މުނިފޫހިފިލުވުން / ވާހަކަ ސިލްސިލާ ދިހައެއް

ވާހަކަ ސިލްސިލާ: ދިހައެއް: ގޭންގް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

19 މެއި 2020 - 10:37

9 comments

ރުކުގައި ބަނދެފައި އިން ޒުވާނާގެ ނޭފަތުން ލޭ ފައިބަ އެވެ. އޭނާ ލައިގެން އިން ޓީޝާޓާއި، ސޯޓުގައި ވެސް ލެ އެވެ. ދެން އެ ލޭގެ ބައެއް ތިކިތައް ފައިބައިފައި ހުރީ، ދެ ފައިގެ މެދުން ވެލިގަނޑަށެވެ.

ގަޑިން ރޭގަނޑު ހަތެއް ޖަހާ ބޮޑުވެއްޖެ އެވެ. އޭނާ ހަނދާންވާ ގޮތުގައި، ރުކުގައި ބަނދެފައި އިންކަން ރޭކާލުމުގެ ކުރިން އޭނާ އިނީ، ގާތް އަނެއް ހަތަރު ރަހުމަތްތެރިންނާއި، އެ މީހުންނާ ބައްދަލުކުރަން އައި މީހަކާ އެކު މަޝްވަރާތަކެއްގަ އެވެ. އެކަމަކު ވަކި ހިސާބަކުން އޭނާ އަނބުރައިގަނެގެން ވެއްޓުނީ އެވެ. ދެން ހޭއެރި އިރު އިނީ ރުކުގައި ބަނދެފަ އެވެ.

ފުރަތަމަ ފެނުނީ ކަނާތު ކަކޫ ބިންމަތީގައި ޖައްސާލައިގެން، އޭނާގެ ކުރިމަތީގައި، އޭނާއާ ދިމާއަށް ފުންކޮށް ބަލަން އިން މީހާ އެވެ. ކުރުކޮށް ކޮށާލާފައި ހުރި ނުރަ ތުނބުޅިއެކެވެ. ކަޅު ކުލަ ގަދަ އަދި އިސްތަށިތައް ބޯ ދެ ބުމަ އެވެ. ގާތްގަނޑަކަށް ޒީރޯ ކަޓެކޭ ބުނެވޭ ވަރަށް ބޯ ހުރީ ބާލައިފަ އެވެ. ބޮލުގެ މެދުން ތަލަވެފައި ހުރި ކަން އެނގެނީ، އެ ދިމާލުގެ ހަންގަނޑުން އޮފްއަރާތީ އެވެ.

ރުކުގައި ހަރުކޮށްފައި ހުރި ބޮކިން ރަނގަޅަށް އަލިވެ އެވެ. އެއީ އޭނާ އާއި އޭނާގެ އަނެއް ހަތަރު ރަހުމަތްތެރިންގެ މަސައްކަތެވެ. ފަޅުރަށް އޮތީ އެ މީހުންގެ ބެލުމުގެ ދަށުގަ އެވެ. އެ މީހުންގެ ބޮޑެތި ހުރިހާ ރޭވުމެއް ރާވަނީ އެ ރަށުގަ އެވެ. ބައެއް "ކްލެއެންޓުން"ނާ އެކު މަޝްވަރާކުރަނީ އެ ރަށުގަ އެވެ. ރަލާއި މަސްތުވާތަކެތި ބޭނުންކޮށް، ޕާޓީކުރަނީ ވެސް އެރަށުގަ އެވެ.

މީގެ ކުރިން ނަމަ އެއީ އެ މީހުންގެ "ސުވަރުގެ" އެވެ. އެކަމަކު ހަވީރު ލޯންޗެއްގައި ރަށަށް ފޭބި އިސްކޮޅުން ދިގު، ބައިމަތި ފުޅާ، މެދު އުމުރުގެ އެ މީހާގެ ސަބަބުން، ފަސް ރަހުމަތްތެރިން ދިރިހުރުމާ މެދު ވެސް އޭނާގެ ހިތުގައި މިހާރު އޮތި ސުވާލު އުފެދިފަ އެވެ.

އަނެއް ހަތަރު ރަހުމަތްތެރިން ވީ ތަނެއް ނޭނގެ އެވެ. އެކަމަކު އޭނާއަށް ހަދާފައި އެއިން ގޮތުން ލަފާކުރަނީ، ރަށުގެ އެކި ހިސާބުތަކުގައި އެ އެންމެން ވެސް ބަނދެ، ގަދަކަމުން ވާހަކަ ދައްކުވަމުން ދާނެ ކަމެވެ. އެހެން މީހުން ސަލާމަތުން ތިބި ނަމަ، މި ނުދަންނަ، މަކަރުވެރި، އަނިޔާވެރި މީހާއަށް އޭނާގެ ގައިގައި އަތްލިޔަކަ ނުދޭނެ އެވެ. އޭގެ ކުރިން މި މީހާގެ ދުވަސް ދުއްވާލާނެ އެވެ.

އެކަމަކު އޭނާ އާއި ހަތަރު ބައިވެރިންނަށް އެއްވެސް ކަމެއް ރޭކާލުމުގެ ކުރިން، އެ އެންމެން އެ ތިބީ އެންމެ މީހެއްގެ އަތްދަށުގަ އެވެ. ބިރުކަނޑާލާފައި މީގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެ މީހުން ހިންގި އަނިޔާވެރި އެއްވެސް އަމަލެއްގައި ނުބެދި، ސަލާމަތްވި އެވެ. ކޮން ބައެއްކަން ރޭކާ ވެސް ނުލާ ގޮތަށް އެތައް ބަޔަކާ ދިމާކުރި އެވެ. އެއިން ބަޔަކަށް އެ މީހުންގެ މައްޗަށް ކުރި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކުރިމަތީގައި މިއިން މީހާ ހެދިނުހެދިއެއް ނޭނގުނެވެ. ޔަގީނުން ވެސް އޭނާ އެ އިނީ އަތްފައި ގުޑާ ވެސް ނުލެވި އެވެ.

ފުރަތަމަ ކުރީ ސުވާލުތަކެކެވެ. އޭނާގެ ޖަވާބަކީ "ނޭނގެ" އެވެ. "ނޭނގެ" އެވެ. "ނޭނގެ" އެވެ.

ދެން އޭނާގެ އަރިމަތިން އޭނާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި އިށީދެފައި، ގަސްތަކުގެ ދޭތެރެއިން ކުރިމަތިން ފެންނަން އޮތް މޫދާ ދިމާއަށް ބަލައިލަން ބުނެ، ކަނާތު އުޅަނބޮށިން ޖެހީ ނޭފަތް މަތީގަ އެވެ. އެއީ އާދައިގެ ހަމަލާއެއް ނޫނެވެ. އެއީ ދަސްކޮށްފައި ހުރި އުކުޅެއްކަން، އޭނާއަށް އެނގުނެވެ.

ހަޅޭއްލަވައިގެންފައި، އެމީހާއާ ދިމާއަށް ބަލައިލެވުނު އިރު، ނޭފަތުން ފައިބަން ފެށި ލޭ، އޭނާގެ ޓީޝާޓާއި ސޯޓު ތެންމާ ނަގަނީ އެވެ.

"ނޭނގެއޭ ބުނެފައި ސަލާމަތްވާނެ ކަމަށް ހީވަންޏާ، ތި ފައިބައި ލޭތަކަކީ ކަލެއަށް އޮތް ޖަވާބެއް،" އޭނާއާ ދިމާއަށް ބަލައިލުމުގެ ބަދަލުގައި، ކުރިމައްޗަށް، މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދެ، އެ މީހާ މަޑުމަޑުން ބުނެލި އެވެ.

"ދެން ކީކޭ...." އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރާކަށް ވަގުތެއް ނުދިނެވެ. ހަމަ އެ އިން ގޮތަށް އިނދެ، ދެވަނަ ހަމަލާ ވެސް ނޭފަތް މައްޗަށެވެ.

އަނިޔާއަކީ ލިބެން ފެށީމާ އިހުސާސްވާ އެއްޗެކެވެ. ތަދަކީ އަނިޔާގެ އެއް ބަ އެވެ. އެ ދެ ހަމަލާގައި ނޭފަތުގެ ކަށިގަނޑު ބިނދިފައި ނެތިއްޔާ އޭނާއަށް ކިތައްމެހާ ވެސް ރަނގަޅެވެ. އެކަމަކު މިހާރު އޮތީ ކަށިގަނޑު ބިނދުމާއި ނުބިނދުމުގެ ސުވާލެއް ނޫނެވެ. މިހާރު ހަށިގަނޑު ތެރޭގައި ތަދު ނޫން އެހެން އިހުސާސެއް ނެތެވެ.

ތިން ވަނަ ހަމަލާއަކަށް އެ މީހާ އިނީ ތައްޔާރުވެގެންކަން ކަށަވަރެވެ. އެހެންކަމުން "ދެން ކީކޭހޭ އަހަރެން ބުނަންވީ،" "އަހަންނަކަށް ނޭނގެއޭ"، މިފަދަ ބޭކާރު ވާހަކަތަކެއް އަޑުއަހާކަށް އެމީހާ ބޭނުމެއް ނުވާނެ އެވެ.

ކިތައްމެ ގަޓް ވެގެން އުޅުނަސް، ވަކި ހިސާބަކުން ތިމާގެ ހިތްވަރު ނެތިދާނެ ހާލަތްތައް ދިމާވާކަން އޭނާއަށް ރަނގަޅަށް ވިސްނުނެވެ. މިއީ އޭނާގެ ހިތްވަރާއި ފަންވަރު ނެތި ދިޔަ ވަގުތެވެ. އޭނާ ލައްވާ މިހާރު ކޮންމެ ވާހަކައެއް ވެސް ދެއްކުވިދާނެ ވަގުތެވެ. އެންމެ ނިކަމެތިވެފައި އިންނަން ޖެހުނު ވަގުތެވެ.

ރޮމުން އޭނާ ވާހަކަ ދައްކަން ފެށި އެވެ.

---

އިހަށް މާޒީގެ ތެރެއަށް ވަދެލަމާ ހެއްޔެވެ؟

އޭނާގެ ނަމަކީ އަހުމަދު ގުރައިޝް އެވެ. ވަނަމަކީ ގުރޯ އެވެ. އުމުރަކީ 26 އެވެ. އުފަން ރަށަކީ ލ. ގަމެވެ. މާލެ އައީކީ ނޫނެވެ. ބަޔަކު އޭނާ މާލެ ގެނައީ އެވެ. އެއީ އޭނާ މިހާރު ނިސްބަތްވާ، ފަސް މެމްބަރުންގެ ގޭންގުގެ އަނެއް ހަތަރު މީހުންނެވެ.

ގުރޯ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ތޭރަ ބެއިންގެ ތެރެއިން މެދަށް ހުރި މީހާ އެވެ. އޭނާގެ ބައްޕަގެ މަސައްކަތަކީ ފަރުމަހަށް ދިއުމެވެ. މަންމަ އާއި ބައްޕަގެ އާދައަކީ ކުދިން ހޯދުމެވެ. އެކަމަކު ގަސްދުގައި ހޯދަނިއްޔޭ ބުނުމަށް ވުރެ ބޮޑަށް ކައިރީ އެހެން އުޅުމުގެ ތެރޭގައި ލިބެނިއްޔޭ ބުނިއްޔާ އެވެ. ގަސްދުގައި ކުދިން ހޯދާ ނަމަ، އެ ކުދިން ދެކެ ލޯބިވާނެ އެވެ. އެކަމަކު ގުރޯ އާއި އޭނާގެ ކޮއްކޮމެންނާއި ދައްތަ އާއި ބޭބެމެންނަށް އެ ލޯތްބެއް ނުލިބެ އެވެ. މާ ބޮޑު އަޅާލުމެއް ނެތެވެ. ތަރުބިއްޔަތެއް ނުދެ އެވެ. ކާނެ އެއްޗެއް ހުރިއްޔާ ކާންވީ އެވެ. ސްކޫލަށް ދާން ބޭނުމިއްޔާ ދާންވީ އެވެ. ޒުވާބެއް ކުރަންޏާ ކުރަންވީ އެވެ.

ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ދިޔައީ ނަމަކަށެވެ. އޯ ލެވެލް އިން، ދިވެއްސާއި އިސްލާމް މާއްދާ ވެސް ލައިގެން ގެނައީ ޔޫ ސެޓެކެވެ. އުމުރުގެ ސޯޅަ އަހަރު ކިޔެވި އެއްޗެއް، އެނގުނު އެއްޗެއް، ބޭނުން ހިފުނު އެއްޗެއް ނެތެވެ.

ގުރޯއަކީ އަދި އޭގެ ތެރެއިން ވެސް އަރާހުރި ކުއްޖެކެވެ. އޭނާ ގްރޭޑް އަށެއްގައި އުޅެނިކޮށް، ބިދޭސީ އިނގިރޭސި ޓީޗަރުގެ ކަރަށް، ރޭގަނޑު ވަޅި ހެރި އެވެ. ކާކު ކަމެއް ނުހޯދުނެވެ. ޓީޗަރު އަވަހަށް ރަށުން ފުރައިގެން ދިޔައީ އެވެ.

ގްރޭޑް ނުވައެއްގައި އުޅުނު އިރު، ހިސާބު ކިޔަވައިދިން އަންހެން ޓީޗަރު ނިދާފައި އޮއްވާ އޭނާ ކަނުބަނދެ، އޮރިޔާންކޮށް، ހުރިހާ ހެދުމެއްހެން ވީދާ، ބިންމައްޗަށް އުކާލި އެވެ. ކާކު ކަމެއް ނުހޯދުނެވެ. އަނެއް ދުވަހު އެ ޓީޗަރު ވެސް ރަށުން ފުރީ އެވެ.

ގްރޭޑް ދިހައެއްގެ ފިޒިކްސް ޓީޗަރު (ފިޒިކްސް އަކީ ކޮން އެއްޗެއް ކަމެއް އޭނާއަށް އަދިވެސް ނޭނގެ އެވެ)، އެއް ރެއެއްގެ އިރާކޮޅު ކުއްޖަކަށް ޓިއުޝަން ދީފައި އެނބުރި ދަނިކޮށް، ކަނާތު ފައިގައި ދަގަނޑުބުރިއަކުން ޖެހިޖެހީނުން ބިންދާލި އެވެ. ކާކު ކަމެއް ނުހޯދުނެވެ. އިމަޖެންސީގައި އަނެއް ދުވަހު އޭނާ މާލެ ފޮނުވާލި އެވެ. އެނބުރި އެ ރަށަކަށް ނާދެ އެވެ.

މިއިން ކޮންމެ ކަމެއް ވެސް އޭނާ ކުރީ، އެއިން ޓީޗަރަކާ ޒާތީ ގޮތުން އޭނާގެ އެއްވެސް މައްސަލައެއް އޮވެގެންނެއް ނޫނެވެ. ތިން ބައްޕައަކު އޭނާއަށް ފައިސާ ދީގެން ކުރުވީ އެވެ. އެ ތިން މީހުން ވެސް ގަބޫލުކުރީ އެ މީހުންގެ ދަރިންނަށް ވުރެ އެހެން ކުދިންނަށް އެ ޓީޗަރުން މާ ބޮޑަށް އަޅާލަނީ ކަމަށެވެ. އެކަމަކު އެއީ މައިންބަފައިންގެ ކައިރީގައި އެ ކުދިން ހެދި ދޮގެއްކަން، އޭނާއަށް އެނގެ އެވެ.

ސުވާލު އުފެއްދުމަކީ އޭނާގެ އާދައެއް ނޫނެވެ. ކޮންމެ ފަހަރަކު އޭނާއަށް އެއް ހާސް ރުފިޔާ ދީފައި ބުނަނީ "މި ޓީޗަރުގެ ބަލާ މާ ބޮޑު ވެއްޖެ، މި ރަށުން ފޮނުވާލެވޭނެ ގޮތެއް ހަދައިދީ" މިހެންނެވެ. ކުރަން ވާ ކަމެއް ނިންމަނީ އޭނާ އެވެ. ހަމައެކަނި ޝަރުތަކަށް އޮންނަނީ މަރާލައިގެން ނުވާނެ ކަމެވެ.

ކަރަށް ވަޅި ހެރީ، އެ ވަރަށް ބަލާފައި ވަރަށް ކުޑަކޮށެވެ. އަންހެން ޓީޗަރާ އެއްވެސް ކަހަލަ ގުޅުމެއް ނުހިންގަ އެވެ. ފިޒިކްސް ޓީޗަރުގެ ފައިގައި ޖެހީ ބިންދާލުމުގެ މަގުސަދަކު ނޫނެވެ. އެކަމަކު ޖެހުނުލެއް ތަންކޮޅެއް ބާރުވީ އެވެ.

މި ހުރިހާ ސަކަރާތަކާއި ކެރުމެއްގެ ތެރެއިން ހަރުވަމުން ގޮސް، އުމުރުން ވިހި އަހަރު ވީ އިރު، ގުރޯއަކީ ގަމުގެ ހުރިހާ ގޭންގަކުން ވެސް ޖެހިލުންވާ އެކަމަކު އެއިން އެއްވެސް ގޭންގަކާ ސީދާ ގުޅުމެއް ނުބާއްވާ އުޅުނު ޒުވާނެކެވެ. ގޭންގްތަކުގެ ގިނަ ޒުވާނުން އުޅޭ ހެން އިސްތަށިގަނޑު ދިގުކޮށް، ކަންފަތާއި ތުންފަތުގެ އެކި ދިމާދިމާގައި ބޮޅު ލައްވައިގެން އޭނާ ނޫޅެ އެވެ. ހުންނަނީ ރީތިކޮށް ބޯ ކޮށައިފަ އެވެ. ކަޅު، ރީތި ތުނބިޅިއެކެވެ.

އޭނާއަށް ލާރި ލިބެ އެވެ. އޭނާ ލައްވާ ކަމެއް ކުރުވަންޏާ އެއީ ފައިސާ އެވެ. ވަޒީފާއަށް ވެސް ދެ އެވެ. ގަމާ ގުޅިފައި އޮންނަ މާންދޫ މަސް ފެކްޓަރީގެ ލޮރީ ޑްރައިވަރަކަށް އޭނާ ވަނީ، ފާސް ނުވިޔަސް ގްރޭޑް ދިހައެއް ނިންމައިގެންނެވެ.

މި ހުރިހާ ކަމަކުން އެނގެނީ ގުރޯގެ ވިސްނުން ގޭންގްތަކުގެ އެހެން ޒުވާނުންނަށް ވުރެ ރަނގަޅު ކަމެވެ. މީހުންނަށް ފެންނަ ގޮތަށް ގައްޑާވުމަށް ވުރެ ނުފެނި ގައްޑާވުން މޮޅުއިތުރުކަމަށް އޭނާ ކުރިންސުރެ ހުންނަނީ ނިންމައިގެންނެވެ.

މައިންބަފައިންގެ ލޯބި އޭނާއަށް ނުލިބުނަސް، ވަޒީފާގައި ލާރި ލިބެން ފެށުމާ އެކު ހެން އެމީހުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދެމުން އަ އެވެ. އެހެންކަމުން އޭނާ އަކީ އާއިލާގެ އެންމެ ހެޔޮ މީހާ ކަމަށް އޮންނަނީ ވެފަ އެވެ.

ގުރޯގެ ލޯބިވެރިއެއް ހުރެ އެވެ. ސްކޫލް އިރުން ފެށިގެން މަރިޔަމް ނަދާއަކީ އޭނާގެ ލޯތްބެވެ. މިޒާޖުގެ ގޮތުން ބަލާއިރު ގުރޯއަކީ އޭނާ އުޅޭ ކަމެއް، ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާލާ ކަހަލަ ޒުވާނެއް ނޫނެވެ. އޭނާއަށް ނަދާ ނުލިބުނު ނަމަ، ނަދާ ލިބެން އޮތް މީހަކަށް އުޅެން އުނދަގޫވަރުކޮށްލީހެވެ. ވިސްނުން ހުރީ އެގޮތަށެވެ.

އެކަމަކު ނަދާ ވެސް ލޯބިވީ ގުރޯ ދެކެ އެވެ. އެހެން ކުއްޖެއްގެ ލޭކޮށާލައި، ތަނެއް ބިންދާލާވަރު ކުރާކަށް ނުޖެހުނެވެ.

ނަދާއަކީ އިސްކޮޅުން އެހާ ދިގު ކުއްޖެއް ނޫނެވެ. އަދި އުމުރުގެ ގިނަ ކުދިންހެން، އެހާ ހިކި ކުއްޖަކަށް ވެސް ނުވެ އެވެ. އެކަމަކު އޭނާގެ މޫނުކޮޅު، އަބަދުވެސް ގުރޯގެ ހިތް ކަތިލި އެވެ. ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އުނދަގޫކުރި އެވެ.

ނަދާ ލިބުމަކީ ގުރޯ، ގަބޫލުުކުރި ގޮތުގައި، އޭނާގެ ނަސީބު އަތުގައި ހިފުމެވެ. އެކަމަކު އޭނާއާ ހިލާފަށް ނަދާއަކީ ކިޔަވަން މޮޅު، ސްކޫލުގެ އެންމެ ޓޮޕް އެއް ދަރިވަރެވެ. އެހެންކަމުން އޯ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނުމާ އެކު ސީއެޗުއެސްއީގައި އޭ ލެެވެލް ހަދަން، އޭނާ މާލެ ބަދަލުވި އެވެ. އޭ ލެެވެލް ނިންމާފައި ޔުނިވަސިޓީއަށް ވަނީ ނާސިންގެ ރޮނގުން ޑިގްރީ ހަދާށެވެ. ގަމުގައި ގުރޯ ހޭދަކުރީ ވަޒީފާގައި ވެސް އުޅެމުން އަދި ބައެއް ރޭރޭ ކޮންމެވެސް މީހަކަށް އަނިޔާއެއް ދެމުން ދިޔަ ދުވަސްތަކެކެވެ.

އެއް ރޭ ގުރޯ، ރަށުގެ ޒުވާނުން އެންމެ ގިނައިން ގޮސްއުޅޭ ރެސްޓޯރެންޓުގައި އެކަނި އިނދެ ކައިގެން، އެގާރަ ވެސް ޖެހި ފަހުން ގެއަށް ދާން ހިނގައިގަތެވެ. އޭރު ވެސް އެ ރެސްޓޯރެންޓްގައި ހަތަރު މީހުންގެ ގްރޫޕެއް، ކާން ތިއްބެވެ. ގުރޯއަކަށް އެއިން އެއްވެސް މީހެއް ނޭނގެ އެވެ. އޭނާ ސަމާލުކަމެއް ވެސް ނުދެ އެވެ.

އެކަމަކު އޭނާ ނުކުތުމާ އެކު އެ މީހުން އޭނާގެ ފަހަތުން އަޅުވާލި އެވެ. ގުރޯގެ ހިތަށްއެރީ އެއީ ފުލުހުންގެ ބައެއް ކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކުން ހާސްވުމެއް ނެތި، އޭނާ ހިނގަމުން ދިޔަ އެވެ. ވަކި ހިސާބަކުން އޭގެ ތެރެއިން އެކަކު ދުވެފައި އައިސް އޭނާ ކައިރިއަށް ހުއްޓި، "އިހަށް މަޑުކޮށްލާށޭ" ބުންޏެވެ. ގުރޯ މަޑުކޮށްލި އެވެ. އަނެއް ތިން މީހުން އައިސް، އޭނާ ވަށާލި އެވެ.

"އަހަންނަކީ މުޖޭ، މިހިރީ ރުސްތުމް، މިހިރީ ޝައުގީ، ދެން ހާދީ،" ގުރޯ ކައިރިއަށް ފުރަމަ ކައިރިވި ޒުވާނާ، އެހެން އެންމެން ތައާރަފުކޮށްދިނެވެ.

"މަށަކަށް ނޭނގޭ އެކަކު ވެސް،" ގުރޯ މަލާމާތުގެ ރާގެއްގައި ބުންޏެވެ.

"އެހެންވެގެންތާ ފުރަތަމަ ވެސް އެންމެންގެ ނަން މި ބުނީ،" މުޖޭ ބުންޏެވެ.

"އަސްލު ކީއްކުރަން އައިސް އުޅޭ ބައެއް،" ގުރޯ ސުވާލުކުރި އެވެ.

"ގުރޯއާ ބައްދަލުކުރަން،" މުޖޭ ވަގުތުން ޖަވާބު ދިނެވެ.

"އެޔޯ؟" ގުރޯ އެހި އެވެ.

"ވާހަކަ ދެއްކީމަތާ އެނގޭނީ. ކުރިއަށް ދަމާ، އަހަރެމެން ކިޔައިދޭނަންް ހުރިހާ އެއްޗެއް،" މުޖޭ ބުންޏެވެ.

އޭނާ ބޭނުންވީ އެ ދައްކާ ވާހަކައެއް އަޑުއަހާށެވެ. ގަބޫލުކުރުމާއި ނުކުރުން އޮތީ އޭނާގެ އަތްމަތީގަ އެވެ. އެހެންކަމުން އޭނާ ހިނގައިގަތީ ރަށުގެ ބަނދަރު މައްޗާ ދިމާއަށެވެ. އޭނާ ގައިގައި ތަޅައިގަތަސް، އެތަން ކޮންމެވެސް އެއްބަޔަކަށް ފެންނާނީ އޭރުން ކަން، އޭނާއަށް އެނގެ އެވެ.

އެރޭގެ ބައްދަލުވުން ނިމުނީ، އެ މީހުން ހުށައެޅި ކަންކަމާ މެދު ވިސްނާލަން ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާގެ ޖަވާބެއް ލިބެންދެން، އެ ގްރޫޕް ރަށުގައި ތިބީ އެވެ. ކޮންމެ ރެއަކު ވެސް ބައްދަލުވެ، ދެކެވުނު ވާހަކަތަކުން އޭނާއަށް އިތުބާރުކުރެވި، އެންމެ ފަހުން ހުށައެޅުން ގަބޫލުކުރި އެވެ.

ހަފުތާއެއް ފަހުންް، މާންދޫގެ ވަޒީފާ ވެސް ދޫކޮށްލައި، މާލެ ބަދަލުވި އެވެ.

މުޖޭގެ ނަމުގައި މާލޭގައި އަންނައުނު ވިއްކާ ފިހާރައެއް ހިންގަ އެވެ. އެތަން ހަވާލުކޮށްފައި ހުންނަނީ އޭނާގެ ރައްޓެހި ކޮންމެވެސް މީހަކާ އެވެ. ގުރޯއަށް ވަޒީފާ ދިނީ އެ ފިހާރައިންނެވެ. ބޭނުން އިރަކު ފިހާރަށް ވަދެ، ބޭނުން އިރަކު ނުކުމެގެން ދާންވީ އެވެ. ގިނަ އިރު އޭނާ އުޅެނީ މުޖޭ ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމަންޓްގައި، އަނެއް ހަތަރު މީހުންނާ އެކުގަ އެވެ. އޭނާ މާލޭގައި ހުރުން ހަމަޖައްސާފައި އޮންނަނީ ވެސް އެތަނުގަ އެވެ.

އެ މީހުންގެ ހުރިހާ މައުލޫމާތެއް ލިބި، އިތުބާރު ކުރެވޭ ހިސާބަށް ދިޔަ އިރު، ގުރޯއަށް ޔަގީންވީ އެއީ އާންމުންނަށް މަޝްހޫރުވެފައި އޮންނަ ފަދަ ގޭންގެއް ނޫން ކަމެވެ. އެއަށް ވުރެ މުޖޭމެންގެ ރޭވުން މޮޅުވެފައި ކަންކުރާ ގޮތް ވެސް ތަފާތެވެ. އަދި މުޖޭމެން ނުކުންނަނީ ހަމައެކަނި ވަރަށް ހާއްސަ މީސްމީހުން ހަވާލުކުރާ ކަންކަން ނިންމާށެވެ.

ގުރޯ ހިމެނިގެން ހިންގި ފުރަތަމަ އޮޕަރޭޝަން އޮތީ ރިސޯޓެއްގަ އެވެ. އެކަމަކު އޭނާ އާއި ހާދީ ހުރީ މާލޭގަ އެވެ. ރޭގަނޑު ބާރަ ޖަހަން އުޅެނިކޮށް، ދެ މީހުން އަރަމުން ދިޔައީ، ދިހަ ބުރީގެ ގެއެއްގެ ލިފްޓުން ފަސް ވަނަ ބުރިއަށެވެ. ދޮރު ކައިރިއަށް ޖެހުނު އިރު ހިންދީ ޑްރާމާއެއްގެ އަޑު، ބާރުބާރަށް އިވިއިވި ހުއްޓެވެ. ފަސް ވަރަކަށް ފަހަރު ޓަކި ޖަހާލި ތަނުން، ދޮރު ހުޅުވާލި އެވެ. ގޭތެރޭގައި ބޮލަށް ކޮއްޕާ ކަހަލަ ބުރުގާއެއް، ރަނގަޅު ކޮށްލަމުން، އަންހެނަކު ހައިރާންވެގެން ބަލަން ހުއްޓެވެ.

"ސޮރީ، މިއީ އެ އެޕާޓްމަންޓެއް ނޫން،" ހާދީ އަވަސްއަވަހަށް ބުނެލި އެވެ. އޭނާ އެތަނުން ދާން އެނބުރުނެވެ. އެކަމަކު އެ ވަގުތު ގުރޯ، އަންހެންމީހާއާ ދިމާއަށް ހީނލި އެވެ.

"މި ގޭގެ ކޮންމެވެސް ބައެއްގައި އުޅޭނެ ނަޖުމާ ކިޔާ ފަހާ މީހެއް، އެއީ ކޮން ބުރިއެއް؟" ގުރޯ ސުވާލުކުރި އެވެ.

"އާނ ނަޖުމާ ދޯ...." އެހެން ކިޔާފައި ކުޑަކޮށް ހަމަޖެހިލަމުން ދޮރު ވެސް ތަންކޮޅެއް ބޮޑަށް ހުޅުވާލާފައި ވާހަކަ ދައްކަން އުޅުނެވެ.

އެކަމަކު އޭގެ ކުރިން ގުރޯގެ އެއް އަތް އޮތީ، އަންހެންމީހާގެ އަނގަމަތީގަ އެވެ. ހަޅޭއްލަވާނެ ފުރުސަތެއް ވެސް ނުދިނެވެ. ގުރޯ އާއި ހާދީ އަވަހަށް އެތެރެއަށް ވަދެ، ދޮރު ލެއްޕި އެވެ. ދެން ގުރޯގެ އިސްތަށިގަނޑާ އެކު، ކަޅު ފޮތިގަނޑަކުން މޫނު ނިވާކޮށްލި އެވެ. އޭގެ ފަހުން ހާދީ ވެސް ކަޅު ފޮތިގަނޑަކުން މޫނު ނިވާކުރި އެވެ.

"ކުޑަކޮށް ހަރަކާތެއް ކޮށްލިޔަސް، މި ވަޅި ވަންނާނީ ކަރަށް!" ގުރޯ، އަންހެންމީހާގެ ކަންފަތް ބުޑުގައި، މަޑުމަޑުން ބުނެލި އެވެ.

ޓީވީގެ އަޑު ގަދަ އެވެ. ސިޓިން ރޫމުގައި ހުރި އެންމެ ބޮޑު ގޮނޑީގައި، އަންހެން މީހާ ބައިންދާ، އޭނާގެ އަނގަމަތި ވަރަށް ބާރަށް ބަނެވެ. ދެން ފަހަތަށް ދެ އަތް ގެންގޮސް، އަތް ވެސް ބަނދެލީ އެވެ. އޭގެ ފަހުން އަންހެން މީހާ މެދަށް ލައިގެން، ދެ ފަރާތުގައި ހާދީ އާއި ގުރޯ އިށީނެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހަމަ ތިބީ އެވެ.

ބިރުން ގޮސް އަންހެންމީހާގެ ދެ ލޯ ހުރީ ބޮޑުވެފަ އެވެ. ކުއްލިއަކަށް ލޮލުން ކަރުނަ ފައިބަނީ އެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން މި ދެ މީހުންގެ މޫނު އޭނާއަށް ފެނުނެވެ. އެކަމަކު ބިރުގެންފައި އިންލެއް ބޮޑުކަމުން، އެ ސިފަތައް ސިކުނޑިން ކެހެމުން ދިޔަ އެވެ. އޮޅުންބޮޅުން ބޮޑު ހިޔާލުތަކުން މުޅި މީހާ ދާހިއްލުވާލި އެވެ. ގޭގައި އެކަނި އުޅޭތީ އާއި ފިރިމީހާ ވެސް މި ދުވަސްކޮޅު ރިސޯޓުން މާލެ ނާންނާތީ، އިނީ ބޭރު ބަޔަކާ ބައްދަލުކުރާ ކަހަލަ ގޮތަކަށް ތައްޔާރުވެގެންނެއް ވެސް ނޫނެވެ.

އެކަމަކު އެއިން އެއްވެސް ކަމަކަށް ވިސްނޭވަރެއް ނުވި އެވެ. ކުއްލިއަކަށް އޭނާގެ އެޕާޓްމަންޓަށް މި ގޮތަށް ބަޔަކު ވަދެ ހަމަލާއެއް ދޭން ޖެހޭ ސަބަބެއް، ޔަގީނުން ވެސް ނޯންނާނެ އެވެ. އޭނާ އަކީ މުޅި ދުވަސް ގޭގައި ހޭދަކުރާ މީހެކެވެ. ފިރިމީހާ މާލެ އަންނަނީ ގިނަވެގެން މަހަކު ދެ ދުވަހު އެވެ. ގެއިން ބޭރަށް ނުކުންނަ ދެ ދުވަހަކީ ވެސް އެ އެވެ. މީހަކަށް ދަރާފައެއް ނޯންނާނެ އެވެ. މީހެއްގެ ނުބައި ވާހަކަ ދައްކާފައެއް ނޯންނާނެ އެވެ. މީހެއްގެ ފިރިއަކާ ހިތައެއް ނުވެ އެވެ. އަދި އެހެން މީހަކު ވެސް އޭނާއާ ހިތާވެގެންނެއް ނޫޅެ އެވެ. ޒުވާނުންތަކަކާ މައްސަލައެއް ޖެހެން، އޭނާގެ ދަރިއަކު ވެސް ނެތެވެ.

ގޭގެއަށް ވަދެ ވައްކަން ކުރާށާއި ފޭރޭ މީހުން އުޅޭކަން އޭނާއަށް އެނގެ އެވެ. ހަބަރުތަކުން އިވެ އެވެ. ޓީވީން ބަލަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ސިފަ ވަކިނުކުރެވޭ ވަރަށް އިސްތަށިގަނޑު އެކި ގޮތްގޮތަށް ހަދައިގެން އުޅޭ ޒުވާނުންނެވެ. އެކަމަކު އޭނާ ކައިރީގައި އެ ތިބީ އެކަހަލަ ވައްތަރެއް ޖަހާ ބައެއް ވެސް ނޫނެވެ. ތިބީ ނުލާހިކު ރީތިކޮށެވެ. ގަމީސް ލައި، ދަށަށް ވެސް ޖަހައި، ބޫޓަށް ވެސް އަރައިގެންނެވެ.

ފޭރޭކަށް ނޫޅެ އެވެ. ގޭގެ އެއްވެސް ތަނެއް ހާވާހަދާކަށް ވެސް ނުފަށަ އެވެ. އޭނާ މެދަށް ލައިގެން ހަމަ ތިބީ އެވެ.

ކުރިމަތީގައި ހުރި ބޮޑު ޓީވީން ދައްކާ ހިންދީ ޑްރާމާގައި، އަންހެނަކާއި ފިރިހެނަކު ނިދަން ތައްޔާރުވެގެން އެނދުމަތީގައި ތިބީ ވާހަކަ ދައްކާށެވެ. ގޭގެ ކޮންމެވެސް މީހަކާ ބެހޭ ޝަކުވާތަކެކެވެ. ނިދާ އިރު ވެސް އެހާ ރީތިކޮށް މޭކަޕްކޮށްގެން ތިބޭތީ އޭނާއަށް ވަރަށް ކަމުދެ އެވެ. އޭނާ ވެސް ނިދަން އޮށޯންނަނީ، މޭކަޕް ނުކުރިޔަސް، ކޮންމެ ރެއަކު ވެސް ފެންވަރައިގެންނެވެ. އެއީ އޭނާގެ އާދަ އެވެ.

ޓަކި ޖެހީ ފެންވަރަށް ވެގެން ކޮޓަރިއަށް ވަންނަން އުޅުނު ތަނުންނެވެ. ޔަގީނުން ވެސް އެއީ ބަޔަކަށް އޮޅިގެންކަން އޭނާއަށް އެނގެ އެވެ. އެހެންވެ ދޮރު ހުޅުވާނީތޯ، ފާހާނާއަށް ވަންނާނީތޯ، ހިތަށްއަރައަރާ، ސިކުންތުކޮޅެއް ދިޔަ އެވެ. އެންމެ ފަހުން ނިންމީ، އޮޅިގެން އުޅޭ ބަޔަކަށް އެހީއެއް ވެސް ވެވޭނީ ދޮރު ހުޅުވައިގެން ކަމަށް ވާތީ، އިހަށް އެކަން ކޮށްލާށެވެ.

އެކަމަކު އެ ރަނގަޅު ނިޔަތުގައި ގޮސް ދޮރު ހުޅުުވުމުން އޭނާ މިހާރު އެ އިނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

ނުދަންނަ ދެ މީހުން ހަމަ ތިބީ އެވެ. އަންހެންމީހާއާ ދިމާއަށް ބަލައި ވެސް ނުލަ އެވެ.

ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު އެގޮތުގައި ވޭތުވި އެވެ. ހާދީއަށް ވައިބާއިން ކޯލް އައީ އޭގެ ފަހުންނެވެ. އޭނާ އަވަހަށް ފޯނު ނެގި އެވެ. އޭރު ވީޑިއޯ އިން، ކޮޓަރިއެއްގެ ޓައިލްސްތަކުގެ މަތީގައި ގަދަކަމުން ދެ ކަކޫ ޖައްސުވައިގެން އިން ފިރިހެނަކު ފެނެ އެވެ. ހާދީ، އެ މަންޒަރު އަންހެންމީހާއަށް ދައްކާލި އެވެ.

"ރަނގަޅަށް ބަލަން އިންނާތި،" ހާދީ އަމުރުވެރި ރާގެއްގައި ބުންޏެވެ.

އެއީ އޭނާގެ ފިރިމީހާ އެވެ. އަންހެންމީހާއަށް ރޮއިގަނެވުނެވެ. ފޯނު ހިފަހައްޓައިގެން ހުރި މީހާގެ އިތުރުން، އެހެން މީހަކު، ނިތްކުރި މަތިން އޭނާގެ ފިރިމީހާގެ އިސްތަށިގަނޑުގައި ހިފާ މައްޗަށް ދަމާލައިގެން ހުއްޓެވެ. އެ ދެ މީހުން ރިސޯޓްގައި އޭނާގެ ފިރިމީހާއަށް އަނިޔާކުރަނީ އެވެ. މާލޭގައި، އޭނާ ކައިރީގައި، އެހެން ދެ މީހަކު އިނދެ އަނިޔާކުރަން ތައްޔާރުވަނީ އެވެ.

ގުރޯ މަޑުމަޑުން އަންހެންމީހާގެ ކުރިމައްޗަށް އެރި އެވެ. ދެން ތިރިވެފައި އޭނާގެ ހެދުން މޭ މައްޗާ ހަމަޔަށް ނެގި އެވެ. އަންހެންމީހާ ގަދަދައްކަން ފެށުމުން ގުރޯ ބާރަށް ހިފެހެއްޓި އެވެ. އަނބިމީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ބަރަހަނާވެފައި އޮތް ތަން، ފިރިމީހާއަށް ފެނެ އެވެ. އޭނާގެ ލޮލުން ވެސް ދިޔައީ ކަރުނަ ފައިބަމުންނެވެ.

"ކިހިނެއް ހަދަންވީ؟" މޫނު ނިވާކޮށްގެން ހުރި، މުޖޭ، ފިރިހެންމީހާއާ ދިމާއަށް ބުނި އަޑު އިވުނެވެ.

"އަހަރެންގެ އަންހެނުން ދޫކޮށްލާ! ކުރާ ކަމެއް އަހަންނަށް ކުރޭ!" ފިރިހެންމީހާ އާދޭހާ އެކު، އެކަމަކު ރޮމުން، ބުންޏެވެ.

"މި ރިސޯޓްގައި ކަލޭ ހައިޖާން ތި އުފައްދަނީ ކާކުގެ ފައިދާއަށް؟ ހަމަ ކަލޭގެ ފައިދާއަށް...." މުޖޭ ބުނި އަޑު އިވުނެވެ.

"އަހަރެންގެ އަންހެނުން ދޫކޮށްލާ! ދޫކޮށްލާ!" މުޖޭގެ ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި ފިރިހެންމީހާ އާދޭސް ކުރަމުން ދިޔަ އެވެ.

"ބާރު އޮތީ ކަަލޭގެ އަތް މަތީގައި...." މުޖޭ ބުންޏެވެ.

"އޭނާ ދޫކޮށްލާ!...އޭނާ ދޫކޮށްލާ...." ގިސްލަމުން ފިރިހެންމީހާއަށް މަޑުމަޑުން ކުރެވެމުން ދިޔައީ ހަމަ އެއް އާދޭހެކެވެ.

އެހާ ހިސާބުން ގުރޯގެ އަތަށް ގެންނަން އުޅުނު ހަރަކާތަކުން، ކަންތައް ގޯސްވަނީކަން، ފިރިހެންމީހާއަށް ވިސްނުނެވެ. އަންހެންމީހާ ގޮނޑީގައި އޮވެގެން، ރޮމުން، ގަދަދައްކަމުންދިޔަ އެވެ.

"ދެން ހުއްޓާލާ، ކަލޭމެން ބުނާ ގޮތެއް އަހަރެން ހަދާނަން،" ފިރިހެންމީހާއަށް އެންމެ ފަހުން ބުނެވުނެވެ.

(ދެ ވަނަ ބައި މޭ 21، 2020، ބުރާސްފަތިދުވަހު)

9 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 33%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަފީ

20 May 2020

އޯ ވައު

The name is already taken The name is available. Register?

އެކަތަ11

19 May 2020

ނަމަނަަމަ ފާތިރު އަށް ނާކާމިޔާބު ވިޔަ ނުދޭތި. ވާހަކައިގެ ހީރޯއަކީ އެއީ.

The name is already taken The name is available. Register?

ވަން

19 May 2020

އެދުރު ހާދަ މޮޅޭ ވވވވ ރީތި

The name is already taken The name is available. Register?

ޢެދުރު ފޭން

19 May 2020

ހާދަ ކްރުއެލް އޭ އެދުރުގެ ވަރަށް އެކްސްޕީރިއަންސް ބޮޑުކަންނޭނގެ ސަޅި

The name is already taken The name is available. Register?

އަލީ އަލީ

19 May 2020

ގުރޯ މިއީ މޭން އެއް!

The name is already taken The name is available. Register?

މިލިލީ

19 May 2020

ވަރަށް ރީތި ވާހަކަ ކުރިއަށް ގެންދާ ގޮތާ...

The name is already taken The name is available. Register?

ހަވީރު

19 May 2020

ކަލޯގަޔާ. ވަރަށް ފައްކާ

The name is already taken The name is available. Register?

ހ

19 May 2020

ލާލާ ހަހާ ޔެސް!!

The name is already taken The name is available. Register?

ޙ000

19 May 2020

ތޭންކްސް އެދުރު. ވ ވ ވ ރީތި. އަނެއްބައިގެ އިންތިޒާރުގަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454