މަންދީ "މިހާރާ" ވާހަކަ ދައްކަނީ: ބަރުދަން ލުއި ކުރުމަށް އޭނާ ވަނީ ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
24 މެއި 2016 - 13:45
ހެނދުނު ތެދުވެ، ރޮއްޓާއި ރިހަ އެވެ. ނުވަގަޑި އަށް ވަރުގަދަ ސައެކެވެ. މެންދުރު 12 ޖަހާއިރު އަނެއްކާ ކެއުންގަނޑެކެވެ. ދޭއް ޖަހާއިރު އެއީ އަސްލު މެންދުރު ކެއުންގަނޑުގެ ވަގުތެވެ. ތެޔޮ ހެދިކާތަކާ އެކު ހަތަރެއް ޖަހާއިރު ހަވީރު ސައެވެ. އަނެއްކާ ހައެއް ޖަހާއިރު ބަނޑުހައި ވާނެ އެވެ. ކޮންމެވެސް އެއްޗެއް ކާން ޖެހެ އެވެ. އަށެއް ޖަހާއިރު ރޭގަނޑު ކެއުމެކެވެ. ނިދަން ވާއިރު ހުންނާނީ އަނެއްކާ ބަނޑުހައިވެފަ އެވެ. ކޮންމެވެސް އެއްޗެއް ކާލައިގެން ނޫނީ ޔަގީނުން ވެސް ނުނިދޭނެ އެވެ. ބައެއް ރޭރޭ ދަންވަރު ބަނޑުހައިވެގެން ތެދުވެ ގެރިކިރު ދަޅެއް ބޯން ޖެހެ އެވެ. -- މިއީ ބައެއް ދިވެހިންގެ ކެއުމުގެ އާދަ އެވެ.
މަންދީ ނުވަތަ މަރިޔަމް ޒުބެއިރު އަކީ މި ދެންނެވި މީހުންގެ ތެރެއިން އެކަކެވެ. އެ އާދަ އޭނާގެ ކަށީގައި ހިފައި، އެކަން ރޭކާލި އިރު ހަށިގަނޑުގެ ބަރުދަން 90 ކިލޯ އަށް މައްޗަށް ހިނގައްޖެ އެވެ. ލާ ހެދުމެއް ހެޔޮވަރު ނުވެ، ކިތަންމެ ރީތި ހެދުމެއް ލިޔަސް، ހެޔޮ ބަހެއް ކަންފަތާ ހަމައަށް އައުން މުޅިން ހުއްޓިއްޖެ އެވެ. ބަރިބަރި ޖަހާލައިފައި ހުރި ޗޮސް މަސްތައް ހެދުމުގެ ބޭރުން ފާޅުވާން ފެށި އެވެ. ސިފަ ގެއްލިއްޖެ އެވެ. އެކަމަކު ވެސް ކާ ހިތް ވުން ނޫން ކަމެއް އޭނާގެ ނެތެވެ.
މަންދީ ހިކުމުގެ ކުރިން (ކ) އަދި ދަރިފުޅުގެ ގްރެޖުއޭޝަނުގައި: މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި
ދިރިއުޅުމަކީ ހަމައެކަނި ކެއުން ނޫން ކަމުގެ މެސެޖް އޭނާ އަށް އިރުއިރުކޮޅާ ގެނެސްދެ އެވެ. އެކަމަކު އެގޮތަށް އަމަލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ ހަމަ ކެވެނީ އެވެ. ހަމަ ކެވެނީ އެވެ. ބޭއިޚުތިޔާރުގައި ވެސް ކުރެވޭ ކަމަކީ ކެވުމެވެ. އެންމެ ފަހުން މުޅި މީހާގެ ބަރުދަން އިތުރުވެ، މި ނޫން ހައްލެއް އެބަ އަންނަން ޖެހޭކަން މަންދީ އަށް ގަބޫލުކުރަން މަޖުބޫރުވި އެވެ. މިއީ، އެންމެ ރަނގަޅު ގޮތް ނޫންކަން ވިސްނި، މުޅި ދިރިއުޅުން އޭނާ އަމިއްލަ އަށް އިންގިލާބުކޮށްލި އެވެ. ހައިރާންވާހާ ގޮތަށެވެ.
ބައެއް ރައްޓެހިން ގުޅާފައި އަހާނެ ދެން ރަނގަޅަށް ކާން ފަށާނީ ކޮން އިރަކުންތޯ. އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ ކަންނޭނގެ ރަނގަޅު ކެއުމަކީ-- މަންދީ
މި ފެންނަ ފޮޓޯތަކުން އެ ފެންނަ ބައެއް ޑިޝްތަކަކީ އެ އިންގިލާބީ ބަދަލުތަކުގެ ނަތީޖާ އެވެ. އޭނާ ލޫޅާފަތިވާން ކުރި މަސައްކަތްތަކުގެ ތެރެއިން، އެންމެ އާދަޔާޚިލާފު އެއް ކަމަކީ ކެއުން ކޮންޓްރޯލް ކުރުން އެކަނި ނޫން ކަމެވެ. ވަރަށް ބުރަކޮށް ކަސްރަތު ކުރަން ފެށުން ވެސް ނޫން ކަމެވެ. އެއާ ޚިލާފަށް، އެހެން މީހުންގެ ފަރާތުން ނުފެންނަ ހުނަރުވެރި އެހެން މަސައްކަތްތަކެއް ދިޔައީ ތައާރަފުވެގެންނެވެ. އެއީ، އޭނާ ހިތުން، މާ ބޮޑު ކަމަށް ނުވިޔަސް، އެކަން ވެގެން ދިޔައީ އެހެން މީހުންގެ ތަލިން ކުޅު ހިކޭ ވަރުގެ އުފެއްދުންތަކަކަށެވެ. އެ އުފެއްދުންތަކުން މީހުން އަޖައިބުކޮށްލި އެވެ. އެތައް ބައެއްގެ ހިތުގައި ވަރުގަދަ ސުވާލުތަކެއް އުފެއްދި އެވެ.
މަންދީ ތައްޔާރުކޮށްފައިވާ އޭނާގެ ބައެއް ކެއުންތައް: ކޮންމެ ވަގުތެއްގެ ކެއުމެއްގައި ވެސް ހުރިހާ ބާވަތެއް ހިމެނޭ
ކޮންމެ ދުވަހަކު އޭނާ އަމިއްލަ އަށް ތައްޔާރުކުރާ މި ޑިޝްތައް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްލައިފައި ފޮޓޯއެއް ނަގާލުމަށް ފަހު ކާލީމަ އެކަން އޭނާ އަށް ނިމުނީ އެވެ. އެކަމަކު، އެ ފޮޓޯތަކުން އެހެން ބަޔަކު އެބަ އިބުރަތްތެރި ފިލާވަޅުތަކެއް ހޯދަ އެވެ. އޭނާގެ ފޭސްބުކް ފުރާލައިފައި އޮތީ މި ޑިޝްތަކުންނެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް މި ޑިޝްތަކުގެ ފޮޓޯތައް ބަލަން ޝައުގުވެރިވެ އެވެ. އެއީ ކޮންތާކުން ހޯދި ރެސިޕީއެއްތޯ އާއި އެއީ ކޮން ރެސްޓޯރަންޓަކުންތޯ ލިބެން ހުރި ކާނާއެއްތޯ ވަރަށް ގިނަ މީހުން އަހަން ފެށި އެވެ. އާންމުންގެ ގިނަ ބައެއްގެ ކަޅި އޭނާ އަށް އަމާޒުވާކަން އެނގުމާ އެކު މި މަސައްކަތް ކުރުމުގައި އޭނާ ވަރަށް ފަރުވާތެރިވި އެވެ. ހުރިހާ ޑިޝްއެއް ވެސް، އެހެން މީހުން ކާހިތްވާ ގޮތަށް ގާނިޝްކުރަމުން ގެންދިޔަ އެވެ. އެއީ ޕާން ފޮއްޗެއްގެ މަތީގައި ބަޓަރުކޮޅެއް ހާކާލުންހާ އާދައިގެ ކަމެއް ކަމަށް ވިޔަސް ހެވެވެ.
މަންދީ "މިހާރަ"ށް އިންޓަވިއުދެނީ: ޕްރޮފެޝަނަލްކޮށް ކައްކާ ނޫޅުނަސް، އެކަމަށް ބޮޑެތި ހުށަހެޅުންތައް އޭނާއަށް ވަނީ ލިބިފައި-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
"އިނގިރޭސިވިލާތުގެ މެންޗެންސްޓާގެ ރެސްޓޯރަންޓެއްގެ ޝެފެއް ވެސް އެދިފައިވޭ އެ މީހުންނާ ގުޅެން. އަދި އޮސްޓްރޭލިއާގެ ޑައިޓީޝަނެއް ވެސް ފޭސްބުކް އިން މެސެޖް ކުރި އޭނާއަކީ ގިނަ ބަޔަކު ހިކެން އެހީވެދޭ ބައެކޭ ތައްޔާރު ކުރާ ކާ އެއްޗެހި ފެނުނީމަ ވަރަށް އުފާވެ އޭ." މަންދީ ބުންޏެވެ.
"ރަށްރަށުން ވެސް ވަރަށް ގިނަ ކުދިން މެސެޖް ކޮށްފަ ބުނާނެ ރެސިޕީ ފޮނުވަން ނުވަތަ ހިކޭނެ ގޮތްތައް ކިޔައިދިނުމަށް."
މިކަމުގައި އޭނާ ފޫހިވުމެއް ނެތެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް، ދިރިއުޅުމުގެ މިހާރު އެންމެ މުހިންމު ބަޔަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. މިއީ ކޮންމެ ދުވަހަކު ވެސް އޭނާ ވަމުން އަންނަ ވަރަށް ބޮޑު ގުރުބާނީ އެކެވެ. މި ކެތްތެރިކަން މަންދީ ފިޔަވައި، އެހެން މީހަކު ހޯދަން ވެއްޖެ ނަމަ ބުނެވެން އޮތީ އެންމެ ވާހަކައެކެވެ. ސާބިތުވެ ހުންނާށެވެ! މިއީ އާދައިގެ ކަމެއް ނޫނެވެ. ފަށަމާ ހެއްޔެވެ؟
މަންދީގެ މެންދުރުގެ ކެއުން: ހަށިގަނޑަށް ފައިދާ ހުރި ގިނަ ތަކެތި ކޮންމެ އިރެއްގެ ކެއުމުގައި ވެސް އޭނާ ހިމަނާ
މިހާރު އޭނާ ކަނީ މި ފޮޓޯތަކުން ފެންނަން ހުރި އެއްޗިއްސެވެ. ކޮންމެ ވަގުތަކު، ކޮންމެ ދުވަހަކު ވެސް މި ޝެޑިއުލަށް އޭނާ އިހުތިރާމް ކުރެ އެވެ. އެކަމުގައި އޭނާ ހުރީ ކެތްތެރިކަން ހުރީ އިންތިހާގަ އެވެ. ފޫހިވުމެއް ނެތި ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު އޭނާ މިގޮތަށް ކާތާ ތިން އަހަރެއްހާ ދުވަސް ވަނީ އެވެ.
"ބައެއް ރައްޓެހިން ގުޅާފައި އަހާނެ ދެން ރަނގަޅަށް ކާން ފަށާނީ ކޮން އިރަކުންތޯ. އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ ކަންނޭނގެ ރަނގަޅު ކެއުމަކީ،" މަންދީ، 43، ބުންޏެވެ. "ރަނގަޅަށް ކެއުމަކީ ބާގާ އާއި ޕިއްޒާ ކަހަލަ އެއްޗެހި ކެއުން ކަމަށް ވަންޏާ އެއީ އަޅުގަނޑު ގަބޫލުކުރާ ކެއުމެއް ނޫން މިހާރަކު."
މަންދީގެ ކެއުން މިހާރު ހުންނަނީ މިހެންނެވެ؛ ހެނދުނު ހޭލައިގެން ބޮޑު ފެންތައްޓެކެވެ. ހެނދުނު ސަޔަށް އެއް ބިހުގެ ގޮބޮޅިއާ އެކު ހައެއްކަ ބިހާއި ބްރައުން ޕާން ފޮއްޗަކާއި އޮރެންޖް ނުވަތަ ގްރޭޕް ފުރުޓް ޖޫސް ތައްޓެކެވެ. މިއިން އެއްވެސް އެއްޗަކަށް ލޮނެއް ނާޅަ އެވެ. އޭގެ ފަހުން 12 ޖަހާއިރު މެންދުރު ކެއުމުގެ ކުރިން އޭނާ ފެން ނޫން އެއްޗެއް ނުބޮއެވެ. މެންދުރު ވެސް މާ ބޮޑު އެއްޗެއް ނުކަ އެވެ. ހަވީރު ސައެއް ނުބޮއެވެ. ދެން އޮންނަނީ ރޭގަނޑު ކެއުމެވެ. އެއީ ބައެއް ރޭރޭ އޯޓްސް ކަހަލަ ނުވަތަ ކޮންމެވެސް އެކަހަލަ ބާވަތެއްގެ ފައިދާ ހުރި ކާނާއެކެވެ.
މަންދީ ތައްޔާރުކޮށްފައިވާ އޭނާގެ ބައެއް ކެއުންތައް: ކޮންމެ ވަގުތެއްގެ ކެއުމެއްގައި ވެސް ހުރިހާ ބާވަތެއް ހިމެނޭ
"ކޮންމެ އިރަކު އެއްޗެއް ތައްޔާރު ކުރިޔަސް އަޅުގަނޑު ބަލަން އޭގައި 60 ޕަސެންޓް ކާބޯހައިޑްރޭޓްސް، 30 ޕަސެންޓް ޕްރޮޓީންސް އަދި ދިހަ ޕަސެންޓް ފެޓްސް ހިމެނޭތޯ. އެކެއްޗެއްގެ ބަދަލުގައި ތަފާތު ވައްތަރުގެ އެއްޗެހި ހިމަނައިގެން މި ތައްޔާރު ކުރަނީ،" މަންދީ ބުންޏެވެ.
"މީހުންނަށް ހީވެދާނެ މިއީ ދެން އަޅުގަނޑު ވެސް މަޖުބޫރުން ކައިއުޅޭ ގޮތެކޭ. އެކަމަކު ތެދެއް، ފުރަތަމަކޮޅު ވަރަށް ހިތްވަރުން މިކަމަށް އާދަވީ. އެކަމަކު މިހާރު ވަރަށް ތެދަށް މިބުނަނީ. މިއީ ހަމަ މީރުވެގެން ކައިއުޅޭ ގޮތޭ."
މަންދީގެ މި ކެއުންތަކަށް އޭނާ ދޭ ނަމެއް ނެތެވެ. މިހާތަނަށް މިގޮތަށް ތައްޔާރު ކުރަމުން އައި ޑިޝްތަކުގެ އަދަދެއް ވެސް ނޭނގެ އެވެ. މިހެން އެކިއެކި ބާވަތްތައް އެއްކޮށްލައިގެން ހަދާލާ ކޮންމެ އެއްޗަކީ ވެސް ހަގީގަތުގައި އޭނާގެ އާ ރެސިޕީއެކެވެ. ކާއެއްޗެހި ތައްޔާރު ކުރަނީ އެ ވަގުތު ގޭގައި ހުރި އެއްޗަކުންނެވެ. މި ފަދަ ކެއުންތަކަށް ބޮޑު ހަރަދެއް ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް މަންދީ އެކަމަށް އެއްބަހެއް ނުވެ އެވެ. އޭނާ ބުނިގޮތުގައި ބަތް ކާ ވަރު މަދުކޮށް އޭގެ ބަދަލުގައި ކާން ފެށީ ކައްޓަލަ އާއި އަލުވި ފަދަ އެއްޗިއްސެވެ. އަގުބޮޑު މޭވާގެ ބަދަލުގައި ކަނީ އޮރެންޖާއި ފެހި އާފަލާއި ގްރޭޕް ފުރުޓް ކަހަލަ މޭވާ އެވެ.
މަންދީ "މިހާރާ" ވާހަކަ ދައްކަނީ: ބަރުދަން ލުއި ކުރުމަށް އޭނާ ވަނީ ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
"ދެން މި ބޭނުން ކުރަނީ އެވަކާޑޯ. އެކަމަކު އެ ވެސް ތިން ފަހަރު ކެވޭ. ފެންޓަސީން 13 ރުފިޔާ އަށް ގަންނަ ސްޕިނެޗް ވެސް ހަފުތާއެއް ވަންދެން ބޭނުން ކުރެވޭ. ކޮންމެހެން ނުޖެހޭ އެންމެ އަގުބޮޑު މޭވާ އާއި ތަރުކާރީ ކާކަށް،" މަންދީ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ. "ބައެއް މީހުން ބުނޭދޯ ދޭތެރެ ދޭތެރެއިން ކޮންމެވެސް ސްނެކެއް ބޭނުން ކުރަން ޖެހޭނެއޭ. އެކަމަކު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު އެހެން ކެއީމަ މާބޮޑަށް ކާހިތްވޭ."
މަންދީ ބުނިގޮތުގައި ހަވީރު މާބޮޑަށް ބަނޑުހައިވަންޏާ ފެހި އާފަލެއް ކައިލުމުން އެކަން ހަމަޖެހެ އެވެ. ރޭގަނޑު ޖިމްއަށް ދިޔުމުގެ ކުރިން ފެނުކެއްކި ކުޑަ އަލުތްވެއް އޭނާ ކަ އެވެ. އަދި ޖިމްއިން އައިސް ރޭގަނޑު މޮޅު ގޮތަކަށް އޯޓްސް ހަދާލުމަށް ފަހު ނުވަތަ ބިސްގަނޑެއް ކަހަލަ އެއްޗެއް އަޅާލުމަށް ފަހު ކާލަ އެވެ. ދުވަހުގެ ތިން އިރުގެ ކެއުމަށް ކަނޑައަޅާފައިވާ މިންވަރަށް ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީންސް އާއި ފެޓްސް އޭނާ ބޭނުން ކުރެ އެވެ.
މަންދީ ޖިމްގައި: ކެއުމާ އެއްވަރަށް ކަސްރަތަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް މުުހިއްމު ކަމެއް-- މިހާރު ފޮޓޯ: ހުސެން ޝަޔާހު
މުޅިން ތަފާތު ކެއުންތަކާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި އޭނާ ކުރާ ކަމަކީ ކަސްރަތެވެ. ޖިމް އަށް ވެސް ބަރާބަރަށް ދެ އެވެ. ދުވަން ވެސް ދެ އެވެ. އެހެން ނަމަވެސް، އޭނާ ބުނާ ގޮތުން އެކަން ކުރަނީ ކޮންމެހެން ހިކޭކަށް ނޫނެވެ. ބޭނުމަކީ "ހުންނަ ވަރެއްގައި ދުޅަހެޔޮކޮށް ހުރު"މެވެ.
ހީޓުގެ ޕާސަނަލް އިންސްޓްރަކްޓަރު ލަންކާގެ އަނިލް ޖަގަތު ކުމާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އޭނާގެ ހަށިގަނޑު މިހާރު ހުރީ އެންމެ ބޭނުން ވަރަށެވެ. އެ ގޮތުގައި އޭނާ ދެމިހުރުމަށް ޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރަން ޖެހެ އެވެ. މި ހިތްވަރު ހުރެއްޖެ ނަމަ މަންދީ ބުނާ ގޮތުން ހިކުމަކީ ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު އޭނާގެ ނަސޭހަތެއް އެބައޮތެވެ.
"މިއީ ހިތްވަރެއް ހުރެފިއްޔާ ނުވާނެ ކަމެއް ނޫން. އެކަމަކު އަޅުގަނޑު ދޭނެ ނަސޭހަތަކީ މީހަކާ އެކީ ދުވަންދާން ނޫނީ ޖިމްއަށް ދާން މަޑުނުކުރާށޭ. އެހެން މީހެއްގެ ޓައިމްއަށް ފިޓުވެގެން އޭނާއަށް އެކަމެއް ނުވާނެ. އެކަނި މިކަން ފަށައިގަނެގެން ކުރިއަށް ގެންގޮސްފިއްޔާ މިއީ ހަމަ ކާމިޔާބުވާނެ ކަމެއް،" އޭނާ ބުންޏެވެ.
މަންދީ ޖިމްގައި: އޭނާ ފާހަގަ ކޮށްލެވެނީ ބަރު އެއްޗެހި އުފުލައި، ވަރުގަދަ އަންހެނެއްގެ ގޮތުގައި-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
މަންދީ އަށް އެންމެން ވެސް ކުރާ ސުވާލަކީ މި އެވެ؛ ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ؟
"ވަރަށް ގިނަ މީހުން ބުނޭ މަންދީ ދެން ކޮންއިރަކުންހޭ ރަނގަޅަށް އުޅޭނީ. ތިހެން ކިހިނެއްހޭ އަބަދު އުޅެވޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ މިހާރުހެން މި އުޅެވެނީ އުޅެން ޖެހޭ ގޮތަށް. މިހެން އުޅޭތީ ވަރަށް ގިނަ ރަހުމަތްތެރިން ވެސް ތިބެނީ ކަންބޮޑުވެފައި. ހީވަނީ ކަން ނޭނގެ އަޅުގަނޑު މި އުޅެނީ ވަރަށް ހާލުގައޭ ވަރަށް ބުރަކޮށޭ. އެކަމަކު މިއީ ވަރަށް ފަސޭހަ ގޮތެއް. ގޭގައި މި ނޫން އެއްޗެއް މިހާރު ނުވެސް ކައްކާނެ މި ނޫން އެއްޗެއް. އެހެންވެ، ދަރިފުޅު ވެސް ފިރިމީހާ ވެސް ކާނީ މިހާރު ހަމަ މި،" އެންމެ ކުއްޖެއްގެ މަންމަ ބުންޏެވެ.
މަންދީގެ ދިރިއުޅުމަކީ މިއީ އެވެ؛ ފަހަރެއްގައި މިއީ އެހެން މީހަކަށް ކެތްކުރެވިދާނެ ކަމެއް ނޫނެވެ؛ އެ ސުވާލު އެހެން މީހުން އެ ކުރަނީ އެހެންވެގެން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އޭނާ ދޭ މެސެޖް އެއީ ވަރުގަދަ މެސެޖެކެވެ. އެ މެސެޖް ވަރަށް އިޚުލާސްވެރިކަމާ އެކު ބަލައިގެންފިއްޔާ މަންދީގެ ޓާގެޓަށް ދެވުނީ އެވެ.
މަންދީ އޯޓްސް ކުޅިބަތްޕެން ތައްޔާރުކުރަނީ: މިއީ ރޭގަނޑަށް ރަނގަޅު ކެއުމެއް ކަމަށް އޭނާ ބުނޭ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ބޭނުންވާ ތަކެތި ހަތަރު ސަމުސާ އޯޓްސް ވަޅޯމަސް (ތިން އިންޗިއަށް ކުދިކޮށް ކޮށާފައި) ކުޑަ އެއް ފިޔާ ދެ ލޮނުމެދު ރޯ މިރުސް އަދި ހިކަނދިފަތް އެންމެ ފުރަތަމަ ދެ ޖޯޑާއި ބައިގެ ފެނަށް، އޯޓްސް ނޫން ހުރިހާ އެއްޗެއް އަޅައިގެން ކައްކާނީ. ފިޔާކޮޅު މަޑުވާހާ އިރުން (ގާތްގަނޑަކަށް ހަތް ވަރަކަށް މިނިޓް)، އޯޓްސްކޮޅު ފެންފޮދުގެ ތެރެއަށް އަޅާލައި ހާކާލާނީ. އުނދުން މަތިން ބާލާނީ ގާތްގަނޑަކަށް މިނިޓެއްހާއިރު ކެއްކުމަށް ފަހު. ރަހަމީރު ކޮށްލަން އޮލިވްސް ވެސް މީގެ ތެރެއަށް އެޅިދާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy