މާލީ އާއި ޓިއުނީޝިއާ ކުޅުނު މެޗުގައި ދެ ޓީމުގެ ކުޅުންތެރިން ރެފްރީ ކައިރީގައި.--
13 ޖެނުއަރީ 2022 - 10:27
ކެމަރޫން (ޖެނުއަރީ 13) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ރޭ މާލީ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އެ މެޗު ރެފްރީ ނިންމާލައިފި އެވެ.
މެޗު ނިންމާލަން ރެފްރީ ފުރަތަމަ ކަށިގަނޑު ފުމުނީ 86 ވަނަ މިނިޓުގަ އެވެ. އެއަށް ފަހު، މާލީގެ ޒުވާން ފޯވާޑް އެލް ބިލާލް ޓޫރޭ، 20، އަށް ވަނީ އޭނާ ކުރި ފައުލަކަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އަދި 90 މިނިޓް ހަމަވާން ވިއްސަކަށް ސިކުންތު ބާކީ އޮއްވައި ރެފްރީ ވަނީ މެޗު ނިންމާލައިފަ އެވެ.
ރެފްރީ، މާލީގެ ޓޫރޭ އަށް ރަތްކާޑު ދައްކަނީ: ޓޫރޭ ކުޅެން ނުކުތީ ވެސް މެޗުގެ 81 ވަނަ މިނިޓުގައި.--
ފްރާންސްގެ ސްޓޭޑް ރެއިމްސް އަށް ކުޅޭ ޓޫރޭ އަށް ރަތް ކާޑު ދައްކަން ނުޖެހޭ ކަމަށާއި، އިތުރު ވަގުތުގެ ދެ މިނިޓު ކުޅުވަން ޖެހޭ ކަމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ނިންމި ނަމަވެސް ރެފްރީ ވަނީ އޭނާގެ ނިންމުން ދަމަހައްޓައިފަ އެވެ.
މެޗަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް) އިން ވަނީ މެޗުގެ ބާކީ ތިން މިނިޓުގެ ކުޅުން ފުރިހަމަ ކުރަން އަންގައިފަ އެވެ. މާލީ ޓީމު ދަނޑަށް ހާޒިރުވި ނަމަވެސް ޓިއުނީޝިއާ ޓީމުން ވަނީ ކުޅެން ނުކުންނަން ދެކޮޅު ހަދައިފަ އެވެ.
މާލީގެ ކޯނޭ (ކ)، އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މުބާރާތުގެ ގުރޫޕް އެފްގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިންމާލިއިރު، 1-0 އިން ކުރީގައި އޮތީ މާލީ އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މާލީގެ ހަމައެކަނި ގޯލު ޖަހައިދިނީ އިބްރާހިމާ ކޯނޭ އެވެ.
ޓިއުނީޝިއާ އަށް ވެސް ވަނީ ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ކެޕްޓަން ވަހްބީ ޚަޒްރީ ޖެހި ޕެނަލްޓީ، މާލީގެ ކީޕަރު އިބްރާހިމް މޫންކޮރޯ ވަނީ ދިފާއު ކޮށްފަ އެވެ. ރެފްރީ މި ޕެނަލްޓީ ދިނީ ވެސް ވީއޭއާރު ބެލުމަށް ފަހު ދެ މިނިޓެއްހާއިރުގެ ރިވިއުއަކަށް ފަހު އެވެ.
ޓިއުނީޝިއާގެ ކޯޗާއި އޮފިޝަލުން މެޗުގެ ރެފްރީއާމެދު ހިތްހަމަ ނުޖެހިފައި.--
މި މެޗުގައި ރެފްރީކަން ކުރީ އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި ވެސް ރެފްރީކަން ކުރި، ޒެމްބިއާގެ ޖަނީ ސިކަޒްވޭ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕާއި، 2017 ވަނަ އަހަރުގެ އެފްކޮން ފައިނަލުގައި ވެސް ރެފްރީކަން ކޮށްފަ އެވެ.
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް) އިން ވަނީ ނޮވެމްބަރު 2018 ގައި، އޭނާ ޗެމްޕިއަންސް ލީގު މެޗެއްގައި ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ސަސްޕެންޑު ވެސް ކޮށްފަ އެވެ.
މި ގުރޫޕުގެ ދެވަނަ މެޗުގައި ގެމްބިއާ އިން ވަނީ 1-0 އިން މޮރިޓާނިއާ ބަލިކޮށްފަ އެވެ. ގެމްބިއާ އަކީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ދަށުގައި އޮތް ގައުމެވެ. އެ ގައުމު އޮތީ ރޭންކިންގެ 150 ވަނައިގަ އެވެ.
ގުރޫޕް އީގެ އައިވަރީ ކޯސްޓާއި އިކުއެޓޯރިއަލް ގިނީ ވާދަކުރި މެޗް 1-0 އިން ކާމިޔާބުކުރީ އައިވަރީ ކޯސްޓެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ފަސްވަނަ މިނިޓުގައި ޖަހައިދިނީ ކުރިން ޕްރިމިއާ ލީގުގައި ބޯންމައުތަށް ކުޅުނު ފޯވާޑް މެކްސް ގްރާޑެލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy