ވާހަކަ ސިލްސިލާ: ދިހައެއް: ގޭންގް

(މޭ 22، 2020، ހުކުރުދުވަހުގެ ބަޔާ ގުޅޭ)


މުޖޭ އެއް ފިޔަވަޅު ކުރިއަށް ޖެހިލި އެވެ. އެމީހާ އެއް ފިޔަވަޅު ފަހަތަށް އެޅި އެވެ.

ދެން އިވުނީ އަނެއްކާވެސް މުޖޭގެ ހަޅޭއްކުގެ އަޑެވެ. އެ ހަޅޭއްކާ އެކު ވަޅީގެ ކުއްލި ހަމަލާ އެމީހާއާ ދިމާއަށް ފޮނުވާލި އެވެ. އެކަމަކު ހެދި ނުހެދިއެއް ނޭނގުނެވެ. މުޖޭ އޮތީ ބިންމަތީގަ އެވެ. އެމީހާގެ ވާތު ކަކޫ، މުޖޭގެ ބުރަކަށި މަތީގަ އެވެ. ވަޅި އޮތް ކަނާތް ހުރީ ކޮނޑު ހުޅުން ނެއްޓޭހާ ވަރަށް، އެ މީހާގެ ފަލަމަސްގަނޑުގެ ބާރުގައި ފަހަތަށް ގެންގޮސްފަ އެވެ. އެމީހާގެ އެއްވެސް ހާސްކަމެއް ނެތެވެ. ވަޅި އަތުލާކަށް ވެސް ނޫޅެ އެވެ.

"ދޫކުރޭ...." މުޖޭ ގޮވަމުން ދިޔަ އެވެ.

އެމީހާ ދެން ހިފީ، މުޖޭގެ އެއްވެސް ބާރެއް ނެތް އޭނާގެ އަތުގަ އެވެ. ފުރަގަަހަށް ވަރަށް ބޮޑަށް ލަނބާލި އެވެ. މުޖޭގެ ހަޅޭއްކާ އެކު ވަޅި ބިންމައްޗަށް ވެއްޓުނެވެ. އެމީހާ އެއިން ގޮތަށް އިނދެ، ވަޅި ނަގައި، މުޖޭގެ ގައިމަތިން ތެދުވި އެވެ.

"ކެރޭ މީހުން ތިހެން ހަޅޭއްކެއް ނުލަވާނެ. ކެރޭ މީހުން ކަންކަން ކުރާނީ ހަމަޖެހިގެން ތިބެ،" އެމީހާ ބުންޏެވެ. ދެން ގުރޯއަށް ފެނުނީ އޭނާއާ ދިމާއަށް ހިނގައިގަތްތަނެވެ. އޭނާގެ ދިރިހުރުމުގެ އުއްމީދުތައް ގެއްލެން ފެށި އެވެ.

ކުރިމައްޗަށް އަރައި މަޑުކޮށްލުމުން، ގުރޯ އިސްއުފުލައި ބަލައިލި އެވެ. ވަޅިއާ އެކު އެމީހާ ހުރީ ގުރޯއާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ. ދެން އޭނާގެ ކުރިމަތީގައި، ބިންމަތީގައި އެއް ކަކޫ ޖައްސާލައިގެން އިށީނެވެ.

"އޭނާ ފެނޭތަ؟" މުޖޭއާ ދިމާއަށް މޫނު އަނބުރާލަމުން، ސުވާލުކުރި އެވެ. އޭރު މުޖޭ ބިންމަތިން ތެދުވެ، ކަނާތު ކޮނޑު ހުޅުގައި ހިފަހައްޓާލައިގެން އިނެވެ.

"އާނ!" ގުރޯ ބުންޏެވެ.

"އަހަރެން ކަލޭ މޮހެލާފައި، މި ވަޅި ދީފިއްޔާ ހަދާނީ ކިހިނެއް؟" މުޖޭއާ ދިމާއަށް ބަލަން އިނދެ، ގުރޯއާ ސުވާލުކުރި އެވެ.

އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ގުރޯގެ އަމިއްލަ ނަފުސަށް ވެސް ކުރެވުނީ އެ ސުވާލެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ފެނުނީ، މުޖޭ އަތުން ހާދީ މަރާލި ތަނެވެ. އެއީ މި ނުބައި މީހާ ކުޅުވާ ގޭމެއްކަން، ގުރޯގެ ހިތަށްއެރި އެވެ. އެކަމަކު ހާދީ މަރާލައިގެން މުޖޭއަށް ސަލާމަތެއް ނުވެވުނެވެ. އޭނާ އެ އިނީ އަދިވެސް މި މީހާގެ ބާރުގެ ދަށުގަ އެވެ.

"ކީއްވެ ހުއްޓުން އަރާފައި ތި އިނީ؟" މިފަހަރު ގުރޯއާ ދިމާއަށް އެމީހާ އެނބުރުނެވެ.

އެކަމަކު ދެން ވެސް ބުނާގެ އެއްޗެއް ގުރޯގެ ދުލަކަށް ނަ އެވެ.

"އޯކޭ...." އެމީހާ ބުނެލީ އެހެންނެވެ. ދެން ތެދުވެ، މުޖޭއާ ދިމާއަށް ހިނގައިގަތެވެ. މުޖޭގެ ކޮނޑު ހުޅަށް އެރި ތަދުން އޭނާ އިނީ ހުއްޓުން އަރައިފަ އެވެ. އެހެންކަމުން އެމީހާ، އެ ވަޅި ހިފައިގެން އޭނާއާ ދިމާއަށް އަންނަ ތަން ފެނުމުން ދެން އިތުރު ގޮތެއް ހެދެން ނެތްކަން އެނގި، ބިރު ބޮޑުވި އެވެ.

ހަމަލާއެއް ދިނަސް އޭނާ ސަލާމަތެއް ނުވާނެ އެވެ. އެހެންކަމުން ބަލަހައްޓައިގެން، ތުރުތުރުއަޅާ ހާލުގައި އިނީ އެވެ. އެ މީހާ އޭނާގެ ފަހަތަށް ގޮސް ކުއްލިއަކަށް ދެ އަތުގެ ކުޑަ ހުޅާ ދިމާލުން ބާރަށް ހިފަހައްޓާލި އެވެ. ދެން ފަހަތަށް ދެ އަތް ގެންގޮސް އެޅުވީ ބިޑިއެއްކަން، މުޖޭއަށް އިހުސާސްވި އެވެ.

"ތެދުވެގެން ހިނގާ އެ ސޮރު އިން ތަނަށް،" ހަށިގަނޑު ރަނގަޅަށް ދަމާލަމުން، އެ މީހާ އަމުރުކުރި އެވެ.

މުޖޭ ތެދުވެ މަޑުމަޑުން ހިނގައިގަތެވެ. އެމީހާ ހުރީ ފަހަތުގަ އެވެ. މި ހަދާ އެއްޗެއް ނޭނގޭ ހާލުގައި، އެތައް ހާސް ސުވާލަކުން ސުކުނޑި ފުރިފައި އިން ގުރޯއަށް މުޖޭއާ ދިމާއަށް ބަލާކަށް ނުކެރުނެވެ. އޭނާ އިނީ އެމީހާއާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ.

"އޭނާއަށް ކުރިމަތިވާ ގޮތަށް އިށީނދޭ!" މުޖޭ ހަދަން ޖެހޭ ގޮތުގެ އިރުޝާދު، އެމީހާ ދިނެވެ.

މުޖޭގެ ވެސް ދިރިހުރުމުގެ ހިތްވަރު އެލި، އުއްމީދުތައް ގެއްލިއްޖެ އެވެ. ދެން ވެސް އޮތީ އެމީހާ ބުނާ ގޮތެއް ހެދުމެވެ. ކުރިމަތިވާން މި އުޅެނީ ކޮން ކަމެއް ކަމާ މެދު ނުވިސްނަންވީ އެވެ. ވިސްނާވިސްނާ ވަރުބަލިވެއްޖެ އެވެ.

ގުރޯގެ ކުރިމަތީގައި އިށީނެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލި އެވެ. އެވަގުތު ގުރޯއަށް އެހެން އަނިޔާތަކެއް މުޖޭގެ މޫނުން ފާހަގަކުރެވުނެވެ. އޭނާގެ ދެ ލޮލުގެ ތިރިން ކަށިގަނޑު ދުޅަވެފައި ހުރި ތަނެވެ. މިއީ އެއްކަލަ ވަރުގަދަ، ސިއްރުވެރި، ކެރޭ އަދި މުއްސަނދި ގޭންގްގެ މީހުންނެވެ. އެކަމަކު މިހާރު އެ ތިބީ އެކަނިމާއެކަނި ރަށަށް އެރި މެދު އުމުރަށް ދާވަރުގެ ސިފަތަކެއް ހުރި، އެންމެ މީހެއްގެ ބާރުގެ ދަށުގަ އެވެ. ހަމަ އަޖައިބެކެވެ.

މުޖޭއަށް ގުރޯގެ ލޮލުން ވެސް ފެނުނީ، އެންމެ ފުރަތަމަ ހާދީގެ ފަރާތުން ވެސް ފެނުނު ފަދަ ބިރުވެރިކަމެކެވެ. ދިރުމެއް ނެތް ދެ ލޮލެވެ. ސުވާލުތަކުން ފުރިފައި ހުރި މޫނެކެވެ. ހަގީގަތުގައި ވެސް މިވާ ގޮތެއް، އެއިން އެކަކަށް ވެސް ނޭނގެ އެވެ.

މި ބިރުވެރިކަމުގެ ތެރެއަށް އެ މީހުން ލޯ ހުޅުވާލުމުގެ ކުރިން އެންމެން ތިބީ އަގު ބޮޑު އޮޕަރޭޝަނެއްގެ މަޝްވަރާތަކުގަ އެވެ.

އެމީހާއާ ވާހަކަ ދެއްކުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮތީ މުޖޭއަށެވެ. އެއީ ގޭންގްގެ ލީޑަރެވެ. އާންމު ކްލަޔަންޓުނާއި އަލަށް ލިބޭ ކްލަޔަންޓުންނާ ވެސް ސީދާކޮށް ފުރަތަމަ ބައްދަލުކުރަނީ އޭނާ އެވެ. އެންމެ ފަހުގެ މަޝްވަރާތައް އޮންނަނީ ވަކިން، އެންމެން އެކުގަ އެވެ. އެކަމަކު ބައެއް ކަހަލަ ކަންކަމާ ގުޅޭ ފުރަތަމަ މަޝްވަރާތައް އެންމެން އެކުގައި ތިބެގެން ވެސް ކުރިއަށް ގެންދިޔަ އެވެ. މިއީ އޭގެ ތެރެއިން ކަމެކެވެ. އެހެންވެ ކުރިން އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި، އެ ރަށަށް އަންނަން އެމީހާއަށް ދައުވަތު ދިނީ އެވެ.

ކުރަން ހުށައެޅީ ކުޑަ ކަމެއް ނޫނެވެ. ރައީސްގެ ސިއްރުތައް އެނގޭ، އަދި ރައީސްގެ އެންމެ ގާތް ރަހުމަތްތެރިޔާ ހުސެއިން އިސްމާއިލް، މަޝްހޫރު ނަމުން ނަމަ، ހުސޭނުބެ ވަގަށް ނެގުމެވެ. އެހާ ވަރުގަދަ މީހެއްގެ ނަން އައުމުން، މުޖޭ އާއި އަނެއް ހަތަރު ރަހުމަތްތެރިންނަށް ސިހުން ލިބުނެވެ.

"ތިއީ އެކަމަކު ހާދަ އުނދަގޫ ކަމެކޭ،" މުޖޭއަށް ފުރަތަމަ ވެސް ބުނެވުނެވެ.

ރަށުގައި ހަދާފައި ހުރި އަށް ކޮޓަރި ހިމެނޭ ގޭގެ ބޭރުގައި، ބީޗާއި މޫދު ފެންނަ ގޮތަށް ބަހައްޓާފައި ހުރި މޭޒު ދޮށުގައި، ހަ މީހުން ތިބި އިރު، އެމީހާގެ ކަނާތު ފައި ދަށުގައި ކުޑަ ދަބަހެއް އޮތެވެ. އޭނާ އެ ދަބަހުން އެއްޗެއް ނަގަންވެގެން ގުދުވި އެވެ. ދެން ދަބަސް ހުޅުވާލާފައި، ތެދުވެ މޭޒު މަތީގައި ބޭއްވީ ސަތޭކަ ޑޮލަރުގެ ދެ ބޮނޑި އެވެ.

"މި އޮތީ އެއް ލައްކަ ޑޮލަރު، މިއީ ޔަގީންކަން ހޯދަން ފުރަތަމަ ދޭ ވަރު،" އެމީހާގެ މޫނު މައްޗަށް ހިނިތުންވުމެއް ގެންނަމުން ބުންޏެވެ.

މުޖޭ ދެން ވެސް އިނީ ވިސްނާށެވެ. އޭނާގެ އެއް ކަންބޮޑުވުމަކީ ސަރުކާރުގެ އިސް މީހުންނާ އޭނާއާ އޮތް ގާތް ގުޅުމެވެ. އެއީ އޭނާއަށާއި އޭނާގެ ރަހުމަތްތެރިންނަށް އޮތް ހިމާޔަތެކެވެ. އެފަދަ ހިމާޔަތްތަކަށް ބުރޫއަރާނެ ފަދަ ކަމެއް، ކިތައްމެ ގިނަ ލާރިއެއް ލިބުނަސް، ކޮށްގެން ނުވާނެ އެވެ. އެވަގުތު އެ ލިބޭ އަގަށް ވުރެ، އެކަހަލަ މައްސަލައެއްގެ ތެރެއަށް ނުވަދެ އުޅުމުން މުޅި ޖުމްލަ ހޯދޭނެ ފައިދާ މާ ބޮޑުވާނެ އެވެ.

މުޖޭ ވާހަކަ ނުދައްކާ އިނުމުން، އެހެން މީހަކަށް ވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންކަމުން ދެމިގެން ދިޔައީ ހިމޭންކަމެވެ.

އެމީހާގެ މޫނު މައްޗަށް ދެން އެރީ ކުރިއަށް ވުރެ ވެސް ބޮޑު ހިނިތުންވުމެކެވެ. އޭނާ އަނެއްކާވެސް ގުދުވި އެވެ. މިފަހަރު މޭޒު މަތީގައި ބޭއްވީ އޭގެ ހަތަރު ބޮނޑި އެވެ.

"އިތުރު ދެ ލައްކަ ތި އޮތީ. ފަށާ އަގު މިހާރު މި ވަނީ ތިން ލައްކަ ޑޮލަރަށް އަރާފައި،" އެމީހާ ބުންޏެވެ.

އެއީ ނިސްބަތުން ވަރަށް ބޮޑު އަގެކެވެ. އެ މީހުންގެ އޮޕަރޭޝަނެއް ފަށަން، މީގެ ކުރިން އެއަށް ވުރެ ބޮޑު އަދަދެއް ލިބުނީ އެންމެ ފަހަރަކު އެވެ. އެކަމަކު އެއީ ވެސް، ސިޔާސީ ނިޔަތެއް އޮތް މަސައްކަތެއްކަން މުޖޭމެންނަށް އެނގެ އެވެ. އެފަހަރު އެ މީހުން އެކަން ގަބޫލުކުރި އެވެ.

"ކިހިނެއް ހަދާނީ؟" ރަހުމަތްތެރިންނާ ދިމާއަށް ބަލަމުން، މުޖޭ ސުވާލުކުރި އެވެ.

"ވަރަށް ބޮޑު ރިސްކެއް،" ހާދީ، ހަމަ ވަގުތުން ޖަވާބު ދިނެވެ.

"މަށަށް ވެސް ހީވަނީ ވަރަށް ބޮޑު ނުރައްކަލެއް ހެން،" ރުސްތުމް އެއްބަސްވި އެވެ.

"ތިޔަ ހުސޭނުބޭ އަބަދު އުޅޭނީ ގަނޑުވަރު ތެރޭގައި. ހިއެއްނުވޭ އަހަރެމެން ބޮނޑިއެއް ނުބޮއި ކުރެވޭނެ ކަމެއްހެންނެއް،" ޝައުގީ ބުންޏެވެ.

އެންމެން ދެން ބަލައިލީ ގުރޯއާ ދިމާއަށެވެ. އޭނާ އިނީ ވިސްނާށެވެ. ހުސޭނުބެއެއް، އެހެން މީހެއް އޭނާއަކަށް ތަފާތެއް ނެތެވެ. އެމީހުން ނުކުމެ ތިބީ ލިބޭ އަގާ އެކަށީގެންވާ ނަމަ އެކަމެއް ކުރާށެވެ.

"ތިކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން މަށަށް ފެންނަނީ. މަގޭ ހިޔާލު އިނގޭ،" ގުރޯ، މޫނު މައްޗަށް ހިނިތުންވުމެއް ގެންނަމުން ބުންޏެވެ.

"އަހަރެން ބުނެފާނަން ވާހަކައެއް،" އެހެން މީހަކަށް އެއްޗެއް ބުނެވުމުގެ ކުރިން، އެމީހާ ވާހަކަ ދައްކަން ފެށި އެވެ.

"މިކަން ކުރަންވީ ރާއްޖެއަކު ނޫން. އަހަރެންގެ އަތުގައި އެބަ ހުރި ހުސޭނުބެ އެންމެ ފަސޭހައިން އަތުވާނެ ގޮތުގެ މައުލޫމާތު. ބޭނުމިއްޔާ ދީފާނަން."

"ކިހިނެއް؟" މުޖޭ ސުވާލުކުރި އެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ އެމީހާއާ ދިމާއަށެވެ.

"ހުސޭނުބޭ މަދުވެގެން ދެ ހަފުތާއިން އެއް ފަހަރު ދާނެ ބެންކޮކަށް. އޭނާ އުޅެނީ އެތަނުން އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން. އެކަމަކު އެއީ ވަރަށް އާދައިގެ ތަނެއް، އާންމުކޮށް މީހުން ގޮސް ވެސް ނޫޅޭ ހިސާބެއްގައި އެތަން ހުންނަނީ ވެސް،" އެމީހާ ތަފުސީލެއް ދިނެވެ.

"ބެންކޮކް ވިއްޔާ އަދި ތަންކޮޅެއް އުނދަގޫވާނެ ދޯ،" ރުސްތުމް ވާހަކަ ދެއްކި އެވެ.

އެމީހާ އަނެއްކާވެސް ދަބަހުން އެއްޗެއް ނެގި އެވެ. މޭޒު މަތީގައި ބޭއްވި އެވެ. މުޖޭ އަވަހަށް ދަމައިގަތެވެ. އެއީ ބެންކޮކްގައި ހުސޭނުބޭ އުޅޭ ގޮތުގެ ފޮޓޯތަކެކެވެ. އަނެއް ހަތަރު މީހުން، މުޖޭ ކައިރިއަށް ޖެހިލައި، ފޮޓޯތަކަށް އެއް ފަހަރާ ބަލަން ފެށި އެވެ.

ދަބަހާ ދިމާއަށް އެމީހާ ގުދުވި އެވެ. އޭރު މުޖޭގެ ގޭންގް ތިބީ ފޮޓޯތައް ބަލާށެވެ. ބައެއް ފޮޓޯތަކުން ފެންނަނީ ބާތަކުގައި ހުސޭނުބޭ އިން ތަނެވެ. އަނެއް ބައި ފޮޓޯތަކުގައި، އަންހެން ކުދިންގެ ގައިގައި ބައްދާލައިގެން ހުއްޓަ އެވެ. އެ ހުރިހާ ފޮޓޯތަކެއް ބަލަން، އެމީހުން ތިބީ ތަންކޮޅެއް މަޖާ ވެސް ވެގެންނެވެ. އެހެންކަމުން އެމީހާގެ ހަރަކާތަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާ ދަބަހުން ނެގީ ދޭއްޗެކެވެ. އެކަތިިން އޭނާގެ އަނގަޔާއި ނޭފަތް ނިވާކޮށްލި އެވެ. ދެން އޮތީ ފުޅިއެކެވެ. އޭގައި ކަނާތުން ހިފަހައްޓާލި އެވެ. އޭނާ ތެދުވިތަން މުޖޭއަށް ފެނުނެވެ. ސިހުނެވެ. އެކަމަކު ހަރަކާތެއް ގެނައުމުގެ ކުރިން އެ މީހުންގެ މޫނަށް، އެ އެއްޗެއް ސުޕްރޭކޮށް ނިންމާލި އެވެ.

ފަސް މީހުން ބިންމައްޗަށް ވެއްޓި ދެމުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ.

މުޖޭ ލޯ ހުޅުވާލި އިރު އިނީ ރުކެއްގައި ބަނދެފަ އެވެ. ހަތް ވަރަށް ފޫޓު އުހުން، ރުކުގައި ހަރުކޮށްފައި ހުރި ބޮކިން ހިސާބުގަނޑަށް އަލިވެ އެވެ. މިހާރު އެ އޮތީ އިރުއޮއްސިފަ އެވެ.

ވެގެން އުޅޭ ގޮތް ފަހުމްވާން ވަގުތުކޮޅެއް ނެގި އެވެ. އެއީ މަކަރުވެރި، ނުބައި މީހެއްކަން އެނގުނެވެ. އެކަލޭގެ ކޮބައި ހެއްޔެވެ؟ ރުޅިވެރިކަމާ އެކު މުޖޭގެ ހިތަށްއެރި އެވެ. އައްސާފައި ހުރި ގޮށުން އަތް ދަމައިގަނެވޭތޯ ތެޅިގަތެވެ. އެކަމަކު އެއީ އޭނާއަށް ކުރެވޭވަރުގެ ކަމަކަށް ނުވި އެވެ. ދެން އެކި ފަރާތަށް ނަޒަރު ހިންގާލި އެވެ. އެހެން މީހަކު ފެންނާކަށް ނެތެވެ.

"މުޖޭ...މުޖޭ...އަޑި ނޭނގޭ މުޖޭ...މީހުން މަރާ މުޖޭ...." އެމީހާގެ އަޑު، އޭނާއަށް އިވުނެވެ.

"ކަލޭ ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟" މުޖޭ ރައްދު ދޭން ފެށީ ހިތްވަރާ އެކު އެވެ.

އޭނާގެ ކުރިމަތިން ގޮނޑު ދޮށުގައި ހުރި ގަސްތަކެއްގެ ފަހަތުން، އެމީހާ މަޑުމަޑުން ހިނގާފައި އާދެ އެވެ.

"އަހަރެން ކުރި ކަމެއް ވިއްޔާ މިހާރު އެނގެން ޖެހޭނެ،" ވަރަށް ހަމަޖެހިލައިގެން ހުރެ އޭނާއާ ދިމާއަށް އަންނަމުން ވާހަކަ ދެއްކި އެވެ.

"ކޮބާ އެހެން މީހުން؟" މުޖޭ ސުވާލުކުރި އެވެ.

ވަކި ޖަވާބެއް ނުދީ އެމީހާ އައިސް އިށީނީ، މުޖޭގެ ވާތް ފަރާތުން، އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގަ އެވެ. ދެން ކުރިމައްޗަށް، ގަސްތަކާއި މޫދަށް، ނަޒަރު ހުއްޓާލި އެވެ.

"ކިތައް މީހުން މެރީ؟" މުޖޭއާ ދިމާއަށް އެނބުރި ވެސް ނުލައި، އެ އިން ގޮތަށް އިނދެ، އެމީހާ ސުވާލުކުރި އެވެ.

"ކީއްވެ ކަލެއަށް މަ ޖަވާބު ދޭން ޖެހެނީ؟" އެމީހާއާ ދިމާއަށް ރުޅިވެރިކަމާ އެކު ބަލަން އިނދެ މުޖޭ ބުންޏެވެ.

"ތެދެއް، ނުޖެހޭނެ ދޭކަށް،" މަޑުމަޑުން އެއްޗެއް ކިޔާލާ ގޮތަށް އެ މީހާ ބުނެލި އެވެ. ދެން އެހެދި ގޮތަކުން މުޖޭއަށް ހަޅޭއްލަވައިގަނެވުނެވެ. ކަނާތުގެ އުޅަނބޮށިން އެ ފޮނުވާލި ކުއްލި، ބާރު ހަމަލާ އެރީ މުޖޭގެ ވާތު ލޮލުގެ ތިރީ ކަށިގަނޑަށެވެ.

"ބުނާނެ ކަމެއް ނެތް. އަހަރެން ބޭނުން ވާހަކައެއް ބުނުވާނީ. އެގޮތް ރަނގަޅުތަ؟" މިފަހަރު އެމީހާ މުޖޭއާ ދިމާއަށް ބަލައިލި އެވެ. މުޖޭއަށް ބާރު ނޭވާތަކެއް ދޫކޮށްލެވުނެވެ. އަރަމުން އަންނަ ތަދު ބޮޑުކަމުން ދަތްކުނޑިވިކާލެވުނެވެ.

ދެން ދެ ވަނަ ހަމަލާ އެވެ. އެހާމެ ބާރެވެ. މިފަހަރު ނޭފަތް މައްޗަށެވެ. މުޖޭއަށް ހަޅޭއްލަވައިގަނެވުނެވެ. އޭގެ ފަހުން ފެށީ ރޯށެވެ.

"ކިހާ ބޮޑު...ބަލާއެއް...." ރުޅި ވެސް ކޮންޓްރޯލުން ނެއްޓި، އޭނާއަށް ބުނެވުނެވެ.

"ތި ފައިބާ ލޭތަކަށް ދެން ބަލަން އިނދޭ،" އެމީހާ މަޑުމަޑުން ތެދުވެ، އޭނާގެ ކުރިމައްޗަށް އެރި އެވެ. އެއް ކަކޫ ބިމުގައި ޖައްސާފައި، އިށީނެވެ. ނޭފަތުން ފައިބައި ލޭތަކުން، މުޖޭގެ ހުދު ގަމީހުގެ ގޮށްފަތި މަތިން ރަތް ރޮނގެއް ދަމާލި އެވެ. ފަޓުލޫނުގައި ކޭއްތިލާފައި، ދެ ފައިގެ މެދުން ބިންމައްޗަށް ވެސް ލޭ ފައިބަނީ އެވެ.

ރުއިން ކުރިއަށް ދިޔަ އެވެ. ރޮވޭވަރުވެ އެވެ. ބައެއް މީހުން ހީކޮށްފާނެ އެވެ. ހިތްވަރުގަދަ މީހުން ނުރޯނެ އެވެ. އެކަމަކު އޭގެ ތެރެއިން ވެސް ގިނަ މީހުންނަށް، އެވަރުގެ އަނިޔާތަކެއް ލިބެންޏާ ނުރޮވިއެއް ނުހުންނާނެ އެވެ. އެއީ ސީދާ އަނިޔާ ދޭން، ކަށިގަނޑެއް ކަހަލަ ތަނެއް ބިންދާލަން، ފުނޑުކޮށްލަން، އަމާޒުކުރާ ހަމަލާތަކެވެ.

މުޖޭއަކީ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދިން ކަހަލަ ހިތްވަރު ގަދަ މީހަކަށް ނުވި އެވެ. އެކަމަކު އެއީ މީގެ ކުރިން އޭނާއަށް ދިމާވި ގޮތެއް ނޫނެވެ. ރުއީ އެހެން މީހުންނެވެ. ލޭއޮހޮރުވާލީ އެހެން މީހުންގެ އެވެ. އޭނާ ހުރީ ބަލާށެވެ. އޭނާ ހުރީ ވަޅި ހަރާށެވެ.

ގެއިން ފެށިގެން މާލޭގެ ރަށުތެރޭގަ އެވެ. ރަށްރަށުން ފެށިގެން ރާއްޖެއިން ބޭރުގައި ވެސް މެ އެވެ.

---

އެންމެ ކުޑައިރުއްސުރެ ވެސް ބައްޕަގެ އެ ހަޅޭއްކުގެ އަޑު އޭނާއަށް އިވެ އެވެ. މަންމަގެ ރުއިމުގެ އަޑު ވެސް އިވެ އެވެ. އޭނާގެ ހިތުގައި ބޭނުމެއް ނެތް ރުޅިވެރިކަމެއް އުފެދެމުން އަ އެވެ.

ގޭގައި އުޅެނީ މަންމަ އާއި ބައްޕަ އާއި އޭނާ އެވެ. މަންމަގެ އެ ގޯތީގެ އެއް ފަޅި ހުންނަނީ ކުއްޔަށް ދީފަ އެވެ. އަނެއް ފަޅީގައި ހަދާފައި ވަނީ ދެ ކޮޓަރި އާއި ބަދިގެ އާއި ކާގެ އެވެ. ކަންކަން ހަނދާންވާން ފެށީންސުރެ މުޖޭ ނިންދުވަނީ މަންމަ އާއި ބައްޕައާ ވަކިން، އަނެއް ކޮޓަރީގަ އެވެ. އެކަމަކު އެއީ މަންމަގެ ގައިގައި ރުޅިވެރި ބައްޕަ ތަޅާތެޅުމާއި ލަވާ ހަޅޭއް، އޭނާއަށް ވަންހަނާވާނެ ފަދަ ހުރަހަކަށެއް ނުވެ އެވެ.

އެންމެ ކުޑައިރު އެ އަޑުތައް އިވި ބިރުން ރޮވުނީ އެވެ. އަޑުނާހަން ވެގެން ކަންފަތުގައި ބާލީސް އަޅައިގެން ވެސް އޮވެ އެވެ. އެކަމަކު ފަހުން ބިރުކެނޑި، އެއީ އޭނާގެ މަންމަގެ ހަޔާތުގެ ޝަރުތެއް ފަދައިން އޭނާގެ ދިރިއުޅުމުގެ ބަޔަކަށް ވެސް ވީ އެވެ. އޭނާއަށް އޮތީ އަޑުއެހުމެވެ. މަންމައަށް އޮތީ އަނިޔާއާ ކުރިމަތިލުމެވެ.

ބައްޕައަކީ ކޮންމެވެސް ރަށެއްގެ މީހެކެވެ. އެއީ ކޮން ރަށެއްކަން ބަލާކަށް ވެސް، އަހާކަށް ވެސް މުޖޭ ނޫޅެ އެވެ. މަންމަގެ ރުއިމުގެ އަޑު އިވޭ ކޮންމެ ފަހަރަކު އޭނާގެ ދުއާއަކީ ވީހާވެސް އަވަހަކަށް އެކަމުން ސަލާމަތްވުމެވެ. ކުޑައިރު ހިތަށްއެރީ ބައްޕައަށް ބައްޔެއް ޖެހިގެން ހަޅޭއްނުލެވޭނެ ގޮތެއް ވާނެ ނަމަ އެވެ. އެއަށް ވުރެ ބޮޑުވުމުން، ބައެއް ފަހަރަށް ދެން ހިތަށްއެރީ، ބައްޕަ އަވަހަށް މަރުވާނެ ނަމަ އެވެ.

އެއް ކުލާހެއްގައި އުޅުނު ކޮންމެވެސް ކުއްޖެއްގެ ގެއަށް ދެވުނު ދުވަހެއްގައި، އެ ކުއްޖާގެ ބައްޕަ ގުޑާނުލެވި އެނދުގައި އޮތް ތަން ފެނުމުން ކީއްވެފައިހޭ، އޭނާ ސުވާލުކުރި އެވެ. ޖަވާބުގައި އެ ކުއްޖާ ބުނީ "ވާވެފައި" ކަމަށެވެ. އެއީ ކިހިނެއް ވާ ކަމެއްހޭ އެހީމާ، އެ ކުއްޖާ ބުނީ "ނޭނގޭ" ކަމަށެވެ. އެކަމަކު ވާވީމާ، އެނދުން ވެސް ގުޑާނުލެވި، ވާހަކަ ވެސް ނުދެއްކޭ ކަމަށް ބުންޏެވެ.

އެ ހިސާބުން އޭނާގެ ހިތަށްއެރީ އޭނާގެ ބައްޕައަށް ވެސް އެހެން ވާނެ ނަމައޭ އެވެ. ހަމަ އެވަގުތު އޭނާ ސުވާލުކުރީ "ބައްޕަ ވަރަށް ގޯސްހޭ"އޭ ކިޔައިފަ އެވެ. ކުއްޖާ ބުނީ "ނޫން ބައްޕަ ވަރަށް ރަނގަޅުވާނެ"އޭ އެވެ. އެހެން ބުނެފައި، މުޖޭގެ އަތުގައި ހިފައިގެން ގެންގޮސް ބައްޕަ އޮތް ތަނަށް ވެއްދި އެވެ. "ބައްޕާ، މިއީ އަހަރެންގެ ކްލާސް ކުއްޖެކޭ" ބުނުމާ އެކު އެމީހާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. ވާހަކަތަކެއް ވެސް ދެއްކި އެވެ. "އެ ބުނީ ހާދަ ރަނގަޅޭ. މޮޅަށް ކިޔަވާށޭ!"އޭ، މުޖޭގެ ކްލާސް ކުއްޖާ ބުނެލި އެވެ.

އޭނާގެ ބައްޕައަށް އެފަދަ އެއްވެސް ކަމެއް ދިމައެއް ނުވެ އެވެ. ހަށިގަނޑު ކިތައްމެ އަނަރޫފަޔަސް ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކާކަށް ނުދެ އެވެ. ކުޑަވެގެން ހުމެއް އައިސްގެން އުޅުނުކަން ވެސް އެނގިފައެއް ނެތެވެ. ނަމަވެސް ބަރާބަރަށް މަންމައަށް އަނިޔާކުރުން ކުރިއަށް ދިޔަ އެވެ.

ގްރޭޑް ދިހައެއްގައި އުޅުނު އިރު، މުޖޭގެ ހިތުގައި ބައްޕައާ މެދު އޮތީ ހަސަދަ އެވެ. އެކަން މަންމައަށް އެނގެ އެވެ. އެއީ ގޯސް ވިސްނުމެއް ކަމާއި ބައްޕަ ދެކެ ވެސް ލޯބިވާން ޖެހޭނެ ކަމަށް ބުންޏެވެ. އެ އަޑު އެއް ރެއަކު އޭނާގެ ބައްޕައަށް އިވުމުން، ހަޅޭއްލަވައިގެންފައި ބުނީ "މަށަށް ރަނގަޅީ މިކަލޭގެ މަ ދެކެ ލޯބިނުވިއްޔާ"އޭ އެވެ. "މަގޭ ދަރިއެއް މި ދުނިޔެއަކު ނުހުންނާނެއޭ" ބުނުމުން، އޭނާގެ މަންމަ އުޅުނީ ފިރިމީހާގެ އަނގަމަތީ އަތް އަޅާށެވެ. އެވަގުތު މަންމަގެ ކަންކަށިމަތީގައި އަޅާ ވިހެލި އެވެ.

ރޯން ފެށީ މަންމަ އެވެ. އެއީ މިދިއަ ފަނަރަ އަހަރު އަބަދުވެސް އިވޭ އެކަމަކު ފިރިމީހާގެ ހިތަށް އަސަރެއް ނުކުރި ރުއިމުގެ އަޑެވެ. އެހެންކަމުން ދެން ފެނުނީ މަންމަގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން، އޭނާގެ ކޮޓަރިން ނެރެ، މަންމަގެ ކޮޓަރިއަށް ވެއްދި ތަނެވެ. ދެން އިވެން ފެށީ ހަމަ އެ އަޑުތަކެވެ. އެ ހަޅޭއްކެވެ. އެ ރުއިމެވެ.

އެހިސާބުން މުޖޭއަށް ފުދިއްޖެ އެވެ.

އަނެއް ދުވަހު ހެނދުނު ނުތެދުވެގެން ބެލި އިރު ބައްޕަ އޮތީ މަރުވެފަ އެވެ.

މުޖޭ އަތުން ފުރަތަމަ މަރުވީ އޭނާގެ ބައްޕަ އެވެ.

މަންމައަކީ މުނިސިޕަލްޓީން މާލޭގެ މަގުތައް ކުނިކަހަން ގެންގުޅޭ މީހުންގެ ތެރެއިން އެކެކެވެ. ރޭގަނޑު ބައްޕަގެ އަނިޔާތަކުގައި ނިދާފައި، ފަތިހުފަތިހާ ތެދުވެ، މަންމައަށް އޮންނަ ސަރަހައްދު ކުނިކަހަން ނައްޓާލަ އެވެ. އެރޭ ފަތިހު ވެސް ހެދީ އެހެންނެވެ. އެވަގުތު ކޮޓަރިއަށް ވަން އިރު، ބައްޕަ އޮތީ، އުއްޑުން، ގަދަ ނިދީގަ އެވެ. އޭނާއަކީ ދަރިއެއް ނޫން ކަމަށް ގޮވި ހިސާބުން އައި ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. ބާލީހެއް ނަގައި، ބައްޕަގެ މޫނުގައި އެޅި ގޮތަށް ދޫކޮށްލީ، ނޭވާ ނުލާކަން ޔަގީންކޮށްފަ އެވެ. ދެން އޭނާ ގޮސް ކޮޓަރިއަށް ވަދެ، އޮށޯތެވެ.

ހޭލެވުނީ ނުވައެއް ޖަހާކަންހާ އިރު މަންމަ ރޮއިގަތް އަޑަށެވެ. އެކަމަކު އެއީ ބައްޕަގެ އަނިޔާއަކުން ނޫނެވެ. ބައްޕަ މަރުވެގެންނެވެ.

---

"ކަލޭ އަތުން ކިތައް މީހުން މަރުވެއްޖެ،" އެމީހާގެ އަޑު އޭނާއަށް ކުއްލިއަކަށް އިވުނެވެ.

ޖަވާބެއް ނުދީ ދެން ވާކަށް ނެތެވެ.

"ހީވަނީ ބާރަ ހެން،" މަޑުމަޑުން އޭނާއަށް ބުނެވުނެވެ.

"ހީވަނީއޭ! އެހެންވިއްޔާ އެއަށް ވުރެ ގިނަ ވާނެ. ބަލާބަލަ މި އޮތް ނޭފަތެއް،" ލޭ އަންނަމުން ދިޔަ ނޭފަތުގައި ހިފާލަމުން އެމީހާ ބުންޏެވެ. މުޖޭގެ ތަދު ބޮޑުވެގެން ބޯ ހޫރާލައި، އެ އަތް ދުރުކޮށްލަން އުޅުނެވެ.

"ތި ބުނީ އަދި މަރުތަކުގެ ވާހަކަ. އަހަންނަށް އެނގޭ ކަލޭގެ އަތުން ނޭފަތް ފަޅާލި، ލޯމަތި ދުޅަކޮށްލި ތިން އަންހެން ކުއްޖަކު،" އެ މީހާ ބުންޏެވެ.

މުޖޭ ހައިރާންވި އެވެ. މިމީހާ އޭނާގެ އެ މައުލޫމާތުތައް ވެސް ހޯދީ ހެއްޔެވެ؟ ގައިމު އެއިން ކަމެއްގައި އޭނާ ބަންދެއް ނުކުރެ އެވެ. އޭނާގެ ލޯބިވެރިން އެކަން ރިޕޯޓެއް ވެސް ނުކުރެ އެވެ. ހަމައެކަނި އޭނާއަށް ލިބުނު އަދަބަކީ، އޭގެ ކޮންމެ ތަޅާފޮޅުމަކާ އެކު އެމީހުން އޭނާ ދޫކޮށް ދިއުމެވެ. މައާފަށް އެދެން ގުޅާލުމުން އެއިން ކޮންމެ އަންހެނަކު ވެސް ބުނީ "ތިއީ އެކުގައި އުޅެވޭ ވަރަށް ވުރެ މާ އަނިޔާވެރި މީހެއް" ކަމަށެވެ.

އެއީ ދޮގެއް ނޫނެވެ. އިންނާނެ މީހަކު އޭނާއަށް އަދިވެސް ނުލިބެ އެވެ. މިހާރު މި ދިމާވި ގޮތުން ކައިރީ މީހަކާ ނުއިނދެ މަރުވެ ދިއުމެވެ.

"އަނިޔާވެރިން އަބަދުވެސް ވާނީ އަނިޔާވެރިންނަށް،" ކޮޅަށް ތެދުވަމުން، އެމީހާ ބުންޏެވެ.

(ފަސް ވަނަ ބައި، މޭ 26، 2020، އަންގާރަދުވަހު)