ޔަމަންގެ އުމުރުން ހަތަރު އަހަރުގެ އަބްދޯ ސައީދު ހޮސްޕިޓަލްގައި: ކާޑުބަލީގައި މި ކުއްޖާ ވަނީ މަރުވެފައި --ފޮޓޯ: ޖިލެސް ކްލާކް
04 ޖެނުއަރީ 2021 - 11:17
ބަނޑުހައިހޫނުކަމުގެ ސަބަބުން އުފެދޭ ކާޑުބައްޔަކީ ވޭން ހުރި ކަމެކެވެ. ބޮޑުކަމު ދިއުން ކޮންޓްރޯލެއް ނުކުރެވެ އެވެ. ގައިގެ ހަން ދޫވެ އެވެ. އިސްތަށި ފައިބަ އެވެ. ވިޓަމިން އޭ ނުލިބި، ލޯފަންވެ އެވެ. ހަށިގަނޑު އޭގެ ޒާތުގައި މިނިކާން ފަށަ އެވެ: އަމިއްލަ މަސްތަކެވެ. ހިތް ވެސް މެ އެވެ.
ޔަމަންގެ އަދަންގެ ހޮސްޕިޓަލަށް އުމުރުން ހަތަރު އަހަރުގެ އަބްދޯ ސައީދު، ބަރުދަނުގައި އެންމެ ހަ ކިލޯ، ގެނައި އިރު، ނުރޮ އެވެ. އޭގެ ސަބަބަކީ، ކާޑުބަލީގެ ކުދިންނަކީ ރޯ ބަޔަކަށް ނުވާތީ އެވެ. އެންމެ ކުޑަވެގެން ކުކުރާ ވެސް ނުލަ އެވެ. އޭގެ ބަދަލުގައި އެ ކުދިންގެ ކިބައިން ފެންނަނީ އަޖައިބެއް ކަހަލަ ހިމޭންކަމެކެވެ. އެއްވެސް އަސަރެއް ނުދައްކަ އެވެ. ހައިނޫކަމުގައި އަނަރޫފަވެފައިވާ ހަށިގަނޑުގެ އެއްވެސް ހަކަތައެއް ކަރުނައަށްޓަކައި ބޭކާރެއް ނުކުރެ އެވެ. އެ ހަކަތަ ބޭނުންކުރަނީ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަންތައް ހަރަކާތްކުރުވާށެވެ.
ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވެ އަބްދޯ މަރުވި އެވެ. ފޮޓޯގްރާފަރު ޖިލެސް ކްލާކްގެ ކެމެރާގައި އެ ކުއްޖާގެ ފޮޓޯތައް ރައްކާކުރި އެވެ. ޖިލެސްގެ ފޮޓޯތައް ވަނީ ވޭނުން ފުރިފަ އެވެ. އެކަމަކު އަބްދޯގެ އާއިލާ ކަހަލަ، ބަނޑުހައިހޫނުކަމުގެ އަނިޔާ ތަހައްމަލްކުރާ އެތައް ކުދިންނެއްގެ އާއިލާއިން އެ ފޮޓޯތައް މުޅި ދުނިޔެއަށް ދައްކަން ބޭނުންވެ އެވެ. ބޭކާރު ހައިކަމެއްގައި އެތައް ކުދިންނެއް މަރުވާ ކަމެވެ. އަދި އެ މަރުން އެތައް ކުދިންނެއް ސަލާމަތްކުރުގެ އެހީއަކަށް އެ ފޮޓޯތައް ވެދާނެ ކަމެވެ.
ހައިހޫނުކަމުން ދުނިޔެ ދުރުކުރުމުގެ މަސައްކަތް މިދިއަ އަހަރުތަކުގައި ދިޔައީ ރަނގަޅަށެވެ، އެކަމަކު 2020އާ ޖެހެންދެންނެވެ. ބަނޑަށް ޖެހިފައިވާކަމަށް އދ. އިން އެންމެ ފަހުން ކަނޑައެޅީ 2017 ގައި ސައުތު ސޫދާނުގެ ކުޑަ ސަރަހައްދެކެވެ. އެކަމަކު މިއަދު ޔަމަނާއި ސައުތު ސޫދާނާއި ނައިޖީރިޔާގެ އިރުއުތުރު ސަރަހައްދު ބަނޑަށް ޖެހިފައިވާ ކަމުގެ އިންޒާރު އދ. އިން ދަނީ ދެމުންނެވެ. އަދި އިތުރު 16 ގައުމެއް އޮތީ، އެ ކާރިސާ ތެރެއަށް ވަދެނުވަދެވޭހާ ކައިރީގައި ކަމަށް ވެސް، އދ. އިން ބުނެ އެވެ.
"ބަނޑަށް ޖެހުން އެނބުރި އަތުވެއްޖެ،" އދ.ގެ އިންސާނީ އެހީތެރިކަމުގެ ދާއިރާގެ އެންމެ އިސް ވެރިޔާ މާކް ލޯކޮކް ވިދާޅުވި އެވެ.
"އެކަހަލަ އަނިޔާވެރިކަމެއް ބަލަން ތިބޭ ބަޔަކަށް އަހަރެމެންގެ ޖީލު ވެއްޖެ ނަމަ އެވާނީ މުޅި އިންސާނިއްޔަތުގައި ވެސް ޖެހޭ ނުބައިވެގެންވާ ލައްގަނޑަކަށް. މިއީ ސަލާމަތްވެވިދާނެ ކަމެއް."
ޅަ އުމުރުގައި މަރުވާ ކުދިންގެ އަދަދު ދަށްކުރުމާއި ބަލިތަކާއި ހައިހޫނުކަމުން ދުރުވުމާއި ލިޔަންކިޔަން ދަތުމުގެ ނިސްބަތް މައްޗަށް ދިއުމާއި ރަނގަޅު ސިއްހަތެއްގައި އަދި އުފާވެރި، ހަމަ އެހެންމެ ތިޔާގި ޖީލުތަކެއް ހިމެނޭ ތާރީހެއްގައި ދިރިއުޅުމަކީ މިއަދުގެ އިންސާނުން ފަހުރުވެރިވާން ޖެހޭނެ ކަމެކެވެ. ނަމަވެސް 2020 އަކީ އިންސާނީ ހަޔާތުގައި ރަނގަޅު އަހަރެއް ނޫނެވެ. މިއީ ބިރުވެރި އަހަރެކެވެ. އޭގެ ނަތީޖާ އަކީ، ޔުނެސްކޯއިން އިންޒާރު ދޭ ގޮތުގައި، ހައިހޫނުކަމުގައި ކޮންމެ މަހަކު އިތުރު 10،000 ކުދިން މަރުވުމެވެ.
މި ބޮޑު މައްސަލަ އިތުރަށް ގޯސްވެގެން މި އުޅެނީ އެމެރިކާ އާއި ޔޫރަޕްގެ އިތުރުން ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުގެ އަޅާލުން ކުޑަަވުމުންނެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކީ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވިޔަސް، އެކަމުން މި މައްސަލައަށް ފޯރާފައި އޮތީ ނުސީދާ އަސަރެކެވެ. މުއްސަނދި ގައުމުތަކުގެ ބޭރުން ގިނައިން މަރުވަމުން އެދަނީ ވައިރަހުގެ ސަބަބުން އުމުރުން ދުވަސް ވީ މީހުންނެއް ނޫނެވެ. ބަނޑުހައިހޫނުކަމުގައި ކުޑަކުދިންނެވެ. އެކި ބަލިތަކަށް ބޭސް ނުލިބިގެން ޒުވާން އުމުރުގެ މީހުންނެވެ.
އިންސާނީ މި ބޮޑު ތުރާގެ ވެރިރަށަކީ، ދެބަސްވެވެން ނެތް ގޮތުގައި، ޔަމަނެވެ. އދ. އިން ސިފަކުރާ ގޮތުގައި އެއީ މިވަގުތު އޮތް އެންމެ ހާލަތު ގޯސް އިންސާނީ މައްސަލަގަނޑެވެ. އަހަރެމެން އާ އަހަރު ފާހަގަކުރާ އިރު އަބްދޯޯ ކަހަލަ އެތައް ކުދިންނެއް ޔަމަންގައި އެ މަރުވަނީ ކާޑުބަލީގަ އެވެ.
ޔަމަނުގެ މި ހިތްދަތިކަމުގެ ވާހަކައިގެ ސަބަބުތައް ވަނީ އެކި ފަރާތްތަކާ ގުޅިފަ އެވެ. އެތެރޭގެ ހަނގުރާމަ އާއި ސައުދީ އަރަބިޔާގެ ހިސޯރުގެ ސަބަބުން ހުރިހާ ކަމެއް ފުނޑުފުނޑުވެފަ އެވެ. އީރާނުގެ މަދަދު ލިބޭ ހޫތީންގެ އަމަލްތަކުން ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ދިރުން ގެއްލިފައިވާ އާބާދީގެ ތެރެއަށް ދެން ކުރިމަތިވި އަނިޔާއަކީ، ބޭރަށް ހިންގުމާއި ކޮރޯނާވައިރަސްގެ ބަލިމަޑުކަމެވެ. އެހީ ދޭ ގައުމުތައް ތާށިވެފައި ވަނީ އެ ގައުމުތަކުގެ އަމިއްލަ މައްސަލަތަކުގަ އެވެ. އެ ގައުމުގެ ނަޒަރު ހުއްޓިފައި ވަނީ އެހެން ދިމާލަކަށެވެ.
އެހެންކަމުން އަބްދޯ މަރުވީ އެވެ.
ކާޑުބަލީގައި މަރުވި އުމުރުން ހަތަރު އަހަރުގެ އަބްދޯ ސައީދުގެ ބޮޑެބޭބެއަކު ކުއްޖާއަށް ބޮސްދެނީ: ބަނޑުހައިހޫނުކަމުގައި އަނެއްކާވެސް އެތައް ލައްކަ ކުދިންނެއް މަރުވާނެ ކަމުގެ އިންޒާރު އދ. އިން ދޭ
ކޮރޯނާވައިރަަސްގެ ނަންބަރުތަކަށް ބަލާއިރު ފަގީރު ގައުމުތައް ވަނީ އެ އުއްޑައިން ރެކިފައި ކަމަށް ހީވެދާނެ އެވެ. އެފްރިކާ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެ ބަލިން މަރުވި މީހުންގެ އަދަދު މައްޗެއް ނޫނެވެ.
އެކަމަކު ބަލިމަޑުކަމުގެ އާ ރާޅުގައި އެ މަންޒަރު ނުބައި ގޮތަކަށް ބަދަލުވެދާނެ އެވެ. އެނގޭ އެއްޗަކީ އޭގެ ނުސީދާ އަސަރުތަކުގެ ހަލާކު މިހާރު ވެސް ވަރަށް ބޮޑު ކަމެވެ. ލިޔަންކިޔަން ނުދަތުމާއި ތަފާތު ބަލިތަކާއި ބަނޑުހައިހޫނުކަމާ އެކު ކޮވިޑްގެ ބަލިމަޑުކަމެވެ. ލޮކްޑައުންއަކަށް ދިއުމުގެ މާނައަކީ ކުޑަކުޑަ އާމްދަނީ ލިބޭނެ މަގު ވެސް ބަންދުވުމެވެ.
މި ހުރިހާ މައްސަލަތަކާ ގުޅިގެން ދެން އުފެދޭ ހިތްދަތި އެހެން ހަގީގަތްތައް ބަލަން ވެސް އުނދަގޫވެ އެވެ. އދ. އިން ލަފާކުރާ ގޮތުގައި ފަގީރުކަމާއި ބަލިމަޑުކަމުން ކުރިމަތިވާ ހުރަސްތަކާ ހެދި އިތުރު 13 މިލިއަން އަންހެން ކުދިން ގަދަކަމުން ކައިވެނިކުރުވާނެ އެވެ. ދީނީ އަދި ސަގާފީ އާދަތައް ކުއްޖާގެ ދުޅަހެޔޮކަމަށް ވުރެ އިސްކޮށް، އިތުރު ދެ މިލިއަަން އަންހެން ކުދިން "ހިތާނުކުރުމު"ގެ ވޭން އިހުސާސްކުރަން ޖެހިދާނެ ކަމަށް ވެސް، އދ. އިން ބުނެ އެވެ. ވޯލްޑް ބޭންކުން ބުނަނީ އިތުރު 72 މިލިއަން ކުދިން، ލިޔަންކިޔަން ނުދަތުމުގެ ލިސްޓަށް އަރާނެ ކަމަށެވެ.
ތަޖުރިބާކާރުންގެ ޕެނެލްއަކުން ތައްޔާރުކުރި ހިސާބުތަކުން ދައްކަނީ ކުރިމަތީގައި އޮތް ބިރުވެރި މައްސަލައިގެ "މެދުމިންވަރު"ގެ ލަފާާކުރުމަކުން ވެސް، ކޮރޯނާވައިރަސްއާ ގުޅިގެން ދިމާވާ ބަނޑުހައިހޫނުކަމުގައި 168،000 ކުދިން މަރުވެދާނެ ކަމެވެ. ވިސްނާލާށެވެ: އެ ބުނަނީ 168،000 އަބްދޯގެ ވާހަކަ އެވެ.
އެތައް ކުދިންނެއް މަރުން ސަލާމަތްވެދާނެ އެވެ. އެކަމަކު އެއީ 2020 އާއި 2021ގައި ކުރިމަތިވި/ކުރިމަތިވާނެ ނިކަމެތިކަމުގައި މުޅި އުމުރަށް ދެމިގެންދާ ނުދަތުމުގަ އާއި ލޯފަންކަމުގަ އެވެ. މި އަދަދުތައް އެހާ ގޯސް މިންވަރަކަށް މައްޗަށް ދަނީ، ހަގީގަތުގައި، މުއްސަނދި ދުނިޔޭގެ އަޅާލުން ކުޑަކަމުންނެވެ.
"ހާލަތު ގޯސްވެފައި މިވަނީ ރުޅިއަންނަ ދަރަޖައަކަށް، އެ ރުޅި އަދި ފަޅައިގެން ދަނީ، ލިބެން ހުރި ހައްލުތައް ބޭނުންވާ މިންވަރަށް ފޯރުކޮށްނުދެވޭތީ،" ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިސް ނިއުޓްރިޝަނިސްޓް، ޝޯން ބޭކާ ވިދާޅުވި އެވެ.
މިއީ ނިއު ޔޯކް ޓައިމްސްގެ ލިއުންތެރިޔާ ނިކޮލަސް ކްރިސްޓޯފް ލިއުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމަންޒަރުން
05 January 2021
އެއްބަޔަކު ކޮވިޑްގައި މަރުވަނީ. އަނެއް ބަޔަކު ބަނޑުހައިހޫނުކަމުން މަރުވަނީ. އަނެއް ބަޔަކު ހަނގުރާމައިގަ މަރުވަނީ. އަނެއް ބަޔަކު ގުދުރަތީ ކާރިސާތަކާ ތޫފާންތަކުގަ މަރުވަނީ. ދެން ތިބި މީހުންނަށް އެކަންކަމުގެ ނުސީދާ އަސަރުތައްކޮށްގެން މަރުވަނީ. މޫސުމީ ބަދަލުތަކުން ދުނިޔޭގެ ޗާޓުގެ ބައެއް ތަންތަން ހީނުކުރާހާ އަވަހަށް ބަދަލުވާނެކަމަށް އެއްބަޔަކު ލަފާކުރާއިރު ދުނިޔެ މިދަނީ އެތައް އިންސާނުންނެއް ނެތުމުގެ މަގެއްގެމަތީގައިކަމުގެ އިހްސާސް ކުރެވޭހެން ހީވޭ.
އަބްދުއްالله
05 January 2021
އެހެން ކުދިން މަރުވީމަ ރޯނެތަ؟
ާއަނާ
05 January 2021
ޔަމަންއަށް އެހީވުމަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ބާއްވަވައިދެއްވާ ފަންޑް ފޮށި ބަަހައްޓަވައިދެއްވާ.
އެކަމު
05 January 2021
ޓެލެތޯން އެއްފަރާތަކުން ހިންގުން މުހިއްމު. ކޮންމެކަމެއް އެތައް ސިޔާސީ ޕާޓީއަކުންކޮށްގެން ވާނުވާ ނޭނގޭ ހިސާބަށްދާތަން ފަހުން ކަންކަމުގައި ފެންނަނީ. ދެވޭ އެހީ އެލިބެންވާ ބަޔަކަށް ނުފޯރާނަމަ އެއީ މާ ދެރަކަމެއް. އެންމެ ފަހުން ހިންގި އެކަހަލަ ކަމެއްގައި އެބަޔަކު ސަޕޯޓްކުރާ ޕާޓީތަކުން ހިންގާ ތަނަކަށް ފައިސާ ފޮނުވާ ހެދީ. ކޮންމެކަމެއްވެސް ސިޔާސީވެގެން ހައްދުންނައްޓާފަ.
ހާޖި
05 January 2021
ކޮބާތަ އެކުދިންގެ ބޮސް ކެހެރުވަކެކޭވެސް ހިތަންނާރާ
ގަދައެއްނު
05 January 2021
އެއްވެސް އަޅަކަށް އެއަޅަކަށް ނޫފުއްލެވޭވަރުގެ ބުރައެއް ނުޖައްސަވައެވެ.
ސަލީމު އިދުރީސް
04 January 2021
އެހެންގައުމަކައް 3 ދުވަހައް ދަތުރު ކުރިޔަސް 70 މިލިޔަން ޑޮލަރު ހަރަދު ކުރާ ރަސްކަލުންނައް ތިއަކީ މައްސަލަޔެއްނޫން
އިހް
04 January 2021
ތިޔަފަދަ ފޮޓޯ ފެނުމުން އަމިއްލަ ގޭގައާ ތަންތަނުން އުކާލާ ކާބޯތަކެތި ވޭސްޓްނުވެ ކޮންމެވެސް ބޭނުންޖެހިފައިވާ ނުލިބޭ ބަޔަކަށް ލިބޭނެ ގޮތަކަށް ކަންކަން ކުރަން އިހްސާސްވެ އެގޮތަށް އަމަލުކުރެވޭނަމަ ރަގަޅުވާނެ. އަދި ދިރިއުޅުމުގައި ހޯދޭ ބޭކާރު ސާމާނު މަދުކޮށް ދުނިޔޭގައި އަސްލު މުހިއްމީ ކޮން އެއްޗެއްސެއްތޯ ވިސްނާލުން މުހިއްމު. ފުރިގެން އެއްބަޔަކު ބަންޑުންވާއިރު އަނެއް ބަޔަކަށް އެތިފުކެއްވެސް ނެތްކަން ދަނެ އެހީވެވެން އޮތް ބަޔަކަށް އެހީވުން މުހިއްމީ.
ދޮންހަސަނު
04 January 2021
މިފަދަ ކޮންމެ އާޓިކަލްއެއް ކިޔާފައި އަދި އެނޫނަސް އަހަރެމެން އިންސާނުންނަކީ ހަދަހަވާ ޖާހިލު ބައެކެ އަބަދުވެސް ހިތަށްއަރައެވެ. ރިސޯސް އެލޮކޭޓް ކޮއްގެން މުސްހަދިން ފަޤީރުންނަށް އެހީވެގެން މިފަދަ ކާރިސަތަކުން ސަލާމަތްވެވެން އޮށްވާ، ބާރާއި ނުފޫޒާއި ޖާހަށްޓަކައި ޤައުމުތައް ނިކަމެތި ކުޑަކުދިން މިފަދަ ގޮތަކަށް ދޫކޮއްލުމީ ހާދަހާ ބަލަންއުދަގޫ މަންޒަރެކެވެ. އޭ ﷲ މިނޫން ދުވަހެއް ދުނިޔެއަށް ދައްކަވާށި. އާމީން
ދެރަވ
04 January 2021
ފަންޑުފޮށްޓެއް ބަހައްޓަބަލަ. މަ ބޭނުން އެހީވާން.
ވޮޗްޑޯގް
04 January 2021
https://donatenow.wfp.org/wfp/ ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑޮނޭޝަން ލިންކް. https://www.wfp.org/
އީދުބެ
04 January 2021
މިކަމާވެސް ކަންބޮޑުވެގެން ނަތީޖާއެއް ފެންނަގޮތަކަށް ކަމެއް ކުރެވޭތޯ އުޅެނީ ކާފަރުން ދޯ...
ފޫހި
04 January 2021
ކާފަރުން އަޑީގަ ތިބެގެންނޭ މިފަދަ ކުދިންތައް ގިނަކުރަނީ. އެފްރިކާ ގައުމުތަކުގެ ރިސޯސްތައް ބޭނުންކޮށްގެން ޔޫރަޕް މުއްސަދިވެގެން އެދަނީ. ޔަމަން ފުޑާލަނީ ހަމަ އެމެރިކާއާ ސަޢޫދީ އަދި އިޒްރާއީލް ވެގެން.
ސަލީމު އިދުރީސް
04 January 2021
ރަގަޅު ކާފަރު ގައުމުތަކު ޓީވީތަކުން ތިމަންޒަރު ދައްކާ އެހީޔައް އެދޭ ވާނުވާ އެގޭގޮތައް ހަރަދު ކުރާތި އަޅުގަނޑުވެސް މަކު 10ޑޮލަރު ދައްކަން! އަދި ކާފަރުން ލާއަންނައުނު ގޮނޑައް އުކައިނުލާ އެކި ސަރަހައައްދުތަކުގަ ބަހައްޓާފަ ހުންނަ ފޮށިތަކައް އަޅާ ބޭނުންޖެހިފަތިބޭ މީހުނާހަމަޔައް ފޯރުކޮއް ދިނުމުގެ އިންތިޒާމު ވަނީ ކުރެވިފަ