ކުޅިވަރު / މޯލްޑިވްސް ސާފިން ޓްރޮފީ

ކުއާޓަ ފައިނަލަށް ދަތުރުކުރި އެންމެ ޒުވާން އެތުލީޓަކީ 17 އަހަރުގެ ޝަރޫފް

ޝަރޫފް މިއަދުގެ އޯޕަން ޑިވިޝަން ހީޓުގައި ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ގައި ފިރިހެން އޯޕަން ޑިވިޝަނުގެ ކުއާޓަ ފައިނަލަށް ކ. ގުރައިދޫގެ އުމުރުން 17 އަހަރުގެ ޝަރޫފް ޝާއިރު ދަތުރުކޮށްފި އެވެ.

މި އަހަރު އަލަށް ގައުމީ މުބާރާތުގައި ވާދަކުރާ ޝަރޫފް ކުއާޓާ އަށް ދިޔައީ ހަތަރުވަނަ ހީޓުގައި އިބްރާހިމް އައިމާން އާރިފްއާ ވާދަކޮށް 7.53 ގެ ސްކޯއެއް ހޯދައިގެން 0.93 ޕޮއިންޓުގެ ތަފާތުންނެވެ.

ޝަރޫފް ކުއާޓާގައި ވާދަކުރާނީ ގައުމީ ރޭންކިންގެ ފަސްވަނައިގައި އޮތް ގދ. ގައްދޫ ނަޖާހު މުހައްމަދާ އެވެ. ނަޖާހު ވަނީ ތިންވަނަ ހީޓުގައި އާދަމް މުއީން އިބްރާހިމާ ވާދަކޮށް 7.50 ގެ ސްކޯއަކުން ބަލި ކޮށްފަ އެވެ.

"އަލަށް ގައުމީ މުބާރާތެއްގައި ވާދަކޮށް މި ހިސާބަށް އާދެވުނީމާ ވަރަށް އުފާވޭ،" ކުއާޓާ އަށް ދެވުމުން ޝަރޫފް ބުންޏެވެ.

ޝަރޫފް މިއަދުގެ އޯޕަން ޑިވިޝަން ހީޓުގައި ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

ރާޅުގަނޑު ސަރަހައްދުގައި މި ޑިވިޝަނުގެ ހަ ވަނަ ބުރުގައި ކުރިއަށް ގެންދިޔަ އަށް ހީޓުން މޮޅުވި އަށް ބައިވެރިން ކުއާޓާ އަށް ދަތުރު ކުރިއިރު، ފުރަތަމަ ހީޓު ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) ކާމިޔާބުކުރީ ޖައިލަމް ނިޒާރާ ވާދަކޮށް 1.70 ގެ ލީޑަކުންނެވެ. ސްމައިލީ އާއި ގައުމީ ރޭންކިންގެ ހަތަރުވަނައިގައި އޮތް ޖައިލަމަކީ ވެސް ގައްދޫގެ ރާޅާއެޅުންތެރިންނެވެ.

ކުއާޓާގައި ސްމައިލީ ކުރިމަތިލާނީ ޖީހާން އަހުމަދު ޝާކިރާ ވާދަކޮށް 11.17 ޕޮއިންޓް ނަގައިގެން ދެވަނަ ހީޓު ކާމިޔާބުކުރި އަހުމަދު އަގީލް (އަންމަޑޭ) އާއެވެ.

މި ހީޓަށް ފަހު އަންމަޑޭ ބުނީ، ކުއާޓާ އަށް ދިޔަޔަސް، ބޭނުންވާވަރުގެ ރަނގަޅު ސްކޯއެއް ކޮށްލާނެ ރާޅެއް ނުލިބޭ ކަމަށެވެ. ކުއާޓާގައި އަންމަޑޭއާ ވާދަކުރަން ޖެހޭ ސްމައިލީ ބުނިގޮތުގައި، ކުއާޓާގެ ހީޓު ވާދަވެރިވާނެ އެވެ. ނަމަވެސް އޭނާގެ "ބެސްޓު" ދައްކާނެ ކަމަށް ބުންޏެވެ.

އަންމަޑޭ (ކ) އާއި ސްމައިލީ (ވ) މިއަދުގެ ހީޓުތަކުގައި ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

މި ޑިވިޝަނުގެ 2019 ވަނަ އަހަރުގެ ރަނަރަޕް ކ. ތުލުސްދު އަށް އުފަން އަންމަޑޭ އަކީ ގައުމީ ރޭންކިންގެ ތިންވަނައިގައި މި ވަގުތު އޮތް އެތުލީޓެވެ.

މި ބުރުގައި އެންމެ މަތިން ސްކޯ ކުރި ހޫދު އަހުމަދު ކުއާޓާގެ ހީޓުގައި ވާދަކުރާނީ މި މުބާރާތް ވިދިވިދިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސޭ) އެވެ. އޭނާ ވަނީ 2008، 2010 އަދި 2011 ގައި ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ރާއްޖޭގެ ގައުމީ ރޭންކިންގެ ދެވަނައިގައި އޮތް ގައްދޫ ހޫދު މިބުރުގެ ހީޓު ކާމިޔާބުކުރީ އަހުމަދު އަރުޒާނާ ވާދަކޮށް 11.50 ހޯދައިގެންނެވެ. މި ސްކޯއާ އެންމެ ގާާތް ކުރީ ކުޑަ އިއްސޭގެ ސްކޯ އެވެ. އޭނާ ވަނީ މުހައްމަދު ފަޔާޒް (ޕެލޭ) އާ ވާދަކޮށް 11.36 ޕޮއިންޓް ހޯދައިފަ އެވެ. ޕެލޭ އަކީ 2003 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އެތުލީޓެވެ.

މިހާތަނަށް ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު އެތުލީޓުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އަރީފް (ފުކޫ) އޭނާގެ ހީޓް ކާމިޔާބުކުރީ 2019 ވަނަ އަހަރުގެ މި ޑިވިޝަނުގެ ތިންވަނަ ހޯދި ހަމްދު އަބްދުލް ހާދީ ބަލިކޮށްފަ އެވެ.

ރާޅާއެޅުމުގެ ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު ސާފަރުން. ކަނާތުން ވާތަށް: ފުކޫ، ޕެލޭ، ކުޑައިއްސޭ، އިބޫ.

ފުކޫ ވަނީ 2006 ވަނަ އަހަރު ގައުމީ ރާޅާއެޅުމުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ބޭބެ ހުސެއިން އަރީފް (އިބޫ) އަކީ އެންމެ ގިނައިން ގައުމީ މުބާރާތް ކާމިޔާބުކުރި އެތުލީޓެވެ. އިބޫ ވަނީ ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ވެސް ފިރިހެން އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ވެސް ހޯދި ރ. ރަސްމާދޫ އިބޫ މި އަހަރުގެ މުބާރާޓުގައި ބައިވެރިއެއް ނުވެ އެވެ.

ކުއާޓާ ފައިނަލުގައި ފުކޫ ވާދަކުރާނީ މި ބުރުގެ އެންމެ ފަހު ހީޓުގައި އޭނާގެ ދަރިފުޅު ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ބަލިކުރި ޖިނާން އަހުމަދު (ޖިނޫ) އެވެ. ކުއާޓާ އަށް ދެވުމުން މި އަހަރުގެ މުބާރާތަށް ކަނޑައެޅި އަމާޒަށް ވާސިލް ވެއްޖެ ކަމަށާއި އިތުރަށް ކުރިޔަށް ދާން މަސައްކަތް ކުރާނެ ކަމަށް ގައްދު އަށް އުފަން ޖިނޫ ބުންޏެވެ.

ޖޫނިއާ ޑިވިޝަނުގެ ތިންވަނަ އަދި ހަތަރުވަނަ ބުރުގެ ހީޓުތައް ވެސް މިއަދު ކުރިޔަށް ގެންދިޔައިރު، ފަސްވަނަ ބުރަށް 18 އެތުލީޓުން ވަނީ ހޮވިފަ އެވެ. ފަސްވަނަ ބުރުގައި ފަސް ހީޓެއް ކުރިޔަށް ގެންދާއިރު ކުއާޓާގެ ޖާގަ ލިބޭނީ ފަސް ހީޓުން އެއްވަނަ އަދި ދެވަނައަށް ދާ 10 އެތުލީޓުންނެވެ.

ޖޫނިއާ ހީޓެއްގައި މިއަދު އެތުލީޓަކު ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

ޖޫނިއާ ޑިވިޝަނުގެ ފަސްވަނަ ބުރުގެ ހީޓުތައް:

ހީޓް 1: ސައްޔިދު ސަލާހުއްދީން، ޝާނިފް ޝަފީގު، މުހައްމަދު އިނާން އަބްދުލް ހަންނާން

ހީޓް 2: ޝަރޫފް ޝާއިރު، އަހުމަދު އަމީރު، އިސްމާއިލް މާދު އަހުމަދު، އަބްދުﷲ ފަހުދު

ހީޓް 3: އަޔާން ނޫރައްދީން، ޝައިހާން ހުސެއިން ސޮލާހު، ޖުމާން މުހައްމަދު، އިބްރާހިމް އާއިޝް މުހައްމަދު

ހީޓް 4: ޔޫސުފް ކަޔާން ހަމްދާން ޒަކީ، އަލޫފް ގާލިބް އަލީ، ހުސެއިން އައިހަމް، އަހުމަދު މިސްކު

ހީޓް 5: ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް، މުހަައްމަދު ޒަޔާން

ޖޫނިއާ ތިންވަނަ ބުރުގެ ހަ ހީޓުން އެއްވަނަ އަދި ދެވަނަ ހޯދައިގެން 12 އެތުލީޓެއް ފަސްވަނަ ބުރުގެ ސީދާ ޖާގައެއް ހޯދި އެވެ. ބާކީ ހަ އެތުލީޓުން ފަސްވަނަ ބުރަށް ދިޔައީ ރެޕޯ ރަައުންޑުގައި (ހަތަރުވަނަ ބުރުގައި) ކުރިޔަށް ގެންދިޔަ ތިން ހީޓުގެ އެއްވަނަ އަދި ދެވަނަ ހޯދައިގެންނެވެ.

ޖޫނިއާ ހީޓެއްގައި މިއަދު އެތުލީޓަކު ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

ފިރިހެން އޯޕަން އަދި ޖޫނިއާ ޑިވިޝަނުގެ ކުއާޓާ ފައިނަލް މާދަމާ ހެނދުނުގެ ސެޝަނުގައި ކުރިޔަށް ގެންދާ ގޮތަަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ ހަމަޖައްސައިފަ އެވެ

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

28 November 2021

މަރުހަބާ ޝަރޫފު. ކުރިއަށް އޮތްތާގައި އިތުރު ކާމިޔާބީ ލިބުން އެދެން. ﷲ ޝަރޫފު އަށް ހެޔޮގޮތް މެދުވެރި ކުރައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454