ދޯހާ، ގަތަރު (އޭޕްރީލް 15) - ފީފާ ވޯލްޑް ކަޕްގެ 28 ދުވަހަށް ގަތަރުގެ ދީނާއި ގާނޫނުތައް ބަދަލު ނުކުރެވޭނެ ކަމަށް ގަތަރު މުބާރާތުގެ ސެކިއުރިޓީގެ އެންމެ އިސް ވެރިޔާ މޭޖާ ޖެނެރަލް އަބްދުލްއަޒީޒް އަބްދުالله އަލް އަންސާރީ ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަލް އަންސާރީ މިފަދައިން ވިދާޅުވީ ގަތަރުގެ ވޯލްޑް ކަޕާ ގުޅުވައިގެން އެއްޖިންސުން ގުޅުން ހިންގާ މީހުންގެ (އެލްޖީބީޓީ ކޮމިއުނިޓީގެ) ހައްގުތައް ރައްކާތެރިކޮށް އެފަދަ ކޮމިއުނިޓީތަކަށް މަރުހަބާ ކިޔާ ތަނަކަށް ގަތަރު ވާން ޖެހޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނިކޮށެވެ.
އަލް އަންސާރީ ވިދާޅުވީ، އެލްޖީބީޓީ ޕްރޮމޯޓް ކުރާނީ އެކަން ބަލައިގަންނަ މުޖުތަމައެއްގައި ކަމަށާއި ގަތަރަށް އައިސް ގައުމުގެ ދީނާއި ސިޔާސަތުތަކާ ހިލާފު ކަންކަން އާއްމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގަތަރުގައި ބާއްވާ 28 ދުވަހުގެ ވޯލްޑް ކަޕަށްޓަކައި ގައުމުގެ ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ.
"މީހަކު އެލްޖީބީޓީ ކޮމިއުނީޓީ ޕްރޮމޯޓް ކުރަންޏާ ކުރަންވާނީ އެކަން ބަލައިގަންނަ މުޖުތަމައެއްގައި. އެންމެ 28 ދުވަހުގެ މުބާރާތަކަށް އަހަރެމެންގެ ދީނާއި ގާނޫނުތައް ބަދަލެއް ނުކުރެވޭނެ،" އަލް އަންސާރީ ވިދާޅުވި އެވެ.
"ޓިކެޓް ގަނެގެން ދަނޑަށް ވަންނާނީ ފުޓުބޯޅަ މެޗެއް ބަލަން. އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ކަންކަމާ މެދު ތިމާގެ ހިޔާލާއި ޝުއޫރު ފާޅުކުރާކަށް ނޫން. ސަޕޯޓަރަކު ދަނޑުގައި ރެއިންބޯ ދިދައެއް ނަގައިފިއްޔާ އަތުލެވޭނެ، އެއީ އެމީހެއްގެ ރައްކަލަކަށް. ދިދަ ނަގާ މީހަކަށް އަހަރެންނެއް ނޫން ހަމަލާ ދޭނީ، ކޮންމެ ދިމާލަކުން ވެސް ހަމަލާއެއް އަތުވެދާނެ."
މީގެ އިތުރުން އަލް އަންސާރީ ވިދާޅުވީ މުބާރާތް ބަލަން އެލްޖީބީޓީ ކޮމިއުނިޓީގެ މީހުނަށް ވެސް ގަތަރަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅީގައި ކުރާ ކަންކަން ގަތަރުގެ އާއްމު ތަންތަނުގައި ކުރަން ހުއްދަ ނުދެވޭނެ ކަމަށް ވެސް އަލް އަންސާރީ ވިދާޅުވެފައިވެ އެވެ.
"އަހަރެމެން މި އުޅެނީ ކުޅިވަރު މުބާރާތެއް އިންތިޒާމް ކުރަން. އިތުރު ކަންކަމުގެ ވާހަކަ ދެއްކުން އެހާ ބުއްދިވެރިއެއް ނޫން ހެން ހީވަނީ. މެޗު ބަލަން އައުމަކުން ގޯހެއް ނޫން، އެކަމަކު މި ގައުމުގެ ގާނޫނުތަކާ ހިލާފު ކަންކަން މި ގައުމުގައި އާއްމުކުރުމަކީ ގަތަރުގެ މުޖުތަމައަށް ކުރެވޭ ފުރައްސާރައެއް،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރުގައި އޮންނާނީ ނޮވެމްބަރު މަހުގެ 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ. ގަތަރާ އެކު ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާތާރް ކުރިޔަށްދާނީ ގަތަރުގެ ފަސް ސިޓީއެއްގެ އަށް ސްޓޭޑިއަމެއްގަ އެވެ.