަރު، އެދުރު ހަސަނަށް ހޭލެވުނު އިރު، ގޭގެ ކުރިމަތިން ފެށިފައި އޮތް ހިޔަނިތަކުގެ ސަފު، އަލިރަސްގެފާނު ޒިޔާރަތް ފަސްދީ، ދުރަށް ގޮސްފައި އޮތެވެ. އޭނާ ހަނގުރާމަކުރި އެވެ. އެކަމަކު މާ ގިނަ އިރެއްނުވެ، މަރުވެގެން ވެއްޓުނީ، އެ ދިމާލު ކަނޑަށެވެ. އޭގެ ފަހުން އޭނާގެ އަންހެނުންނާއި ތިން ކުދިން ނަގައިގަނެގެން ގެންދިޔައީ އެވެ. މަރާލީ ކަމެއް، ނުވަތަ ހިޔަނިތަކުގެ ތެރޭގައި ބޮޑުކުރީ ކަމެއް އެނގޭކަށް ނެތެވެ.

"އެހެންވީމާ ހައްވައަށް އަހަންނާ އެކު މާލެއަކަށް ނުދެވޭނެއެއްނު،" ހައްވަގެ ވާހަކަ ނިމުމުން ފާތިރު ބުންޏެވެ. އޭރު ދެ މީހުން އަތުގުޅާލައިގެން ގޮނޑުދޮށުން ހިނގާފައި ދަނީ އެވެ. ދެ މީހުންނަކީ މިހާރު ލޯބިވެރިންނެވެ.

"މިއީ މިހާރު އަހަރެންގެ ރަށް. ދައްތަ ބުނި ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުއްޓޭ. ވީރު މުހައްމަދާއި އަހަންނާ ދެމެދު އާއިލީ ގުޅުމަކާ އެއްވަރުގެ ގުޅުމެއް ބާއްވަން ޖެހޭނޭ. އެ އާއިލާ ރަނގަޅަށް އެނގެން ޖެހޭނޭ،" ހައްވަ ބުންޏެވެ.

ފާތިރު، އޭނާގެ ހަޔާތާ ބެހޭ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަހަލަ ސުވާލެއް ހައްވަ ނުވެސް ކުރެ އެވެ. ގަސްދުގައި ކަމަށް ވެދާނެއޭ، ފާތިރުގެ ހިތަށްއެރި އެވެ.

"އަހަރެންގެ މި އަތުގައި ވެސް ހިފަހައްޓާލަބަލަ،" ކުއްލިއަކަށް ހުއްޓިފައި ފާތިރުގެ ކުރިމައްޗަށް އަރަމުން ހައްވަ ބުންޏެވެ. އޭނާގެ އެދުމަށް ފާތިރު އެ އަތުގައި ވެސް ހިފި އެވެ.

ދެން ހައްވަ އޭނާގެ ހަށިގަނޑަށް ގެނައީ ކުއްލިއަކަށް ތިރިވެލާފައި މައްޗަށް ފުންމާލާ ގޮތުގެ ހަރަކާތެކެވެ. ފާތިރަށް އެއްޗެއް ރޭކާލި އިރު އޭނާ ހުރީ، ހައްވައާ އެކު ބިމަށް ވުރެ ވިއްސަކަށް ފޫޓު މަތީގަ އެވެ.

"މާތް ﷲގެ ކުޅަދުންވަންތަކަން!" ފާތިރަށް ބުނެވުނެވެ.

އޭނާގެ އަނގަ ހުޅުވުނެވެ. އެތިބީ ވައިގެ ތެރޭގައި އެއްވެސް ތާކު ނުޖެހި އެވެ. ހައްވަގެ ދެ އަތް މިހާރު ހުރީ ފާތިރުގެ އުނަގަނޑުގަ އެވެ. އޭނާ ދުއްވައިގަންނަ އިރަށް، ވައިގެ ތެރޭގައި ފާތިރު ވެސް ދަނީ އެހާމެ ބާރަށެވެ. ހުރިހާ ސަކަރާތެއް ޖަހަމުން ހައްވަ ގެންދިޔައީ މަޑުމަޑުން ހެމުންނެވެ. ބައެއް ފަހަރަށް ފަންސާހަކަށް ފޫޓު މައްޗަށް ވެސް އަރަ އެވެ. އަދި އެހާމެ ބާރަށް ތިރިއަށް ވެސް ދެ އެވެ. ވެއްޓެނީ ކަމަށް ހީކޮށް ފާތިރަށް ހަޅޭއް ވެސް ލެވެ އެވެ. އެކަމަކު ހައްވަ ބޭނުން ހިސާބަކަށް ގޮސް، ކުއްލިއަކަށް ހުއްޓި، ވައިގެ ތެރޭގައި ހަމަޖެހިލަ އެވެ.

"މިއީ އަހަރެމެންނާ ހިސާބަށް ދެމިގެން އައި ބާރެއް،" މަޑުމަޑުން ހައްވަ ބުންޏެވެ.

"އަހަރެން ދުށިން ވީރު މުހައްމަދާއި އޭނާގެ ދަރިން ހިޔަނިތަކާ ހަނގުރާމަކުރަނިކޮށް،" ދަލޭކަދައިތަގެ ގެއަށް އޭނާ ކުރި ފުރަތަމަ ޒިޔާރަތުގައި ފެނުނު މަންޒަރާ ބެހޭ ގޮތުން، ފާތިރު ބުންޏެވެ.

"ފެނުނަސް އަދި މިހެންނެއް ނޫޅެވޭނެ،" ހައްވަ އެހެން ބުނުމާ އެކު ފާތިރު ގޮވައިގެން އެރީ ބޮޑެތި ގަސްތަކާއި ރުއްތަކަށް ވުރެ ވެސް މައްޗަށެވެ. ދެން ހުއްޓި، ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިއްބެވެ. ޖައްވުގެ ތެތް ވައި ރޯޅިތައް ގައިގައި ބީހެމުން ދެ އެވެ. އުޑުމަތީގައި ބޮނޑިބޮނޑިއަށް ވިދަމުން ދާ ތަރިތަކުގެ އަދަދު، އިންސާނުން ދަންނަ ހިސާބުގެ ނަންބަރުތަކަށް ވުރެ ގިނަ އެވެ.

"އަހަރެން ދޫކޮށްފައި ހިނގައިދާނަންތަ؟" ހައްވަގެ ބާރުވެރިކަމުން ފާތިރުގެ ހިތުގައި އިތުރު ޔަގީންކަމެއް އުފެދުނުތޯ ކަށަވަރުކުރުމުގެ ގޮތުން އެހި އެވެ.

"ދުވަހަކު ވެސް ނުދާނަން. ވަރިހަމަ މި ބޮޑު ޖައްވުގައި ދެ މީހުން އެކަނި ދަތުރުކުރަން ޖެހުނަސް. ހައްވައަކީ އަހަރެންގެ އެއް ބައި،" ފާތިރުގެ ސިކުނޑީގައި އެ ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ފަދަ ގޮތަކަށް ޖަވާބު ދިނެވެ.

އެވަގުތު ދަލޭކަދައިތަގެ ގޭ މަތިން ފާތިރުގެ ލޮލުގައި އެ އަލިކަން އަޅައިގަތެވެ. އޭނާއަށް އޮޅުމެއް ނެތެވެ. އެއީ ކުރިން ވެސް ފެނުނު މަންޒަރެވެ. ވީރު މަހައްމަދުގެ ފަހުލަވާނުން، ބިޔަ، ބޮޑެތި ހިޔަނިތަކާ ހަނގުރާމަކުރަމުން ދަނީ އެވެ.

"ހައްވާ، ބަލާބަލަ އެކޮޅަށް،" ފާތިރު ބުންޏެވެ.

ހައްވަ ބަލައިލި އެވެ. އޭނާގެ މޫނުމައްޗަށް ކުއްލިއަކަށް ވެރިވީ ރުޅިވެރިކަމެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ދެން ފާތިރު ގޮވައިގެން ގަސްތަކުގެ މަތިން އެ ހިސާބަށް ދާން ނައްޓާލި އެވެ.

ހައްވަ ގޮސް ތިރިކުރީ، ހަނގުރާމަ ކުރަމުން ދިޔަ ފަޅި ނޫން އަނެއް ފަޅިއަށެވެ. ދެން ގޭގެ ބިއްދޮށުން، ގިފިލިތެރެއަށް ފޭބި އެވެ. ގިފިލި ހުންނަނީ އޭނާގެ ކޮޓަރިން ވަދެ ނުކުމެވޭ ގޮތަށެވެ. އެހެންކަމުން ކޮޓަރިއަށް ވަދެ، އޭނާގެ ކުޑަ ފޮށި ހުޅުވާލައި، އޭގައި އޮތް ކުޑަކުޑަ ވަޅި ނެގި އެވެ.

"ފާތިރު މަޑުކުރޭ ދަލޭކަދައިތަ ކައިރީގައި،" ހައްވައަށް ބުނެވުނީ އެ ވަރަށެވެ. އޭނާ ގިފިލި ތެރެއަށް ނުކުތެވެ. ފާތިރު ވެސް ފަހަތުން ދިޔަ އެވެ. އެކަމަކު އޭރު ހައްވަ މައްޗަށް އުދުހިގެންފި އެވެ. އޭނާގެ އަތުގައި އޮތް ކުޑަ ވަޅި، ކުއްލިއަކަށް ދިގު ކަނޑިއަކަށް ބަދަލުވެ، އޭގެ އަލިކަން މުޅި ހިސާބުގަނޑަށް ފަތުރުނެވެ.

"ފާތިރު އާދެ ބަލަ!" އޭނާއަށް އިވުނީ ދަލޭކަދައިތަގެ އަޑެވެ. ފާތިރު އަވަހަށް ގޭތެރެއަށް ވަނެވެ. ގޭގެ ބޭރު ދޮރު ހުޅުވާފައި ނެތުމުން، މަތީގައި ހިނގަމުން ދާ ހަނގުރާމައިގެ އެއްވެސް އަސަރެއް ނުފެނެ އެވެ.

ދަލޭކަދައިތަ ކައިރިއަށް ހުއްޓުނު އިރު ފާތިރަށް ފެނުނީ މުޅިން ތަފާތު މޫނެކެވެ. ރޮއިރޮއި ރަތްވެފައި އޮތް ދެ ލޮލެވެ.

"ކީއްވެ ތި ރޮނީ؟" ފާތިރު އަވަހަށް ގޮނޑީގައި އިށީންނަމުން ސުވާލުކުރި އެވެ.

"ހީކުރި ގޮތަކަށް ނޫން ކަންކަން މިވަނީ. ވީރު މުހައްމަދު ބުނި އެއީ ކުރިން މިރަށަށް ހަމަލާދޭ ހިޔަނިތަކެއް ނޫނޭ. އެއަށް ވުރެ މާ ބޮޑެއްޗޭ. އެހެންވެ އެއީ ހައްވަ ހޯދަން، މަލިކުން ފެށިގެން އައި ބައެއް،" ދަލޭކަދައިތަ، ފާތިރާ ދިމާއަށް ބަލަން އޮވެ ބުންޏެވެ.

"ދެން ކިހިނެއް ހަދާނީ؟" ފާތިރުގެ ހިތުގައި އުފެދުނު ކަންބޮޑުވުން ދިޔައީ މައްޗަށެވެ.

ދަލޭކަދައިތަ ވިސްނާލި އެވެ. އޭނާގެ ތޫނު ނަޒަރު އަމާޒުވެފައި ވަނީ ފާތިރަށެވެ.

"ހައްވަ ގޮވައިގެން އަހަރެން ދަންތަ؟" ދަލޭކަދައިތަގެ ހިމޭންކަން ފާތިރަށް ކަމަކު ނުދިޔަ އެވެ. އެހެންކަމުން މާ ގިނައިރު އެއްޗެއް ނުބުނެ ނީނދެވިގެން އޭނާއަށް ބުނެވުނެވެ.

"ހައްވައެއް ނުގެންދެވޭނެ! ހައްވަ ހުންނާނީ މިރަށުގައި. މި ގޭގައި،" ދަލޭކަދައިތަ ކުއްލިއަކަށް ބުންޏެވެ.

"އެކަމަކު ކިހިނެއް ކޮންމެ ރެއަކު މި ގޮތަށް އުޅޭނީ؟ މިރޭ މަރުވާނީ ކާކު ކަމެއް، މާދަމާ ރޭ މަރުވާނީ ކާކު ކަމެއް ނޭނގޭ،" ހައްވަ ހިމާޔަތްކުރުމުގެ ގޮތުން ފާތިރު ވާހަކަ ދެއްކި އެވެ.

"މާ ބޮޑަށް ގޯސް މިވީ ހައްވަ މީހަކާ އިނީމާ!" ދަލޭކަދައިތަ ބުންޏެވެ.

"އެހެންވީމާ ކައިވެނިން ހައްވައަށް ލިބުނު ފައިދާއެއް ނެތެއްނު. އަހަންނަށް ވެސް ހިމާޔަތެއް ނެތެއްނު،" ހިތްހަމަނުޖެހުންތަކާ އެކު ފާތިރަށް ބުނެވުނެވެ.

"ނޫން ފާތިރަށް ހިމާޔަތް އެބަ އޮތް،" ދަލޭކަދައިތަ ބުންޏެވެ.

"ކިހިނެއް؟" ފާތިރު އަވަހަށް ސުވާލުކުރި އެވެ.

"ހަމަ މިވަގުތު މިގެއިން ނުކުމެގެން ދާންވީ. މާދަމާ ވާނެ މި ރަށުން ވެސް ފުރަން،" ފާތިރުގެ އެއްވެސް އިހުސާސަކަށް ބެލުމެއް ނެތި ދަލޭކަދައިތަ ބުންޏެވެ.

ފާތިރު ހިތްހަމައެއް ނުޖެހުނެވެ. އޭނާއަކީ އެގޮތަށް ކަންކަމާ ފިލާ މީހެއް ނޫނެވެ. ކެރިގެން ކުރިމަތިލާ މީހެކެވެ.

"ދަލޭކަދައިތަ ބުނެގެން މިރޭ ކައިވެނިކޮށްފައި، ހައްވަ ދޫކޮށްލަންވީތަ؟ އޭނާއާ ފިލަންވީތަ؟" ފާތިރަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

"އެއީ ފިލައިގެން ދިއުމެއް ނޫން. އެއީ ހައްވައަށް ރައްކާތެރިކަން ހޯދައިދިނުން. އަހަރެން ހައްވައަށް ވިސްނައިދޭނަން ކަން ވީ ގޮތް،" ދަލޭކަދައިތަ ބުންޏެވެ.

"ނޫން، އޭނާ އެގޮތެއް ގަބޫލެއް ނުކުރާނެ. އޭނާ ބުނާނީ މި ހަނގުރާމައިން ސަލާމަތްވާން ފާތިރު ދިއައިއްޔޭ، އޭނާ ދޫކޮށްލިއްޔޭ،" ފާތިރަކީ ވެސް ގޮތްދޫކުރާ މީހަކަށް ނުވާތީ، މިފަހަރު އޭނާ ވެސް، އޭނާއަށް ވިސްނޭ ގޮތަށް ވާހަކަ ދެއްކި އެވެ.

"އެކަމަކު ފާތިރު ހުރެގެން ހައްވައަށް ހަމަޖެހުމުގެ ނޭވައެއް ނުލެވެންޏާ، ފާތިރު ދިއުމަކީ ރަނގަޅެއް. އެއީ އަހަރެންގެ ކޮއްކޮ. އޭނާއަށް ވިސްނައިދިނުމަކީ އަހަރެންގެ ކަމެއް. އެކަން އަހަންނަށް ވާނެ،" ދަލޭކަދައިތަ ބުންޏެވެ.

"އެހެންވިއްޔާ ކީއްވެ އަހަރެން ކައިރީ ބުނީ ކައިވެނިކުރާށޭ؟" ފާތިރު އެހި އެވެ.

"ފާތިރަށް ވުރެ ރަނގަޅު އެހެން އެއްވެސް މީހެއް އަހަންނަކަށް ހޯދައެއް ނުދެވޭނެ. އަހަރެން ކައިރިއަށް ޒިޔާރަތްކުރަނީ ވަރަށް، ވަރަށް މަދު ބައެއް. އޭގެ ތެރޭގައި ފާތިރު ކަހަލަ އިންސާނަކު ނެތް،" ދަލޭކަދައިތަގެ ލޮލުން ކަރުނަ އަންނަން ފެށި އެވެ.

އެއީ ފާތިރަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އޭނާ އެގޮތަށް ރޯނީ ވަރަށް ބޮޑު ކަމެއް ވެގެންނެވެ. ވަރަށް ހިތާމަވެރި ގޯހެއް ވެސް ހެދިގެންނެވެ. އެހެންކަމުން އެ ގޯސް، އޭނާގެ މުސްކުޅި ހިތަށް ތަދުކުރަމުން ދަނީ އެވެ.

ފާތިރަށް އިތުުރު ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް އިސްޖަހާލެވުނީ އެވެ. މިގެއަށް އައުމުން އޭނާއަށް މި ދިމާ ވަނީ މުޅިން ވެސް ހިތާމަވެރި ހާދިސާތަކެވެ. ފުރަތަމަ އައި ރޭ އޭނާއަށް ގެއްލުނީ، އޭނާގެ އާއިލާގެ އެންމެ ފަހު އަންހެން ކުއްޖާ އެވެ. މިހާރު އާއިލާގައި ހުރީ އޭނާ އެކަންޏެވެ. ދަރިއެއް ނެތެވެ. އެއް ބަނޑު އެއް ބަފާ މީހަކު، މަންމަ އާއި ބައްޕަގެ ފަރާތުން ވެސް މީހަކު ނެތެވެ.

ހައްވަ ދޫނުކުރާނެ ކަމަށް ބުނެ މިރޭ ދެ ފަހަރަށް އޭނާ ވައުދުވި އެވެ. ބިންމަތީގައި ހުރެފަ އާއި ޖައްވު ތެރޭގަ އެވެ. އެ ދެ ފަހަރު ވެސް ހައްވަ އެ ހޯދީ ހާދަ ބޮޑު ޔަގީންކަމެކޭ، ފާތިރުގެ ހިތަށްއެރި އެވެ. އެގޮތަށް އޭނާ އެދޭނީ، މީގެ ކުރިން ދިމާވި ހާދިސާތަކަށް ބަލައިފަ އެވެ.

ހައްވައަކީ އޭނާއަށް ލިބިފައިވާ އާދަޔާ ހިލާފު ބާރުތަކާ އެކު ވެސް ނިކަމެތި އަންހެނެއްކަން، ފާތިރަށް ގަބޫލުކުރެވުނެވެ. އެހެން ނޫން ނަމަ ދަލޭކަދައިތަ ކައިރީ ދެވަނަ ސުވާލެއް ވެސް ނުކޮށް، ފާތިރު ކަހަލަ މީހަކާ ކައިވެންޏެއް ނުކުރާނެ އެވެ. ކިޔަމަންތެރިކަން ހުންނާނީ އެހާ ވަރަށެވެ. މީހުންނަށް އިތުބާރުކުރެވޭނީ ވެސް އެވަރަށެވެ.

"ފާތިރު މަޑުކޮށްފިއްޔާ ހައްވައަށް އޮތް ނުރައްކާ ވެސް ވާނީ ބޮޑު. އެކަމަކު އަހަރެން މި ބުނާ ގޮތަށް ހަދައިފިއްޔާ ދެ މީހުންނަށް ދެން އޮންނާނީ އުފާވެރި ދުވަސްތަކެއް،" ހިތްހަމަނުޖެހިފައި އިން ފާތިރާ ދިމާއަށް ދަލޭކަދައިތަ ބުންޏެވެ.

ފާތިރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހިތަށް އަރައި ފައިބަމުން ދާ ތަފާތު އިހުސާސްތަކުގެ ތެރޭގައި އޭނާ އިނީ އަޑުއަހާށެވެ.

"ގިފިލިތެރެއިން ލައިގެން މިގެއިން ނުކުމެގެން ދޭ! ދެން ފާތިރު މި ރަށަށް އަންނާނީ، މިއަދުން ފެށިގެން ތިން އަހަރު ވުމަށް ފަހު،" ދަލޭކަދައިތަ އުޅުނީ ވީހާވެސް އަވަހަކަށް ފާތިރު ފޮނުވާލާށެވެ.

ތިން އަހަރު ހެއްޔެވެ؟ އެ ވާހަކައިން ފާތިރުގެ ހިތްހަމަނުޖެހުން ވީ ބޮޑެވެ. އޭނާގެ ހަށިގަނޑުގައި ރުޅިވެރިކަން އުފެދެން ފެށި އެވެ.

"ތި ބުނީ މި ހަމަނުޖެހުންތަކުގެ ތެރޭގައި ހައްވަ ތިން އަހަރު އުޅޭނެއޭތަ؟" ފާތިރުގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމާއި މަލާމާތެވެ.

"ނޫން. އެކަމަކު އަހަރެމެންނަށް މި އުނދަގުލުން ނުކުމެވޭނީ އެހާ ތަނުން. ފާތިރަށް ނޭނގޭ ކިތައްމެ ކަމެއް އެބަ ހިނގާ...."

"ދަލޭކަދައިތާ، ތިިކަން އަހަންނަށް އެނގޭ. ކުރިން މިހުރިހާ ކަމެއް ރޭކާލީ ނަމަ އަހަރެން މިގޮތަށް ނިކަމެތިވެފައި އިންނާނެތަ؟" ދަލޭކަދައިތައާ ދިމާއަށް ނުރުހުންވެފައި ފުރަތަމަ ފަހަރަށް ބަލައިލަމުން ފާތިރު ބުންޏެވެ.

"ފާތިރެއް ނޫން ގޯސްހެދީ، އަހަންނަށް އެ ގޯސް ހެދުނީ. އަހަރެން އެކަމަށް މި އެއްބަސްވަނީ. މިވަރު ފުދޭނެތަ؟" ދަލޭކަދައިލަ، އާދޭހުގެ ރާގެއްގައި ބުންޏެވެ. ކަރުނަތައް ދިޔައީ ފައިބަމުންނެވެ.

ފާތިރަށް އެއްޗެއް ބުނަން ނުކެރިގެން މަޑުކޮށްލެވުނެވެ. ކިތައްމެ ހިތްހަމަނުޖެހުނަސް، ދަލޭކަދައިތަ ރޯތަން ބަލަން އޭނާއަކަށް ނުކެރުނެވެ.

"ކޮއްކޯ،" ދަލޭކަދައިތަ ވަރަށް މަޑުމަޑުން ފާތިރަށް ގޮވާލި އެވެ.

އެއީ އަޖައިބެއް ކަހަލަ މާތް އަޑެކެވެ. އެ އަޑުގައި ވަނީ އެހެން މީހުންގެ ހިތްތަކަށް އަސަރުކުރުވާ ފަދަ ބާރެކެވެ. ފާތިރަށް އިސްޖަހައިގެން ނީނދެވުނެވެ. އޭނާ ބަލައިލި އެވެ.

"އަހަރެން މަރުވާނީ މިރޭ ކަމެއް، މާދަމާ ކަމެއް ނޭނގޭ. ދެން ބުނެބަލަ އަހަރެން ދޮގެއް ހެދުމުގެ ބޭނުމެއް އޮންނާނެތަ؟ ބޭރުގައި ހިނގާ ހަނގުރާމަ އެ ދަނީ ގަދަވަމުން. ފާތިރު މި ތަނުން ގޮސްގެން ކިރިޔާ ވެސް ރަނގަޅެއް އޮތީ. އާދޭސް މިކުރަނީ، އަވަހަށް ދޭ. މިގެއާ ދިމާއަށް އެނބުރި ބަލައި ވެސް ނުލާ، ދާށޭ. ހައްވަގެ ހިތް ފާތިރަށް ސާފުކޮށްދޭނަން. ތިން އަހަރު ވަންދެން ފާތިރުގެ އިންތިޒާރުގައި އޭނާ ބަހައްޓައިދޭނަން،" ދަލޭކަދައިތަ ބުންޏެވެ.

"މި ގެއާ ދިމާއަށް ބަލައިފިއްޔާ ކިހިނެއް ވާނީ؟" ފާތިރު ސުވާލުކުރި އެވެ.

ދަލޭކަދައިތަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އޭނާ ބާލީސް ދޮށުން ނެގީ ކުޑަ ފޮތެކެވެ. ދެން ފާތިރު އަތަށް ދިއްކޮށްލި އެވެ. އޭނާ އޭގައި ހިފި އެވެ. ރަތް ކުލައަކަށް ދާ ހިމަ ފޮތިކޮޅަކުން ފޮތް އޮތީ އައްސައިފަ އެވެ.

"ނުބަލާށޭ މި ބުނީ ކޮންމެވެސް ކަމަކު. ދެން ވާނެ ގޮތެއް އެނގޭނީ ބެލީމާ. އެކަމަކު މި ބުނަނީ ގިފިލީގެ މަތިން އަރައިގެން ފައިބާ ގޮތަށް، އެނބުރި ބަލާ ވެސް ނުލައްޗޭ. ދެން މި ފޮތް ހުޅުވަން ޖެހޭނީ މާލެ ގޮސް،" ދަލޭކަދައިތަ ބުންޏެވެ.

ފާތިރު ވިސްނާލަން އިނެވެ. ހައްވަ ދޫކޮށް ދާން އޭނާއަށް މަޖުބޫރުވެއްޖެކަން އިހުސާސްކުރެވުނެވެ. މަޖުބޫރު ހާލަތު މި އައީ ވެސް، އެ ކައިވެނިކުރަން ފާޑަކަށް މަޖުބޫރުކުރުވި ފަރާތުންނެވެ. އޭނާއަށް ނޭނގޭ ކަންކަން އެނގޭ އިލްމުވެރިއެކެވެ. ދޮގެއް ނުހަދާނެކަން އޭނާއަށް ޔަގީނެވެ. ހައްވަ ރައްކާތެރިކުރުމަކީ ދަލޭކަދައިތަގެ ޒިންމާއެކެވެ. އެކަމަކު މިހާރު އެ ކުރާ ހަނގުރާމައިން ހައްވައަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ވެވޭނެ ބާރެއް ފާތިރުގެ ނެތެވެ. އޭނާ އެ ދިމާއަށް ނުކުމެއްޖެ ނަމަ، އިތުރު ބުރައަކާއި ނުރައްކަލެއް ހައްވައަށް ވެސް ކުރިމަތިވާނެ އެވެ.

ފާތިރު ތެދުވި އެވެ. އޭނާ ހައްވަގެ ކޮޓަރިއަށް ވަދެ، ގިފިލިތެރެެއަށް ނުކުތެވެ. ފަހަތަށް ބަލަންވީ ހެއްޔެވެ؟ އޭނާގެ ހިތަށްއެރި އެވެ. އޭނާއަށް ކުޑަކޮށް މަޑުކޮށްލެވުނެވެ. އެކަމަކު އޭނާގެ ހަވަނަ ހިއްސު ބުރަވީ ދަލޭކަދައިތަގެ ކޮޅަށެވެ. އޭނާ ގިފިލިތެރެއިން ބޭރުގައި އޮތް ހުސް ބިމަށް ފުންމާލި އެވެ. ދެން ދުއްވައިގަތެވެ. ފަހަތަށް އެނބުރި ބަލައެއް ނުލަ އެވެ. ހައްވައަށް ވީ ވައުދު އޭނާގެ ހިތަށްއަރައަރާ ހުއްޓެވެ. ގޮނޑުދޮށުގައި ހުރެގެންނާއި މަތީގައި، ވައިގެ ތެރޭގައި ދެ މީހުން އެކަނިމާއެކަނި ތިބި މަންޒަރު ފެނުނެވެ. ހައްވަގެ ރީތި މޫނާއި އެ ދެ ލޮލުން ދެއްކި އުފާވެރިކަން ކިތައްމެހާ ވެސް ބޮޑެވެ. އޭނާއަށް ހައްވަ ދެކެ ލޯބިވެވިއްޖެ އެވެ. އޭނާ ހައްވަ ބޭނުމެވެ. ހައްވައާ ދުރަށް ދާކަށް ހިތެއް ނޭދެ އެވެ.

އެކަމަކު ދުވެފައި އޭނާ އެދަނީ ދުރަށެވެ. ހައްވަ އެހެރީ ހިޔަނިތަކާ ހަނގުރާމަކުރާށެވެ.

ކަނޑިން ފޮނުވާލި ހަމަލާ ބާރުކަމުން، އޭނާގެ ދެ ފަރާތުގައި ތިބި ދެ ހިޔަންޏަށް ކުއްލިއަކަށް ދުރަށް ދެވުނެވެ. އެ ކުޑަކުޑަ ވަގުތުކޮޅުގައި ބަލައިލި އިރު އޭނާއަށްޓަކައި ހަތަރު ފިރިހެނުން ހަނގުރާމަކުރަމުން ދަނީ އެވެ. އެ މީހުން ވަރުބައްޔެއް ނުވެ އެވެ. އެ މީހުންގެ އަތުން މިހާރު ވެސް އެތައް ހިޔަންޏެއް މަރުވެގެން ވެއްޓިއްޖެ އެވެ.

ދެން ހައްވައަށް ފެނުނީ އެތަނެވެ. ގިފިލީގެ މަތިން ބޭރަށް ފާތިރު ފުންމާލި ތަނެވެ. އޭނާ ބާރަށް ދުއްވައިގަތް ތަނެވެ. ފަހަތަށް އެންމެ ފަހަރަކު ވެސް ބަލައިނުލައި، ކުރިއަށް، ކުރިއަށް ދިޔަ ތަނެވެ.

ހައްވަގެ ވަށައިގެން ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާކަން އޭނާގެ ހަނދާނުން ކުއްލިއަކަށް ކެހުނެވެ. އޭނާގެ ދިރިހުރުމުގެ އުއްމީދެއްގެ ގޮތުގައި މިރޭ ގަބޫލުކުރި ފިރިމީހާ ބިރުން އެ ދުވަނީ އެވެ. އޭނާއަށް ވީ ވައުދު، ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އުވާލީ އެވެ. ދައްތަގެ އެދުމާ ދެކޮޅަށް އެއްވެސް ސުވާލެއް ނުކޮށް، ކައިވެނީގެ މޭޒު ދޮށުގައި އިށީނީ އާ ދިރިއުޅުމެއް ހޯދުމުގެ ހުވަފެންތަކުގަ އެވެ. ފިރިމީހާއާ އެކު ރޭކުރީ، އާ ހަޔާތެއް ފެށުނީ ކަމަށް ގަބޫލުކޮށްފަ އެވެ.

އެކަމަކު މަދު ގަޑިކޮޅެކެވެ. ފިއްލަދުއަށް އޭނާ އައި އައުން އެކޮޅުކޮޅުން ޖެހުނީ އެވެ. ބޭކާރު ހަނގުރާމަތަކެއްގައި އުޅުމުގެ ބޭނުމެއް ނެތެވެ. ފުރިހަމަ ޒަވާޖީ ހަޔާތެއްގެ އުފާ އޭނާގެ ނަސީބަކު ނެތެވެ. ހިތުގެ އަޑިން ލޯބިވުމުގެ ފައިދާއެއް ލިބޭކަށް ނެތެވެ.

އިންސާނުން ދޫކޮށް ހިޔަނިތަކުގެ ތެރެއަށް ދިއުމުން އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ ކުއްލިއަކަށް ހައްވަގެ ހިތަށްއެރި އެވެ. އެވަގުތު އޭނާގެ ފަހަތުން އެ ބޮޑު ހިޔަނި ފާޅުވި އެވެ. ތައްޔާރުވި އެވެ. ބޭނުންވި އަންހެނާ އެ ހުރީ، ކުރިމަތީގައި، ހަނގުރާމަ ހުއްޓާލައިގެންނެވެ.

ހައްވަގެ ގައިގައި އަތްލަން، ހިޔަނީގެ ވާތް ކުރިމައްޗަށް ދިއްކޮށްލި އެވެ. އެކަމަކު ކުއްލިއަކަށް އޭގެ ކަނާތަށް އެރި ކަނޑީގެ ހަމަލާއާ އެކު، އަތް ބުރިވެގެން ވެއްޓުނެވެ. ކަނޑި އޮތީ ވެސް އެ އަތުގަ އެވެ. ހަޅޭއްކުގެ ބާރު އަޑާ އެކު ހައްވަ ސިހިފައި ފަހަތަށް ބަލައިލެވުނެވެ. އޭރު ވީރު މުހައްމަދާއި އޭނާގެ ތިން ދަރިން ހައްވަގެ ވަށައިގެން އެތުރިއްޖެ އެވެ. ބިޔަ ހިޔަނީގެ ރަތް ދެ ލޮލުގައި ހުރި ރުޅިވެރިކަން ހީވަނީ މުޅި ހިސާބުގަނޑު އަންދާލަފާނެހެންނެވެ. ހަޅޭއްލަވަމުން ދިޔަލެއް ބާރުކަމުން، ކަންފަތް ހީވަނީ ފެޅިދާނެހެންނެވެ. އެހެން ހިޔަނިތައް، އޭތީގެ ވަށައިގެން އެތުރުނެވެ.

"ތި ހެދި ގޮތް ހަނދާން ބަހައްޓާތި، ނުލަފާ މީހާ!" ހިޔަނި ހަޅޭއްލަވައިގަތެވެ.

"އަހަރެން ބުނާ އިރަށް ހައްވަ ތިރިއަށް ޖެހިލާތި. ދަރިންނޭ ތައްޔާރު،" ވަރަށް މަޑުމަޑުން ވީރު މުހައްމަދު ބުންޏެވެ.

"މިގެ ފުނޑުކޮށްލާނަން މާދަމާ ރޭ. ކަލޭމެންގެ އެންމެ ފަހު ރޭ ކަމަށް ބަލާ!" ހިޔަނި ހަޅޭއްލަވަމުން ގެންދިޔަ އެވެ.

"ނައްޓާލާ!" ވީރު މުހައްމަދު ގޮވާލި އެވެ. އެވަގުތު ހައްވަ ކުއްލިއަކަށް ތިރިއަށް ފޭބި އެވެ. ވީރު މުހައްމަދާއި އޭނާގެ ތިން ދަރިން ޖެހިގަތީ ހިޔަނިތަކުގެ މެދަށް، ބިޔަ ހިޔަންޏަށް އަމާޒުކޮށްފަ އެވެ. އެ މީހުންގެ ހަތަރު ކަނޑިން ހަތަރު ހިޔަނި ކަތިލެވި، ބިންމައްޗަށް ވެއްޓުމާ އެކު، އެހެން ހިޔަނިތަކަށް ލިބުނު ހައިރާންކަމުގައި، ބައިބައިވި އެވެ. ބިޔަ ހިޔަނި އެކަނިމާ އެކަނި، ހަތަރު ފިރިހެނުންގެ ހިތަކަށް ލިބިފަ އެވެ.

"ހަޅޭއްނުލަވާ މައިތިރިވޭ!" ވީރު މުހައްމަދުގެ އެއް ދަރި އެހެން ބުނުމާ އެކު، ދެ މީހުންގެ ކަނޑި ގޮސް ވަނީ ހިޔަނީގެ ބޮޑު ދެ ލޮލަށެވެ. އެންމެ ފަހުގެ ވަރުގަދަ އަޑުން މުޅި ތަން ގުނޑާލި އެވެ. ދެ ކަނޑި ދަމައިގަތުމާ އެކު، ތިރީހަކަށް ފޫޓު މަތިން އޭތި ބިންމައްޗަށް ވެއްޓުނެވެ.

އެހެން ހުރިހާ ހިޔަނިތަކެއް ކުއްލިއަކަށް ފަހަތަށް ޖެހި، ދުރަށް އުދުއްސައިގަތެވެ.

ހައްވަ ހުރީ ބިންމަތީގަ އެވެ. އޭނާގެ ފައި ކައިރިއަށް އައިސް ޖެހުނީ، އޭނާގެ މަންމަގެ ގާތިލުކަން އެނގުނެވެ. އޭނާގެ ފަހަތުން ފިއްލަދުއާ ހަމައަށް ދަތުރުކޮށް، އަދިވެސް އޭނާ ލިބޭތޯ، މަސައްކަތްކުރި ހިޔަންޏެވެ. އޭނާ ހޯދައިގެން ގެންގޮސް ހިޔަނީގެ އާއިލާގެ ތެރެއަށް ވައްދަން ކުރި ހަނގުރާމައިގައި، ގުރުބާންވެ، އެ އޮތީ އޭނާގެ ފައި ބުޑުގަ އެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ގައިގައި އަލިފާން ރޯވެ، އަނދާ ހުލިވި އެވެ. އޭނާގެ ކަނޑި ވެސް އެތަނުން، ހަމަ އެވަގުތު ނެތި ދިޔަ އެވެ.

ވީރު މުހައްމަދާއި އޭނާގެ ތިން ދަރިން ހައްވަ ވަށާލި އެވެ. އެތަނުން އޭނާ ގުނޑާލާނެ އިރަކަށް ބަލަހައްޓައިގެން، ކިޔަމަންތެރިކަމާ އެކު ތިއްބެވެ. ހައްވައަށް ވިސްނުނީ އޭނާގެ ތެދުވެރި އެ ހާދިމުންނާ މެދަކު ނޫނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން، އޭނާ ދޫކޮށް ފިލަން ދުވި ފިރިމީހާ ފާތިރާ މެދުގަ އެވެ. އޭނާއަށް އަނެއްކާވެސް މި ލިބުނީ ކިހާ ބޮޑު ލަނޑެއް ހެއްޔެވެ؟ މިރޭގެ ކުރިން އޭނާގެ ފިރިއަކު ގޮވައިގެން ޖައްވު ތެރޭގައި ދުވަހަކު ވެސް ވަގުތެއް ހޭދައެއް ނުކުރެ އެވެ. އެކަމަކު ފާތިރާ އެކު އޭނާ އެ އުފާ ވެސް ހޯދި އެވެ. ފާތިރަށް އޭނާގެ ބާރު ދައްކައިދީ، އެކުގައި އުޅުމުގެ ޔަގީންކަން ދިނެވެ. އެކަމަކު އޭނާ ދޫކޮށްލާފައި ދާން، ދެތިން ގަޑިއިރު ވެސް ނުނެގި އެވެ.

އޭނާއަށްޓަކައި ވީރު މުހައްމަދުގެ ދަރިއަކު ރޭ ގުރުބާންވި އެވެ. އެ ގުރުބާނީގެ އަގު ވީރު މުހައްމަދުގެ އާއިލާ އިން މިރޭ، މީގެ ކުޑައިރުކޮޅެއް ކުރިން އަދާކުރީ، އޭނާގެ ހުވަފަން އަނބިމީހާ އާއި ކާފަ ދަރިފުޅު ރަށުން ފޮނުވާލައިގެންނެވެ. އެކަމަކު ހައްވަގެ ދިފާއުގައި ދެންމެ ވެސް އެ ކުރީ ހަނގުރާމަ އެވެ. މިހާރު ވެސް އެތިބީ އޭނާ ވަށާލައިގެންނެވެ.

އިހުލާސްތެރިކަމެވެ. ތެދުވެރިކަމެވެ. ދެ ގަރުނު ފާއިތު ވެގެން ދިޔަ އިރު ވެސް އޭނާގެ އާއިލާއަށް ވީ ވައުދު މަތީގައި ދެމިތިބި ކަމެވެ.

ހައްވަ މަޑުމަޑުން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހަތަރު ފިރިހެނުން ވެސް ހިނގަން ފެށި އެވެ. އޭނާ ގޭގެ ދޮރު ހުޅުވާލި އެވެ. ދޮރު ލައްޕަންދެން، ފަހަތުގައި އެ މީހުން ތިއްބެވެ.

ދަލޭކަދައިތަ އޮތީ ހޭލަ އެވެ. އެކަމަކު ދައްތައާ ދިމާއަށް ބަލާވެސް ނުލައި ހައްވަ މިސްރާބު ޖެހީ ކޮޓަރިއަށެވެ.

"ކޮއްކޯ،" ދަލޭކަދައިތަ ގޮވާލި އެވެ.

ހައްވަ މަޑުކޮށްލި އެވެ. އެކަމަކު އެނބުރި ބަލައެއް ނުލަ އެވެ.

"ފާތިރު ދެކެ ރުޅިނާންނައްޗޭ...." އެހާ ހިސާބަށް އަޑުއިވުމާ އެކު ހައްވަގެ ހިތުތެރޭގައި އުފެދުނު ރުޅިވެރިކަން އޭނާ މަޑުމަޑުން ގެންދިޔައީ ދަލޭކަދައިތަގެ ކައިރިއަށެވެ. ހައްވަގެ މޫނު ފެނިފައި ހުރިހާ އެއްޗެއް، ދަލޭކަދައިތަ އަށް ވިސްނުނެވެ. އެއީ އޭގެ ކުރިން އޭނާއަށް ފެނުނު، ހިތްހެޔޮ މޫނެއް ނޫނެވެ.

"އޭނާގެ ނަން ވެސް އަހަރެން ކައިރީގައި ދެން ނުބުނާތި! އެކަހަލަ މީހެއް އަހަންނަށް ދެއްކީތީ...." ހައްވައަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ރުޅީގެ މައްޗަށް ކުއްލިއަކަށް ވެރިވެގަތީ، އިހުސާސްކުރެވެމުން އައި ބަދުނަސީބުގެ އަސަރުތަކެވެ. އޭނާގެ ހިތްފަޅައިގެންދާން ކައިރިވި އެވެ. އޭނާ އެނބުރި، ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.

(10 ވަނަ ބައި، މޭ 15، 2020 ވާ ހުކުރުދުވަހު)

8 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 45%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމިނަގޯތި ހަސަން

15 May 2020

މިއީ ވަރަށް ދިވެހި ލިޔުންތެރިންގެ ފަރާތުން ނުފެންނަ ތަފާތު ވާހަކައެއް.2013 ހިސާބުގައި ގެނެސްދިން މީގެ ފުރަތަމަ ބައިގައި މިރާއްޖޭގެ މިހާރުގެ ސިޔާސީ ކަންކަން ހިގާގޮތާއި،ވިޔަފާރިތަކާއި،ގޭންގު ކުއްތައް އޮތްގޮތް ވަރަށް ފައްކާކޮށް ޒަމާނަށް ފެރޭގޮތަށް ގެނެސްދީފައި އޮތެވެ.މަދުވާ ބަޔަކީ ސިފަކުރުމުގެ ތެރެއިން "ލޯބި" އަދި ފޮނިތޮށި ކާފޫރުތޮޅީގެ ބައެވެ.އެދުރަކީ މޮޅު ތަފާތު ވާހަކަ ލިޔުންތެރިޔެއްގެ ހުނަރު ހުރި ފަރާތެކެވެ.ކާމިޔާބީއަށް އެދެމެވެ.

The name is already taken The name is available. Register?

ތުނިޔަ

15 May 2020

2016 ގައި

The name is already taken The name is available. Register?

ނެކްސްޓް

14 May 2020

ޥަރަށް ރީތީ މިވާހަކަ. ރުގްޔަ ޓިއުޓޯރިއަލް ކިޔުން ހުއްޓާލައިފިން

The name is already taken The name is available. Register?

ޖީޖިޖިޖ

14 May 2020

އެދުރު ހާދަ މޮޅޭ ވވވވރީތި

The name is already taken The name is available. Register?

ާއެގާރަ

14 May 2020

ވާހަކަ ވަރަށް ފުރިހަަ އަދި ވަރަށް ތަފާތު. ނަލަ އިބުރާހިމު ވާހަަވެސް ނިންމާލުން މުޅި ވާހަކައާއި އަޅާކިޔާއިރު ކުޑަކޮށް ފޭރާންދެރަކަމަށް އަޅައިގަތް. މިވާހަކަ ހައްވައާއި ފާތިރު އެކުގައި ދާނެކަމަށް ބަަލަނީ. ފާތިރުކަހަލަ ސަޚުސިއްޔަތަކާއި ނުގުޅޭ ކަމެއް ފިލަން ދާންޖެހުމަކީ. އެތަންކޮޅު އެހައި ކަމަކު ނުދޭ. ފާތިރުކަހަލަ މީހަކަށް އެކަށީގެންވަނީ ހަމަ ހައްވަ. ހައްވަ އަށް ހަމަ ފާތިރު.އެގުޅުވުން ވަރަށް ކަމުދޭ.ކާކުހޭ އެދުރަކީ.އެދުރަކީ އާދަޔާ ޚިލާފު މީހެއް.ވ.މޮޅު

The name is already taken The name is available. Register?

ޟަރީ

14 May 2020

ފާތިރު ދިއުން މަށަށް ވަރަށް ރީތި.. އަދި އިންޓްރެސްޓިންގް.. ފާތިރަކީ އާދައިގެ އިންސާނެއް.. މިހާތަނަށް އޭނަ ކުރި މަތި ލީވެސް އިންސާނުންގެ ކަންކަ މާ.. މީ އެހެން ކަހަލަ ކަ މެއްނު.. މި އިންވެސް އިނގޭ ފާތިރުގެ އަޒު މް ވަރުގަދަ ކަ މާ ކިޔަ މަންތެރިކަން. ަަަަަަަަަަަަަ ުުުުުުުުުުުުުުުުުުުުުުުުުުުުުުު

The name is already taken The name is available. Register?

އެކަތަ11

14 May 2020

ޖިންނިންނަށްވުރެ ތޫނުފިލި އަދި ކުޅަދާނަބައެއް އިންސާނުންނަކީ. 2016 ގެ ސިލްސިލާއާއި ގުޅުވާފައި މިވާހަަ މިވަނީ. އޭގެން ފާތިރު އަކީ އެކަތައިގެ ސަޚުސިއްޔަތެއް. އެހެންވެ ފިލަން ދުވަންޖެއްސުމަކީ އެސަޚުސިއްޔަތަށް ލަދުހުތުރު ކަމެއް ހަމަ. ހައްވައާއި ފާތިރު ދެން ވަކި ނުކޮށް އެކުގައި ގެންގޮސްފިނަމަ ރީތިވާނެ. ފާތިރު ނަލަ އިބުރާހިމު ނިންމާލަންވެގެން ގޭއަލަމާރިން ނެގި ފެންފުޅިއާއި ސިއްރު ކޮޓަރިން އެނގޭ ފާތިރުއަކީވެސް މީ ތަފާތު ބާރެއްލިބިފައިވާ މީހެއްކަން.

The name is already taken The name is available. Register?

ެޖހސ

14 May 2020

ވ ވ ވ ވ ރީތި. ހަމަ ކެތް މަދުވެފަ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454