މިދިޔަ އަހަރުގެ ސާފް ލީގުގެ ފަހު އިވެންޓް، ރަންނަމާރި ޗެލެންޖުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
24 ޖެނުއަރީ 2024 - 10:57
ދިވެހި ސާފް ލީގުގައި މިއަހަރު ހަތަރު އިވެންޓް ބާއްވާގޮތަށް ނިންމައި، ފުރަތަމަ މުބާރާތް އާދައިގެ މަތިން ގދ. ގައްދޫގައި އަންނަ މަހު ބާއްވަން ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ހަމަޖައްސައިފި އެވެ.
ރާޅާއެޅުމުގެ ގައުމީ ލީގެއް 2022 ވަނަ އަހަރު ތައާރަފްކޮށް، މިދިޔަ އަހަރު ވެސް އެމްއެސްއޭ އިން ވަނީ ލީގުގައި ފަސް އިވެންޓެއް ބާއްވައިފަ އެވެ. ނަމަވެސް މިއަހަރުގެ ގައުމީ ލީގުން ވަނީ އެއް އިވެންޓް އުނިކޮށްފަ އެވެ.
އެމްއެސްއޭ އިން ބުނި ގޮތުގައި ގައްދޫގައި ބާއްވާ "ކަޅެގަލެކޮޑާ" ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14 އިން 17 އަށެވެ. އެއަށް ފަހު އަންނަ ޖޫން 12 އިން 15 އަށް ކ. ހިންމަފުށީގައި "ގާމާދޫކޮޅު" މުބާރާތް ބާއްވާނެ އެވެ. އެއަށް ފަހު ޖުލައި 31 އިން އޮގަސްޓް ތިންވަނަ ދުވަހާ ހަމައަށް މ. މުލީގައި "މުލީކޮޅު ރާޅުގަނޑު" ކުރިއަށް ގެންގޮސް، ލީގު ނިންމާލާނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އޮކްޓޫބަރު 27 އިން ނޮވެމްބަރު 2 ގެ ނިޔަލަށް ކުރިއަށް ގެންދާ ގައުމީ ރަންނަމާރި ޗެލެންޖުންނެވެ.
އެންމެ ފުރަތަމަ ދިވެހި ލީގުގެ ތަށި އުފުލާލީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. ނަމަވެސް އަންމަޑޭ ދެވަނައަށް ޖައްސާލައި، މިދިޔަ އަހަރުގެ ލީގު ތަށި އުފުލާލާފައި ވަނީ ރާއްޖޭގެ ލެޖެންޑް ހުސެއިން އަރީފް (އިބޫ) އެވެ.
ގައުމީ ލީގުގެ ރޭންކިންއަށް ބަލައި ކޮންމެ އަހަރެއްގެ ގައުމީ ރާޅާއަޅާ ޓީމު އެކުލަވާލާއިރު، އެއްވަނަ ހޯދި އިބޫ ވަނީ ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމައިފަ އެވެ. މިއާ ގުޅިގެން މިއަހަރުގެ ގައުމީ ޓީމުގެ ފުރުސަތު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މިއަހަރުގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނަކީ އަންމަޑޭގެ އިތުރުން، ނަޖާހު މުހައްމަދު (ކަބޯ)، ހޫދު އަހުމަދު (ހޫބްޒް)، އިސްމާއިލް ރަޝީދު (ސްމައިލީ)، ހަސަން ނާސިހު (ޗިކާ) އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.
ކުޑަ އިއްސެ ނިންމާލީ މިދިޔަ އަހަރުގެ ލީގު ރޭންކިންގެ އަށްވަނައިގަ އެވެ. އޭނާ އަށް ފުރުސަތު ލިބުނީ، ޖޫނިއާ އެތުލީޓް ސައްޔިދު ސަލާހުއްދީން، 17، ރޭންކިންގެ ހަތްވަނައިގައި އޮތުމުންނެވެ.
ޖޫނިއާ ގައުމީ ޓީމުގައި މިއަހަރު 12 އެތުލީޓުން ހިމެނެ އެވެ. ސައްޔިދުގެ އިތުރުން ދެން ހިމެނެނީ، ޝާނިފް ޝަފީގު، 17، އިސްމާއިލް މަދުހު އަހުމަދު، 17، ޖުމާން މުހައްމަދު، 17، މުހައްމަދު ރަޖުވާން، 15، އަހުމަދު ޒަޔާން، 15، މުހައްމަދު އިނާން އަބްދުލް ހަންނާން، 15، ކަޔާން އަބްދުﷲ އަރީފް، 14، ނޫހު މުހައްމަދު ދުނެއިމް، 13، ޔޫސުފް ކަޔާން ހަމްދާން ޒަކީ، 13، ޔަސީން އަހުމަދު ނާޝިދު، 13، އަދި އަހުމަދު އާލް އާދިލް، 12، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy