ރަން ފޯ މޯލްޑިވްސްއިން މީގެ ކުރިން ބޭއްވި ދުވުމެއްގައި ބައިވެރިވި ބައެއް ދުވުންތެރިން އުފާފާޅު ކުރަނީ: އޯގަސްޓް މަހު ތަފާތު ގޮތަކަށް ބާއްވާ ދުވުމެއް ރަން ފޯ މޯލްޑިވްސް އަިން އަނެއްކާ ވެސް ބާއްވާނެ
13 ޖޫން 2022 - 13:29
އޯގަސްޓް މަހު ބާއްވަން އިއުލާން ކޮށްފައިވާ "ދަ ނިއޯން ރަން 2022" ގެ އިނާމުގެ ގޮތުގައި ތިން ސައިކަލް ދިނުމަށް، އެ ދުވުން އިންތިޒާމު ކުރާ ރަން ފޯ މޯލްޑިވްސްއިން ނިންމައިފި އެވެ.
އަންނަ މަހު 10 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދުވުމުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ގުރު އަތުން ދިމާވާ ތިން ފަރާތަކަށް ސައިކަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތުން އެންމެ ފުރަތަމަ ދިމާވާ ފަރާތަށް ލިބޭނީ، "ބެނެއްލީ 180 އެސް" ގެ ސައިކަލެކެވެ. ދެވަނަ އަށް ނަސީބު ލައްވާލާ ފަރާތަށް ލިބޭނީ "ޖީއެން 125" ގެ ސައިކަލެކެވެ. ތިންވަނަ އަށް ނަސީބު ދިމާވާ ފަރާތަށް ލިބޭނީ "ކޫޒީ ސްކޫޓާ" އެކެވެ.
ނިއޯން ތީމް އަށް ކުރިޔަށް ގެންދާ މި ދުވުމުގައި ޕާޓީ ތީމް ވެސް ހިމެނޭނެ އެވެ. މަޖާ މާހައުލެއްގައި ފަން ރަން އެއްގޮތަށް ކުރިއަށް ގެންދާ ދުވުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މި ދުވުމުގައި ބައިވެރިވާން، ރަން ފޯ މޯލްޑިވްސްގެ ވެބްޒައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ދަ ނިއޯން ރަން ވަނީ ހަތަރު ކެޓަގަރީއަކަށް ހާއްސަ ކޮށްފައި ވެއެވެ. އެއީ ފަސް ކިލޯމީޓަރ، 10 ކިލޯމީޓަރ ،21 ކިލޯމީޓަރު އަދި މުޅިން ތަފާތު ކެޓަގަރީއެއް ކަމަށްވާ އިންޓަރ ރިސޯޓް ރަން އެވެ. ހަތަރު ކެޓަގަރީ އަށް ވެސް ވާޗުއަލްކޮށް ދުވަން، ވެސް ބައިވެރި ވެވޭނެ ކަމަށް ރަން ފޯ މޯލްޑިވްސްއިން ބުންޏެވެ.
އިންޓަ ރިސޯޓް ރަން އަކީ ގްރޫޕެއް ގޮތަށް ބައިވެރިވުމަށް ހަމަޖެހިފައިވާ ކެޓަގަރީއެކެވެ. ކޮންމެ ރިސޯޓްއަކުން ވެސް ފަސް މީހުން ހިމެނޭ ޓީމެއް ބައިވެރިވެ، އެހެން ރިސޯޓްތަކުގެ ޓީމްތަކާއި ވާދަކޮށް 50 ކިލޯމީޓަރު ފުރިހަމަ ކޮށްގެން މިކެޓަގަރީން ވަނަ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ވާޗުއަލްކޮށް ދުވަން ހަމަޖެއްސުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރަން ފޯ މޯލްޑިވްސް ބުންޏެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ފުލްކިޓް އަދި ހަމަ އެކަނި ޓީޝާޓާއި މެޑަލް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހަމަޖެހިފަ އެވެ. ފުލްކިޓްގައި ހިމެނެނީ ޓީޝާޓް، ދުވުން ނިންމާ ފަރާތްތަކަށް ދޭ މެޑަލް، ގްލޯ ސްޓިކްސް، ގްލޯ ގްލާސަސް، ހެޑްބޭންޑް ނުވަތަ ނިއޯން ކަލަރ ޕެކްސް، ޓައިމިން ޗިޕް ހަރުކޮށްފައިވާ ބިވް އަދި ރިޔޫސަބަލް ފެންފުޅިއެކެވެ. ފުލް ކިޓްގެ އަގަކީ 600 ރުފިޔާއެވެ. އަދި ހަމަ އެކަނި ޓީޝާޓް އަދި މެޑަލް ނަމަ އަގަކީ 300 ރުފިޔާއެވެ.
މި އިވެންޓަށް ހާއްސަ އެކްސްޕޯ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެކްސްޕޯ އޮންނާނީ އޯގަސްޓް 19-21 އަށް ހުޅުމާލޭ ގަ އެވެ. މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އަގުބޮޑު އިނާމު ތަކާއިއެކުގައި ލަކީ ޑްރޯ އެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރަން ފޯ މޯލްޑިވްސްއިން ބުންޏެވެ. މިގޮތުން ނަސީބުވެރި 3 ފަރާތެއްގެ މެދުގައި "ބެނެއްލީ" ސައިކަލެއް "ޖީއެން ސައިކަލެއް" އަދި "ސްކޫޓާ ސައިކަލެއް" ހަދިޔާކުރުމަށް ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy