މާފުށީގައި ކުރިން ބޭއްވި ރާޅު ގުޑީގެ ކައީޓް ބޯޑިން އިވެންޓެއްގެތެރެއިން --- ފައިލް ފޮޓޯ: ރާޅުގުޑި
31 ޖެނުއަރީ 2022 - 12:52
ރާއްޖޭގައި ބާއްވާ ކައިޓް ބޯޑިންގެ އެންމެ ބޮޑު މުބާރާތް އަންނަ ހަފުތާގައި މާފުށީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މުބާރާތް ބާއްވާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 10 އަށެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. ގެސްޓް ހައުސް ވިޔަފާރީގެ މައި ރަށް މާފުއްޓަކީ މީގެ ކުރިން ވެސް ކައިޓް ބޯޑިން އާއި ކައިޓް ސާފިންގެ ގިނަ އިވެންޓްތަކެއް ބާއްވާފައިވާ ރަށެކެވެ.
"މި ފަހަރުގެ މުބާރާތް ހުރިހާ ގޮތަކުން ވެސް ބޮޑުވާނެ. ފައިސާގެ އިނާމާއި އެހެނިހެން އިނާމްތައް ވެސް ބޮޑު ވާނެ،" މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ރާޅު ގުޑީގެ އޮފިޝަލަކު ބުންޏެވެ.
"ރާޅު ގުޑިން" ބާއްވާ ކައިޓްބޯޑިން މުބާރާތް
"މޫދުގައި ބޮއި އަޅައިގެން ވަކި ގަވާއިދެއްގެ ދަށުން މީތި ކުރިއަށްދާނީ. އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ތަނެއްގައި މިގޮތަކަށް ކައިޓް ބޯޑިންގެ މުބާރާތެއް ނުބާއްވާ."
އޭނާ ބުނީ ކޮވިޑް-19 ގެ ހަލަތު ކަމަށްވުމުން މުބާރާތުގައި ވާދަކުރާ ބައިވެރިންގެ އަދަދު ލިމިޓްކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް 30 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށް އޮފިޝަލް ބުންޏެވެ. އެއްވަނަ އަށް ދާ ބައިވެރިޔަކަށް 15،000ރ. ދެވަނަ އަށް 10،000ރ. އަދި ތިންވަނަ އަށް 5،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރާޅުގުޑީގެ އިންސްޓަގްރާމް އަށް މެސެޖް ކުރުމުން ރަޖިސްޓްރީވުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އެ ފަރާތުން ބުންޏެވެ. މުބާރާތުގެ ފައިނަލް އޮންނަ ދުވަހު ބައިވެރިން މާލެއިން މާފުއްޓަށް ދިއުމުގެ ދަތުރު ރާޅުގުޑިން ހަމަޖައްސައިދޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy