18 ނޮވެމްބަރ 2021 - 10:54
ބަޖެޓަކީ ހިސާބު އަކުރުން ކުރަހައިދޭ ތަސައްވަރެކެވެ. ކުރިއަށް އޮތް އަހަރުގައި ސަރުކާރުތަކުން އަމަލު ކުރާން ގަސްދު ކުރާގޮތް، އެންމެ ސާފުކޮށް ފެންނަން އޮންނަނީ، ދައްކާ ވާހަކަ އަށް ވުރެ ބޮޑަށް ބަޖެޓު އަކުރުތަކުންނެވެ. މި ލިޔުމަކީ ބަޖެޓް އަކުރުތަކުން ކުރަހައިދިން ތަސައްވަރާއި، ކުރިއަށް އޮތް އަހަރާ މެދު އަޅުގަނޑުގެ އަމިއްލަ ނަޒަރިއްޔާތެވެ.
މި އަހަރު ފެށުމާ ހަމައަށް ބަޖެޓުގެ ދަރަނި ކުޑަކުރުމަށް މަސައްކަތްތަކެއް ކޮށްފައި ހުރި ކަމަށް ދެއްކި ނަމަވެސް، ކޮވިޑްގެ ދެ އަހަރު، 2020 އަދި 2021 ގައި ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 2020 ގެ ކުރީކޮޅުން ފެށިގެން އަސަރުކޮށް، އެޕްރީލް މަހުގެ ތެރޭގައި ހުއްޓުމަކަށް އައިސް، ބޯހިއްލާ ލެވޭވަރު މިވަނީ 2021 ގެ ފަހުކޮޅުގަ އެވެ.
އެހެންކަމުން، 2020 އަދި 2021 ގެ މާލީ ހާލަތު ބޮޑުތަނުން ދަރަނި ވެގެން ދިޔުމަކީ ވަކި ސަރުކާރަކުން ވަކި ގޮތަކަށް އަމަލު ކުރުމަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. މި ދުވަސްވަރު މުޅި ދުނިޔޭގެ އިގްތިސާދު ވެސް ހިނގައިފާއި ވާނީ މި ބައްޓަމަށެވެ.
ނަމަވެސް، 2022- 2024 ގެ މެދު ރާސްތާ އަށް ކަނޑައަޅާފައިވާ ސިޔާސަތު ކަމުގައި ސަރުކާރުން ހުށަހެޅި ޗާޓުން ދައްކުވަނީ ފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވުމަށް މަސައްކަތް ކޮށް، ގައުމީ ދަރަނި ދަށް ކުރުމުގެ ބަދަލުގައި، ހަރަދު ބޮޑުކޮށް، ޑެފިސިޓް ކޮށްގެން ދައުލަތް ހިންގަމުން ގެންދިޔުމަށް ގަސްދުކުރާކަމެވެ.
ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، އަންހެނުން އަދި ނުކުޅެދުންތެރިންގެ ހައްގުތައް ހިމާޔާތް ކޮށް، އަމާން ވެއްޓެއް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ބަޖެޓުން ފޯރުކޮށް ނުދެވުމަކީ، މުޖްތަމައަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ނަމަވެސް ބަޖެޓު ތާވަލު 5.2 (އެކި ބައިބަޔަށް ޚަރަދު ކުރާގޮތުގެ ޖުމުލަ ހިސާބު) ގައި "އިޖްތިމާއީ ރައްކާތެރިކަން" މި ބަޔަށް ޚަރަދު ކުރުމަށް 2022 ގައި ހިމަނާފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.
މިއީ 2021 ގައި ޚަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ 3.5 ބިލިއަން ރުފިޔާ އަށް ވުރެ 500 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ކޮވިޑްގެ ކުރިން، 2019 ގައި 4.4 ބިލިއަން ރުފިޔާ މި ބަޔަށް ޚަރަދު ކޮށްފައި ވާއިރު، ކޮވިޑްގެ އަސަރުތަކުގެ ސަބަބުން އިޖްތިމާއީ ރައްކާތެރި ކަމަށް ޚަރަދުކުރަން ޖެހޭ މިންވަރު އިތުރު ކުރުމަށް މި ވަގުތު މުހިންމެވެ.
މުޖްތަމައުގައި އެންމެ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޖެޓު މަދުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އައްޔަނު ކުރެވޭ ސިޔާސީ މަގާމުތައް އިތުރުކުރުމަށް ވަނީ ގަސްދުކޮށްފަ އެވެ. ކޮވިޑްގެ މަލަމަތި ފެށިގެން އައި 2019 ގައި ބަޖެޓު ކުރީ 689 ސިޔާސީން އައްޔަނު ކުރުމަށެވެ. ކޮވިޑްގެ ދެ އަހަރުގެ ތެރޭގައި، މި އަދަދު 785 އިން 967 އަށް އިތުރުކުރުމަށް ފަހު، 2022 ގެ ބަޖެޓު ހުށަހަޅާފައި ވަނީ 1039 މަގާމަށް ސިޔާސީން އައްޔަނު ކޮށްގެން ދައުލަތް ހިންގުމަށެވެ. ޕެންޑަމިކެއްގައި ގައުމުގެ މަސައްކަތްތެރިންގެ ބޮޑު ބަޔަކު ގޭގައި ތިބެން ޖެހި، އާއިލާތަކާއި ވިޔަފާރިތަކުން ޚަރަދުކުޑަކުރުމަށް މަޖުބޫރު ވީއިރު، 350 ސިޔާސީން އިތުރުކޮށް، 402 މިލިއަން ރުފިޔާ ޚަރަދުކުރުމަށް މިވަނީ ބަޖެޓް ކޮށްފަ އެވެ.
402 މިލިއަން ރުފިޔާއަކީ ހުރިހާ އަތޮޅު ތައުލީމީ މަރުކަޒުތައް ހިންގުމަށް ބޭނުންވާ އަދަދަށް ވުރެ ބޮޑު އަދަދެކެވެ. ތާވަލު 1 ގައި ހިމެނިފައިވާ 13 މިނިވަން މުއައްސަސާ ހިންގުމަށް ބޭނުންވަނީ 353 މިލިއަނަށް ރުފިޔާ އެވެ. އެންމެ ނާޒުކު ފަރާތްތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ މޭންޑޭޓް އުފުލުމަށް އެކަނި ވެސް އިތުރު އަށް މިލިއަން ރުފިޔާ ބޭނުން ކަމަށާއި އަދި މިނިވަން ހުރިހާ މުއައްސަސާއެއް ވަކިވަކިންނާއި، ޖުމަލްކޮށް އެ އިދާރާތަކާ ހަވާލުވެފައިވާ ޒިންމާ އަދާ ކުރެވޭ މިންވަރުގެ ބަޖެޓެއް ލިބިފައިނުވާ ކަމަށް ގެންދަނީ ބުނަމުންނެވެ. ދައުލަތުގެ ޖަވާބަކީ ބަޖެޓު އިތުރުކޮށްދެއްވެން ނެތްކަމެވެ.
އެޕްރީލް 2020 ގައި ގައުމުގައި ބަންދު ބޯޑު އަޅުވައި، އިގްތިސާދު ތަޅުލެވުނު ނަމަވެސް، ސަރުކާރުން ގެންދިޔައީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓުމެއް ނެތި ހިންގަމުންނެވެ. މަގު ހަދަމުން، ބަނދަރު މަރާމާތު ކުރަމުން، ހޮސްޕިޓަލުތައް ތަރައްގީކުރަމުންނެވެ. ވަކިން ހާއްސަކޮށް އަސާސީ ހިދުމަތެއް ކަމުގައިވާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ދިޔައީ ހަލުއިމިނުގައި ހިންގަމުންނެވެ. މިގޮތުން 2020 އަދި 2021 ގައި، ކޮވިޑްގެ އެންމެ ދަތި ހާލަތުގައި، އިގްތިސާދާއި ސިނާއަތް ކުރިއެރުވުމަށް 14 ބިލިއަނަށް ވުރެ އިތުރަށް ޚަރަދު ކޮށް، 2022ގެ ބަޖެޓުގައި އިތުރު 7.1 ބިލިއަން ހިމަނާފައި ވެއެވެ.
މާލީ ހާލަތު އެންމެ ދަތި އުނދަގޫ ދުވަސްވަރު ހުއްޓުމެއް ނެތި ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުން، އަދި މި ފަދަ ޕްރޮޖެކްޓްތައް އެވޯޑް ކުރުމުގައި ގެނެވުނު ބަދަލުތަކާ އެކު، އިގްތިސާދުގައި ފައިސާ އެނބުރުމަށް ފުރުސަތު ލިބި، މުޅި އިގްތިސާދު އެއްކޮށް ނުހުއްޓި ހިނގަމުން ދިޔަ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކެއް ކަށަވަރުކުރުމަށް ޓަކައި މުހިންމު މަޝްރޫއުތަކެއް ހިންގުނެވެ. އަދި މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް މި ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ދިވެހި އިގްތިސާދަކީ ތަސައްރަފު ފުރިފައިވާ މި ޒަމާނުގެ އިގްތިސާދަކަށް ހެދުމަށްޓަކައި މިނިމަމް ވޭޖްއަކީ މަޖްބޫރު، އަސާސީ ފިޔަވަޅެކެވެ. ސަރުކާރަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ނަމަވެސް، މިނިމަމް ވޭޖް އިއުލާނުކޮށް، މިނިމަމް ވޭޖް އަދި 'ޕޭ ހާރމަނައިޒް' ކުރުމަށް ބޭނުންވާ އަދަދުގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފަ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅިގެން އިގްތިސާދަށް ބަދަލުތަކެއް ގެނުވާނެ އެވެ. ވިޔާފާރިތައް ފަރުމާ ކުރެވިފައިވާ ގޮތާއި، ތަރުތީބު ކުރެވޭ ނިޒާމު ތަފާތު ވާނެ އެވެ. ދައުލަތާއި ވިޔަފާރިތަކުގެ ޚަރަދު ބޮޑުނުވެއެއް ނުދާނެ އެވެ. ހަމައެއާ އެކު، މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރުވުމުން، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، އިގްތިސާދަށް ދިރުން ލިބުން ގާތެވެ. ދިވެހި އިގްތިސާދު ދެން ބައްޓަންވެގެން ދާނީ މިނިމަމްވޭޖްގެ ހިޔާ ލިބިފައިވާ އިގްތިސާދެއްގެ ގޮތުގަ އެވެ.
ޕްރައިވަޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ކުރިޔަށް އޮތް އަހަރަށް ވަނީ ބަޖެޓްކޮށްފަ އެވެ. ދައުލަތުގެ ފައިދާހުރި ބޮޑެތި ކުންފުނިތަކުގެ 30 ޕަސެންޓް ވަރުގެ ހިއްސާއެއް، ހަރުދަނާ، ބޭރުގެ، ސްޓްރެޓީޖިކް ފަރާތްތަކަށް ވިއްކުމަކީ ރަނގަޅު ވިސްނުމެކެވެ. ހިއްސާ ވިއްކުމުގެ އަގުގެ ގޮތުގައި ބޭތިލްމާލަށް ލިބޭ އާމްދަނީގެ އިތުރުން މިފަދަ ހިއްސާދާރުން ގެނައުމުން، އެ ވަގުތަކު އޮތް ސަރުކާރެއް ބޭނުންހާ ގޮތަކަށް ކުންފުނީގެ ސިޔާސަތާއި، މާލީ ކަންތައްތަކުގެ ތެރެއަށް އަތް ބޭނުމަށް އުނދަގޫވާނެ އެވެ. ބޯޑުގެ ދައުރާއި ބައިވެރިވުން މުއްސަނދިވެ، ކުންފުންޏަށް ދިގު މުއްދަތުގެ ފައިދާ ލިބޭނެ އެވެ.
ނަމަވެސް ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގައި ދިވެހިންގެ ދިރިއުޅުމަށް، އަދި ދިވެހި އިގްތިސާދަށް މުހިންމު އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް، ޕްރައިވަޓައިޒް ކުރުން ރަނގަޅީ އެ ކުންފުނީގެ ހިއްސާގެ 30 ޕަސެންޓަށް ވުރެ އިތުރުނުވާގޮތަށް، ދައުލަތުގެ ކޮންޓްރޯލްގައި މެޖޯރިޓީ ހިއްސާ ދެމެހެއްޓޭ ގޮތަށެވެ.
ދިރާގުގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލުނު ބީދައިން، ޕްރައިވަޓާއިޒޭޝަނާ މެދު އަމަލު ކުރެވިއްޖެ ނަމަ، 2022 ގެ ބަޖެޓަށް ލިބޭ 771 މިލިއަން ރުފިޔާއާ ނުބައްދަލު، ދިގު މުއްދަތުގެ ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކުރީގެ ތަޖުރިބާގެ އަލީގައި، ކުނފުނީގެ ކޮންޓްރޯލް ނުގެއްލޭނެ ބީދައިން، ސްޓްރޭޖިކް ރަނގަޅު ފަރާތްތައް ހިމެނޭގޮތުން ޕްރައިވަޓައިޒޭޝަނާ ކުރިމަތިލުމަކީ ރަނގަޅު ކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ.
ޖުމްލަ 9.7 ބިލިއަން ރުފިޔާގެ އޯވައޯލް ޑެފިސިޓް ހިމެނޭ ގޮތުން ހުށަހަޅާ ފައިވާ 2022 ގެ ބަޖެޓަކީ ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ބަލައިގެން ހިސާބު ޖަހައިފައިވާ ބަޖެޓެކެވެ.
ޕެންޑަމިކްގެ ތާށިގައި، އިގްތިސާދުތައް ބަނޑުޖެހިއިރު، ވޯލްޑްބޭންކާއި އައިއެމްއެފް އިންނާއި ރައްޓެހި ގައުމުތަކުން ވެސް ގައުމުތަކަށް އެހީ ފޯރުކޮށްދެމުން އައެވެ. ނަމަވެސް ސަރުކާރުން އަންދާޒާ ކުރި މިންވަރަށް، އެ މުއްދަތުގައި ވެސް އެހީ ލިބިފައެއް ނުވެއެވެ. ދެހާސް އެކާވީހުގެ ބަޖެޓް ހުށަހެޅީ 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކޮށްގެން ކަމަށް ވިޔަސް 2021 ނިމޭއިރު ޖުމްލަ ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ އެއް ބިލިއަން ރުފިޔާ މަދުން އެންމެ 500 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓް ހުށަހެޅީ 4.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ބަޖެޓް ކޮށްގެންނެވެ. ލިބުނީ 605 މިލިއަން ރުފިޔާ އެވެ.
ޕެންޑަމިކް ގުޅިގެން އިންވެސްޓާ ކޮންފިޑެންސް ދަށް ކަމަށް ޔަގީން ކުރެވި، ޓޫރިޒަމަށް އިތުރު ރަށްތައް ނީލަން ކިޔުމަކުން، ސަރުކާރު ބޭނުންވާ ނަތީޖާ ނުނުކުންނަކަން އޮތީ ފެންނާށެވެ. ނަމަވެސް، ބަޖެޓަށް ފައިސާ ހޯދުމަށް މިފަހަރު ވެސް 12 ރަށަކާއި ހަތަރު ފަޅެއް، ޓޫރިޒަމަށް ވިއްކުމަށް ވަނީ ބަޖެޓުކޮށްފަ އެވެ. ނަމަވެސް 2019 ގައި ބިޑް ކުރި 23 ރަށުން ދޫކުރެވުނީ އެންމެ ރަށެކެވެ. މި އަހަރު އިތުރު 16 ރަށް އިއުލާނުކޮށްގެން އަދި ދޫކުރެވުނީ އެއް ރަށެވެ. މިހާރު ވަނީ އިތުރު 18 ރަށެއް އިއުލާނުކޮށްފަ އެވެ.
އެހެންކަމުން 2022 ގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދު ނުލިބި، ޓޫރިޒަމަށް ވެށި ވިއްކުމަށް ކުރާ މަސައްކަތުގެ ނަތީޖާ ސަރުކާރަށް ފަހިކޮށް ނުލިބި، ނަތީޖާއެއްގެ ގޮތުން އިތުރަށް ބަޖެޓު ޑެފިސިޓްވެ، މާލީ ދަތިކަމުގެ ތެރެއަށް ގައުމުވަނުމަކީ އެކަށީގެންވާ ކަމެކެވެ.
އިންފްލޭޝަނަކީ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމެވެ. އިންފްލޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ގައުމެއްގެ ފައިސާއިން 'ފިކްސްޑް' އާމްދަނީ؛ މުސާރަ، ލިބޭ ފަރާތްތަކަށެވެ. މުދަލާއި ހިދުމަތުގެ އަގު ބޮޑު ވުމުގެ ސަބަބުން ގައުމުގައި އެންމެ ފަސް ޕަސެންޓަށް އިންފްލޭޝަން އުފުލުނަސް، ކުޑަ ވިޔަފާރިއަކުން މިނިމަމް ވޭޖްގެ ގޮތުގައި 4،500ރ.ގެ މުސާރަ ލިބޭ މީހަކަށް ގަންނަން ލިބޭނީ 4،250ރ.ގެ މުދަލާއި ޚިދުމަތެވެ. 7،000ރ. ލިބޭ ސިވިލް ސާވަންޓަކަށް ގަންނަން ލިބޭނީ 6،650ރ.ގެ މުދަލާއި ޚިދުމަތެވެ. އިންފްލޭޝަން އަކީ މިފަދަ ނުރައްކާތެރި، ރައްޔަތުމީހާގެ ޖީބަށް ސީދާކޮށް އަސަރުކުރާ ކަމެކެވެ.
އެހެންކަމުން ގައުމުގެ އިގްތިސާދީ ކަންތައްތައް ފަރުމާކޮށް ފިސްކަލް އަދި މަނިޓަރީ ޕޮލިސީ ބައްޓަން ކުރުމަށް މަސައްކަތް ކުރާ އިދާރާތަކުން އެންމެ ފަރުވާތެރިކަމާ އެކު ކުރާ އެއް މަސައްކަތަކީ އިންފްލޭޝަނަރީ ކޮޅިގަނޑެއްގެ ވަޔާއި ވިއްސާރަޔާއި، ގައުމަށް ކުރިމަތި ވިޔަ ނުދީ ފައިސާގެ އަގު ހިފެހެއްޓުމެވެ.
އައިއެމްއެފް އާ ހަވާލާދީ ބަޖެޓު ކަރުދާސްތަކުގައި ތެލާއި ހަކަތަ، ކާބޯތަކެތި އަދި ކޮމޯޑިޓީސް އަގުތައް ތިރިވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް، ދުނިޔޭގެ ތެލުގެ ބާޒާރުގައި ވޭތުވެ ދިޔަ ތިން އަހަރުގެ އެންމެ މަތީ ރެކޯޑް މުގުރާލީ މި ހިނގާ ނޮވެމްބަރު މަހުއެވެ. ކުރިޔަށް އޮތީ ތަރައްގީ ވެފައިވާ ދުނިޔެއިން އެންމެ ގިނައިން ތެޔޮ ބޭނުންކުރަން ޖެހޭ ފިނި މޫސުން ކަމުގައި ވެފައި، މި ދުވަސްކޮޅަކީ ކޮވިޑަށް ފަހު ގައުމުތަކުގެ އިގްތިސާދީ އިންޖީނުތައް ހިންގަން މަސައްކަތް ފަށައިފައިވާ ދުވަސްވަރު ކަމުންނާއި ޖިއޯ ޕޮލިޓިކަލް ކުޅިވަރުތަކުގެ ސަބަބުން، ތެލުގެ އަގު 2022 ގެ މެދުތެރެއާ ހަމައަށް ވެސް އުޅޭނީ މަތީގައި ކަމުގައި ގަބޫލުކުރެވެއެވެ.
މީގެ އިތުރުން، ސަރުކާރުން ވެސް މިހާރު ވިދާޅުވެފައިވާ ފަދައިން ދުނިޔޭގެ ފްރައިޓް އަގުތައް މިވަނީ 33 ޕަސެންޓަށް ވުރެ މައްޗަށް އުފުލި، މުދަލުގެ އަގު ބޮޑުވަމުން ޑެލިވަރީ ތާރީޚުތައް ފަސްވަމުންނެވެ.
ރާއްޖެއަކީ ހުރިހާ އެއްޗެއްމެ އިމްޕޯޓް ކުރާ ގައުމަކަށް ވުމުގެ ސަބަބުން، ބޭރު ދުނިޔޭގައި މުދަލާއި ފްރައިޓްގެ އަގު ބޮޑުވުމުގެ އަސަރު، 'އިމްޕޯޓަޑް އިންފްލޭޝަން'ގެ ގޮތުގައި ކުރިޔަށް އޮތް 2022 ގައި ރާއްޖޭގެ އިގްތިސާދަށް ކުރަމުން ގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
ރާއްޖޭގެ ބާޒާރުގައި މިހާރު ވެސް ކުކުޅުގެ އަގު 30 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިއްޖެ އެވެ. އެހެންކަމުން މި އަހަރުގެ ބާކީ އޮތް ދުވަސްކޮޅާ އެކު، 2022 އަކީ އިންފްލޭޝަންގެ ވަޔާއި ވިއްސާރަ ގައުމަށްކޮށް، ރައްޔިތުންނަށް ދަތި ދުވަސް ވަރަކަށް ވާނެ ކަމަށް ފެނެ އެވެ.
އަންނަ އަހަރުގެ ބަޖެޓު އަކުރުތަކުން ކޮވިޑްގެ ސަބަބުން އިގްތިސާދީ އިންޖީނަށް ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަމުން އަރައިގަނެ، ގައުމަށް ހަކަތަ އާއި އާރޯކަން ގެނައުމުގެ ވިސްނުން ދައްކުވައިދެއެވެ. މިނިމަމް ވޭޖްގެ ޚަރަދުތައް ހިމަނައި، ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހިފަހައްޓަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މި ބަޖެޓުގައި ސިޔާސީ ޚަރަދުތައް މަދުކޮށް، އިޖްތިމާއީ އަޅާލުމުގެ ބަޖެޓް އިތުރުކުރުމަކީ މުހިންމު ކަމެކެވެ.
ދެހާސް ބާވީހަކީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ އަހަރެއް ކަމުގައި ގަބޫލު ކުރެވެއެވެ. ހިސާބު ޖަހައިފައިވާ އާމްދަނީ އާއި ހިލޭ އެހީ ނުލިބުމަކީ ދާދި ގާތް ކަމެކެވެ. މީގެ އިތުރުން ކުރިމަތި ވަމުން އަންނަ އިންފްލޭޝަނަރީ ވިލާގަނޑުގެ ވަޔާއި ވިއްސާރައިގެ ސަބަބުން އިގްތިސާދީ ދަތިކަން ކުރިމަތިވާނެ އެވެ. އެހެންކަމުން 2022 ފެންނަނީ އިގްތިސާދީ އުނދަގުލާއި ދަތިކަން ކުރިމަތިވެ، ބަޖެޓު ފަރުމާކުރާ ގޮތާ މެދު އަލުން އާވިސްނުންތަކެއް ގެންގުޅެން ފަށަން ޖެހޭނެ އަހަރެއްގެ ގޮތުގަ އެވެ.
Maldives Budget 2022
Mihaaru
ބަޖެޓް ދިރާސާގެ ޕީޑީއެފް ކޮޕީ
އެޑިޓަރުގެ ނޯޓް: މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ކޯ ފައުންޑަރ އަދި ކޯ އެޑިޓަރު އާތިފަކީ ދިވެހި އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތްކަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެފައިވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޅުބަސް
19 November 2021
ވަރަށް ރަގަޅު ލިޔުމެއް. މިގައުމުގެ ސިޔާސީވެރިން ރައްޔިތުމީހާއަށް ވުރެ ސިޔާސީ އެކުވެރިން މުހިއްމުކުރާކަމުގެ ހެކިދައްކުވައިދޭ ބަޖެޓެއް. ދިވެހި ގިނަ ނޫސްވެރިންގެ ނާގާބިލުކަންދަކުވައިދިން ލިޔުމެއް. މޮޔަނުގޮވާ ހަރު ހެކީގެ މައްޗަށް ލިޔެފައިވާ މައުލޫމާތު މުއްސަދި ލިޔުމެއް
ބަޖެޓް
18 November 2021
ރައްޔިތުން މީހަކު މިހޮވަނީ ރައްޔިތުންގެ ބޭނުންތަ ފުއްދަން ( ހަރަދުކުރަން (. ހޮވޭ މީހާއައް މިލިބެނީ ތިޖޫރި ތަޅުދަޑި. ހޮވުނުމީހާ އޭނަގެ ރަހުމެއްތެރިންނަ ބައިއަޅައިގެން އޭނަޔައްވެސް ބައިއަޅައިއިގެން ހަރުދުކުރަނީ ( ކަރަޕްސަން). ބަޖެޓް ހުސްވާއިރު މިއޮންނަނީ އާ އެއްބިއުލެއްސެއްގެ އަގުގާ ބާ އެއްބިއުުލެއްސެ. 3 ބަދަރު އެޅޭ އަގުގާ 1 ބަދަރު އެޅިފަ. ބައިއެއްބުލެސްއައް ވެސް ޕެޓްރޯލު ނޭޅިފަ އުޅިނިކޮއް އަހަރު މިނިމެނީ. މީ ކޮންމެ ސަރުކާރެއްގެ ވެސް ހާލުމީ.